Advertisement

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

އެމެެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލް މެޗަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވާނެކަން އިއުލާން ކުރައްވައިފި އެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމް ނިއު ޖާޒީގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރާނީ އިނގިރޭސި ޗެލްސީ އާއި، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ.

Advertisement

މުބާރާތުގެ ފައިނަލްގެ ޖާގަ ޗެލްސީ އިން ހޯދީ ފުރަތަމަ ސެމީ ފައިނަލްގައި ފްލުމިނެންސޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދެ ވަނަ ސެމީ ފައިނަލްގައި ޕީއެސްޖީ އިން ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީށް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ޗެލްސީ އާއި ޕީއެސްޖީ ބައްދަލު ކުރާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށެވެ. އެމެރިކާގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ތަރައްޤީ ކުރުމަށް ޓްރަމްޕް ޚާއްސަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަ ކުރައްވައި އިންފަންޓީނޯ ވިދާޅުވީ، ޓްރަމްޕް އަކީ ފުޓުބޯޅަ އަށް ލޯބި ކުރާ ފަރާތެއް ކަމަށެވެ.

ޔޫރަޕުގެ ގަދަ ދެ ބާރުގެ މެދުގައި ކުޅޭ ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގެންނެވުމަކީ، މުބާރާތައް ލިބިގެން ދާނެ އިތުރު ފުރިހަމަ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަ ކޮށްފައިވެ އެވެ. އަދި މުބާރާތުގެ މީޑިއާ ކަވަރޭޖަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން މުބާރާތުގެ ފައިނަލްގެ ކުރިން ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވީ، އެއީ މިހާތަނަށް ދުނިޔޭގައި ބާއްވާ ކުލަބު ފުޓުބޯޅައިގެ އެންމެ ކާމިޔާބު މުބާރާތް ކަމަށެވެ. މިއީ 32 ޓީމު ވާދަ ކުރާ ގޮތަށް ކުލަބު ވޯލްޑް ކަޕްގެ ފޯމެޓު ބަދަލު ކުރުމަށް ފަހު ބޭއްވި ފުރަތަމަ މުބާރާތެވެ.

އިންފަންޓީނޯ ވިދާޅުވީ ކުލަބު ފުޓުބޯޅައިގެ ރަން ޒަމާން ފެށިފައިވާ ކަމަށެވެ. އަދި ޔަގީނުން ވެސް މި ފަހަރުގެ ކުލަބު ވޯލްޑް ކަޕަކީ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ސިފަ ކުރެވޭނެ ކަމުގައި އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ. ހަމަ އެހެންމެ މާލީ ގޮތުން އެ މުބާާރާތަކީ އެކަށީގެންވާ ކަމަކަށް ނުވާނެ ކަމަށް މީހުން ބުނަމުން ދިޔަ ނަމަވެސް، 63 މެޗުން ގާތް ގަނޑަކަށް 2.1 ބިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވި އެވެ.

އެމެރިކާގައި މި ފަހަރުގެ ކުލަބު ވޯލްޑް ކަޕް ބާއްވާއިރު، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އޮންނާނީ ވެސް އެމެރިކާގަ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ އެކުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިރޭގެ މެޗުން ނޭމާ ނުފެންނާނެ!

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ!

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި