Advertisement

ތެދުވެރިވާށެވެ!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ތެދުވެރިކަމަކީ ވަރަށް މާތް ސިފައެކެވެ. އަދި އެއީ އޭގެ ސަބަބުން އެމީހެއްގެ ޢަމަލުތައް އިޞްލާޙުވެގެންދާ ކަމެކެވެ.

Advertisement

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا» [رواه مسلم 105 – (2607)]

މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއް ކަމުގައި ލިޔެވެންދެން ތެދުބުނުމާ އަދި ތެދުވެރިކަން މަތީގައި އަޅާ ދެމިހުރެއެވެ. ދޮގުހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައި ކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަން މަތީގައި އަޅާ ދެމިހުރެއެވެ.”

ތެދުވެރިކަމުގެ އިދިކޮޅު ސިފައަކީ ދޮވެރިކަމެވެ. ފަހެ ދޮގުހެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ، ވަރަށް ނުބައި ކަމެކެވެ. އަދި އެއީ މުނާފިޤުންގެ ޢަލާމާތެކެވެ. ދޮގު ހަދާ މީހާ އެ އަރައިގަންނަނީ ބޮޑު ފާފައަކަށެވެ .

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«آيَةُ المُنَافِقِ ثَلاَثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ» [ رواه البخاري (33) ومسلم 107 – (59)]

މާނައީ: “މުނާފިޤުންގެ ތިން ޢަލާމަތެއްވެއެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ ޚިލާފުވާނެއެވެ. އަދި އަމާނަތެއް ހަވާލުކޮށްފިނަމަ ޚިޔާނާތްތެރިވާނެއެވެ.”

ނަބިއްޔާ صلى الله عليه وسلم އަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ އޮށޯވެގެން އޮތް މީހެއްގެ ކައިރީ ކޮޅަށް ހުރި މީހަކު ދަގަނޑު ބުޅިއަކުން އެ އޮށޯވެ އޮތް މީހާގެ ކޮލުން ފެށިގެން ފުއްކިބައާ ހަމައަށް، ނޭފަތުން ފެށިގެން ފުއްކިބައާ ހަމައަށް އަދި ލޮލުން ފެށިގެން ފުއްކިބައާ ހަމައަށް އިރާލަމުންދާ މަންޒަރެވެ. އަދި އެއަށްފަހު މޫނުގެ އަނެއް ފަޅިއަށްވެސް ހަމަ އެފަދައިން ހަދަމުންދާ މަންޒަރެވެ. އަދި އެކަމާ ބެހޭގޮތުން ޖިބްރީލާއި މީކާއީލު عليهما السلام އަށް ސުވާލު ދެންނެވުމުން، ޖަވާބުގައި އެބޭކަލުން ވިދާޅުވިއެވެ.

«وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ، يُشَرْشَرُ شِدْقُهُ إِلَى قَفَاهُ، وَمَنْخِرُهُ إِلَى قَفَاهُ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ، فَيَكْذِبُ الكَذْبَةَ تَبْلُغُ الآفَاقَ»

މާނައީ: “އެމީހެއްގެ ކޮލުން ފެށިގެން ފުއްކިބައާ ހަމައަށް، ނޭފަތުން ފެށިގެން ފުއްކިބައާ ހަމައަށް އަދި ލޮލުން ފެށިގެން ފުއްކިބައާ ހަމައަށް އިރާލެވެމުން ދިޔަ މީހާއާމެދު ދަންނައެވެ. އޭނާއަކީ (ކޮންމެ ދުވަހަކުވެސް) ގެއިން ނުކުމެގެން ގޮސް، އުދަރެހާ ހަމައަށް ފޯރާވަރަށް ދޮގުހަދާ މީހާއެވެ.” [رواه البخاري (1386)(7047) وانظر: الفتح (12 / 441)]

ބައެއް މީހުން ދޮގުހެދުމަށް އާދަވެފައިވާ މިންވަރުން އެއްވެސް ފައިދާއެއް ނުވާ ކަންކަމުގައިވެސް ދޮގު ހަދާކަން ފާހަގަވެއެވެ.

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

“އެތެރެފުށާއި ބޭރުފުށުގެ ކޮންމެ ފާސިދު ޢަމަލެއްގެ އަސްލަކީ ދޮގުވެރިކަމެވެ. ދޮގުވެރިއާއަށް ﷲ ގެ ޙަޟްރަތުން އޮތް ޢުޤޫބާތަކީ އޭނާ ކުރިއަރައިގެން ނުދިޔުމާ އަދި އޭނާއަށް މަޞްލަޙަތު ހުރިކަންކަމާއި މަންފާތަކުން އެއްކިބާވުމެވެ. އެއާ ޚިލާފަށް ތެދުވެރިންނަށް، އެބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި މަޞްލަޙަތުހުރި ކަންކަންކުރުމުގެ ތައުފީޤު އެއިލާހު ދެއްވައެވެ. ދުނިޔެއާއި އާޚިރަތުގެ މަޞްލަޙަތުތައް ގެނުވައި ދިނުމުގައި ތެދުވެރިކަން ފަދަ ސިފައެއް ނުވެއެވެ. އަދި ފަސާދަތަކާއި ގެއްލުންތައް ގެނުވުމުގައި ދޮގުވެރިކަން ފަދަ ސިފައެއް ނުވެއެވެ.”[الفوائد لابن القيم (ص: 136)]

ދުޢާއަކީ ﷲ ތަޢާލާ އަޅަމެންނީ ތެދުވެރިންކަމުގައި ލެއްވުމެވެ. އަދި ދޮގުހެދުމުގެ ނުބައި ފާފައިން ރައްކާތެރިކޮށްދެއްވުމެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަންވާނެ: ޚުޠުބާ

ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުމާއި ލޭޒާ ޓްރީޓްމެންޓު ހެދުން ހުއްދައެއް ނޫން: ޚުތުބާ

ރޯދަމަސް އުފާވެރިވަނީ ދެދުނިޔޭގެ ނިޢުމަތް ލިބޭތީ : ރައީސް މައުމޫން

ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ ޒިންމާއެއް: ޚުތުބާ