ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ނެރުއްވި ނޫސްބަޔާނެއްގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ. ރައީސް ޔާމީން ދެއްކެވި މި ވާހަކަތަކާއި ގުޅިގެން ޤާނޫނީ ފިޔަވަޅުތައް އެޅުމާމެދު ރައީސް މައުމޫން ވިސްނަވަމުން ގެންދަވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ރައީސް ޔާމީން 2025 އޮގަސްޓް 13 ވަނަ ދުވަހު އަދަދު ނޫހުގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތަކަކީ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް 2018 ވަނަ އަހަރު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ހައްޔަރުކުރަން ޖެހުނު ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކެވެ. މި ވާހަކަތަކާ ގުޅިގެން ރައީސް މައުމޫންގެ ނޫސްބަޔާނުގައި ވަނީ، އެއީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އަދި އެއީ ރައީސް މައުމޫންގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ކޯޓުން ނެރުއްވި ކޯޓު އަމުރަކީ ރައީސް މައުމޫނާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ނެރުމުގެ ގޮތުން ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ޙަޑި މުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދުވަހަކުވެސް ކުރައްވާފައެއް ނުވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ގައިވެސް އަދި އޭގެ ކުރިންކަމުގައިވިޔަސް އަދި އޭގެ ފަހުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ މަގާމަކާއި ޙަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްވެދް އެއްޗެއް ދުވަހަކުވެސް ދީފައެއްނުވާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމަޢުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
ނޫސްބަޔާނުގައި ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޔަޤީންކަން އަރުވަމުން ރައީސް މައުމޫން ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އެއްވެސް ޢަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު