ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 13 ޖުލައި 2025 އިން 17 އޮގަސްޓު 2025 ގެ ނިޔަލަށް ކަމަށެވެ.

ބައިވެރިން ރަޖިސްޓްރީ ކުރާ ލިންކު: https://one.gov.mv/entities/CHQ

މި އަހަރުގެ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސައިކަލު ދުއްވަން އިނީ ނިޔާވި އަލްސަން: ފުލުހުން

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލު ދުއްވީ ނިޔާވި ޔޫސުފް އަލްސަން މުހައްމަދު ކަމަށް ފުލުހުން ބުނެފިއެވެ.

އަލްސަން ދުއްވި ސައިކަލުގެ ފަހަތުގައި ވެސް އިނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ.

ފުލުހުން ބުނީ ސައިކަލުގެ ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖެއް ކަމަށެވެ. އޭނާގެ ހާލު ވެސް ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްގަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅެވެ. މީ އެ ދެމަފިރިންގެ ހަމައެކަނި ހުރި ދަރިފުޅެވެ.

އަލްސަންގެ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ޗައިނާގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކެއް އީރާނަށް ގެންގޮސްފި

ޗައިނާއިން ވައިގެ ދިފާއީ ނިޒާމެއް ގަތުމުގެ މަސައްކަތް އީރާން ކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ފޮކްސް ނިއުސް އާއި އެކްސިއޮސް ބުނާގޮތުން ދާދިދަހުން އީރާނުގެ އަސްކަރީ ފަންނީ ވަފުދެއްވަނީ ޗައިނާއަށް ޒިޔާރަތްކޮށް ޗައިނާގައި އުފައްދާ ވައިގެ ދިފާއީ ނިޒާމުތައް ގަތުމުގެ މަޝްވަރާތަކެއް ޗައިނާގެ ކަމާބެހޭ މަސްއޫލުވެރިންނާ ކުރައްވާފައެވެ. އަދި އީރާނުގެ ވަފުދުގެ ބޭފުޅުންވަނީ ޗައިނާގައި އުފައްދާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތައް މަސައްކަތްކުރާ ގޮތް ބައްލަވައިލައްވާފައެވެ.

އީރާނުގެ މަސްއޫލުވެރިންގެ މި ދަތުރުފުޅަށްފަހު ޗައިނާގެ އަސްކަރީ ކާގޯ ބޯޓުތަކެއް އީރާނަށް އައިސްފައިވާކަން ފޮކްސް ނިއުސް އާއި އެކްސިއޮސް އާއި އެ ނޫންވެސް ބައެއް މީޑިއާތަކުންވަނީ ކަށަވަރުކޮށްދީފައެވެ. އަދި ޕާކިސްތާނުގެ މަގުން ޗައިނާގެ އެއްގަމު އުޅަނދުތަކެއްވެސް މިދިޔަ ހަފުތާގައި އީރާނަށް ވަދެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމާބެހޭގޮތުން ޗައިނާވެސް އަދި އީރާންވެސް ރަސްމީ ސިފައެއްގައި އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

މިދިޔަ ޖޫން މަހު އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގި 12 ދުވަހުގެ އުދުވާނީ ހަނގުރާމައިގައި އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކާ ކުރުމަތިލުމުގައި އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތަކުގެ ބަލިކަށިކަންވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ.

އިސްރާއީލުން އީރާނަށް ހަމަލާދިނީ އެމެރިކާގައި އުފައްދާ އެންމެ އެޑްވާންސް ފައިޓާޖެޓްކަމަށްވާ އެފް-35 ބޭނުންކޮށްގެންނެވެ. އެތަކެއްޗާ ކުރިމަތިލުމުގައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކުގެ ބަލިކަށިކަންވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ. އެއީ އިސްރާއީލުގެ އެއްވެސް ޖެޓެއް ވައްޓާލެވުނުކަން އެނގިފައިނުވާތީއެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީއެވެ.

ބިޓްކޮއިންއެއްގެ އަގު 122،000 ޑޮލަރަށް އަރައިފި

ބިޓްކޮއިންގެ އަގު މި މަހު އާދަޔާހިލާފަށް މައްޗަށް ޖެހިފައިވާއިރު މި ދިޔަ ހޯމަ ދުވަހު އޭގެ އަގު 122,600 ޑޮލަރަށް އަރައިފިއެވެ.

ބިޓްކޮއިންގެ އަގު ދުވަހަކުން ދުވަހަކަށް މައްޗަށް ޖެހެމުން އަންނައިރު މިއީ, ކްރިޕްޓޯގެ ތާރީހުގައި ވެސް ކޮއިންއެއް މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ބިޓްކޮއިންގެ އަގު ރެކޯޑު އަދަދަކަށް އަރާފައިވާއިރު ކްރިޕްޓޯގެ މާހިރުން ލަފާކުރާ ގޮތުގައި އަދި ވެސް ބިޓްކޮއިންގެ އަގު މައްޗަށް ދިއުން އެކަށީގެންވެއެވެ.

ބިޓްކޮއިންގެ ތަފާތުކަމަކީ ކެޕިޓަލް މާކެޓަށް ގެއްލުންވާނެ ކަހަލަ ޓެރިފްތަކެއް ދާދި ފަހުން އެމެރިގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގާއިމުކޮށްފައިވާ އިރު ވެސް އޭގެން އެއް ވެސް ގެއްލުމެއް ނުވެ, އިތުރަށް އޭގެ އަގު މަތިވުމެވެ.

ޝަނީޒް ޕީ.އެން.ސީއިން ވަކިވެއްޖެ

ވެރިކަން ކުރާ ޕީއެންސީގައި އާންމު މީހަކަށް އިންސާފުވެރި ގޮތެއް ނެތްކަމަށް ބުނެ ޕީއެންސީގެ އިސް ސަފުގައި މަސައްކަތް ކުރި ޝަނީޒް އެ ޕާޓީން ވަކިވެއްޖެއެވެ.

ޝަނީޒް ހާޝިމް އަކީ ޕީއެންސީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި އަދި ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާއަށް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓެކެވެ.އޭނާގެ އެކްސް އެކައުންޓުގައި މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ވަނީ ހިތްހަމަނުޖެހުމުގެ ޕޯސްޓްތަކެއް ޖަހާފައެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އުއްމީދުކުރި ގޮތް އަންނާނެ ކަމަށާއި، އެއާއެކު އެއްވެސް ރިގްރެޓެއް ނެތި ކުރިއަށްދެވޭނެ ކަމަށެވެ. މީގެ އިތުރުން ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލްގެ ބަހުސް ކުރެވެމުން ދަނިކޮށް މި މަހުގެ 8 ވަނަ ދުވަހު ކުރި ޕޯސްޓެއްގައި ބުނެފައިވަނި ސަރުކާރަކުން ޕްރޮޖެކްޓެއް ފަށާފާނެ ކަމަށާއި، އެހެހެން ސަރުކާރަކުން އެކަން ނިންމަފާނެ ކަމަށެވެ. އެއީ އާންމުކަމެއް ކަމަށާއި، އެއްވެސް ބަޔަކަށް ކްރެޑިޓެއްދީ އަދި ހޯދަން ނުޖެހޭ ކަމަށެވެ. އަދި ސަރުކާރު އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.

އަދި އެފަހުން އާދީއްތަ ދުވަހުގެރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ޝަނީޒް ވިދާޅުވީ މިއަދު އޭނާ ޕީއެންސީއާ ދުރަށް ދާން ނިންމީ، އެ ޕާޓީއަކީ އާންމު މީހަކަށް އިންސާފުވެރި ޖާގައެއް އުފައްދާ ޕާޓީއެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެެވެ. އަދި އޭނާ ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް، ވެރިކަމުގައި ތިބި މީހުން ހިތްހަމަޖައްސައިދޭން ނުދާނެ ކަމަށެވެ.

ޕީއެންސީއިން ވަކިވެވަޑައިގަތީ ސަރުކާރާއި އަދި ސަރުކާރުގެ އިސްވެރިންނާއި މެދު އޮތް ހިތްހަމަނުޖެހުމެއްގެ ތެރެއިން ކަމަށްވިޔަސް ސީދާ ކޮން ސަބަބަކާއި ހުރެކަމެއް އޭނާ ވިދާޅުވެފައި ނުވެއެވެ.

ބަންޑާރަ މިސްކިތުގެ މަރާމާތުގެ 98 އިންސައްތަ މަސައްކަތް ނިމެއްޖެ

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރީތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ބަންޑާރަ މިސްކިތުގައި ކުރަން ހުރި މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

ބަންޑާރަ މިސްކިތުގައި ކޮށްފައިވާ މަސައްކަތް ތަކުގެ ތެރެއިން މިހާރު އެއްކޮށް ނިންމާލާފައިވާ މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ، ފާޙާނަބަރިއާއި ވުޟޫކުރާތަން ރީތިކުރުމާއި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް މިސްކިތަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭހެން ސްލޯޕެއް ލުމާއި މިސްކިތުގެ ދިޔަ ދޮވި ބަދަލިކޮށް ރީތި ކުރުމެވެ.

މިސްކިތުގެ މަސައްކަތް މާދަމާއަށް އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވާއިރު، މިހާރު މިސްކިތުގައި ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތްތަކުގެ ތެރެއިން، މިސްކިތުގެ ބައެއް ހޮޅިތަކުގައި ދަވާދު ލުމާއި ކުލަލުމެވެ.

މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މިސްކިތްތައް ބޭނުންކުރާ، ލޮބުވެތި ރައްޔިތުން ހިތްހަމަޖެހޭ ތަންތަނަށް އެ ތަންތަން ހެދުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރީތިކޮށް ބޭއްވުމަށް، ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށާއި، މިހާރު ވެސް މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން، ކައުންސިލަށް ލިބެމުންއަންނަ ފުރިހަމަ އެއްބާރުލުމަށް، މާލެ ސިޓީގެ ކައުންސިލްގެ ނަމުގައި ޚާއްޞަ ޝުކުރެއް ދަންނަވާކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ބަންޑާރަ މިސްކިތަކީ، މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަޙައްދުގައި ހުންނަ މިސްކިތެކެވެ. އެހެންވުމުން، ހުރިހައި ނަމާދު ވަގުތަކަށް މި މިސްކިތަށް ވަރަށް ގިނަ ބަޔަކު ނަމާދުކުރަން ދާކަން ފާހަގަ ކުރެވެއެވެ. މިހާރު ފެށިފައިވާ މި މަސައްކަތް ނިމުމުން، މި މިސްކިތަށްދާ ހުރިހައި ފަރާތްތަކަށް ވެސް ހިތްހަމަޖެހުމާއި ފަސޭހަތައް ލިބިގެންދާނެއެވެ.

ފްލައިޓެއް ވެއްޓުމުގެ ސަބަބުން ލަންޑަންގެ އެއާޕޯޓެއް ބަންދުކޮށްފި

ފްލައިޓެއް ވެއްޓުމުގެ ސަބަބުން ލަންޑަންގެ އެއާޕޯޓެއް ބަންދުކޮށްފިއެވެ.

އިނިގިރޭސިވިލާތުގެ ލަންޑަންގެ ސައުތްއެންޑް އެއާޕޯޓަށް ވެއްޓިފައިވަނީ 12 މީޓަރު ދިގުމިނުގެ ކުޑަ ފްލައިޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑަޗްލޭންޑަށް ނިސްބަތްވާ ޒެއުޝް އޭވިއޭޝަންގެ ފްލައިޓު އެސްޔޫޒެޑް1 ސައުތްއެންޑް އެއާޕޯޓަށް ވެއްޓިފައިވަނީ ނައްޓާލިތާ ތިން ވަރަކަށް ސިކުންތުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްލައިޓު ވެއްޓުމާއެކު ގޮވާފައިވާއިރު ފޮޓޯތަކުން ފެންނަނީ ކަޅު ދުމާއެކު ބޮޑު އަލިފާންގަނޑެކެވެ. ހާދިސާ ހިނގުމާއެކު ސަތަންއެންޑްގެ އޮޕަރޭޝަންތައް މަޑުޖައްސާލައި ފްލައިޓުތައް ވަނީ ކެންސަލްކޮށްފައެވެ.

ގްރީސްގެ އެތެންސް އިން ފުރައިގެން ކޮރޭޝިއާއަށް ދަތުރުކުރުމަށް ފަހު އެފްލައިޓު ވަނީ ލަންޑަނުގެ ސައުތްއެންޑުން ލެލީސްޓެޑަށް ދަތުރުކުރުމަށް ހަމަޖެހިފައެވެ. ފްލައިޓު ވެއްޓިފައިވަނީ ލެލީސްޓެޑަށް ދިއުމަށް ނައްޓާލި ވަގުތު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެއްޓުނު ފްލައިޓުން ދަތުރުކުރީ ކިތައް މީހުން ކަމެއް އަދި ސާފު ނުވާއިރު އޮފިޝަލުން ވަނީ ތަހުގީގެއް ފަށާފައެވެ.

މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓަށް ބަޔަކު ގެއްލުންތަކެއްދީފި

ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މަގޫދޫ ކައުންސިލް ރައީސް އަބްދުﷲ ވަހީދު “ހަވާސާ” އަށް މިއަދު ވިދާޅުވީ، ރޭ ބަޔަކު ގެއްލުން ދީފައި ވަނީ އެ ރަށުގެ އެއާޕޯޓުގެ ފަޔަ ސްޓޭޝަންގެ ގޮތުގައި ބޭނުންކުރަން ހަދާފައި ހުރި އިމާރާތަށް ކަމަށެވެ. އެ އިމާރާތަކީ މިހާރު ނިމެން ކައިރިވެފައި ހުރި އިމާރާތެކެވެ.

ވަހީދު ވިދާޅުވީ، އެ އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައި ހުރި ބިއްލޫރިތައް ތަޅާލައިފައިވާ ކަމަށާއި ސީލިންގުވެސް ފަޅާލައިފައިވާ ކަމަށެވެ. އަދި އެ ތަނުގައި ހުރި ގޮނޑިތަކެއް ރޯކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުގެ ހިތެއް ނުބުނޭ މިއީ މި ރަށުގެ މީހަކު ކޮށްގެން އުޅޭ ކަމެކޭ. މި ވަރުގެ ގެއްލުމެއް ދޭން ޖެހޭ ސަބަބެއް ނެތް. ބޮޑަށް ލަފާކުރެވެނީ އެއާޕޯޓުގެ މަސައްކަތަށް ހުރަސް އަޅަން ކުރި ކަމެއް ކަމަށް. އެ ތަނަށް ވަދެފައި އެ ހުރީ ވައްކަމެއް ކުރާކަށްވެސް ނޫން” ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، އެއާޕޯޓް ސަރަހައްދުގައި އެއްވެސް ސީސީޓީވީ ކެމެރާއެއް ނުހުންނަ ކަމަށާއި ސެކިއުރިޓީވެސް ދަށް ކަމަށެވެ. އަދި އެތަނަކީ އެންމެންނަށްވެސް ވަދެ ނުކުމެ ވެވޭ ގޮތަށް އޮތް ތަނެއްކަމަށް ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓަށް ގެއްލުންދިން މައްސަލަ ފުލުހުންވެސް މިހާރު އަންނަނީ ބަލަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ޖުމުލަ 252 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު، ރަންވޭގެ މަސައްކަތާއި ޓަވަރާއި ފަޔާ ސްޓޭޝަންގެ މަސައްކަތުން ވެސް ބޮޑު ބައެއް ހުރީ ނިމިފައެވެ.

ޕްރައިވެޓް ޖެޓްތައް ޖެއްސޭގޮތަށް 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ހަދާ އެ އެއާޕޯޓުގައި ޖެޓުތައް ޕާކުކުރެވޭނެ ޕާކިން ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއްވެސް ހަދައެވެ. އަދި ޖެޓުތަކުގައި އަންނަ ފަޅުވެރީންނަށް މަޑުކުރެވޭނެ ހޮޓަލެއް ހަދަންވެސް ވަނީ ނިންމައިފައެވެ.

ފޭކު ސްލިޕް ފޮނުވައިގެން ގަތް މުދަލަށްވާ 80 ހާހަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރައި އޭގެ ވެރިފަރާތަށް ހޯދައި ދިނުމަށް ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން އެ ފައިސާ އެ ފަރާތްތަކަށް ހޯދައިދީފިއެވެ.

މި ފައިސާއަކީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާއެވެ.

މައްސަލައަކީ މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާކަމަށް، މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެވެ.

މި މައްސަލައިގެ ތަހުގީގުގައި، އިތުރަށް ބެލިބެލުމުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް އެކި ފިހާރަތަކުށް، ބޭންކު ޓްރާންސްފަރ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވެއެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން މުޙައްމަދު ހާޝިމް ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ. ކޯޓު އަމުރެއްގެ ދަށުން ޖޫން މަހުގެ 17 ވަނަ ދުވަހު މި ދެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން މުޙައްމަދު ހާޝިމް 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ޔުކްރެއިން އަށް ޕެޓްރިއޮޓް މިސައިލް ދިނުމަށް ޓްރަމްޕް ނިންމައިފި

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިން އަށް އިތުރު ޕެޓްރިއޮޓް މިސައިލް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ޓްރަމްޕް މިކަން އިއުލާން ކުރައްވާފައި ވަނީ، އޭނާގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ޔުކްރެއިން އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށެވެ. އަދި ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް މާކް ރުޓޭއާ ޓްރަމްޕް ބައްދަލު ކުރައްވަން ވެސް ހަަމަޖެހިފައި ވަނިކޮށެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވަނީ ޕެޓްރިއޮޓް މިސައިލް ސިސްޓަމް ތަކާ މެދު އެއްބަސްވުމަކަށް އައުމަށް ގާތްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ ޕެޓްރިއޮޓް މިސައިލް ތަކަކީ ޔުކްރެއިން އަށް ވަަރަށް މުހިންމު އެއްޗެއް ކަމަަށެވެ. ނަމަވެސް، ޔުކްރެއިން އަށް ފޮނުވާނީ ކިހާ އަދަދެއްގެ ޕެޓްރިއޮޓް މިސައިލެއް ކަމެއް ހާމަކޮށްފައި ނުވެ އެވެ. މީގެ އިތުރުން އެެމެރިކާ އިން ޔުކްރެއިން އަށް ފޮނުވާ ބައެއް ހަތިޔާރު ތަކަށް ނޭޓޯ އިން ފައިސާ ދައްކާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެވެ. މި ފަހަކަށް އައިސްް ޓްރަމްޕް ގެންދަވަނީ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. ޚާއްސަކޮށް ހަނގުރާމަ އިތުރަށް ކުރިއަށް ގެންގޮސް، މީހުން މަރަން ޕުޓިން ބޭނުންވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ނުރުހުން ވެސް ފާޅު ކުރައްވައިފައެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން ގެންދަވަނީ ވަރަށް ރީތިކޮށް ވާހަކަ ދައްކަމުން ކަމަށެވެ. އެހެން ނަމަވެސް، ރޭގަނޑުގެ ވަގުތުގައި އެންމެންގެ މައްޗަށް ބޮން އަޅަމުން ގެންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ޕުޓިންއާ މެދު އިންތިހާ އަށް ނުރުހުންވެ ހުންނަވައި ޓްރަމްޕް ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް ވަރަށް އަވަހަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ރަޝިޔާ އަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ޓްރަމްޕް ވަނީ، އެމެރިކާ އިން ޔުކްރެއިން އަށް ދެމުން އައި އެހީތެރިކަން މެދު ކަނޑާލައިފަ އެވެ. އަދި ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި ޔުކްރެއިން އަށް އެހީ ދީފައިވާތީ އެކަމަށް ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

ނަމަވެސް، ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ އެކު ޓްރަމްޕް ކުރިއަށް ގެންދިޔަ އެކި އެކި މަޝްވަރާތަކަށް ފަހު ދެ ރައީސުންގެ ގުޅުން ވަރަށް ބޮަޑަށް ރަނގަޅުވެފައި ވަނިކޮށް، ޓްރަމްޕް ވަނީ ޔުކްރެއިން އަށް އެހީ ދިނުމަށް ނިންމައިފައެވެ.

އަލްސަންގެ ޖަނާޒާ އަސުރު ނަމާދަށް ފަހު އާ ސަހަރާ ގައި

ރޭ ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ހ. ވަވޮއި ޔޫސުފް އަލްސަން މުހައްމަދު (އަލް) ގެ ޖަނާޒާ މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

އަލްސަން ނިޔާވީ އޭނާ އިން ސައިކަލުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. މާލޭގެ ބޮޑުތަކުރުފާނު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި އަލްސަން ނިޔާވެ އިތުރު ދެ މީހަކަށް ވަރަށް އަނިޔާވި އެވެ.

ބާރު ސްޕީޑްގައި އައި ސައިކަލު ޖެހުނީ އެ ވަގުތު ކަފިހި ހުރަހަކުން މަގު ހުރަސް ކުރި އުމުރުން 40 އަހަރުގެ މީހެއްގެ ގައިގަ އެވެ. އޭނާ އަކީ މަގުމަތީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ.

ސައިކަލުން ޖެހުނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލުން ނެއްޓެން އެ މީހާ ބާރަށް ކުރިއަށް ދުއްވައިގަތުމުންނެވެ.

އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅެވެ. އަލްސަން ގެ އާއިލާ އިން ވަނީ އޭނާގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު ބޭއްވުމަށް ނިންމާފަ އެވެ. ޖަނާޒާ އޮންނާނީ މާފަންނު އާސަހަރާގައެވެ.

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިއްސި

އިންޑޮނޭޝިއާގެ އިރުދެކުނު ސަރަހައްދުގެ ޓަނިމްބާ އައިލެންޑްސް އަށް މިއަދު 6.8 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށް ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޮސައިންސަސް (ޖީއެފްޒެޑް) އިން ބުނެފި އެވެ. ޖީއެފްޒެޑް އިން ބުނީ ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރު (6.21 މޭލު) އަޑިއަށް ކަމަށެވެ.

ޖެނުއަރީ 2023 ގައި ތަނިމްބާރު ޖަޒީރާތަކުގެ ސަރަހައްދަށް އައި 7.6 ގެ ބާރުގަދަ ބިންހެލުމުން އެތައް އިރެއް ވަންދެން ސުނާމީގެ އިންޒާރު ދީފައި އޮތެވެ. އެ ބިންހެލުމުގެ ސަބަބުން މަދުވެގެން 15 ގެއަކާއި ދެ ސްކޫލެއްގެ އިމާރާތަކަށް ގެއްލުން ލިބުނެވެ. އަދި އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުލިބެއެވެ.

ޓަނިމްބާރ ޖަޒީރާތަކަކީ އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދުގައި، މުލަކު ޕްރޮވިންސްގެ ތެރޭގައި އޮންނަ ގާތްގަނޑަކަށް 30 ޖަޒީރާގެ އަތޮޅެކެވެ. އެއީ ހުޅަނގުން ޓިމޯރާއި އިރުމަތިން ނިއު ގިނީއާ ދެމެދުގައި އޮންނަ އަރަފޫރާ ކަނޑުގައ އޮންނަ ޖަޒީރާތަކެކެވެ.