ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅެވުނު ފޯރިގަދަ މެޗުގައި ލ. މާވަށާއި ލ. މުންޑޫ ބައްދަލުކޮށް، 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ މޮޅުވެއްޖެއެވެ.
މި މެޗު ފެށިގެން މުންޑޫ ޓީމުން ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގެ ބޭނުން ހިފައި، ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސައިން ލަޔާންއެވެ. މި ލަނޑަށްފަހު މާގިނަ އިރުތަކެއް ނުވަނީސް، ލިބުނު ހުސް ފުރުސަތެއްގައި މުންޑޫގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ކެޕްޓަން ލަޔާންއެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް މުންޑޫއިން އުފެއްދި ހަލުވި ކައުންޓަރ އެޓޭކެއްގައި އިބްރާހިމް ދައިޝަމް ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފު ފެށުމާއެކު މާވަށު ޓީމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ބޮޑަށް ދިފާއީ ކުޅުމަކަށް ސަމާލުކަން ދީފައެވެ. ނަމަވެސް، މުންޑޫ ޓީމުން ދިޔައީ މާވަށުގެ ގޯލަށް ނުރައްކާކޮށް ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން މުންޑޫއިން އުފެއްދި ނުރައްކާތެރި ހަމަލާއެއްގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަމްދޫން އަހްމަދެވެ.
މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި މުންޑޫ ޓީމުގެ ކެޕްޓަން ހުސައިން ލަޔާން ވަނީ މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދާފައެވެ. މި މޮޅާއެކު މުންޑޫ ޓީމަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު