އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން އެމެރިކާގެ ޑިޕްލޮމެޓިކް ކޯރ އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި، ޚަރަދުކުޑަކޮށް މަސައްކަތް ހަރުދަނާކުރުމަށްކަމަށް ބުނެ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން 1،350 އަށްވުރެ ގިނަ މުވައްޒަފުން މިދިޔަ ހުކުރު ދުވަހު ވަޒީފާއިން ވަކިކުރަން ފަށައިފިއެވެ.
މިކަމަކީ އެމެރިކާގެ މަޞްލަޙަތުތައް ދިފާޢުކޮށް ކުރިއެރުވުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މި ވަކިކުރުންތަކުގެ ސަބަބުން އެމެރިކާގައި މަސައްކަތްކުރާ 1،107 ސިވިލް ސަރވިސް މުވައްޒަފުންނާއި 246 ފޮރިން ސަރވިސް އޮފިސަރުންނަށް ވަނީ އަސަރުކޮށްފައެވެ.
މި ވަޒީފާއިން ވަކިކުރުންތައް އަންނަނީ، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ، ދެ އަހަރާ ގާތްކުރާ ޣައްޒާގެ ހަނގުރާމަ، އަދި އިސްރާއީލާއި އީރާނާ ދެމެދު އޮތް ގުޅުމުގެ ސަބަބުން މެދުއިރުމަތީގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެމެރިކާއިން ގިނަ ބައިނަލްއަޤްވާމީ މައްސަލަތަކަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައެވެ.

“ޑިޕާޓްމަންޓުން ޑިޕްލޮމެޓިކް އިސްކަންދޭ ކަންކަމަށް އަމާޒުކުރުމަށްޓަކައި ޤައުމުގެ ތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރަމުންދެއެވެ. މުވައްޒަފުން މަދުކުރުމުގައި ސަމާލުކަން ދީފައިވަނީ މައިގަނޑު މަސައްކަތްތަކަށް ނުވާ ކަންކަމާއި، އެއް މަސައްކަތެއް ތަކުރާރުވާ އޮފީސްތަކާއި، އަދި ބޮޑެތި ހަރުދަނާކުރުންތައް ގެނެވިދާނެ އޮފީސްތަކަށެވެ.” އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މުވައްޒަފުންނަށް ފޮނުވި އިންޓަރނަލް ނޯޓިސްއެއްގައި ބުނެފައިވެއެވެ.
މި ނޯޓިސްއާއި ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލެއްގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އަމިއްލަ އިޚްތިޔާރުގައި ވަކިވާ މުވައްޒަފުންނާއެކު، ޖުމްލަ 3،000 އާ ގާތްކުރާ މުވައްޒަފުން ވަކިކުރަން ވަނީ ނިންމާފައެވެ. މިއީ އެމެރިކާގައި މި މަސައްކަތްކުރާ 18،000 މުވައްޒަފުންގެ ތެރެއިންނެވެ.
މި ބަދަލުތަކަކީ ޓްރަމްޕްގެ “އެމެރިކާ ފަސްޓް” އެޖެންޑާއާ އެއްގޮތަށް އެމެރިކާގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމަށް ގެންނަ ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅުކަމަށް ވަނީ ބުނެފައެވެ. ކުރީގެ ޑިޕްލޮމެޓުންނާއި ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ފޮރިން ސަރވިސް އޮފިސަރުން ވަކިކުރުމުން ޗައިނާ އަދި ރަޝިޔާ ފަދަ ވާދަވެރި ޤައުމުތަކުގެ އިތުރުވަމުންދާ ނުފޫޒާ ދެކޮޅަށް އެމެރިކާއަށް މަސައްކަތްކުރުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުކުރާނެއެވެ.
“ރައީސް ޓްރަމްޕް އަދި ސްޓޭޓް ސެކްރެޓަރީ ރޫބިއޯ އަނެއްކާވެސް އެމެރިކާ އިތުރަށް ނުރައްކާތެރި އަދި ރައްކާތެރިކަން ކުޑަ ތަނަކަށް ހަދަމުންދެއެވެ.” ވަރޖީނިއާގެ ޑިމޮކްރެޓިކް ސެނެޓަރ ޓިމް ކެއިން ވިދާޅުވެފަވެއެވެ.
ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންނަށް އެހީތެރިވުމުގެ ގޮތުން، ސްޓޭޓް ޑިޕާޓްމަންޓްގެ މައި އޮފީހުގެ ލޮބީގައި ގިނަ އަދަދެއްގެ މުވައްޒަފުން އެއްވެ، “ކްލެޕް-އައުޓް” އެއް ބޭއްވިއެވެ. ގިނަ މީހުން ރޮމުން، އެމީހުންގެ ތަކެތި ފޮށިތަކުގައި އަޅައިގެން، އެކުވެރިންނާއި އެހެން މުވައްޒަފުންނާ ވަކިވެ، ހިތާމައާއެކު ވަދާޢު ކިޔާފަވެއެވެ. އިމާރާތުގެ ބޭރުގައި، އިތުރު ގިނަ ބަޔަކު އަތްތިލަބަޑިޖަހައި، ހިތްވަރުދެމުން ދިޔައެވެ. ބައެއް މީހުން “އެމެރިކާގެ ޑިޕްލޮމެޓުންނަށް ޝުކުރިއްޔާ” މިހެން ލިޔެފައިވާ ބެނަރުތައް ހިފައިގެން ތިއްބެވެ. ޑިމޮކްރެޓިކް ސެނެޓަރ ކްރިސް ވަން ހޮލެން މި ހަރަކާތުގައި ބައިވެރިވިއެވެ.
ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުން އެމީހުންގެ ބެޖު، ލެޕްޓޮޕް، ފޯނު އަދި އެހެނިހެން ސަރުކާރުގެ މުދާ ހަވާލުކުރުމަށް އިމާރާތުގެ ތެރޭގައި އެކި އޮފީސްތައް ޤާއިމުކޮށްފަވެއެވެ. ހުކުރު ދުވަހު ވަކިކުރެވުނު މުވައްޒަފުންނަށް ފޮނުވާފައިވާ 5 ޞަފްޙާގެ “ސެޕަރޭޝަން ޗެކްލިސްޓް” އެއްގައި ބުނެފައިވަނީ، ހުކުރު ދުވަހުގެ ހަވީރު 5 ޖަހާއިރު އިމާރާތަށް ވަދެނުކުމެވުމުގެ ހުއްދައާއި އީމެއިލްތަކަށް އެކްސެސް ގެއްލޭނެ ކަމަށެވެ.
އަފްޣާނިސްތާނުގައި 20 އަހަރު ދިގު ހަނގުރާމައިގައި އެމެރިކާ ސަރުކާރަށް މަސައްކަތްކޮށްދިން އަފްޣާނީންނަށް އެމެރިކާގައި ވަޒަންވެރިވުމަށް އެހީތެރިވެދޭ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފީހުގެ ގިނަ މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފަވެއެވެ.
މި ބަދަލުތަކަކީ އެމެރިކާގެ ޑިޕްލޮމެޓިކް ކޯރއަށް ގެނެވޭ ވަރަށް ބޮޑު ބަދަލެއްކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. މީގެ ސަބަބުން އެމެރިކާގެ ޚާރިޖީ ސިޔާސަތަށާއި ބައިނަލްއަޤްވާމީ ގުޅުންތަކަށް ދުރު ރާސްތާގައި ކޮށްފާނެ އަސަރުތަކާމެދު އެ ގައުމުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެމެރިކާގެ ސަރުކާރުން ބުނާ ގޮތުގައި މި ބަދަލުތަކަކީ ޚަރަދު ކުޑަކޮށް، ހަރުދަނާކަމާއެކު މަސައްކަތްކުރުމަށް ގެނެވޭ މުހިންމު ބަދަލުތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު