އީޕީއޭގެ ނަން “އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ” ގެ ނަމަށް ބަދަލުކޮށްފި

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން، “އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ” އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުން އަންނަ “އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ” ގެ ނަން، “އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ” އަށް ބަދަލުކުރައްވާފައިވާ ކަމަށެވެ.

މި ބަދަލާއެކު، މިހާތަނަށް ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓު މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ބަދަލު ގެންނަވާފައި ވަނީ، އީޕީއޭއިން މިހާތަނަށް ކުރަމުންގެން އަންނަ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުން އަންނަ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމަށް ކަމަށެވެ.

ދަނބުމާ ފޮންޓް ދައްކައިލުމުގެ މައުރަޒަކަށް އަބްދުﷲ ޝާހިދު ޒިޔާރަތްކުރައްވައިފި

ދިވެހި ބަހާއި އަދަބިއްޔާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ މަޤްޞަދުގައި، ގ.ވޭރު އަލްމަރުޙޫމް މުޙައްމަދު ފާއިޒް (ދަނބުމާ ފާއިޒު) ގެ އަތުލިޔުއްވުންތައް ނަކަލުކޮށްގެން އުފައްދައި ނެރުނު “ދަނބުމާ ފޮންޓު” ދައްކައިލުމުގެ ޚާއްޞަ މައުރަޒަށް، ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޒިޔާރަތްކުރައްވައިފިއެވެ. މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދަނބުމާ ފާއިޒުގެ ދިވެހި އަތުލިޔުއްވުން ދިރާސާކޮށް، އެ އަކުރުތައް ޑިޖިޓަލް ފޮންޓެއްގެ ގޮތުގައި އާންމުކޮށް، ދިވެހި ބަހަށް ޚިދުމަތް ކުރުމެވެ.

މައުރަޒަށް ޒިޔާރަތްކުރެއްވުމަށްފަހު، އަބްދުﷲ ޝާހިދު ވަނީ އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓްގައި، މި ފޮންޓާއި މެދު ތަޢުރީފުކުރައްވާފައެވެ. ޝާހިދު ވިދާޅުވެފައިވަނީ، މަރުޙޫމް ފާއިޒު އަތުން ލިޔުއްވާފައިވާ ފޮތްތަކުން އެމަނިކުފާނަށް ފެނިވަޑައިގަތީ ވަރަށް ސާފު، ސާދާ، ރީތި އަތުލިޔުއްވުމެއް ކަމުގައެވެ. އަދި މިފަދަ ފޮންޓުތަކަކީ ދިވެހި އަދަބިއްޔާތަށް ރޫޙު ގެނުވައިދޭ، އަގުނުކުރެވޭ ފަރުމާއެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ފަންނާނުންގެ ތެރޭގައި ތާނަ ފޮންޓުތައް ބޭނުންކުރުން އިތުރުވެފައިވާ މި ދުވަސްވަރުގައި، ދަނބުމާ ފޮންޓަކީ ދިވެހި ބަހަށާއި ތާނަ އަކުރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މި ރީތި ފޮންޓު އާއްމުންނާއި ހަމަޔަށް ގެނެސްދެއްވީތީ، ފާއިޒުގެ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

އަބްދުﷲ ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، މިފަދަ ހިތްގައިމު ފޮންޓްތަކާއެކު ދިވެހި ބަހާއި، ތާނަ އަކުރަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ، ދިވެހި އަދަބިއްޔާތަށް ކުރިއެރުން ލިބިގެން ދާނެކަން ޔަޤީން ކަމަށެވެ.

އެމަނިކުފާނުގެ ޓްވީޓް ނިންމަވާލައްވަމުން، ޝާހިދު ވަނީ އަލްމަރުޙޫމް މުޙައްމަދު ފާއިޒަށާއި، ފާއިޒުގެ ދަރިކަލުން ބޮބީގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ހަތް ނޫސްވެރިން ޝަހީދުކޮއްލީ ގަސްތުގައި

ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލްގެ މައި ދޮރުމަތީގައި ނޫސްވެރިން ހިޔާވަހިކަން ހޯދައިގެން ތިބި މީޑިއާ ޓެންޓަށް އިޒްރޭލުން ގަސްތުގައި ދިން ހަމަލާއެއްގައި، އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް-ޝަރީފް (28 އަހަރު) އާއި އޭނާގެ ހަތަރު އެކުވެރިން ޝަހީދުވެއްޖެއެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ހާނީ އަލް-ޝާޢިރު ބުނީ، އިޒްރޭލުގެ ޑްރޯނެއް ޓެންޓައް ހަމަލާދީފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 11:35 ހާއިރު ކަމަށެވެ. މި ހަމަލާގައި ޖުމްލަ ހަތް މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަލްޖަޒީރާގެ ކޮރެސްޕޮންޑެންޓް މުޙައްމަދު ގުރައިގާ (33 އަހަރު) އާއި ކެމެރާ އޮޕަރޭޓަރުން ކަމަށްވާ އިބްރާހިމް ޒާހިރު (25 އަހަރު)، މުޙައްމަދު ނޫފަލް (29 އަހަރު) އަދި މުޢުމިން ޢަލީވާ (23 އަހަރު) ހިމެނެއެވެ.

މިއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ކަވަރުކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިންނަށް އިޒްރޭލުން ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އަލްޖަޒީރާގެ ފަސް ނޫސްވެރިއަކު ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައެވެ.

މީގެ ކުރިން، ނޫސްވެރިޔާ ސާމިރު އަބޫދަގާ ޣައްޒާ ބިއުރޯގެ ވެރިޔާ ވަޢިލް ދަހްދޫހުއާ އެކު ރިޕޯޓްކުރަމުން ދަނިކޮށް އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި އޭނާ ވަނީ ޝަހީދުކޮށްލާފައެވެ. މި ހަމަލާގައި ވަޢިލް ދަހްދޫހަށްވެސް ވަނީ އަނިޔާވެފައެވެ. ހާން ޔޫނިސްގައި ހުންނަ ފަރުހާނާ ސްކޫލްގައި ފިލްމު ކުރަމުން ދަނިކޮށް ދިން މި ހަމަލާއަށް ފަހު، އެމަޖެންސީ ފަޔާރ ވޯކަރުންނަށް އެ ސަރަހައްދަށް ދިއުމަށް އިޒްރޭލު ސިފައިން ހުރަސް އެޅުމުގެ ސަބަބުން، އަބޫދަގާ ވަނީ ލޭ ހުސްވެގެން މަރުވެފައެވެ.

ނޫސްވެރިންނަކީ ހަނގުރާމައިގެ ސަރަހައްދުތަކުގައި ޚަބަރު ފޯރުކޮށްދިނުމުގެ މުހިންމު މަސައްކަތެއް ކުރާ ބަޔަކަށް ވާއިރު، އެފަދަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހަމަތަކާ ޚިލާފު ޢަމަލުތަކެއް ކަމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ ފާހަގަކޮށް އެހަމަލާ ކުށްވެރިކޮށްފައެވެ.

507 ފުޅި ބަނގުރަލާއި، އެކައްކަން ބޭނުންކުރި ސަމާނާއެކު 3 ބިދޭސިއަކު ހައްޔަރުކޮށްފި

507 ފުޅި ބަނގުރަލާއި، ކައްކަން ބޭނުންކުރާ ސަމާނާއެކު 3 ބިދޭސިއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މ. ރަންފިޔަ ގޭގެ 4 ވަނަ ބުރި ބަލާ ފާސްކޮށް މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝް އަށް ނިސްބަތްވާ މީހަކައި އިންޑިއާ 2 މީހުންނެވެ. ފުލުހުން އެތަނަށް ރެއިޑްކުރި އިރު އެތަނުގައި ބަނގުރާ ކަންކަން ހުރީ ތައްޔާރުކޮށްފައެވެ. އަދި ބަނގުރާ ތައްޔާރުކޮށް ވިއްކުމަށް ކޭސް ކޭހަށް އަޅާފައި ހުރީ ބަންދުކޮށްފައެވެ.

2 ރޫމް އެޕާޓްމަންޓެއްގެ ގޮތުގައި ހުރި މިތަނުގެ 1 ކޮޓަރީގައި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއި އާލާތްތައް ބަހައްޓާފައި ހުއްޓެވެ.

އެގޮތުން އާދައިގެ 2 ތަނުން ކެކޭ ގޭސް އުނދުނަކަށް ދޮޅުފޫޓް ނުވަތަ 2 ފޫޓް ހުންނަ ވަރު ދެ ޕްރެޝަރު ކުކަރު އަރުވާފައި ހުރި އިރު އެއީ ބަނގުރާ ކައްކަން ބޭނުންކުރި ދެ ޕްރެޝަރުކުަކަރެވެ. އަދި އެ ކޮޓަރީގައި އެންމެ ބޮޑު ސައިޒުގެ ބާލިދީތަކުގައި މޭވާ ކުނިކުރަން އަޅާފައި ހުރި އިރު، އެތަނުގެ ތެރޭގައި ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި ބަންދުކުރާ ސާމާނު ހުއްޓެވެ.

މީގެ އިތުރުން ބަނގުރާ ކައްކަން ގެނެސްފައި ހުރި މޭވާ ކޭސްތަކާއި އެހެނިހެން ސާމާނުވެސް ހުއްޓެވެ. މިއިން ފުޅިއެއް ވިއްކަމުން ދިޔައީ 150 ވަރަކަށް ރުފިޔާއަށެވެ. އަދި އަތުލައިގަތް ބަނގުރަލުގެ އަގު އެކަނިވެސް 75000 އަށްވުރެ މައްޗަށް އަރައެވެ.

މި މައްސަލައިގައި ހައްޔަރުކުރި 3 މީހުން ބަލައި ފާސްކޮށް، އެޕާޓްމަންޓް ބަލައި ފާސްކޮށް ކައްކަން ތައްޔާރުކޮށް ބަންދުކޮށްފައި ހުރި 500 އެމްއެލްގެ 507 ފުޅި ބަނގުރާ ކޭސްތަކުގައި ހުރީ ބަންދުކޮށްފައެވެ. އަދި މި ތަކެތި ކަންމަތީ ފިހާރަތަކަށް ވިއްކަންވެސް ލާފައި ހުއްޓެވެ. އެގޮތުން އެ ސަރަހައްދުގެ ބައެއް ފިހާރަތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް އެ ވިއްކުމުގައި އެމީހުން ހަރަކާތްތެރިވެފައިވެއެވެ.

ފުލުހުން ވަނީ ބަނގުރާ ކައްކަން ބޭނުންކުރި ސާމާނާއި، ބަނގުރާ އަޅާފައި ހުރި ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

މިނިވަން 60 އާ ގުޅިގެން ހުޅުމާލޭގައި 60 ރުއް އިންދައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން، ހުޅުމާލޭގައި 60 ރުއް އިންދުމުގެ ހަރަކާތެއް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއާއި، އެޗްޑީސީ ގުޅިގެން މިއަދު ކުރިއަށްގެންގޮސްފިއެވެ. މި ރުއްތައް އިންދާފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ބީޗް ސަރަހައްދުގައެވެ.

އެގޮތުން މިއަދު ކުރިއަށް ކުރިއަށްގެންދިޔަ ރުއް އިންދުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ.މަރިޔަމް މާރިޔާ، އަދި މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެޗްޑީސީގެ އިސްވެރިން އަދި މުވައްޒަފުންގެ އިތުރުން މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުން ބައިވެރިވެ، ވަނީ ރުއް އިންދާފައެވެ.

މިއަދު ހުޅުމާލޭގައި މި އިންދުނު 60 ރުކަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންދުނު ރުއްތަކެކެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދުފުޅުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ޖުމްލަ އެއް މިލިއަން ގަސް އިންދުމަށް ނިންމައި މިދިޔަ އަހަރު ވަނީ ޕްލެޖުގައި ސޮއިކޮށްފައެވެ. އަދި އެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށްވެސް ނިންމާފައެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެއެވެ.

މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް އެ ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެއެވެ. އެޗްޑީސީގެ އަމާޒަކީ، އެ ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ.

ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ. މި މަޝްރޫއަކީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަސް، ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 77.1 މިލިއަން ރުފިޔާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހައުސިން މިނިސްޓްރީގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްއެވެ.

މި މަޝްރޫއުގެ ސަބަބުން ހއ. ފިއްލަދޫގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

 

ޔޫ.އޭ.އީގެ އެހީގައި އަޅާ ފުލުހުންގެ ޑޭޓާ ސެންޓަރުގެ ބިންގާ އަޅައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސައިބާ ސެކިއުރިޓީ ކައުންސިލްގެ އެހީގައި ހުޅުމާލޭގައި ގާއިމުކުރާ ފުލުހުންގެ ޑޭޓާ ސެންޓަރު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ހެޑް ޑރ. މުހައްމަދު އަލް ކުވައިތީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނެވެ.

“ޕޮލިސް ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެއް. މި ސެންޓަރާއެކު ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެ. އަދި ކުށް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެ،” ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ސެންޓަރު ގާއިމްކުރުމުން ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަން ކުރެވޭނެ ކަމަށެވެ. އަދި ކުށްކުރުން ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ) ވެސް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ.

އެން.އައި.ސީން ދައުވާކުރަން އެދުނު ފުލުހުންގެ ތެރޭގައި ސީޕީ ނަވީން އާއި ފުލުހުންގެ އިސްވެރިން ހިމެނޭ

މިދިޔަ އަހަރު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޖިނާއީ ދައުވާކުރަން ބޭނުންވާ ފުލުހުންގެ ތެރޭގައި މިހާރުގެ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ހިމެނޭކަން “ހަވާސާ” ނޫހަށްއަށް ވަނީ އެނގިފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް އެންއައިސީން ގަބޫލު ކުރާތީ، ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ފެށިފައިވެއެވެ. އަދި، ހަތް ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް އެންއައިސީން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގިއިރު ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މިހާރުގެ ކޮމިޝަނަރު ނަވީނުގެ އިތުރުން، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒާއި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ވެސް ދައުވާ ކޮށްދިނުމަށް އެންއައިސީން އެދިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.

ޒަކިއްޔާ މޫސާ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމާއި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި، ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން، އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ފަދަ ސީރިއަސް ތުހުމަތުތައް ހިމެނެއެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. އުމުރުން 50 އަހަރުގެ ޒަކިއްޔާ ނަފުސާނީ މައްސަލަތަކެއް ވެސް ތަހައްމަލް ކުރަމުން އައި ކަމަށް ވެއެވެ. ނަމަވެސް، އޭނާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި، ބަޔަކު އޭނާ މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ހޮޅުދޫގެ ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު، އޭނާގެ ކަރު ހަށިގަނޑާ ވަކިނުވެ އޮތީ ކިރިޔާ ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ކަމަކީ، އޮޓޮޕްސީ ނުހަދައި ޒަކިއްޔާގެ ހަށިގަނޑު ވަޅުލުން ކަމަށެވެ. އޮޓޮޕްސީގެ ބަދަލުގައި ހެދީ ވާޗުއަލް އޮޓޮޕްސީއެކެވެ. އެ ރިޕޯޓުން ދެއްކީ އޭނާ މަރުވެފައިވަނީ އަމިއްލައަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ. ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އަދި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދޭނެ ކަމަށް ވެއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި އެ ރަށުގެ ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހޯމް މިނިސްޓަރު އަލީ އިހްސާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ހުށަހަޅާފައެވެ.

އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު 61،430 އަށް އަރައިފި!

ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ ޖުމްލަ އަދަދު 61،430 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ރިޕޯޓެއްގައި ވިދާޅުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި 61 މީހުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށް އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނުގައިވެއެވެ. މީގެ ތެރޭގައި އެހީ ހޯދުމުގެ ތެރެއިން ޝަހީދުވި 35 މީހުން ހިމެނޭ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހީ ހޯދުމުގެ ތެރެއިން ޒަހަމްވި 304 މީހުން ހިމެނޭ ގޮތަށް އިތުރު 363 މީހުން ޒަހަމްވެފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ.

މިއާއެކު އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް އައިއިރު، ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 61،430 އަށް އަރައިފައެވެ. އަދި ނިރުބަވެރިންގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 153،213 އަށް އަރައިފައެވެ.

މި މަހުގެ 8 ވަނަ ދުވަހު ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަށް ނިރުބަވެރި އިސްރާއީލުގެ ސަލާމަތީ ވަޒީރުންގެ މަޖިލީހުން ރުހުން ވަނީ ދީފައެވެ. އެ ޕްލޭނަކީ އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ މިދިޔަ ހަފްތާގެ ތެރޭގައި ސަލާމަތީ މަޖިލީހަށް ހުށަހަަޅާފައިވާ ޕްލޭނެއް ކަމަށް އެ ރިޕޯޓްތައް ބުނެއެވެ.

އެ ޕްލޭނާއެކު ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލާ، ދުނިޔޭގެ އެތައް ގައުމަކުން ވަނީ އިސްރާއީލާ ދެކޮޅަށް ތެދުވެފައެވެ.

މީގެ ތެރޭގައި ޑެންމާކް، ނެދަލެންޑްސް، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޗައިނާ އަދި ރާއްޖެ ވެސް ހިމެނެއެވެ.

މިކަމާ ގުޅިގެން ޣައްޒާގައި ހިފަހައްޓާފައިވާ ރަހީނުންގެ އާއިލާތަކުން ވެސް ވަނީ އިސްރާއީލު ސަރުކާރުން އެ ސަރަހައްދު “ކޮންޓްރޯލް” ކުރަން ރާވާފައިވާ ރޭވުމާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި މުޒާހަރާކޮށްފައެވެ. އޭގެ ބަދަލުގައި ގަތުލުއާންމު ހުއްޓާލައި ރަހީނުކޮށްފައި ތިބި ހުރިހާ މީހުން ދޫކޮށްލުމަށް އެ މުޒާހަރާގައި ގޮވާލާފައިވެއެވެ.

ހުޅުމާލެ ހިޔާ 15 ފްލެޓްގެ 9 ވަނަ ފަންގިފިލާއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިއްޖެ!

ހުޅުމާލެ ހިޔާ 15 ފްލެޓްގެ 9 ވަނަ ފަންގިފިލާއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެން، ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ހާދިސާ ހިނގި ސަރަހައްދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލްތައް ލިބުމުން އަޅުގަނޑުމެން ހިއްސާކުރާނެއެވެ.

ބީއެމްއެލްއާއި މާސްޓަރ ކާޑު ގުޅިގެން، ވިސިޓް މޯލްޑިވްސްއަށް ޑޭޓާ ލިބޭނެ ޕްލެޓްފޯމެއް ތައާރަފްކޮށްފި

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި މާސްޓަރކާޑު ގުޅިގެން، ވިސިޓް މޯލްޑިވްސްއަށް ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ.

މި ޕްލެޓްފޯމުގެ ޒަރިއްޔާއިން، ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނަށް ފަތުރުވެރިންގެ ޙަރަދުކުރުމުގެ އާދަތަކާއި، ފަތުރުވެރިން އިސްކަންދޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ޑޭޓާގެ އަލީގައި ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މައުލޫމާތު ބޭނުންކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް އިތުރު ކުރިއރުންތައް ހޯދުމުގެ ފުރުސަތު ހޯދުމަށާއި، ދަތުރުގެ ކޮންމެ މަރުހަލާއެއްގައިވެސް ފަތުރުވެރިން ކުރާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދިގެންދާނެއެވެ. އަދި، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ރަނގަޅު ނިންމުމަށް ނިންމުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މި ޕްލެޓްފޯމާއިއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅުވެ، ރާއްޖެއަކީ، ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ފަތުރުވެރިން ކަމުދާ، އަދި ދުނިޔޭގެ އެންމެ މަގްބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް މަގުފަހިވެގެންދާނެއެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެ ކާރުގައި ފިލަން ދުއްވި ދެމީހުން ހައްޔަރުކޮއްފި

ހުޅުމާލޭގައި ބާރު ސްޕީޑްގައި ކާރެއް ދުއްވަން އިން ފިރިހެނަކާއި އެ ކާރުގައި އިން އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިރޭ ހުޅުމާލެއިންނެވެ.

މިދެމީހުން ހައްޔަރު ކުރީ ފުލުހުން ކާރު ހުއްޓަން އެންގުމުންވެސް ކާރު ނުހުއްޓާ ފުލުހުން ގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން ދުއްވުމުގެ ތެރޭގައެވެ.

ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ގޮތަށް، އާންމުންނަށް ބިރުދައްކާފަދަ ގޮތަކަށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދު ދުއްވައި ފުލުހުންގެ އަމުރަށް ނުކިޔަމަން ތެރި ވުމުންކަމަށެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

އިތުރު ތަފްސީލް އަންނަނީ….