Advertisement

ދަޅަމަތި (1 ވަނަ ބައި)

މީހަކު ދުވެފައި އައިސް، އަހަރެން ކައިރީގައި ހުރި ގެއަކަށް ވަދެފައި ދޮރުލެއްޕިއެވެ. ތަންޑު އެޅި އަޑު ވެސް އިވުނެވެ. ފިހާރަތައް ހުރީ ލައްޕައި “ބަންދު” ބޯޑު އަޅުވައި، އެތެރެ ނިއްވައިލައިފައެވެ. ރޭޑިޔޯގެ އަޑުތައް ދިޔައީ ކެނޑެމުންނެވެ. މަންމައިން ނުކުމެ، މަގުމަތީގައި ކުޅެން ތިބި ކުޑަކުދިން ގޮވައިގެން ގެއަށް ވައްދާ ތަނާއި އަވީލާފައި ހުރި އެއްޗެހި އެތެރެއަށް ވައްދާ ތަނާއި ގޭގައި ނެތް ދަރިންނަށް އަޑުވީއްލައި ގޮވާ ހަދާތަން ފެނެއެވެ. އެ ހުރިހައި މަންޒަރެއް އަހަންނަށް ފެނުނެވެ. އަހަރެން ކައިރީގައި ހުރީ ޒަކީއެވެ. ބޮލުގެ އިސްތަށިކޮޅު މަދު، މެދުއުމުރުގެ، ހިމަތޮޅި މީހެކެވެ. އޭނަގެ ހިނގުން ބާރުކޮށްލިއެވެ. އަހަންނަށް ކަށަވަރެވެ. އެ އަށް ވުރެ ބާރަކަށް އޭނައަކަށް ނުހިނގޭނެއެވެ.

“ދޮންކަލޯ ބާރަށް ހިނގާ!” މާނޭވައިލަމުން އޭނަ އެދުނެވެ. “އިރުއޮއްސެނީ އިރުއޮއްސެނީ!”

Advertisement

އަހަރެންގެ ނަމަކީ ނަސީރެވެ. އަހަރެންގެ އުމުރުން ނަވާރަ އަހަރެވެ. އަހަރެންގެ ހޮބީއަކީ އިނގިރޭސި ވާހަކަ ކިޔުމާއި އިނގިރޭސި ލަވަ އަޑުއެހުމެވެ. މާލެއަށް ގެންނަ ހުރިހައި މޮޅެތި އިނގިރޭސި ފިލްމެއް އަހަރެން ބަލަމެވެ. އަހަރެން އެންމެ ގަޔާވަނީ ބިރުވެރި ފިލްމާއި ސައިންސްފިކްޝަން ފިލްމު ބެލުމަށެވެ. އޭގައި ފެންނަ ކަންތައްތަކާއި ދޭހަވާ އެއްޗެހިތަކަށް އަހަރެން ވިސްނަމެވެ. ސުވާލު އުފައްދައި، ފޮތްތައް ކިޔައި، އިތުރަށް ދިރާސާކުރަމެވެ. އަބަދު ވެސް ހިތަށްއަރައެވެ. އެމެރިކާ އަށް އަހަރެން އުފަންވި ނަމައެވެ. ރަޝިޔާ އަށް އުފަންވި ނަމަވެސް ކީއްހެއްޔެވެ؟ އޭރުން އޭލިޔަންއަކާ ދިމާވުމުގެ ހަނި ފުރުސަތެއް ނަމަވެސް ލިބުނީހެވެ. ޑައިނަސޯ ކަށިކޮޅެއް ނަމަވެސް ފެނުނީހެވެ. އަހަރެން އުފަންވީ ރާއްޖެއަށެވެ. މި ތަނުގައި އޮތީ ފޫޅުދިގުހަންޑި އާއި ސަފަރުކަތްދަގެ ފުލޯކު ވާހަކައެވެ. ހަންޑިގަނޑުވަރު ދޮންކަމަނަ އާއި ރަންނަމާރީގެ ބޯދާ ވާހަކައެވެ. ޖިންނިއެއް ނުވަތަ އަވައްޓެހި ކުއްޖެއް ފެންނާނެ ނަމައެވެ. އެ އެއްޗެހިތައް އުޅެނީ ކޮން ތާކުހެއްޔެވެ؟

މާލެއަށް އެންމެ ފުރަތަމަ ކޮންޕިއުޓަރު ގެނައި ދުވަސްވަރު އަހަންނަށް ވެސް ކޮންޕިއުޓަރެއް ލިބުނެވެ. ކޮންޕިއުޓަރާ ކުޅެން ވަރަށް ރަނގަޅަށް އަހަރެން ދަސްކުރީމެވެ. އެހެން މީހުންނަށް ދަސްކޮށްދޭން ވެސް ފެށީމެވެ. ރަށްރަށަށް ކޮންޕިއުޓަރު ގެންނަން ފެށުމުން، ދަސްކޮށްދޭން އެ ރަށްރަށަށް ވެސް ދާން ފެށީމެވެ. އަހަރެންގެ އޮތީ އެންމެ މަގުސަދެކެވެ. ކޮންމެވެސް “އެއްޗެއް” ފެނުމެވެ. ދުވަހެއްގެ އިރުއޮއްސެން ކައިރިވަމުން އައި އިރު އަހަންނަށް ހިނގާފައި ދެވުނު ރަށަކީ ވެސް، ކޯހެއްގައި ކިޔަވައިދޭން އަހަރެން އައި ރަށެކެވެ. ކައިރީގައި ހުރި ޒަކީއަކީ، އެ ރަށުގައި ކޮންޕިއުޓަރު ކޯސް އިންތިޒާމުކުރާ މީހާއެވެ.

ދުވަސްވަރަކީ، ނުވަދިހައިގެ ކުރީކޮޅެވެ. އެ ދުވަސްވަރު ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދެނީ ދަންވަރު ބާރަ ޖަހަންދެނެވެ. އޭގެ ފަހުން މުޅި ރަށް އަނދިރިވެއެވެ. ކިރިޔާ ވެސް އަލިކަމެއް ހުންނަނީ ފުޅިބައްތި ނުވަތަ ބިގަރު ދިއްލާފައި ހުންނަ ގޭގެ އާއި ޖަނަރޭޓަރު ހުންނަ މަދު ގެއެއްގައެވެ. އަހަންނަށް ދެވުނީ އިރުއޮއްސެން ކައިރި ވެފައި ހުއްޓައެވެ. ހަނދާންވާ ގޮތުގައި، އޭރު ހައެއް ޖަހައި ކުޑަ އިރުކޮޅެއް ތެރޭގައި އިރުއޮއްސެއެވެ. ރަށަށް ފޭބި ގޮތަށް ޒަކީ ބޭނުންވީ އަތޮޅުގެއަށް ދާށެވެ. އަހަރެން ހުންނަން ހަމަޖެހިފައި އޮތީ އެ ތަނުގައެވެ. އަތޮޅުގެ ހުންނަނީ، ރަށުގެ ސީދަލަށް، ކޮޅުންކޮޅަށް އޮންނަ ދިގުމަގުން ދާ އިރު މަގުގެ ކޮޅުގައެވެ.

“ބާރަށް ބާރަށް!” ކުޑަކޮށް ނުތަނަވަސް ވެފައި ހުރެ އަނެއްކާ ވެސް ޒަކީ ބުންޏެވެ. “ހައެއް ޖަހަނީ.”

“ހައެއްޖެހީމަ ކޮން ކަމެއް ވަނީތަ؟” އަހަރެން އެހީމެވެ.

“މާ ވާހަކަ ގިނަ ނުކުރޭ!” ފިޔަވަޅު އަވަސްވެފައިވާ ޒަކީ ބުންޏެވެ. “މިހާރު ހައެއްގެ ފަހުން މީހުން ވަރަށް ރަށުތެރޭގަ ނޫޅޭނެ. ހިނގާބަލަ ކުޑަކޮށް ދުވެލަމާ ދޯ؟”

“ކީއްކުރަން ދުވަ..” އަހަރެން އެ ހިސާބަށް ބުނެވުނު ތަނާ ޒަކީ ދުއްވައިގެންފިއެވެ.

އަހަންނަށް ވެސް މަޖުބޫރުވީ ދުވާށެވެ. ދުއްވައިގަތީމެވެ. އަހަރެން ހިތަށް އެރިއެވެ. ތަންކޮޅެއް އަވަހަށް ރަށުން ކަރަންޓު ކަނޑައިލަނީއެވެ. އެ ގަޑިއަށް މީހުން ގޭގެ އަށް ވަންނަނީއެވެ. އެކަމަކު ރަށްފުށުގެ އާދަކާދަ އޮންނަ ގޮތުން އަނދިރިއަކީ ބިރެއް ނޫނެވެ.

“އޭ މަޑުކޮށްބަލަ!” އަހަރެން ގޮވީމެވެ.

ޒަކީ މަޑެއް ނުކުރިއެވެ. އޭނަ ފަހަތުން އަހަރެން ވެސް ގޮސް އަތޮޅުގެ އަށް ވަނީމެވެ. މާނޭވާލާން އިރުކޮޅެއް ވަންދެން ދެ މީހުން ގުދަށް އޮތީމެވެ.

“ވެގެން އުޅޭ.. ގޮތް.. އަހަންނަށް ބުނެދީފާނަންތަ؟” އަހަރެން އެދުނީމެވެ.

“މާ ވާހަކަ ގިނަ ނުކުރޭ!” އަނެއްކާވެސް ޒަކީ ބުނީ އެހެންނެވެ.

އަތޮޅުގޭގައި އެ ވަގުތު އުޅުނީ ތަން ސާފުކުރުމާއި ކެއްކުމުގެ ކަންތަކުގައި އުޅުނު ދެ މީހެކެވެ. ޒަކީ ވެސް މާ ގިނަ އިރު މަޑުކުރާކަށް ގަސްތެއް ނުކުރިއެވެ. އޭނަ އުޅުނީ ލައިނުގަނެގެން އުޅޭ ކަހަލަ ގޮތަކަށެވެ. ވާހަކަ ދެއްކި އިރު އަހަރެންގެ މޫނަށް ވުރެ ގިނަ ވަގުތު އޭނަ ބެލީ އަތުގައި އޮތް ގަޑިއަށެވެ. ކުލާހުގައި ބައިވެރިވާ ކުދިންނާއި ކުލާސް އޮންނާނެ ތަނުގެ ވާހަކަ ދައްކައިލައިފައި، އަވަސްއަވަހަށް އޭނަ ދިޔައީއެވެ. އަހަރެން ދައްކަން ބޭނުންވި އިތުރު ވާހަކަ ހުއްޓެވެ.

“ދެން ހަމަޖެހިލައިގެން ނިދާލާ..” ސޯފާ އިން ތެދުވެގެން ދަމުން ޒަކީ ބުންޏެވެ. “މާދަމާ ހެނދުނު އަންނާނަން.”

ރޭގަނޑު ހަތެއް ޖެހި އިރު ކާން ހަދައިފިއެވެ. ހިތަށް އެރިއެވެ. ހާދަހާ އަވަހަށް ކާ ބައެކެވެ. ކާން ހެދީ މެދުއުމުރުގެ އަންހެނެކެވެ. އޭނަ ވެސް އުޅުނީ ލައިނުގަނެގެންނެވެ. އަހަރެން ކޭ އިރު އޭނަ ހުރީ ކައިރީގައި ވިއްދައިފައެވެ.

“އަދި އެހެން ކަމެއް އޮތީތަ؟” އަހަރެން އެހީމެވެ.

އޭނަ ޖަވާބެއް ނުދިނެވެ. ނިމޭ ވަރަކަށް ތަށިތައް ނަގަމުން ގޮސް އަހަރެން ފެންތަށި ނެގި އިރު އެހެން ތަށްޓެއް ނެތެވެ. ހިތަށް އެރިއެވެ. ހަމަޖެހިލައިގެން ނިދާށޭ ޒާހިރު ބުންޏަސް ހަމަޖެހޭނީ ކިހިނެއް ހެއްޔެވެ.

ކައިގެން ރަށުތެރޭގައި ހިނގައިލަން އަހަރެން ބޭނުންވިއެވެ. އަހަރެންގެ އުމުރަކީ ނަވާރަ އަހަރެވެ. އޮއްސޭ އިރާ އެއްކޮށް ނިދުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އެކަމަކު ނުކުންނަން ބޭރު ދޮރުގައި ހިފައިލި އިރު ދޮރު ހުރީ ތަޅުލައިފައެވެ. ތަޅުދަނޑި ވީ ތަނެއް އަހަންނަކަށް ނޭނގެއެވެ. ތަޅުދަނޑި ކޮބައިތޯ އަހާލާނެ މީހަކުވެސް އަތޮޅުގެ ތެރެއިނެއް ނުފެނުނެވެ.

މިވަނީ ކިހިނެއެތޯ ވިސްނަމުން އަހަރެން ކުޓަރިއަށް ވަދެ އެނދުގައި އޮށޯވެލީމެވެ. ނިދިދާލަން ކަމަށެވެ، އެދުގައި ލޯމަރާލައި ގެން އޮންނަތާ ފަނަރަ ވަރަކަށް މިނެޓުވީއެވެ. ނިންޖެއް ނައެވެ. މާލެއިން އަހަރެން އަންނަމުން ގެނައި ވާހަކަ ފޮތެއް ދަބަހުން ނަގައިގެން އައިސް އެނދުގައި އޮށޯތީމެވެ. އެއީ ބޮޑު ބައި ކިޔާފައިވާ ބިރުވެރި ވާހަކައެކެވެ. ނިދަމުން ބިރުވެރި ވާހަކަކިޔުމަކީ އަހަރެންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. އެ ކަން ކުރަނީ ބިރުވެރި ހުވަފެން ފެނޭތޯއެވެ. ހާލަކުން ފަހަރަކު ނޫނީ ބިރުވެރި ހުވަފެނެއް އަހަންނަކަށް ނުފެނެއެވެ. ގިނައިން ފެންނާނީ، ތާކުންތާކު ނުޖެހޭ ހެއްވާ ހުވަފެނެވެ. އެންމެ އާންމު ހުވަފެނަކީ، ބޮޑު ކަސްޓަޑު ބާލިދީއެއްގައި އަހަރެން ފަތާ ތަނެވެ. އެއީ ކީއްވެގެން ފެންނަ ހުވަފެނެއް ކަމެއް ނޭނގެއެވެ. ކަސްޓަޑަކީ އަހަންނަށް މީރު އެއްޗެއް ވެސް ނޫނެވެ. ވާހަކަ ކިޔަން އޮއްވާ އަހަންނަށް ނިދުނެވެ. ދަރުރެއްކޮއްފައި އައުމުން އެވަރުބަލިކަންމަތީ އަހަންނަށް ނިދުނުގޮތް ވެސް ނޭގުނެވެ.

ހެނދުނުހެނދުނާ ހޭލެވުނެވެ. ވާހަކަ ފޮތް އޮތީ ގައިދަށު ވެފައެވެ. ފޮތުގެ ކަން ފިތިފައި އޮތް ގޮތަކުން ބުރަކަށީގެ ތަންކޮޅެއްގައި ރިއްސިއެވެ. އެކަމަކު، ހާލާއި ކާޅު ގޮވާ އަޑުއިވުމުން ތަދުގެ އިހުސާސް ކުރެވުނީ ވަރަށް ކުޑަކޮށެވެ. ސައިބޯން ހުރީ ރޮށްޓާއި ބަރަބޯ މަސްހުންޏެވެ. ދެބަނޑަށް ސައިބޮއިގެން، ކުލާސް ބާއްވާ ތަނަށް ގޮސް، ތަން ހަމަޖައްސައިލީމެވެ. ކުލާސް ގެންދާނެ ގޮތް ބޮލުގައި ރާވައިލީމެވެ. ފަސް މީހުން ބައިވެރިވިއެވެ. ހުރީ އެންމެ އާދައިގެ ދެ ކޮންޕިއުޓަރެވެ. ހަތަރު ގަޑިއިރަށް ދެމިގެންދިޔަ ފުރަތަމަ ކުލާސް ނިންމައިލި އިރު، ފަސް މީހުން ތިބީ ރައްޓެހިންނަށް ވެފައެވެ. އެ މީހުންގެ ސުވާލުތައް ހުހެއް ނުވެއެވެ. ޝައުގުވެރިކަން ވަރަށް ބޮޑެވެ. އެހެނަސް، ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުން، ކުލާހުގެ ގަޑި ދަންމާލެވޭކަށް އެކަކަށް ވެސް ނެތެވެ.

“ވާހަކަ ދައްކާލަން ރޭގަނޑު ގެއަށް ޖައްސާލަބަލަ!” އަހަރެން އެދުނީމެވެ. “ކޮންޕިއުޓަރު ނެތަސް ސުވާލުކޮށް، ވާހަކަ ދައްކައިލާ ހެދޭނެއްނު!”

އެކަކު އަނެކަކަށް ބަލައިލި ގޮތުން، އެ ހިޔާލު ކަމުނުދިޔަކަން އަހަންނަށް ވިސްނުނެވެ. ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަރެން ބޭނުމެވެ. ނާހައި މަޑުކޮށްލީއެވެ.

އަހަރެން ހުރި ގެއަކީ ވަރަށް ތަނަވަސް ގެއެކެވެ. ގޯތީގެ ހުސްތަން ވަރަށް ބޮޑެވެ. އެކި ފާޑުފާޑުގެ ގަސްތައް އޮތެވެ. ގަސްތަކު ތެރޭގައި ބޮޑު އުނދޯއްޔެއް ހުރެއެވެ. އިށީންނާނެ ތަންތަން ވެސް ކައިރީގައި ހުރެއެވެ. ރޭގަނޑު ކައި ނިމުނުތަނައި ދެ މީހުން އައެވެ. އެއީ ވަސީމު އާއި ރުޝްދީއެވެ. އަނެއް ތިން މީހުންނަކަށް ނާދެވުނެވެ.

“އެ މީހުންނަށް މާ ބޮޑު ކަމެއް ޖެހުނީތާ!” އަހަރެން ބުނީމެވެ.

އެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ދެ މީހުން ކުޑަކޮށް ވިސްނައިލިއެވެ. އެކަކުއަނެކަކަށް ނިތް އެއްލިއެވެ. ހީވަނީ ކޮންމެ މީހަކު ވެސް ޖަވާބުދޭން އަނެކަކާ ހަވާލުކުރާހެންނެވެ.

“މީ… އަސްލު ވަރަށް ނުބައި ދުވަސްކޮޅަކަށް ތި އާދެވުނީ.” ވަސީމު ބުންޏެވެ.

“ކީއްވެ ތިހެން ތި ބުނީ؟” އަހަރެން އެހީމެވެ.

“ނޭނގޭތަ؟” ހައިރާންވެފައި ރުޝްދީ އެހިއެވެ.

“ކޮން ކަމެއް؟” އަހަރެން ސުވާލުކުރީމެވެ.

“މި ރަށަށް ގަބުރެއް ލެއްގި ވާހަކައެއް ނާހަންތަ؟” ވަސީމު ބުނެލިއެވެ. “ނޫހުގައި ވެސް އޮތެއްނު!”

އަހަރެން އެ ކަމެއް ނުދެނަ ހުރީމެވެ. ބިރު ގަތުމުގެ ބަދަލުގައި އަހަރެންގެ ހިތުގައި އުފެދުނީ ޝައުގުވެރިކަމެކެވެ.

“ކާކު އެއީ؟” އަހަރެން ސުވާލުތައް އޮއްސައިލީމެވެ. “ކޮން ރަށެއްގެ މީހެއް؟ އަންހެނެއް؟ ފިރިހެނެއް؟”

“ނޭނގެ!” ރުޝްދީ ބުންޏެވެ. “ވަރަށް ބޮޑަށް ހަލާކުވެފަ އޮތީ. ރަށު އެންމެން އެ ތަނަށް އެއްވި. ފުލުހުންނަށް ގުޅައިގެން، މޫސުން ސަކަރާތްކަމުން، ދެ ދުވަސް ފަހުން އެ މީހުންނަށް އާދެވުނީ. ޕޮލިހުން ބުނީ ބޭރު މީހަކާއޭ ވައްތަރީ. އެ ވެސް ޔަގީނެއް ނޫން. އަންހެން ފިރިހެން ވަކިވާ ވަރެއް ނޫން. މާ ބޮޑަށް ހަލާކުވެފައި އޮތީ. ޕޮލިހުން ބަލާ ނިންމާފަ ބުނީ ވަޅުލާށޭ! ދެން މިސްކިތުގެ ގަބުރުސްތާނުގަ ގަބުރު ވަޅުލީ.”

އެ ހިސާބަށް ވާހަކަ ދިޔައިރު އެއްވެސް މައްސަލައެއް ނެތެވެ. ރުޝްދީ ބުނި ގޮތުގައި، މައްސަލަ ފެށުނީ އެ ރެޔެވެ. އެ ރޭ ފަތިސްނަމާދަށް މިސްކިތަށް ދިޔަ މީހަކު، ބޮޑުމަގުން ދަނިކޮށް، މަގުކޮޅުން ބޮޑު އަލިގުޅައެއް ފެނުނީއެވެ. އެ މީހަކީ، ރަށުގެ މީހުން އިތުބާރުކުރާ، ގަދަރުވެރި މީހެކެވެ. އޭނަ ބުނި ގޮތުގައި، އަލިގުޅަ މަގު މެދުން ޒޫން ކަނޑާފައި އައީ އޭނަޔާ ދިމާއަށެވެ. ޒާތެއްގެ ތޫލި އަޑެއް ވެސް އިވުނެވެ. އޭނަ އަނެއް ކޮޅަށް ދުއްވައިގަތީއެވެ. އަލިގުޅަ އައި ގޮތަށް އައިސް އޭނަގެ ބޯމަތިން މައްޗަށް އަރައިގެން ދިޔައީއެވެ. އެ ވާހަކަ އަޑުއަހައި، ރަށުގެ ވަރަށް ގިނަ ބަޔަކު އެ ކަމާ ބިރުން އުޅުނެވެ. އެއަށް ވުރެ ވެސް ބިރުވެރިކަމަކާ ދިމާވީ ޖެހިގެން އައި ރެޔެވެ.

(ނުނިމޭ) . . . .

ދެވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ . . . . . .

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ލޭގެ އަގު

ދަޅަމަތި ( ފަހުބައި )

ދަޅަމަތި (ދެވަނަ ބައި)