Advertisement

ދ. ވާނީގައި ކުރިއަށް ދިޔަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ)ގެ ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެނަދިޔަ “އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީ.އެފް.އާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ ކޯސް” ނިންމުމުގެ ރަސްމިއްޔާތު މިއަދު އެ ކެމްޕަހުގައި ބާއްވައިފިއެވެ.

 

Advertisement

ހަތަރު ޤައުމަކުން ބައިވެރިވި 10 ފުލުހުންވެސް ވަނީ މި ކޯސް ކާމިޔާބީއާއެކު ފުރިހަމަ ކޮށްފައެވެ.

 

މި ކޯހުގައި 5 ދިވެހި ފުލުހުންނާއި، ސަޢުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާއިން ބައިވެރިވި 5 ފުލުހުން ހިމެނެއެވެ. 40 ދުވަހުގެ މި ތަމްރީނު ކޯސް ފަށާފައިވަނީ 2025 ޖޫން 1 ވަނަ ދުވަހުއެވެ. އަދި ކޯސް ނިމިފައިވަނީ ޖުލައި 10 ވަނަ ދުވަހުއެވެ.

 

މޫދު އަޑީގައި ތަހުޤީޤު ހިންގުމުގެ ޤާބިލްކަން އިތުރުކޮށް، ފޮރެންސިކް ޑައިވިންގ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތަކުން އޮފިސަރުންނަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދިޔަ މި ކޯހުގައި، ތިން އިންސްޓްރަކްޓަރުން ކިޔަވައިދީފައިވާއިރު، އެހީތެރިވުމަށް ސަލާމަތީ ސުޕަވައިޒަރެއްވެސް ހަރަކާތްތެރިވެފައިވެއެވެ.

 

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ.

 

ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ޤުރުއާނަށްފަހު، އެން.ސީ.ޕީ.އެލް.އީ ގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޢަބްދުއްރަޙްމާން މަރުޙަބާ ދަންނަވައި ދެއްކެވި ވާހަކަ ފުޅުންނެވެ. ރަސްމިއްޔާތުގެ ބައިވެރިންނަށް ތަމްރީނު ކޯހުގެ މުހިންމު އުސްއަލިތައް ހިމެނޭ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދައްކާލާފައިވެއެވެ.

 

ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުންނަށާއި، ކޯހުގެ ކަންކަން ފަހިކޮށްދެއްވުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. އެހެނިހެން ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އަހުމަދު ޢަބްދުއްރަޙްމާނާއި އަދި ޗީފް އިންސްޕެކްޓަރ ސައީދު ޢަބްދުލް ޙަކީމެވެ.

 

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވާހަކަފުޅު ދައްކަވަމުން، ކޯސް ނިންމި ފަރާތްތަކަށް މަރުޚަބާ ވިދާޅުވެ، ފޮރެންސިކް ޑައިވިންގ ފަދަ ފުލުހުންގެ ޙާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް