ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށްޓަކައި، “މަދިރިން ރައްކާ” ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފޮގު ކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަސައްކަތް ކުރިއަށްގެންދަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައެވެ.
އެޗްޑީސީން ބުނީ މި ކެމްޕެއިނުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުން ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ފަތިހު 05:00 އަދި ހަވީރު 05:30 ގައި ކަމަށެވެ.
“މަދިރިން ރައްކާ” ކެމްޕެއިނަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް އެޗްޑީސީން ކޮންމެ އަހަރުވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު، ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮ ނައްތާލުމުގެ އިތުރުން، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.
ފާއިތުވި އަހަރުގައިވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ފަދަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން، ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް ”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު