Advertisement

މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ދުރު ކަންކަމާ މެދު އަހަރެމެން ހޭލުންތެރިވާން ވެއްޖެ: ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގައި މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ދުރު ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މިކަމާ މެދު ހޭލުންތެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުސަތަކީ، މުސްލިމް ޒުވާނުން އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފުރުޞަތެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން، ބައެއް ޒުވާނުން ޢަޤީދާއާއި އީމާންތެރިކަމުގެ ހަޤީޤީ ރޫޙާ ދުރު މަގުތަކަށް ކަސިޔާރުވަމުންދާކަން ފާހަގަކުރެއްވިއެވެ.

Advertisement

އިސްލާމްދީނުގެ ޢަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި، މުސްލިމުންނާއި އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުތައް އުފައްދަމުންދާކަން ފާހަގަކުރައްވައި، މިކަމުގެ ނޭދެވޭ އަސަރު ތަޢުލީމީ ދާއިރާއަށާއި ޅަދަރިންގެ ތަރުބިއްޔަތަށް ކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

“އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމައަށް ބައްޓަންވެގެން” ކަމަށް ވިދާޅުވެ، ޅަފަތުގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރިންގެ ހިތްތަކުގައި ބިންވަޅުނެގުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިސްލާމީ ޝަރީޢަތުގެ ބިންގަލުގެ މައްޗަށް މުޖުތަމަޢު ބިނާކުރުމުން ލިބޭ މިނިވަންކަމާއި، އަމާންކަމާއި، ތަރައްޤީއާއި ކުރިއެރުމުގެ މިސާލުތައް އުންމަތުގެ މާޒީން ފެންނަން ހުރިކަން ފާހަގަކުރައްވައި، މަދީނާގެ މުޖުތަމަޢު އޭގެ ހެއްކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

“ މުޖުތަމަޢުގައި ފެތުރެމުންދާ މި ފަދަ ދީނާ ދުރު ކަންކަމާ މެދު އަހަރެމެން ހޭލުންތެރިވާން ވެއްޖެއެވެ. ދީނީ ތަޢުލީމަށް އިތުރު މުހިންމުކަމެއް ދޭން ވެއްޖެއެވެ. ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިޢާރުތަކާއި ސަގާފަތްތައް ދިރުވައިއާލާކުރާން ވެއްޖެއެވެ. މުޖުތަމަޢުގެ އެންމެހައި އަފްރާދުންނަކީ ހެޔޮ ކަންކަމަށް އަމުރުކުރާ ނުބައިކަންކަން މަނާކުރާ ބަޔަކަށް ވާން ވެއްޖެއެވެ. ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީނުގައި ސާބިތުވެ، އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުމެވެ.” ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ތަނަކީ މިސްކިތެވެ. އެއީ އެތަނަކުން ޢިލްމާއި ހުނަރު ހޯދައިގެން އެތަކެއް ޢިލްމުވެރީންނާއި މުފައްކިރުން ނެރެދީފައިވާ ތަރުބަވީ މަދަރުސާއެކެވެ. ފިޤުހާއި ޙަދީޘް ޢިލްމު ފަދަ ޝަރުޢީ ޢިލްމުތަކުގެ އިތުރަށް ހިސާބާއި ބޭސްވެރިކަން ފަދަ ދުންޔަވީ ޢިލްމުތައް މި މަދަރުސާއިން އުނގަންނައި ދީފައިވާކަމުގެ ފަޚުރުވެރި ތާރީޚެއް ފެންނާން އެބަ އޮތެވެ. ރަނގަޅު މުޖުތަމަޢެއް ބިނާކުރެވޭނީ މިސްކިތުގެ ދައުރު ފުރިހަމައަށް އަދާކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަންވާނެ: ޚުޠުބާ

ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުމާއި ލޭޒާ ޓްރީޓްމެންޓު ހެދުން ހުއްދައެއް ނޫން: ޚުތުބާ

ރޯދަމަސް އުފާވެރިވަނީ ދެދުނިޔޭގެ ނިޢުމަތް ލިބޭތީ : ރައީސް މައުމޫން

ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ ޒިންމާއެއް: ޚުތުބާ