ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ ދިވެހި ރައްޔިތުން އަނެއްކާ ވެސް ގަރުދިޔައާ ބަތާ ކައިގެން އުޅެން ޖެހޭ ފަދަ ހާލަތެއް އައީތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު ކުރައްވައިފިއެވެ.
އެމަނިކުފާނު މި ސުވާލު ކުރެއްވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެންމެ މަދުން މަދުން އެކްސްގައި ޕޯސްޓް ކުރައްވާ ދިވެހި ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ޔާމީން ވަނީ މި ޕޯސްޓްގައި އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ވިދާޅުވީ ބޭރުގެ ދަރަންޏަށް މި އަހަރު އެކަނިވެސް 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށެވެ.
އެމަނިކުފާނު ވަނީ ޑޮލަރުގެ ހަމަ އަގު ގެއްލި ކަޅުބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އަރާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. ޔާމީން ވަނީ އެއީ ގަވަރުނަރު އަހްމަދު މުނައްވަރުގެ ނާގާބިލް ކަމުން ކަމަށް ވިދާޅުވެފަ އެވެ. ގަވަރުނަރަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވިއެވެ.
ވިދާޅުވީ އިގްތިސާދު ނާޒުކުވެ އާންމުންގެ ދިރިއުޅުމަށް އަސަރުކޮށް ވިޔަފާރިތަކަށް ގެއްލުން ކުރިމަތިވެފައިވާ ކަމަށެވެ.
Intl debt servicing this yr is in excess of $500m, nxt yr in excess of $1.2bln. $ parallel mkt at rf 20 n let on a free fall wreaking havoc in de consumer mkt while de Governor lost his battle for a chaperone. Garudhiya time revisited Ali Arif?
— Abdulla Yameen (@prz_ymn) July 11, 2025
އަދި ބޭރު ފައިސާގެ ސިޔާސަތެއް ގެނައި ނަމަވެސް އެކަމުގެ ހެޔޮ އަސަރުތަކެއް ރައްޔިތުންނަށް ނުފެންނަ ކަމަށެވެ. އެއީ ވެސް ގަވަރުނަރުގެ ދޯހަޅިކަމުގެ ކަމުން ސަަބަބުން ކަމަށް ޔާމީން ވިދާޅުވިއެވެ.
އޭގެ ފަހުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފަށް އިޝާރާތް ކުރައްވާ ވިދާޅުވީ އަނެއްކާވެސް ގަރުދިޔައާ ބަތް ކާލައިގެން އުޅެން ޖެހޭ ހިސާބަށް ތިރިވެލަން ޖެހޭ ހާލަތެއް އައީތޯއެވެ.
ޔާމީން އެހެން ވިދާޅުވީ މީގެ ކުރީން މިފަދަ ހާލަތެއްގައި ކޮންގްރެސް ޕާޓީގެ ޖަލްސާއެއްގައި ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ ކަަމަށް އަލީ އާރިފް ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއަށް އުފުލިފަ އެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ ސިޔާސަތެއް ގެނެސް ތަންފީޒު ކުރަން ފަށާފައެވެ.
ނަމަވެސް އޭގެ ހެޔޮ އަސަރެއް އަދި ނުފެނެ އެވެ. ބެލެވޭ ގޮތުން އެ އަސަރު ފެންނާނީ މި އަހަރާ އަންނަ އަހަރު ދައްކަން އޮތް ބޮޑު ދަރަނި އަދާކޮށްނިމުމުންނެވެ.
ސަރުކާރުން ކުރީން ވެސް ބުނަމުން އައީ ބޭރު ފައިސާގެ ސިޔާސަތަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ދެ އަހަރެއްގެ ތެރޭ ފެންނާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު