މޫސުން ގޯސްވުމުން އެމްޑީޕީގެ ދަތުރާއި އަހަރީ ޖަލްސާ ފަސްކޮށްފި

އިދިކޮޅު އެމްޑީޕީއަށް 20 އަހަރުވުމާއި ދިމާކޮށް ކުޅުދުއްފުށީގައި ބާއްވަން ނިންމި ބޮޑު ޖަލްސާ މޫސުން ގޯސްވުމުން ފަސްކޮށްފިއެވެ.

މި ޖަލްސާ ބާއްވަން ނިންމާފައި އޮތީ މާދަމާރޭ ކުޅުދުއްފުށީ ސިޓީގައެވެ. އެ ޖަލްސާއަށް މާލެއިން ދާ މީހުން މިރޭ ބާދުޝާހު ބޯޓުން ފުރަން އޮތީ ނިންމާފައެވެ. އެމްޑީޕީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭ ބާދުޝާހު ބޯޓުން ކުރަން ހަމަޖެހިފައިވާ ދަތުރު ފަސްކޮށްފައިވާކަމަށެވެ. އަދި ދަތުރަށް ފުރާ ގަޑި ފަހުން ހާމަކުރާނެކަމަށްވެސް އެ ޕާޓީން ބުންޏެެވެ.

އެމްޑީޕީން ބުނިގޮތުގައި މާދަމާ ބާއްވަން އޮތް ޖަލްސާވެސް މިހާރު ވަނީ ފަސްކޮށްފައެވެ. އެ ޕާޓީން ބުނީ މޫސުން ތަންދޭނަމަ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައިކަމަށެވެ.

 

އެ ޖަލްސާގައި ބައިވެރިވުމަށް ޕާޓީގެ ލީޑަރޝިޕްގެ ބައެއް އިސްބޭފުޅުން މިހާރު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ހިމެނިވަޑައިގަންނަވައެވެ.

 

ޑިންގީއެއްގައި ގައްދޫއިން ގަމަށް ދަތުރުކުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ޑިންގީއެއްގައި ގދ. ގައްދޫއިން ގދ. ގަމަށް ދަތުރުކުރި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ދެންމެ ބުނީ، މިއަދު ހެނދުނު 9:30 ހާއިރު ގައްދޫއިން ފުރައިގެން ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަބަރެއް ނުވެގެން މިއަދު ހަވީރު 5:05 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.

 

ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން، މިއަދު ހެނދުނު 11:15 އެހާއިރު ގަމުން ފުރާފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

 

އެމީހާ އެންމެފަހުން ފެނުންއިރު ލައިގެންހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމްްއެންޑީއެފް ސައުތު ރީޖަން ކޯސްޓްގާޑުން ބޭރުކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އަދި ގަމާ ކައިރި ފަޅުރަށްތައް ބެލުމުގެ މަސައްކަތް ފުލުހުންގެ ޓީމުތަކުން ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

 

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.