ގޯލްޑަން ފުޓްސެލް މުބާރާތުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި ލ. ފޮނަދޫ އާއި ލ. ދަނބިދޫ ބައްދަލުކުރި މެޗު 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދަނބިދޫ ކާމިޔާބުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސެލް ދަނޑުގައި ކުޅެވުނު މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ދަނބިދޫއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެޓީމުގެ އަހްމަދު ރުވާއު ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދީފައެވެ. އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުހައްމަދު މަފާޒް ވަނީ ދަނބިދޫއަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.
ދެ ލަނޑުގެ ލީޑެއްގައި ދަނބިދޫ އޮއްވައި، ފޮނަދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް އެނބުރި އައުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ފޮނަދޫގެ އަހްމަދު އަލްތޯފް އަޒީމަށް ލިބުނު ހުސް ފުރުސަތެއްގެ ބޭނުން ހިފައި އޭނާ ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އަހްމަދު އަމަން އަލީ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-2 އިން އެއްވަރުކޮށްފައެވެ. ފޮނަދޫއަށް އުންމީދު އާވެފައި ވަނިކޮށް ދަނބިދޫގެ އަހްމަދު ރުވާއު ވަނީ އަނެއްކާވެސް ގޯލެއް ޖަހައި ދަނބިދޫއަށް ލީޑު ހޯދައިދީފައެވެ.
މެޗުގެ ދެވަނަ ހާފު ފެށުމާއެކު ދަނބިދޫ ޓީމު ފެނުނީ މާ ވަރުގަދަކޮށެވެ. އެގޮތުން އެޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނަދޫގެ ގޯލަށް އަމާޒުކޮށްފައެވެ. މި ހާފުގައި ދަނބިދޫގެ އަލީ އިރުފާދު ފޮނުވާލި ބާރު ހަމަލާއަކާއެކު އޭނާ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.
ދަނބިދޫގެ ކުޅުން އިތުރަށް ވަރުގަދަވެގެން ދިޔައީ އަހްމަދު ރުވާއުއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. އޭނާ ވަނީ ވަރަށް ބާރުގަދަ ހަމަލާއަކުން ގޯލެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ ފަހުން އަލީ އިރުފާދު ވަނީ އިތުރު ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. މެޗުގެ ފަހު ލަނޑު ޖަހައި ދަނބިދޫއަށް ބޮޑު މޮޅެއް ކަށަވަރުކޮށްދިނީ އަހްމަދު އަސީލެވެ.
މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަނބިދޫ ޓީމުގެ އަހްމަދު ރުވާއުއެވެ. މި މޮޅާއެކު ދަނބިދޫއިން ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު ފިޔަވަޅެއް އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު