ލ. ގަން ބަލިކޮށް ލ. އިސްދޫއިން ވަރުގަދަ މޮޅެއް ހޯދައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފޯރިގަދަ ގޯލްޑަން ފުޓްސެލް ޗެލެންޖުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުން ލ. ގަން ބަލިކޮށް ލ. އިސްދޫއިން މުހިންމު މޮޅެއް ހޯދައިފިއެވެ. ލާމު އަތޮޅުގެ ގަދަ ދެ ބާރުގެ މެދުގައި ކުޅެވުނު މި މެޗު އިސްދޫއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ލ. ގަމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާމިސްއެވެ. ނަމަވެސް، ގަމުން ލީޑު ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް، އިސްދޫ ޓީމުގެ ކެޕްޓަން އަލީ ހުމޭޒް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ދެ ޓީމުންވެސް ވަރަށް ވާދަވެރި އަދި ވަރުގަދަ ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗު ނިމެން ގާތްވެފައި ވަނިކޮށް އިސްދޫއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ ހުސެއިން އަފްހާންއެވެ. އިސްދޫއިން މެޗުގެ ކޮންޓްރޯލް ނަގައި، އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލީ މީސާގު އީސާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު، މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ ‘މޭން އޮފް ދަ މެޗް’ ގެ މަގާމު ހޯދީ އިސްދޫ ޓީމުގެ އަލީ މީސާގު އީސައެވެ.

ލ. އިސްދޫއަކީ އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސެލް މުބާރާތުގެ ލާމު އަތޮޅު ޗެމްޕިއަން ޓީމެވެ. އަދި ލ. ގަމަކީވެސް މީގެ ކުރިން މި މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ހޯދާފައިވާ، ފުޓްސެލްގައި ކާމިޔާބު ޓީމެއްކަން ފާހަގަކޮށްލެވެއެވެ. މި މޮޅާއެކު އިސްދޫއިން ވަނީ މުބާރާތުގައި އެ ޓީމުގެ ބާރުގަދަކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ.

މާލޭގައި އިމާރާތް ކުރަމުން އަންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގައި އިމާރާތް ކުރަމުން އަންނަ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ ގަލޮޅު ސައިރިކްސް ކޮލެޖު ކައިރީ ހުރި، އިމާރާތް ކުރަމުން އަންނަ ގެއެއްގައި ކަމަށެވެ.

ސިފައިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ 23:22 ހާއިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ފަޔާފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާންގަނޑު 23:56 ހާއިރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

ފޮޓޯ: އެމް.އެން.ޑީ.އެފް

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ސިފައިން ބުންޏެވެ.

މާލޭގައި ބޭނުންނުކޮށް ހުންނަ އިމާރާތްތަކަށް މީހުން ވަދެ އުޅުމުގެ ތެރޭގައި، ކުނީގައި ރޯވެގެން ގިނަ އަދަދަކަށް އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އާންމުކޮށް އެފަދަ އަލިފާންގަނޑުތައް އަވަހަށް ކޮންޓްރޯލް ކުރެވޭ ނަމަވެސް، ބައެއް ފަހަރު އަލިފާންގަނޑު ފެތުރި، ކައިރީ ހުރި ގެތަކަށް ވެސް ގެއްލުންވެފައި އެބަހުއްޓެވެ.

 

ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެއްކޮށްލުމަކީ ބޮޑު ގޯހެއް: ޔާމީން

ގައުމީ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވެފައި މިވަނީ ދެ އިންތިހާބު އެއްކޮށްލުމަށާއި އެކަމަށް ދައުރު ފެއްތުމުގެ ގޮތުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަކީ މުޅިން ވަކިކުރެވިފައިވާ އަދި މުޅިން ދެ މަސައްކަތެއް ކުރާ ދެ ބާރެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މައިގަނޑު މަސައްކަތަކީ ސަރުކާރު ހިންގުން ކަމަށްވާއިރު މަޖިލީހުގެ މައިގަނޑު މަސައްކަތަކީ ގާނޫނުތައް ހެދުމާއެކު ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށްވާތީ މި ދެ ބާރުގެ އިންތިހާބުގައި އެކުގައި ބާއްވަންޖެހޭ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ބޮޑު ދެ އިންތިހާބުކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނާ ކަމަށެވެ. އެކަމަކު އެ ބަދަލާ އެކު ރައްޔިތުންނަށް ލިބިގެންވާ ހައްގެއް އަދި ބޮޑު މަސްލަހަތެއް ގެއްލިގެންދާ ކަމަށެވެ.

މީގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެ އިންތިހާބު އެއްކޮށްލައި، އެކީގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ނަަމަވެސް، ނަޝީދު ވެސް ނިސްބަތްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، ސަރުކާރުން ގެންނަ ބަދަލާ ގުޅޭ ގޮތުން ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅި މިންވަރު އިތުރުވެއްޖެ

މިދިޔަ އަހަރު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅި މިންވަރު އިތުރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންވަނީ މިއަދު މިދިޔަ އަހަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން 2024 ވަނަ އަހަރު ހުށަހަޅާފައިވާ ގެވެށި އަނިޔާތަކުގެ މައްސަލަތަކާ އަޅާބަލާއިރު މިދިޔަ އަހަރު ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތައްވަނީ 18 ޕަސަންޓަށް އިތުރުވެފައެވެ.

އެގޮތުން 2024 ވަނަ އަހަރު ގެވެށި އަނިޔާގެ 255 މައްސަލައެއް ހުށަހެޅިއިރު މިދިޔަ އަހަރުވަނީ 301 މައްސަލައެއް ހުށަހަޅައިފައެވެ. ތަފާސްހިސާބުގައިވާ ގޮތުން ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރި މިންވަރު ވަނީ 45 ޕަސަންޓަށް އިތުރުވެފައެވެ.

ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރު ފުލުހަށް ހުށަހެޅުނު ޖިންސީ ކުށުގެ މައްސަލަތައްވަނީ 18 ޕަސަންޓަށް ދަށްވެފައެވެ.

މީގެ އިތުރުން ތަފާސްހިސާބުގައިވާ ގޮތުން 2024 ވަނަ އަހަރު ވައްކަމުގެ 3،700 މައްސަލައެއް ހުށަހެޅިއިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 3،400 މައްސަލައެވެ. ތަފާސްހިސާބުގައި ފާހަގަކޮށްފައިވާ ގޮތުން އެއީ އަށް ޕަސަންޓުގެ ދަށްވުމެކެވެ. ފޭރުމުގެ 506 މައްސަލައެއް 2024 ވަނަ އަހަރު ހުށަހެޅިއިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 231 މައްސަލައެކެވެ.

މިދިޔަ އަހަރު އެކްސިޑެންޓުގެ މައްސަލަތައް 2024 ވަނަ އަހަރާ ބަލާއިރު އިތުރުވެފައިވާކަމަށް ތަފާސްހިސާބުގައި ދައްކައެވެ. އެގޮތުން 2024 ވަނަ އަހަރު އެކްސިޑެންޓުގެ 2،800 މައްސަލައެއް ހުށަހެޅިއިރު މިދިޔަ އަހަރު އެ އަދަދުވަނީ 3،000 އަށްވުރެ އިތުރުވެފައެވެ.

ތަފާސްހިސާބުގައިވާ ގޮތުން 2024 ވަނަ އަހަރު މަސްތުވާތަކެތީގެ 1،600 މައްސަލައެއް ހުށަހެޅިއިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 2،000 މައްސަލައެވެ.

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މަޢުލޫމާތު 16:24 އެހާކަންހާއިރު ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށާއި، އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރަ

މުން ދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައިސްގެ ދެ ގޯލާއެކު އާސެނަލްއިން ބޯނެމައުތު ބަލިކޮށް 6 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އިންގްލިޝް ޕްރިމިއަރ ލީގުގައި އޭއެފްސީ ބޯނެމައުތު ކޮޅަށް އާސެނަލްގެ ޑެކްލަން ރައިސް ކާމިޔާބުކުރި ދެ ގޯލާއެކު، 3-2އިން މެޗު ކާމިޔާބުކޮށް، އެ ޓީމުން ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބޯނެމައުތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ބޯނެމައުތުންނެވެ. މެޗުގެ 10ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު، ގެބްރިއަލް މަގަލޭސްއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެ ޓީމަށް ލީޑު ނަގައިދިނީ ފޯވާޑް އެވަނިލްސަންއެވެ. ނަމަވެސް އޭގެ 6 މިނެޓު ފަހުން ގެބްރިއަލް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ގޯލު ކާމިޔާބުކޮށް، އޭނާއަށް ހެދުނު ގޯސް ފޫބައްދައި ދީފައެވެ.

އާސެނަލްއިން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގައެވެ. އަނިޔާއިން ފަސޭހަވެގެން ކުޅެން ނިކުތް ޑެކްލަން ރައިސް 17 މިނެޓުގެ ތެރޭގައި ދެ ގޯލު ކާމިޔާބުކޮށް، އެ ޓީމަށް ހަމަޖެހިލެވޭނެ ވަގުތު ހޯދައިދިނެވެ. ނަމަވެސް ރައިސްގެ ދެވަނަ ގޯލަށްފަހު 5 މިނެޓު ކުޅެވުނު ފަހުން، ބޯނެމައުތުގެ 19 އަހަރުގެ ފޯވާޑް، އެލި ޖޫނިއަރ ކްރޫޕީ ވަނީ ގޯލެއް ކާމިޔާބުކޮށް އާސެނަލްގެ ލީޑު ހަނިކޮށްފައެވެ.

މި ނަތީޖާއާއެކު 20 މެޗުން އާސެނަލްއަށް 48 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި 42 ޕޮއިންޓާއެކު އޮތީ އެސްޓަން ވިލާއެވެ. އަދި މިރޭ މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން، އާސެނަލްގެ ލީޑު ހަނިވެގެންދާނެއެވެ. އެގޮތުން ސިޓީ މޮޅުވެއްޖެނަމަ، އެ ޓީމުން 44 ޕޮއިންޓު ހަމަކޮށް، އާސެނަލްއާ 4 ޕޮއިންޓު ކައިރިޔަށް ޖެހިލާނެއެވެ.

ޗެލްސީއިން މިރޭ ސިޓީއާ ދެކޮޅަށް ނިކުންނައިރު އެ ޓީމަށް ވަގުތީ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޯޗު މަރެސްކާ އޭނާގެ މަޤާމުން ވަކިކޮށްފައިވުމެވެ. އެ ޓީމުގެ ކޯޗެއްގެ ޒިންމާ ވަގުތީ ގޮތުން ނަގަމުން ދަނީ ކަލުމް މެކްފާރލޭންއެވެ.

ކާށިދޫ ބަލިކޮށް، އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ފެށުމުގެ ގޮތުން ކުޅުނު މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ކ. ކާށިދޫ ބަލިކޮށް، ބ. އޭދަފުށިން ޝީލްޑް އުފުލާލައިފިއެވެ.

މިރޭ ހުޅުމާލޭގެ ރެހެންދި ދަނޑުގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 އިން އެއްވަރުވެފައި އޮތް އިރު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޭދަފުށިން މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. ސީދާ ޕެނަލްޓީއަށް ނުކުތް އޭދަފުށީގެ ކީޕަރު މުހައްމަދު ޝާން ވަނީ ކާށިދޫގެ ތިން ޕެނަލްޓީއެއް މަތަކޮށްފައެވެ.

މެޗުގައި ދެޓީމަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާ އިރު، ދެޓީމުގެވެސް ކީޕަރުންގެ ކުޅުން ފާހަގަކޮށްލެވުނެވެ. އޭދަފުށީގެ ގޯލް ބަލަހައްޓަމުން ދިޔަ މުހައްމަދު ނާސިހުވެސް ރަނގަޅު ސޭވްތަކެއް މެޗުގައި ކޮށްފައިވާ އިރު، އަނެއްކޮޅުން ކާށިދޫގެ ކީޕަރު މުހައްމަދު ސަލީލްވެސް ވަނީ މޮޅަށް ކުޅެފައެވެ. ސަލީލަކީ މިދިޔަ އަހަރު ކާށިދޫން ޗެމްޕިއަންކަން ނެގި އިރު، އެ މުބާރާތުގެ ކިންގެވެ.

ކާށިދޫގެ އަބްދުﷲ ސުޒެއިރު، އިލްވާން މުހައްމަދު (އިއްލެ) އަދި އަހުމަދު މަޖީދު ޕެނަލްޓީގައި ފޮނުވާލި ބޯޅަތައް އޭދަފުށީގެ ކީޕަރު ޝާން މަތަކުރި އިރު، ކާށިދުއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަޖުލާން އަބްދުލް ހަންނާނެވެ.

އޭދަފުށިން ޕެނަލްޓީ ނާކާމިޔާބުވީ އަހުމަދު ފާތިން އަތުންނެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ، އިބްރާހިމް ޝަރީފް، އަލީ ނަސީމް (ދިއްލި) އަދި އުނައިޝް ޒުބެއިރު (އުނޭ) އެވެ.

މިރޭ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށިގެން ގޮސްފައިވާ އިރު، މިފަހަރުގެ މުބާރާތުގައި ވީޑިއޯ ސަޕޯޓް ބޭނުން ކުރަމުން ދެއެވެ. މިރޭގެ މެޗުގައިވެސް ރެފްރީ ވަނީ ވީޑިއޯ ސަޕޯޓް ބޭނުންކޮށްގެން ނިންމުމެއް ނިންމައިފައެވެ.

ޗެރިޓީ ޝީލްޑް މެޗުން ލިބުނު ފައިސާ މިފަހަރުވެސް ދީފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށެވެ. އޭދަފުއްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ތިންވަނަ ޓީމެވެ. މީގެ ކުރިން ލ. ގަމުން ދެފަހަރު ޝީލްޑް ކާމިޔާބު ކޮށްފައިވާ އިރު، ގާފަރުންވެސް ވަނީ ޝީލްޑް ހޯދައިފައެވެ.

މިދިޔަ އަހަރުގެ ޝީލްޑް މެޗުގައި ގަމުން ވަނީ އޭދަފުށި ބަލިކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖެ އަތޮޅު ބުރުގެ މެޗުތައް މާދަމާ ހަވީރު ފަށާނެއެވެ. އަދި މާދަމާ ރޭވެސް މެޗުތައް އޮންނާނެއެވެ.

އެވިޑު ކޮލެޖުން ގަވައިދާ ޚިލާފަށް ކޯސްތަކެއް ހިންގާތީ، ނަސޭހަތް ދީފި

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ އެކްރެޑިޓޭޝަން ގަވާއިދުތަކާ ޚިލާފަށް، ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭން ބޭރުގެ އެކި މަރުކަޒުތަކުގައި ޕްރޮގްރާމްތައް ހިންގައި ސަނަދު ދޫކުރަމުންދާތީ އެވިޑް ކޮލެޖަށް ނަސޭހަތްތެރިވެ އެކަން އާންމުކޮށް އަންގައިފިއެވެ.

 

އެމް.ކިއު.އޭ އިން ނެރުނު ރަސްމީ އިޢުލާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުން ސްރީލަންކާގެ އެމަޒޯން ކޮލެޖާއި އަލްޒެޓް ޔުނިވަރސިޓީގައި ޕްރޮގްރާމްތައް ހިންގައި ދަރިވަރުންނަށް ސަނަދު ދީފައިވާކަން އެކި ފަރާތްތަކުން ހުށަހެޅި މައުލޫމާތުން ކަށަވަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، އިތުރު ފަސް މަރުކަޒެއްގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ހިންގާނެކަމަށް ބުނެ އިޝްތިހާރު ކުރަމުންދާކަން ވެސް އެ އޮތޯރިޓީގެ ތަހުގީގަށް ވަނީ އެނގިފައެވެ.

ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓަރީނުކޮށް، އެވިޑް ކޮލެޖުން ހުއްދަޔާ ޚިލާފަށް ހިންގާ މި ޕްރޮގްރާމްތައް ހުއްޓާލުމަށް އެމް.ކިއު.އޭ އިން ތަކުރާރުކޮށް އެންގުމުންވެސް އެކަން އިސްލާހުކޮށްފައި ނުވާކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެމް.ކިއު.އޭ އިން ހާމަކުރި ގޮތުގައި، މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށް އޮންނަ ބައިނަލްއަޤްވާމީ އިތުބާރު ގެއްލި، ގައުމުތަކުގެ ގުޅުމަށް ބުރޫއަރައި، ރާއްޖޭގެ ސަނަދުތަކުގެ ފެންވަރާމެދު ސުވާލު އުފެދުމުގެ ފުރުޞަތު އެބައޮތެވެ. އަދި ބޭރުގެ ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ރާއްޖެއަށް ކިޔަވަން އަންނަ ދަރިވަރުން މަދުވެ، ރާއްޖޭގެ ތަޢުލީމީ މިންގަނޑުތަކަށް އޮންނަ ޔަޤީންކަން ކުޑަވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެވިޑް ކޮލެޖުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އެ ކޮލެޖަށް ނަސޭހަތްތެރިވެ މި ފިޔަވަޅު އަޅާފައިވަނީ ހުއްދަ ނުހޯދާ ބޭރުގައި ޕްރޮގްރާމްތައް ނުހިންގުމަށް ތަފާތު އެކި ފަހަރުމަތިން އެންގުމަށްފަހު ކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދެއެވެ.

 

ވުލްފް މޫން މިރޭ ރާއްޖެއަށް ފެންނާނެ! ބަލަން ދާނަންތަ?

މިރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަހަރުގެ ފުރަތަމަ ސުޕަމޫން ނުވަތަ “ވުލްފް މޫން” ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

ހަނދު ބިމާ އެންމެ ކައިރިވާ ވަގުތު ފުރިހަމަވުމުގެ ސަބަބުން ފެންނަ މި ސުޕަމޫން، އާދައިގެ ރޭރެއަށްވުރެ 14 އިންސައްތަ ބޮޑުކޮށް އަދި 30 އިންސައްތަ އިތުރަށް އަލިގަދަކޮށް ފެންނާނެއެވެ.

މި ހިތްގައިމު މަންޒަރު އެންމެ ފުރިހަމައަށް ފެންނަން ފަށާނީ މިރޭ 22:00 ހާއިރު ކަމަށްވާއިރު، މިއީ މިއަހަރު ފެންނާނެ މިފަދަ ހަތަރު ހަނދުގެ ތެރެއިން ފުރަތަމަ ފަހަރެވެ.

މި ހަނދުގެ ސަބަބުން ކަނޑުގެ ދިޔަވަރަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވީ ނަމަވެސް، މީގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރެއް ނެތް ކަމަށް މާހިރުން ޔަގީންކަން ދެއްވައެވެ.

މިއީ ކައުނުގެ ފުރިހަމަކަން ދައްކުވައިދޭ ރީތި މަންޒަރަކަށް ވުމާއެކު، ގިނަ ބަޔަކު މި ހަނދު ބަލާލުމަށް މިހާރުވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.

ރޭގަނޑު ނުނިދެނީތަ؟ މިކަންތައްތައް ކޮށްލާ!

ނިންޖަކީ އިންސާނާގެ ދިރިއުޅުމަށް އެންމެ މުހިންމު އެއް ކަމެވެ. ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބިއްޖެނަމަ، ހަށިގަނޑުގެ ސިއްހަތަށާއި ނަފްސާނީ ހަމަޖެހުމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި، ފިކުރުބޮޑުވުމުގެ ސަބަބުން ރޭގަނޑު ނިދަން އުނދަގޫވުމަކީ ގިނަ ބަޔަކު ކުރިމަތިލާންޖެހޭ މައްސަލައެކެވެ. ނަމަވެސް، މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރެއެވެ.
ނިދަން އުނދަގޫވާނަމަ ނިދުމުގެ ކުރިން ހަމަޖެހޭ މާހައުލެއް ބިނާކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ނިދުމުގެ އެއް ގަޑިއެއް ނުވަތަ ދެ ގަޑިއެއްހާ ކުރިން، ހަމަޖެހޭ ކަންކަމަށް ވަގުތު ދޭށެވެ. މިސާލަކަށް، ހޫނު ފެނުން ފެންވެރުމާއި، ފޮތެއް ކިޔުން ނުވަނަ ދުޢާ ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ. މިއީ ހަށިގަނޑާއި ހިތް ނިދުމަށް ތައްޔާރުކޮށްދޭ ކަންކަމެވެ.

ނިދުމުގެ ކުރިން ނިދާ ކޮޓަރި ރަނގަޅު ކުރުމަކީވެސް މުހިންމު ކަމެކެވެ. ނިދާ ކޮޓަރިއަކީ އަނދިރި، އަދި ފިނި ތަނަކަށް ވާން ޖެހެއެވެ. އެހެންކަމުން ކޮޓަރިއަށް އަލި ނުވަންނަ ގޮތެއް ހަދައި، ކޮޓަރީގެ ފިނިހޫނުމިން އެންމެ އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި ހަމައެއާއެކު ނިދާ އެނދާއި ބާލިސްތަކަކީ ހަމަޖެހޭ ފަސޭހަ ތަކެތި ކަމަށް ވާންވާނެއެވެ.
މީގެ އިތުރުން ނިދަން އުނދަގޫވާނަމަ ކެއިން ބުއިމަށް ސަމާލުކަން ދިނުމަކީވެސް މުހިންމު ކަމެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ކެފެއިން ހުންނަ ބުއިންތައް ބުައިމާ ދުރުހެލިވާން ޖެހެއެވެ. މިތަކެތީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ނިދަން އުނދަގޫވެ، ނިދުމަށް ބުރޫ އަރައެވެ. އަދި ރޭގަނޑު ބަރު ކާނާ ނުވަތަ ގިނައިން ކެއުމުން ވެސް ނިދި އައުން ލަސްވެދާނެއެވެ. ނަމަވެސް ބަނޑުހައިވުމުގެ ސަބަބުން ނިދަން އުނދަގޫ ވާނަމަ، ލުއި ކެއުމެއް ކެވިދާނެއެވެ.

އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީ ރައީސް މަޑޫރޫ ހައްޔަރުކޮށްފި

އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޫ ހައްޔަރުކޮށްފިއެވެ.

ވެނެޒުއެލާއަށް ހަމަލާދޭން ފެށުމާއެކު އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ފިލައިގެން ގައުމު ދޫކުރަން މަސައްކަތް ކުރުމާއެކު އެމެރިކާގެ މިލިޓަރީގެ ޑެލްޓާ ފޯސް އިން ވަނީ އެ މީހުން ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެގައުމުގެ މިލިޓަރީ އިން ވެނެޒުއެލާއަށް ހަމަލާދިން ކަމަށާއި ރައީސް މަޑޫރޯވެސް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ މިލިޓަރީއިން މިއަދު ކުރިޔަށް ގެންދިޔަ ކުއްލި ހަމަލާތަކުގައި ވެނެޒުއެލާގެ މިލިޓަރީ ސައިޓުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާއިން ހަމަލާ ދިނުމާއެކު ވެނެޒުއެލާއިން ވަނީ ކުއްލި ހާލަތް އިއުލާންކޮށް އެމެރިކާއިން ދިން ހަމަލާ ކުއްވެރިކޮށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ވެނެޒުއެލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގެޒް ވަނީ އެގައުމުގެ ރައީސް މަޑޫރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޯރެސް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ކޮންތަނެއްގައި ކަމެއް އަދި ސާފުނުވާ ކަމަށް ވިދާޅުވެފައެވެ.

ވެނެޒުއެލާގެ މިލިޓަރީ އިން ވަނީ އެގައުމުގެ އެކި ކަންކޮޅުތަކަށް މިލިޓަރީގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން ވެނެޒުއެލާއަށް ހަމަލާދޭން ފަށާފައިވާއިރު އެގައުމުން ވަނީ ވެނެޒުއޭލާ ކަނޑުގެ ސަރަހައްދުގައި ޑްރަގާ ދެކޮޅަށް ކަމަށް ބުނެ އޮޕަރޭޝަނެއް ފަށައިފައެވެ.

ވެނެޒުއެލާގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ވަނީ ބައިނަލްއަގުވާމީ ޑްރަގުގެ ނެޓްވޯކުތައް ހިންގާކަމަށް ތުހުމަތުކޮށް އެކަމުގައި ފިޔަވަޅު އަޅަން ފަށައިފައެވެ. އަދި އެމެރިކާއިން މީގެ ކުރިން ވަނީ ވެެނެޒުއެލާގެ ރައީސް މަޑޫރޫ ހައްޔަރުކުރުމަށް މައުލޫމާތު ދޭ ފަރާތަކަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް ދިނުމަށް ނިންމައިފައެވެ.

ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްްޔަރު ކޮށްފި

މާލޭގައި ރޭގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ރޭ ހިނގި މާރާމާރީއާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ ހ. ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާފައިވާ ކަމަށާ މި މާރާމާރީގެ ރިޕޯޓް ފުލުހަށް ލިބުނީ ރޭގެ 11:23 ހާއިރު ކަމަށެވެ.

މާރާމާރީގެ އެ ރިޕޯޓާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ދެ މީހަކު ހައްޔަރު ކޮށްފަ އެވެ. އެއީ ދެ ބިދޭސީން ކަމަށް ބުންޏެވެ.

މާރާމާރީގެ އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ބިދޭސީންގެ ސަބަބުން އިޖްތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދެއެވެ.

ރޭގަނޑު ދަންވަރު މަގުތަކުގައި އުޅޭ ބިދޭސީންނާއި ސުވާލުކޮށް އެ މީހުންގެ ހަރަކާތްތައް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.