ކުނަހަންދޫގެ މައްޗަށް ކަލައިދޫ އިން ކުރި ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ލ. ކުނަހަންދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި ލ. ކަލައިދޫ އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ކަލައިދޫ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ފަރީސްއެވެ. ނަމަވެސް، ކަލައިދޫ އިން ލީޑު ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް ކުނަހަންދޫ ޓީމުގެ މުހައްމަދު މާއިޝް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފެށުމާއެކު ކަލައިދޫ ޓީމުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް، ކުނަހަންދޫގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން އެޓީމުން އުފެއްދި ނުރައްކާތެރި ހަމަލާއެއްގައި އިބްރާހިމް ނާއިލް ވަނީ ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ކަލައިދޫއަށް މެޗުގެ ލީޑު ހޯދައިދީފައެވެ.

މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު، މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކަލައިދޫ ޓީމުގެ އިބްރާހިމް ނާއިލްއެވެ.

މި މުބާރާތަކީ ރާއްޖޭގެ ރަށްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތެވެ. މިރޭގެ މޮޅާއެކު ކަލައިދޫ ޓީމަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބިފައެވެ.

ދަނބިދޫގެ މައްޗަށް ކުރިހޯދައި ލ. ގަން މޮޅުވެއްޖެ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ލ. ދަނބިދޫ އާއި ލ. ގަން ބައްދަލުކޮށް، 2-0 ގެ ނަތީޖާއަކުން ގަން މޮޅުވެއްޖެއެވެ.

މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ގަމުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން، މެޗު ފެށިގެން އެންމެ 17 ސިކުންތުގެ ތެރޭގައި ގަމަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަހްމަދު ހަލީމްއެވެ. މިއީ މިއަހަރުގެ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ އަވަސް ލަނޑުތަކުގެ ތެރޭގައި ހިމެނޭ ލަނޑެކެވެ.

ގަމުން މެޗުގެ ލީޑު ފުޅާކުރީ ދަނބިދޫ ޓީމުގެ މުހައްމަދު ޝާމިލް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މި ލަނޑަކީ ގަމު ޓީމުގެ ސާމިސް ކުރިއަށް ފޮނުވާލި ވަރަށް ބާރު ހަމަލާއެއް، ދަނބިދޫގެ ޝާމިލްގެ ފައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަން ލަނޑެކެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ގަމު ޓީމުގެ ކެޕްޓަން އަހްމަދު ހަލީމް އީސާ ވަނީ މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދާފައެވެ.

މި މުބާރާތަކީ ރާއްޖޭގެ ރަށްތަކުގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށާއި، ފުޓްސަލްގެ ހުނަރުވެރިން އިތުރުކުރުމަށް ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ. މިރޭގެ މެޗުން ލިބުނު މޮޅާއެކު ގަމަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު ފުރުސަތެއް ތަނަވަސްވެފައެވެ.

މާވަށުގެ މައްޗަށް ކުރިހޯދައި މުންޑޫއިން ތަފާތު ބޮޑު މޮޅެއް ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅެވުނު ފޯރިގަދަ މެޗުގައި ލ. މާވަށާއި ލ. މުންޑޫ ބައްދަލުކޮށް، 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ މޮޅުވެއްޖެއެވެ.

މި މެޗު ފެށިގެން މުންޑޫ ޓީމުން ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގެ ބޭނުން ހިފައި، ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސައިން ލަޔާންއެވެ. މި ލަނޑަށްފަހު މާގިނަ އިރުތަކެއް ނުވަނީސް، ލިބުނު ހުސް ފުރުސަތެއްގައި މުންޑޫގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ކެޕްޓަން ލަޔާންއެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް މުންޑޫއިން އުފެއްދި ހަލުވި ކައުންޓަރ އެޓޭކެއްގައި އިބްރާހިމް ދައިޝަމް ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފު ފެށުމާއެކު މާވަށު ޓީމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ބޮޑަށް ދިފާއީ ކުޅުމަކަށް ސަމާލުކަން ދީފައެވެ. ނަމަވެސް، މުންޑޫ ޓީމުން ދިޔައީ މާވަށުގެ ގޯލަށް ނުރައްކާކޮށް ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން މުންޑޫއިން އުފެއްދި ނުރައްކާތެރި ހަމަލާއެއްގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަމްދޫން އަހްމަދެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި މުންޑޫ ޓީމުގެ ކެޕްޓަން ހުސައިން ލަޔާން ވަނީ މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދާފައެވެ. މި މޮޅާއެކު މުންޑޫ ޓީމަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައެވެ.

ފަސޭހަކަމާއެކު ފޮނަދޫ ބަލިކޮށް، އިސްދޫއިން ގްރޫޕްގެ ލީޑް ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ލ. ފޮނަދޫގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައި، ލ. އިސްދޫ އިން މޮޅެއް ހޯދައިފިއެވެ.

މި މެޗު ފެށުނީއްސުރެ އިސްދޫ ޓީމުން ދިޔައީ ފޮނަދޫގެ ގޯލަށް ނުރައްކާކޮށް، ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި އިސްދޫއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ލޫތް އަހުމަދު ފަތުހީއެވެ. ފުރަތަމަ ހާފު އިސްދޫ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އިސްދޫގެ ކެޕްޓަން އަލީ މީސާގު އީސާ ވަނީ ވަރުގަދަ ހަމަލާއަކުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިސްދޫގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހުކޮޅު ލިބުނު ހުސް ފުރުސަތެއްގައި އަލީ އަސްހަމް ފޮނުވާލި ހަމަލާއަކުންނެވެ. މި ލަނޑާއެކު އިސްދޫ އިން ވަނީ މެޗުގެ ކާމިޔާބު ކޮށްފައެވެ.

މުޅި މެޗަށް ބަލާއިރު އިސްދޫ ޓީމުން ފެނިގެންދިޔައީ ވަރަށް ބޮޑަށް އެޓޭކަށް އިސްކަންދީގެން ކުޅުނު ތަނެވެ. އޭގެ ބަދަލުގައި ފޮނަދޫ ޓީމުން ބޮޑަށް މަސައްކަތް ކުރީ ޑިފެންސް ވަރުގަދަކޮށް އިސްދޫގެ ހަމަލާތައް ހުއްޓުވުމަށެވެ. ނަމަވެސް އިސްދޫގެ ހަލުވި ކުޅުން ހުއްޓުވުމުގައި ފޮނަދޫއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ އިސްދޫ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ، މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ކެޕްޓަން އަލީ މީސާގު އީސާއެވެ. މި މޮޅާއެކު އިސްދޫ އިން ވަނީ މުބާރާތުގެ ގްރޫޕްގައި ލީޑް ހޯދާފައެވެ.

ރިޒުޤު ތަނަވަސްކޮށްދެއްވުން އެދި ކުރެވިދާނެ ބައެއް ދުޢާ

ރިޒުޤުގެ މަފްހޫމްގެ ތެރޭގައި ވިސްނުންތޫނުކަމާއި، ހުނަރުތަކާއި، އުޅެން ލިބިފައިވާ މާޙައުލާއި، އަނބިދަރިންނާއި، ދުޅަހެޔޮކަމާއި، ފައިސާގެ ތަނަވަސްކަން ހިމެނެއެވެ.
މި އަރޓިކަލްގައި މި ހިމަނާލަނީ ރިޒުޤު ތަނަވަސްކޮށްދެއްވުން އެދި ކުރެވިދާނެ ކުރުކުރު ބައެއް ދުޢާއެވެ.

 اللَّهُمَّ إِنِّيْ أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا طَيِّبًا، وَ عَمَلًا مُتَقَبَّلًا

“އޭ ﷲ! ހަމަކަށަވަރުން މިއަޅާ، އިބަ އިލާހުގެ ޙަޟްރަތުން ފައިދާކުރަނިވި ޢިލްމަކާއި، ޙަލާލުވެގެންވާ ރިޒްޤަކާއި، ޤަބޫލުވެވިގެންވާ ޢަމަލެއް ދެއްވުމަށް އެދި ދަންނަވަމެވެ.”

اللَّهُمَّ أَكْثِرْ مَالِي وَ وَلَدي وَ بَارِكْ لِي فِيمَا أعْطَيْتَنِي

ހައްދަވާ ގެންގުޅުއްވާ އިލާހު!މި އަޅާގެ މުދާ ގިނަ ކުރައްވާނދޭވެ. އަދި މިއަޅާގެ ދަރިން ގިނަ ކޮށްދެއްވާނދޭވެ. އަދި މިއަޅާއަށް އިބަ ﷲ ދެއްވި އެންމެހާ އެއްޗެއްގައި ބަރަކާތް ލައްވާނދޭވެ.¹

ރިޒްޤުދެއްވުމާއި ގުޅުންހުރި ބައެއް އިސްމުފުޅުތަކުގެ ތެރޭގައި الرازق؛ الرَّزَّاقُ؛ المعطي؛ المنان؛ الوهاب؛ އަދި الباسط ހިމެނެއެވެ.
އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ.

ރިޒުޤު ހޯދުމަށް ޙައްޤު ގޮތުގައި މަސައްކަތްކުރާ މީހާއަށް މާތް ﷲ ބަރަކާތް ލައްވާނެއެވެ.

މާތް ﷲ ދެއްވާ ރިޒުޤުގައި ބަރަކާތް ލައްވާ ކަންތައްތަކެއްވެއެވެ. އެގޮތުން ހެނދުނު ތެދުވެ، ރިޒުޤު ހޯދުމަށް މަސައްކަތް ކުރުން އެއީ އެ މަސައްކަތުން ލިބޭ ރިޒުޤުގައި ބަރަކާތް ލައްވާނެ ކަމެކެވެ.

އިލާހީ ރިޒުޤުން މީހާ މަހުރޫމުވެގެންދާން މެދުވެރިވާ ބައެއް ކަންކަންވެއެވެ. އެގޮތުން ރޭގަނޑު ހޭލާ ތިބެފައި، ފަތިހުގެ ވަގުތުގައި ނިދާ މީހުންނަށް، ދެ ޣަނީމާއެއް ގެއްލިގެން ދާނެއެވެ. އެއީ ފަތިސް ނަމާދާއި، ދުވާލު ފެށޭ ވަގުތުގެ ބަރަކާތެވެ.

ޝޫރާ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ – لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ
މާނައީ: “އެކަލާނގެއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވައިވޮޑިގެންވާ ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގެ (ޚަޒާނާތަކުގެ) ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވައެވެ. އަދި އިރާދަކުރެއްވި މީހަކަށް ރިޒްޤު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

1)މިދުޢާއަށް ދަލީލުކޮށްދެނީ އަނަސް ބުނު މާލިކް ރަޟިޔަ ﷲ ޢަންހުއަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަކޮށްދެއްވިދުޢާއިންނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަނަސްގެފާނަށްދުޢާކޮށްދެއްވީމިފަދައިންނެވެ. «اللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ، وَبَارِكْ لَهُ فِيمَا أَعْطَيْتَهُ»
މިއީ ބުޚާރީއާއިމުސްލިމްގައި އައިސްފައިވާ ހަދީސެކެވެ. މަތީގައިވާ ދުޢާ فضيلة الشيخ سعيد بن وهب القحطاني “الدعاء من الكتاب و السنة” ފޮތުގައި ގެނެސްފައިވެއެވެ.

ސްރީލަންކާއާއި ދިމާލަށް ވަރުގަދަ ކޮޅިގަނޑެއް: މުޅި ގައުމަށް ރަތް ސަމާލު ނެރެފި

ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ވަރުގަދަ ކޮޅިގަނޑެއް (ޑީޕް ޑިޕްރެޝަން) ސްރީލަންކާއާ ދިމާލަށް ދަތުރުކުރަމުންދާތީ، އެކަމުގެ ނުރައްކާ ބޮޑުވެ އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ރަތް ސަމާލު (ރެޑް އެލާޓް) ނެރެފިއެވެ.

ޖެނުއަރީ 8، 2026 ގެ މެންދުރުފަހު 3:30 ގައި ނެރުނު މި އިންޒާރު މިއަދު (ޖެނުއަރީ 9) ގެ 3:30 އާ ހަމައަށް ދެމިއޮންނާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. މި ކޮޅިގަނޑު މިހާރު ހުރީ ޕޮޓުވިލްގެ އިރުދެކުނުން ގާތްގަނޑަކަށް 250 ކިލޯމީޓަރު ދުރުގައެވެ. ބެލެވޭ ގޮތުގައި މިއަދު އިރުއޮއްސި 5:30 އާއި ރޭގަނޑު 11:30 އާ ދެމެދު ހަމްބަންޓޮޓާ އާއި ބަޓިކަލޯއާ ދެމެދުން މި ކޮޅިގަނޑު ލަންކާގެ އައްސޭރިފަށަށް އަރާނެއެވެ.

މި މޫސުމީ ނުރައްކަލުގެ ސަބަބުން ލަންކާގެ އުތުރު، އުތުރު-މެދުތެރެ، އިރުމަތި، އޫވާ އަދި މެދުތެރޭގެ ޕްރޮވިންސްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށްވެސް މޫސުމާބެހޭ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.
މިނުރައްކަލާ ކުރިމަތިވެއްޖެނަމަ، ވަގުތީ ހިޔާވަހިތަކާއި ކުދި އިމާރާތްތަކަށް ގެއްލުންވުމާއި، ފުރާޅުތައް އެއްލާލުމާއި، މުވާސަލާތީ އަދި ކަރަންޓު ވިއުގައަށް ބުރޫއެރުން އެކަށީގެންވެއެވެ. މީގެ އިތުރުން ބޮޑެތި ގަސްތައް މުލުން ލުހިގެން ދިއުމާއި، ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު އެބައޮތެވެ. އައްސޭރިފަށުގެ ތިރި ސަރަހައްދުތަކުގައި ފެންބޮޑުވެ، ލޮނުގަނޑު އަރާނެ ކަމަށްވެސް ވަނީ އިންޒާރު ދީފައެވެ.

ލައްކާގެ މޫސުމާ ބެހޭ އިދާރާއިން މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށާއި، ފަރުބަދަމަތީ އަދި ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި މަގުމަތީގައި ދަތުރުކުރާ މީހުން ވެއްޓިފައި ހުރެދާނެ ގަސްތަކާއި ކަރަންޓު ނަރުތަކަށް ސަމާލުވުމަށާއި، ގުގުރާ ވަގުތުތަކުގައި ކަރަންޓު ސާމާނު ބޭނުންނުކުރުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން އެއިދާރާއިންވަނީ ކަނޑުދަތުރުކުރާ ފަރާތްތަކަށާއި މަސްވެރިންނަށްވެސް އިތުރު އެންގުމެއް އަންގަންދެން ކަނޑުމައްޗަށް ނުކުތުން މަނާކޮށްފައެވެ.

 

ކެޓްރީނާ އާއި ވިކީގެ ދަރިފުޅުގެ ނަން އިއުލާންކޮށްފި

ބޮލީވުޑްގެ މަޝްހޫރު ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްގެ އަލަތު ދަރިފުޅުގެ ނަން އިއުލާން ކޮށްފިއެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކެޓްރީނާ ވިހެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދަރިފުޅަށް ނަން ދީފައިވަނީ ވިހާން ކޯޝަލްގެ ނަމުންނެވެ.

މި ނަމަކީ ވިކީ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2019 ގެ ފިލްމު “އުރީ: ދަ ސާޖިކަލް ސްޓްރައިކް” ގައި އޭނާގެ ކެރެކްޓާގެ ނަމެވެ.

މި ދެ ތަރިންގެ ދަރިފުޅުގެ ނަން ހިއްސާކުރުމާއެެކު ގިނަ ބަޔަކު ވަނީ ދެ ތަރިންނަށް މަރުހަބާ ކިޔާފައެވެ.
ކެޓްރީނާއާއި ވިކީ ކައިވެނިކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

ކައުންސިލަރުން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ގޯހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އިންތިޚާބުކުރާ ބައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވިދާޅުވީ، ކައުންސިލްތަކަކީ ގާނޫނީގޮތުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ މުއައްސަސާއެއް ނޫން ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ކައުންސިލް ތަކަށް މެންބަރުން ހޮވާ ކަމަށް ވާނަމަ އެއި ނުބައި ސިގްނަލް އެއް ކަމަށެވެ. އެކަމާއި މެދު ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރި ކުރުވާނީ ކޮންބައެއްކަން ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައިވާއިރު ކައުންސިލް ތަކަށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އަދި ކައުންސިލް އަކީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

އެއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން އެ ހަވާލުކުރާ މަސައްކަތްތަކަށް އެހީތެރިކަން ދޭން ރައްޔިތުން ހޮވާފަ ތިބޭ މަންދޫބުން ތަކެއް ޑެއިލީ ހުންނަ މުނިސިޕަލް ކަންކަން ރައްވެހިކަމުގެ ހިދުމަތް ދިނުމުގެ އިތުރަށް ދެން ހުންނަ ތަރައްގިގެ މިކަހަލަ ކަންކަމުގަ އެއްބާރުލުން ދިނުން، އެހެން އެކަން ކުރަން ހޮވާ ބައެއް އެއީ” ރައީސް ވިދާޅުވިއެވެ.

 

ދަޅަމަތި (1 ވަނަ ބައި)

މީހަކު ދުވެފައި އައިސް، އަހަރެން ކައިރީގައި ހުރި ގެއަކަށް ވަދެފައި ދޮރުލެއްޕިއެވެ. ތަންޑު އެޅި އަޑު ވެސް އިވުނެވެ. ފިހާރަތައް ހުރީ ލައްޕައި “ބަންދު” ބޯޑު އަޅުވައި، އެތެރެ ނިއްވައިލައިފައެވެ. ރޭޑިޔޯގެ އަޑުތައް ދިޔައީ ކެނޑެމުންނެވެ. މަންމައިން ނުކުމެ، މަގުމަތީގައި ކުޅެން ތިބި ކުޑަކުދިން ގޮވައިގެން ގެއަށް ވައްދާ ތަނާއި އަވީލާފައި ހުރި އެއްޗެހި އެތެރެއަށް ވައްދާ ތަނާއި ގޭގައި ނެތް ދަރިންނަށް އަޑުވީއްލައި ގޮވާ ހަދާތަން ފެނެއެވެ. އެ ހުރިހައި މަންޒަރެއް އަހަންނަށް ފެނުނެވެ. އަހަރެން ކައިރީގައި ހުރީ ޒަކީއެވެ. ބޮލުގެ އިސްތަށިކޮޅު މަދު، މެދުއުމުރުގެ، ހިމަތޮޅި މީހެކެވެ. އޭނަގެ ހިނގުން ބާރުކޮށްލިއެވެ. އަހަންނަށް ކަށަވަރެވެ. އެ އަށް ވުރެ ބާރަކަށް އޭނައަކަށް ނުހިނގޭނެއެވެ.

“ދޮންކަލޯ ބާރަށް ހިނގާ!” މާނޭވައިލަމުން އޭނަ އެދުނެވެ. “އިރުއޮއްސެނީ އިރުއޮއްސެނީ!”

އަހަރެންގެ ނަމަކީ ނަސީރެވެ. އަހަރެންގެ އުމުރުން ނަވާރަ އަހަރެވެ. އަހަރެންގެ ހޮބީއަކީ އިނގިރޭސި ވާހަކަ ކިޔުމާއި އިނގިރޭސި ލަވަ އަޑުއެހުމެވެ. މާލެއަށް ގެންނަ ހުރިހައި މޮޅެތި އިނގިރޭސި ފިލްމެއް އަހަރެން ބަލަމެވެ. އަހަރެން އެންމެ ގަޔާވަނީ ބިރުވެރި ފިލްމާއި ސައިންސްފިކްޝަން ފިލްމު ބެލުމަށެވެ. އޭގައި ފެންނަ ކަންތައްތަކާއި ދޭހަވާ އެއްޗެހިތަކަށް އަހަރެން ވިސްނަމެވެ. ސުވާލު އުފައްދައި، ފޮތްތައް ކިޔައި، އިތުރަށް ދިރާސާކުރަމެވެ. އަބަދު ވެސް ހިތަށްއަރައެވެ. އެމެރިކާ އަށް އަހަރެން އުފަންވި ނަމައެވެ. ރަޝިޔާ އަށް އުފަންވި ނަމަވެސް ކީއްހެއްޔެވެ؟ އޭރުން އޭލިޔަންއަކާ ދިމާވުމުގެ ހަނި ފުރުސަތެއް ނަމަވެސް ލިބުނީހެވެ. ޑައިނަސޯ ކަށިކޮޅެއް ނަމަވެސް ފެނުނީހެވެ. އަހަރެން އުފަންވީ ރާއްޖެއަށެވެ. މި ތަނުގައި އޮތީ ފޫޅުދިގުހަންޑި އާއި ސަފަރުކަތްދަގެ ފުލޯކު ވާހަކައެވެ. ހަންޑިގަނޑުވަރު ދޮންކަމަނަ އާއި ރަންނަމާރީގެ ބޯދާ ވާހަކައެވެ. ޖިންނިއެއް ނުވަތަ އަވައްޓެހި ކުއްޖެއް ފެންނާނެ ނަމައެވެ. އެ އެއްޗެހިތައް އުޅެނީ ކޮން ތާކުހެއްޔެވެ؟

މާލެއަށް އެންމެ ފުރަތަމަ ކޮންޕިއުޓަރު ގެނައި ދުވަސްވަރު އަހަންނަށް ވެސް ކޮންޕިއުޓަރެއް ލިބުނެވެ. ކޮންޕިއުޓަރާ ކުޅެން ވަރަށް ރަނގަޅަށް އަހަރެން ދަސްކުރީމެވެ. އެހެން މީހުންނަށް ދަސްކޮށްދޭން ވެސް ފެށީމެވެ. ރަށްރަށަށް ކޮންޕިއުޓަރު ގެންނަން ފެށުމުން، ދަސްކޮށްދޭން އެ ރަށްރަށަށް ވެސް ދާން ފެށީމެވެ. އަހަރެންގެ އޮތީ އެންމެ މަގުސަދެކެވެ. ކޮންމެވެސް “އެއްޗެއް” ފެނުމެވެ. ދުވަހެއްގެ އިރުއޮއްސެން ކައިރިވަމުން އައި އިރު އަހަންނަށް ހިނގާފައި ދެވުނު ރަށަކީ ވެސް، ކޯހެއްގައި ކިޔަވައިދޭން އަހަރެން އައި ރަށެކެވެ. ކައިރީގައި ހުރި ޒަކީއަކީ، އެ ރަށުގައި ކޮންޕިއުޓަރު ކޯސް އިންތިޒާމުކުރާ މީހާއެވެ.

ދުވަސްވަރަކީ، ނުވަދިހައިގެ ކުރީކޮޅެވެ. އެ ދުވަސްވަރު ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދެނީ ދަންވަރު ބާރަ ޖަހަންދެނެވެ. އޭގެ ފަހުން މުޅި ރަށް އަނދިރިވެއެވެ. ކިރިޔާ ވެސް އަލިކަމެއް ހުންނަނީ ފުޅިބައްތި ނުވަތަ ބިގަރު ދިއްލާފައި ހުންނަ ގޭގެ އާއި ޖަނަރޭޓަރު ހުންނަ މަދު ގެއެއްގައެވެ. އަހަންނަށް ދެވުނީ އިރުއޮއްސެން ކައިރި ވެފައި ހުއްޓައެވެ. ހަނދާންވާ ގޮތުގައި، އޭރު ހައެއް ޖަހައި ކުޑަ އިރުކޮޅެއް ތެރޭގައި އިރުއޮއްސެއެވެ. ރަށަށް ފޭބި ގޮތަށް ޒަކީ ބޭނުންވީ އަތޮޅުގެއަށް ދާށެވެ. އަހަރެން ހުންނަން ހަމަޖެހިފައި އޮތީ އެ ތަނުގައެވެ. އަތޮޅުގެ ހުންނަނީ، ރަށުގެ ސީދަލަށް، ކޮޅުންކޮޅަށް އޮންނަ ދިގުމަގުން ދާ އިރު މަގުގެ ކޮޅުގައެވެ.

“ބާރަށް ބާރަށް!” ކުޑަކޮށް ނުތަނަވަސް ވެފައި ހުރެ އަނެއްކާ ވެސް ޒަކީ ބުންޏެވެ. “ހައެއް ޖަހަނީ.”

“ހައެއްޖެހީމަ ކޮން ކަމެއް ވަނީތަ؟” އަހަރެން އެހީމެވެ.

“މާ ވާހަކަ ގިނަ ނުކުރޭ!” ފިޔަވަޅު އަވަސްވެފައިވާ ޒަކީ ބުންޏެވެ. “މިހާރު ހައެއްގެ ފަހުން މީހުން ވަރަށް ރަށުތެރޭގަ ނޫޅޭނެ. ހިނގާބަލަ ކުޑަކޮށް ދުވެލަމާ ދޯ؟”

“ކީއްކުރަން ދުވަ..” އަހަރެން އެ ހިސާބަށް ބުނެވުނު ތަނާ ޒަކީ ދުއްވައިގެންފިއެވެ.

އަހަންނަށް ވެސް މަޖުބޫރުވީ ދުވާށެވެ. ދުއްވައިގަތީމެވެ. އަހަރެން ހިތަށް އެރިއެވެ. ތަންކޮޅެއް އަވަހަށް ރަށުން ކަރަންޓު ކަނޑައިލަނީއެވެ. އެ ގަޑިއަށް މީހުން ގޭގެ އަށް ވަންނަނީއެވެ. އެކަމަކު ރަށްފުށުގެ އާދަކާދަ އޮންނަ ގޮތުން އަނދިރިއަކީ ބިރެއް ނޫނެވެ.

“އޭ މަޑުކޮށްބަލަ!” އަހަރެން ގޮވީމެވެ.

ޒަކީ މަޑެއް ނުކުރިއެވެ. އޭނަ ފަހަތުން އަހަރެން ވެސް ގޮސް އަތޮޅުގެ އަށް ވަނީމެވެ. މާނޭވާލާން އިރުކޮޅެއް ވަންދެން ދެ މީހުން ގުދަށް އޮތީމެވެ.

“ވެގެން އުޅޭ.. ގޮތް.. އަހަންނަށް ބުނެދީފާނަންތަ؟” އަހަރެން އެދުނީމެވެ.

“މާ ވާހަކަ ގިނަ ނުކުރޭ!” އަނެއްކާވެސް ޒަކީ ބުނީ އެހެންނެވެ.

އަތޮޅުގޭގައި އެ ވަގުތު އުޅުނީ ތަން ސާފުކުރުމާއި ކެއްކުމުގެ ކަންތަކުގައި އުޅުނު ދެ މީހެކެވެ. ޒަކީ ވެސް މާ ގިނަ އިރު މަޑުކުރާކަށް ގަސްތެއް ނުކުރިއެވެ. އޭނަ އުޅުނީ ލައިނުގަނެގެން އުޅޭ ކަހަލަ ގޮތަކަށެވެ. ވާހަކަ ދެއްކި އިރު އަހަރެންގެ މޫނަށް ވުރެ ގިނަ ވަގުތު އޭނަ ބެލީ އަތުގައި އޮތް ގަޑިއަށެވެ. ކުލާހުގައި ބައިވެރިވާ ކުދިންނާއި ކުލާސް އޮންނާނެ ތަނުގެ ވާހަކަ ދައްކައިލައިފައި، އަވަސްއަވަހަށް އޭނަ ދިޔައީއެވެ. އަހަރެން ދައްކަން ބޭނުންވި އިތުރު ވާހަކަ ހުއްޓެވެ.

“ދެން ހަމަޖެހިލައިގެން ނިދާލާ..” ސޯފާ އިން ތެދުވެގެން ދަމުން ޒަކީ ބުންޏެވެ. “މާދަމާ ހެނދުނު އަންނާނަން.”

ރޭގަނޑު ހަތެއް ޖެހި އިރު ކާން ހަދައިފިއެވެ. ހިތަށް އެރިއެވެ. ހާދަހާ އަވަހަށް ކާ ބައެކެވެ. ކާން ހެދީ މެދުއުމުރުގެ އަންހެނެކެވެ. އޭނަ ވެސް އުޅުނީ ލައިނުގަނެގެންނެވެ. އަހަރެން ކޭ އިރު އޭނަ ހުރީ ކައިރީގައި ވިއްދައިފައެވެ.

“އަދި އެހެން ކަމެއް އޮތީތަ؟” އަހަރެން އެހީމެވެ.

އޭނަ ޖަވާބެއް ނުދިނެވެ. ނިމޭ ވަރަކަށް ތަށިތައް ނަގަމުން ގޮސް އަހަރެން ފެންތަށި ނެގި އިރު އެހެން ތަށްޓެއް ނެތެވެ. ހިތަށް އެރިއެވެ. ހަމަޖެހިލައިގެން ނިދާށޭ ޒާހިރު ބުންޏަސް ހަމަޖެހޭނީ ކިހިނެއް ހެއްޔެވެ.

ކައިގެން ރަށުތެރޭގައި ހިނގައިލަން އަހަރެން ބޭނުންވިއެވެ. އަހަރެންގެ އުމުރަކީ ނަވާރަ އަހަރެވެ. އޮއްސޭ އިރާ އެއްކޮށް ނިދުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އެކަމަކު ނުކުންނަން ބޭރު ދޮރުގައި ހިފައިލި އިރު ދޮރު ހުރީ ތަޅުލައިފައެވެ. ތަޅުދަނޑި ވީ ތަނެއް އަހަންނަކަށް ނޭނގެއެވެ. ތަޅުދަނޑި ކޮބައިތޯ އަހާލާނެ މީހަކުވެސް އަތޮޅުގެ ތެރެއިނެއް ނުފެނުނެވެ.

މިވަނީ ކިހިނެއެތޯ ވިސްނަމުން އަހަރެން ކުޓަރިއަށް ވަދެ އެނދުގައި އޮށޯވެލީމެވެ. ނިދިދާލަން ކަމަށެވެ، އެދުގައި ލޯމަރާލައި ގެން އޮންނަތާ ފަނަރަ ވަރަކަށް މިނެޓުވީއެވެ. ނިންޖެއް ނައެވެ. މާލެއިން އަހަރެން އަންނަމުން ގެނައި ވާހަކަ ފޮތެއް ދަބަހުން ނަގައިގެން އައިސް އެނދުގައި އޮށޯތީމެވެ. އެއީ ބޮޑު ބައި ކިޔާފައިވާ ބިރުވެރި ވާހަކައެކެވެ. ނިދަމުން ބިރުވެރި ވާހަކަކިޔުމަކީ އަހަރެންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. އެ ކަން ކުރަނީ ބިރުވެރި ހުވަފެން ފެނޭތޯއެވެ. ހާލަކުން ފަހަރަކު ނޫނީ ބިރުވެރި ހުވަފެނެއް އަހަންނަކަށް ނުފެނެއެވެ. ގިނައިން ފެންނާނީ، ތާކުންތާކު ނުޖެހޭ ހެއްވާ ހުވަފެނެވެ. އެންމެ އާންމު ހުވަފެނަކީ، ބޮޑު ކަސްޓަޑު ބާލިދީއެއްގައި އަހަރެން ފަތާ ތަނެވެ. އެއީ ކީއްވެގެން ފެންނަ ހުވަފެނެއް ކަމެއް ނޭނގެއެވެ. ކަސްޓަޑަކީ އަހަންނަށް މީރު އެއްޗެއް ވެސް ނޫނެވެ. ވާހަކަ ކިޔަން އޮއްވާ އަހަންނަށް ނިދުނެވެ. ދަރުރެއްކޮއްފައި އައުމުން އެވަރުބަލިކަންމަތީ އަހަންނަށް ނިދުނުގޮތް ވެސް ނޭގުނެވެ.

ހެނދުނުހެނދުނާ ހޭލެވުނެވެ. ވާހަކަ ފޮތް އޮތީ ގައިދަށު ވެފައެވެ. ފޮތުގެ ކަން ފިތިފައި އޮތް ގޮތަކުން ބުރަކަށީގެ ތަންކޮޅެއްގައި ރިއްސިއެވެ. އެކަމަކު، ހާލާއި ކާޅު ގޮވާ އަޑުއިވުމުން ތަދުގެ އިހުސާސް ކުރެވުނީ ވަރަށް ކުޑަކޮށެވެ. ސައިބޯން ހުރީ ރޮށްޓާއި ބަރަބޯ މަސްހުންޏެވެ. ދެބަނޑަށް ސައިބޮއިގެން، ކުލާސް ބާއްވާ ތަނަށް ގޮސް، ތަން ހަމަޖައްސައިލީމެވެ. ކުލާސް ގެންދާނެ ގޮތް ބޮލުގައި ރާވައިލީމެވެ. ފަސް މީހުން ބައިވެރިވިއެވެ. ހުރީ އެންމެ އާދައިގެ ދެ ކޮންޕިއުޓަރެވެ. ހަތަރު ގަޑިއިރަށް ދެމިގެންދިޔަ ފުރަތަމަ ކުލާސް ނިންމައިލި އިރު، ފަސް މީހުން ތިބީ ރައްޓެހިންނަށް ވެފައެވެ. އެ މީހުންގެ ސުވާލުތައް ހުހެއް ނުވެއެވެ. ޝައުގުވެރިކަން ވަރަށް ބޮޑެވެ. އެހެނަސް، ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުން، ކުލާހުގެ ގަޑި ދަންމާލެވޭކަށް އެކަކަށް ވެސް ނެތެވެ.

“ވާހަކަ ދައްކާލަން ރޭގަނޑު ގެއަށް ޖައްސާލަބަލަ!” އަހަރެން އެދުނީމެވެ. “ކޮންޕިއުޓަރު ނެތަސް ސުވާލުކޮށް، ވާހަކަ ދައްކައިލާ ހެދޭނެއްނު!”

އެކަކު އަނެކަކަށް ބަލައިލި ގޮތުން، އެ ހިޔާލު ކަމުނުދިޔަކަން އަހަންނަށް ވިސްނުނެވެ. ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަރެން ބޭނުމެވެ. ނާހައި މަޑުކޮށްލީއެވެ.

އަހަރެން ހުރި ގެއަކީ ވަރަށް ތަނަވަސް ގެއެކެވެ. ގޯތީގެ ހުސްތަން ވަރަށް ބޮޑެވެ. އެކި ފާޑުފާޑުގެ ގަސްތައް އޮތެވެ. ގަސްތަކު ތެރޭގައި ބޮޑު އުނދޯއްޔެއް ހުރެއެވެ. އިށީންނާނެ ތަންތަން ވެސް ކައިރީގައި ހުރެއެވެ. ރޭގަނޑު ކައި ނިމުނުތަނައި ދެ މީހުން އައެވެ. އެއީ ވަސީމު އާއި ރުޝްދީއެވެ. އަނެއް ތިން މީހުންނަކަށް ނާދެވުނެވެ.

“އެ މީހުންނަށް މާ ބޮޑު ކަމެއް ޖެހުނީތާ!” އަހަރެން ބުނީމެވެ.

އެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ދެ މީހުން ކުޑަކޮށް ވިސްނައިލިއެވެ. އެކަކުއަނެކަކަށް ނިތް އެއްލިއެވެ. ހީވަނީ ކޮންމެ މީހަކު ވެސް ޖަވާބުދޭން އަނެކަކާ ހަވާލުކުރާހެންނެވެ.

“މީ… އަސްލު ވަރަށް ނުބައި ދުވަސްކޮޅަކަށް ތި އާދެވުނީ.” ވަސީމު ބުންޏެވެ.

“ކީއްވެ ތިހެން ތި ބުނީ؟” އަހަރެން އެހީމެވެ.

“ނޭނގޭތަ؟” ހައިރާންވެފައި ރުޝްދީ އެހިއެވެ.

“ކޮން ކަމެއް؟” އަހަރެން ސުވާލުކުރީމެވެ.

“މި ރަށަށް ގަބުރެއް ލެއްގި ވާހަކައެއް ނާހަންތަ؟” ވަސީމު ބުނެލިއެވެ. “ނޫހުގައި ވެސް އޮތެއްނު!”

އަހަރެން އެ ކަމެއް ނުދެނަ ހުރީމެވެ. ބިރު ގަތުމުގެ ބަދަލުގައި އަހަރެންގެ ހިތުގައި އުފެދުނީ ޝައުގުވެރިކަމެކެވެ.

“ކާކު އެއީ؟” އަހަރެން ސުވާލުތައް އޮއްސައިލީމެވެ. “ކޮން ރަށެއްގެ މީހެއް؟ އަންހެނެއް؟ ފިރިހެނެއް؟”

“ނޭނގެ!” ރުޝްދީ ބުންޏެވެ. “ވަރަށް ބޮޑަށް ހަލާކުވެފަ އޮތީ. ރަށު އެންމެން އެ ތަނަށް އެއްވި. ފުލުހުންނަށް ގުޅައިގެން، މޫސުން ސަކަރާތްކަމުން، ދެ ދުވަސް ފަހުން އެ މީހުންނަށް އާދެވުނީ. ޕޮލިހުން ބުނީ ބޭރު މީހަކާއޭ ވައްތަރީ. އެ ވެސް ޔަގީނެއް ނޫން. އަންހެން ފިރިހެން ވަކިވާ ވަރެއް ނޫން. މާ ބޮޑަށް ހަލާކުވެފައި އޮތީ. ޕޮލިހުން ބަލާ ނިންމާފަ ބުނީ ވަޅުލާށޭ! ދެން މިސްކިތުގެ ގަބުރުސްތާނުގަ ގަބުރު ވަޅުލީ.”

އެ ހިސާބަށް ވާހަކަ ދިޔައިރު އެއްވެސް މައްސަލައެއް ނެތެވެ. ރުޝްދީ ބުނި ގޮތުގައި، މައްސަލަ ފެށުނީ އެ ރެޔެވެ. އެ ރޭ ފަތިސްނަމާދަށް މިސްކިތަށް ދިޔަ މީހަކު، ބޮޑުމަގުން ދަނިކޮށް، މަގުކޮޅުން ބޮޑު އަލިގުޅައެއް ފެނުނީއެވެ. އެ މީހަކީ، ރަށުގެ މީހުން އިތުބާރުކުރާ، ގަދަރުވެރި މީހެކެވެ. އޭނަ ބުނި ގޮތުގައި، އަލިގުޅަ މަގު މެދުން ޒޫން ކަނޑާފައި އައީ އޭނަޔާ ދިމާއަށެވެ. ޒާތެއްގެ ތޫލި އަޑެއް ވެސް އިވުނެވެ. އޭނަ އަނެއް ކޮޅަށް ދުއްވައިގަތީއެވެ. އަލިގުޅަ އައި ގޮތަށް އައިސް އޭނަގެ ބޯމަތިން މައްޗަށް އަރައިގެން ދިޔައީއެވެ. އެ ވާހަކަ އަޑުއަހައި، ރަށުގެ ވަރަށް ގިނަ ބަޔަކު އެ ކަމާ ބިރުން އުޅުނެވެ. އެއަށް ވުރެ ވެސް ބިރުވެރިކަމަކާ ދިމާވީ ޖެހިގެން އައި ރެޔެވެ.

(ނުނިމޭ) . . . .

ދެވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ . . . . . .

ފޮނަދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ދަނބިދޫއިން ތަފާތު ދައްކައިފި

ގޯލްޑަން ފުޓްސެލް މުބާރާތުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި ލ. ފޮނަދޫ އާއި ލ. ދަނބިދޫ ބައްދަލުކުރި މެޗު 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދަނބިދޫ ކާމިޔާބުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސެލް ދަނޑުގައި ކުޅެވުނު މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ދަނބިދޫއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެޓީމުގެ އަހްމަދު ރުވާއު ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދީފައެވެ. އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުހައްމަދު މަފާޒް ވަނީ ދަނބިދޫއަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

ދެ ލަނޑުގެ ލީޑެއްގައި ދަނބިދޫ އޮއްވައި، ފޮނަދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް އެނބުރި އައުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ފޮނަދޫގެ އަހްމަދު އަލްތޯފް އަޒީމަށް ލިބުނު ހުސް ފުރުސަތެއްގެ ބޭނުން ހިފައި އޭނާ ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އަހްމަދު އަމަން އަލީ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-2 އިން އެއްވަރުކޮށްފައެވެ. ފޮނަދޫއަށް އުންމީދު އާވެފައި ވަނިކޮށް ދަނބިދޫގެ އަހްމަދު ރުވާއު ވަނީ އަނެއްކާވެސް ގޯލެއް ޖަހައި ދަނބިދޫއަށް ލީޑު ހޯދައިދީފައެވެ.

މެޗުގެ ދެވަނަ ހާފު ފެށުމާއެކު ދަނބިދޫ ޓީމު ފެނުނީ މާ ވަރުގަދަކޮށެވެ. އެގޮތުން އެޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނަދޫގެ ގޯލަށް އަމާޒުކޮށްފައެވެ. މި ހާފުގައި ދަނބިދޫގެ އަލީ އިރުފާދު ފޮނުވާލި ބާރު ހަމަލާއަކާއެކު އޭނާ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.

ދަނބިދޫގެ ކުޅުން އިތުރަށް ވަރުގަދަވެގެން ދިޔައީ އަހްމަދު ރުވާއުއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. އޭނާ ވަނީ ވަރަށް ބާރުގަދަ ހަމަލާއަކުން ގޯލެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ ފަހުން އަލީ އިރުފާދު ވަނީ އިތުރު ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. މެޗުގެ ފަހު ލަނޑު ޖަހައި ދަނބިދޫއަށް ބޮޑު މޮޅެއް ކަށަވަރުކޮށްދިނީ އަހްމަދު އަސީލެވެ.

މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަނބިދޫ ޓީމުގެ އަހްމަދު ރުވާއުއެވެ. މި މޮޅާއެކު ދަނބިދޫއިން ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު ފިޔަވަޅެއް އަޅާފައެވެ.

ފަހު ވަގުތު ޖެހި ލަނޑުން ކަލައިދޫ ބަލިކޮށް މާވަށް މޮޅުވެއްޖެ

ހުޅުމާލޭގައި މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސެލް ޗެލެންޖުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ލ. ކަލައިދޫގެ މައްޗަށް ކުރިހޯދައި ލ. މާވަށް މޮޅުވެއްޖެއެވެ.

ލ. އަތޮޅުގެ މި ދެ ޓީމު ބައްދަލުކުރި ފޯރިގަދަ މެޗު މާވަށުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެކެވެ. ދެ ޓީމުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ބޮޑުބައި ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން އޮވެއެވެ.

މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ މެޗު ނިމެން އެންމެ 10 ސިކުންތަށް ވެފައި ވަނިކޮށް ލިބުނު ރަނގަޅު ފުރުސަތެއްގައެވެ. މާވަށު ޓީމުގެ މުހައްމަދު ފާރިޝް ހަސަން ވަނީ މި ފުރުސަތުގެ ބޭނުން ހިފާ، ކަލައިދޫގެ ގޯލު ފޫއަޅުވާލައި މާވަށަށް މެޗުގެ ސުން ކަނޑުވައިދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާވަށު ޓީމަށް މޮޅުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިން މުހައްމަދު ފާރިޝް ހަސަންއެވެ. މިއީ މާވަށު ޓީމަށް މުބާރާތުގައި ލިބުނު މުހިންމު މޮޅެކެވެ.

މުންޑޫ ބަލިކޮށް ކުނަހަންދޫއިން މުހިންމު މޮޅެއް ހޯދައިފި

ގޯލްޑަން ފުޓްސެލް ޗެލެންޖް 2025 ގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި ލ. މުންޑޫއާއި ލ. ކުނަހަންދޫ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކުނަހަންދޫ ކާމިޔާބުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު ކުނަހަންދޫއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު އެޓީމުގެ ޝަހީމް އަބްދުލް ގާދިރު ވަނީ ލަނޑެއް ޖަހައި ކުނަހަންދޫއަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށްފަހު ވެސް ކުނަހަންދޫއިން ދިޔައީ މުންޑޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ފުރަތަމަ ގޯލް ޖެހިތާ މާގިނަ އިރުތަކެއް ނުވެ، ކޯނަރަކުން ލިބުނު ފުރުސަތެއްގެ ބޭނުންހިފާ ޝަހީމް ވަނީ އިތުރު ލަނޑެއް ޖަހައި ކުނަހަންދޫގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން މުންޑޫއިން ކުޅުން ރަނގަޅުކުރަން މަސައްކަތް ކުރި ނަމަވެސް، ކުނަހަންދޫއިން ވަނީ އެޓީމަށް ލިބުނު ހުސް ފުރުސަތެއްގައި އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު އަޙަނަފްއެވެ. މި ލަނޑާއެކު މެޗުގެ ކޮންޓްރޯލް އެއްކޮށް ކުނަހަންދޫއަށް ލިބިގެންދިޔައެވެ.

މުންޑޫއަށް މެޗުގައި ޖެހުނު ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ. މުންޑޫގެ ކުޅުންތެރިއަކު ކުނަހަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، މުންޑޫގެ އިބްރާހިމް ނަޒީލް ވަނީ ކާމިޔާބުކޮށްފައެވެ. ނަޒީލް މި ލަނޑު ޖެހުމާއެކު ރެފްރީ ވަނީ މެޗު ނިމުނުކަމުގެ ފަހު ކަަށިގަނޑު ފުމެފައެވެ.

މި މެޗްގެ މޮޅުކުޅުންތެރިޔާއަށް ހިފިފައިވަނީ ލ. ކުނަހަންދޫ ޓީމުގެ އަޙްމަދު ނާޒިލްއެވެ.

މި މޮޅާއެކު ކުނަހަންދޫއަށް މުބާރާތުގައި ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބިގެންދިޔައިރު، މުންޑޫއަށް ޖެހޭނީ ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ރަނގަޅު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާށެވެ. ގޯލްޑަން ފުޓްސެލް ޗެލެންޖަކީ ރާއްޖޭގެ ރަށްތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް ފުޓްސެލް މުބާރާތެވެ.