އެމްޑީޕީގެ ޕްރައިމެރީގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓުލައްވައިފި

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމެރީގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވޯޓުލައްވައިފިއެވެ.

އަބްދުﷲ ޝާހިދު ވޯޓުލައްވާފައިވަނީ މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި މެދު ހެންވޭރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. ވޯޓުލެއްވުމަށްފަހު އެމަނިކުފާނު ވަނީ މާލޭގައި ވޯޓުލުން ކުރިއަށްދާ އެކި މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި، އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ބައްލަވާލައްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން ގަލޮޅު މަދަރުސާގައި ހުންނަވައި “ހަވާސާ” ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ވޯޓުލުމާއި ޑިމޮކްރެސީގެ ރޫޙަށް ވަރަށް ފަރިތަ ބައެއް ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ ވޯޓުގެ ނަތީޖާ ފާޅުވުމުން ވީހާވެސް ސުލްހަވެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ޕާޓީގެ ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން، ޕްރައިމެރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ކެންޑިޑޭޓުންވެސް، ކާމިޔާބު ކުރާ ކެންޑިޑޭޓުންގެ ފަހަތަށް އަރުއްވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ބަލިކުރުމަށްޓަކައި އެކުގައި ގަދައަޅައި މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެމްޑީޕީގެ ޕްރައިމެރީގެ ވޯޓުލުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިރޭ 20:00އާ ހަމައަށެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ރަށްރަށުގެ ފޮށިތައް އެންމެ ގިނައިން ބަހައްޓަނީ މަޖީދިއްޔާ ސުކޫލުގައެވެ. އެގޮތުން 18 ވޯޓު ފޮށްޓެއް ހަމައެކަނި މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި އެބަހުއްޓެވެ.

މަޖީދިއްޔާ ސްކޫލުގެ އިތުރުން މާލޭގައި ދެން ފޮށިތައް ބަހައްޓަނީ އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލާއި ގަލޮޅު މަދަރުސާގައެވެ. ވިލިމާލޭގެ ފޮށި މުޙްޔިއްދީން ސްކޫލުގައި ބަހައްޓާއިރު، ހުޅުމާލެ މެދާއި ދެކުނު ދާއިރާތަކުގެ ފޮށިތައް ޣާޒީ ސްކޫލުގައި، އަދި ހުޅުމާލޭ އުތުރު ދާއިރާގެ ފޮށި ބަހައްޓަނީ ކާމިލު ދީދީ ސްކޫލުގައެވެ.

މިއަދު ކުރިއަށްދާ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ. އެއްކޮޅުން ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް ޢާޒިމެވެ. އަދި އަނެއްކޮޅުން ވާދަކުރައްވަނީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ.

މިއަދުގެ ވޯޓުލުން 14:30ގައި ފެށުމާއެކު ދެ އާޒިމް ވެސް ވަނީ ވޯޓު ލައިފައެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމާއި އަލީ އާޒިމާ ދެބޭފުޅުންގެ ‘ކޯޅުން’ އޮތީ ބޮޑުވެފައެވެ. ޕާޓީގެ އެތެރޭގައި ވެސް އެކަމާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އޮތީ އުފެދިފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް ބޭފުޅުން އަލީ އާޒިމާ އެކުގައި މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ފެންނަނީ އާދަމް އާޒިމްގެ ކެމްޕޭނުންނެވެ.

މުވައްޒިފުންގެ ހައްގުތަކަށް އަރައިގަންނަނީ؟

މިފަހަކަށް އައިސް ސޯޝަލް މީޑިއާގައާއި އިދިކޮޅު ޕާޓީތަކުން ދައްކަމުންދާ ވާހަކައަކީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ޕެންޝަނަށް ކަނޑާ ފައިސާ ޕެންޝަން އޮފީހަށް ނުފޮނުވާތާ 7 މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ވާހަކައެވެ. މި ވާހަކަތައް ވަނީ ވެމްކޯގައި މަސައްކަތްކުރާ އެތައް ބައިވަރު މުވައްޒަފުންނެއް ތެދުކޮށްފައެވެ.

ވެމްކޯއަކީ 2015 ވަނަ އަހަރު ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުނީގައި މިހާރު 1,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ފެތުރުނު މަޢުލޫމާތުތަކާއި ވެމްކޯގެ މުވައްޒަފުންގެ ބަޔާންތަކުން ދައްކާގޮތުގައި، ކުންފުނިން މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ކަނޑާ ފައިސާ ޕެންޝަން އޮފީހަށް ނުފޮނުވާތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވެއެވެ.

2026 ވަނަ އަހަރުގެ ޖަނަވަރީ 13 ވަނަ ދުވަހު ވެމްކޯއިން ނެރުނު ނޫސްބަޔާނުގައި، މުވައްޒަފުންގެ ޕެންޝަން ފައިސާ ބަރާބަރަށް ޕެންޝަން އޮފީހަށް ފޮނުވާފައިނުވާކަން އެއްބަސްވެފައިވެއެވެ. މި މައްސަލައަށް ކުންފުނިން ދައްކާ ސަބަބަކީ، އެކުންފުނިން ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. ޚާއްޞަކޮށް މާލެ ސިޓީ ކައުންސިލްގެ ނަން ވަނީ މި ނޫސްބަޔާނުގައި ފާހަގަކޮށްފައެވެ.

ވެމްކޯގެ ނޫސް ބަޔާން

 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 8/2009) ގެ ދަށުން، ވަޒީފާދޭ ފަރާތުން މުވައްޒަފުންގެ މުސާރައިން 7% އަދި ވަޒީފާދޭ ފަރާތުން އިތުރު 7% ޕެންޝަން ފަންޑަށް ޖަމާކުރަންޖެހެއެވެ. މި ޤާނޫނުގެ ދަށުން:

  1. ވަޒީފާދޭ ފަރާތުން މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ކަނޑާ ފައިސާ، މުސާރަ ދިނުމަށްފަހު 15 ދުވަހުގެ ތެރޭގައި ޕެންޝަން އޮފީހަށް ފޮނުވަންޖެހެއެވެ.
  2. މި ފައިސާ ނުފޮނުވުމަކީ ޤާނޫނާ ޚިލާފު ޢަމަލެކެވެ. އަދި މިކަމުގެ ސަބަބުން ޖޫރިމަނާ ދައްކަންޖެހުމުގެ އިތުރުން ޤާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ޕެންޝަން އޮފީހަށް ލިބިގެންވެއެވެ.
  3. މުވައްޒަފުންގެ ޕެންޝަން ފައިސާއަކީ މުވައްޒަފުންގެ މުސްތަޤްބަލަށް ރައްކާކުރެވޭ ފައިސާކަމަށްވާތީ، މިއީ މުވައްޒަފުންގެ އަސާސީ ޙައްޤެކެވެ.

ވެމްކޯއިން މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ކަނޑާ ފައިސާ ޕެންޝަން އޮފީހަށް ނުފޮނުވާ ބެހެއްޓުމަކީ ޤާނޫނާ ޚިލާފު ޢަމަލެއްގެ އިތުރުން މުވައްޒަފުންގެ ޙައްޤުތަކަށް އަރައިގަތުމެކެވެ. މި ފައިސާއަކީ ކުންފުނީގެ ފައިސާއެއް ނޫނެވެ. މިއީ މުވައްޒަފުންގެ މުސާރައިން ވަކި ބޭނުމަކަށް ކަނޑާފައިވާ ފައިސާއެކެވެ.

ވެމްކޯއިން ނެރުނު ނޫސްބަޔާނުގައި ދައްކާފައިވާ ސަބަބަކީ ކުންފުންޏަށް ފައިސާ ނުލިބުމުގެ ސަބަބުން ޕެންޝަން ފައިސާ ނުފޮނުވާކަމަށެވެ. ނަމަވެސް ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަލާއިރު:

  1. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެކަނި 60,000 އަށްވުރެ ގިނަ ގޭބިސީއަށް ޚިދުމަތް ފޯރުކޮށްދެއެވެ. ކޮންމެ ގޭބިސީއަކުން މަހަކު 150 ރުފިޔާ ނަގާއިރު، މިއީ މަހަކު 9 މިލިއަން ރުފިޔާއަށްވުރެ ގިނަ އާމްދަނީއެކެވެ.
  2. މީގެ އިތުރުން ވިޔަފާރިތަކާއި އެހެނިހެން ފަރާތްތަކަށް ދޭ ޚިދުމަތްތަކުންނާއި ރާއްޖޭގެ އެހެން ހިސާބުތަކުގައި ދޭ ޚިދުމަތްތަކުން ލިބޭ އާމްދަނީވެސް ހިމެނެއެވެ.
  3. ވެމްކޯއަކީ ސަރުކާރުގެ ކުންފުންޏަކަށްވާތީ، ސަރުކާރުގެ ބަޖެޓުންވެސް ފައިސާ ލިބޭ ކުންފުންޏެކެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ވެމްކޯއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ފައިސާ ނުދެއްކުމަކީ މުވައްޒަފުންގެ ޕެންޝަން ފައިސާ ނުފޮނުވުމަށް އެކަށީގެންވާ ސަބަބެއް ނޫނެވެ. ކުންފުންޏަށް ލިބޭ އާމްދަނީއިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަކީ ކުންފުނީގެ އެންމެ އިސް ޒިންމާއެކެވެ.

މުވައްޒަފުންގެ ޕެންޝަން ފައިސާއަކީ މުވައްޒަފުންގެ މުސްތަޤުބަލަށް ރައްކާކުރެވޭ ފައިސާކަމަށްވާތީ، މިއީ މުވައްޒަފުންގެ އަސާސީ ޙައްޤެކެވެ. ވެމްކޯއިން މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ކަނޑާ ފައިސާ ޕެންޝަން އޮފީހަށް ނުފޮނުވާ ބެހެއްޓުމަކީ ޤާނޫނާ ޚިލާފު ޢަމަލެއްގެ އިތުރުން މުވައްޒަފުންގެ ޙައްޤުތަކަށް އަރައިގަތުމެކެވެ. މި ފައިސާއަކީ ކުންފުނީގެ ފައިސާއެއް ނޫނެވެ. މިއީ މުވައްޒަފުންގެ މުސާރައިން ވަކި ބޭނުމަކަށް ކަނޑާފައިވާ ފައިސާއެކެވެ.

މި މައްސަލައިގައި ސަރުކާރުން ވެމްކޯއާ ދޭތެރޭ ނުވަތަ މި މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. މިހާރު މި ފެންނަނީ ސަރުކާރާއި ވެމްކޯގެ މެނޭޖްމަންޓް މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާ މަންޒަރެވެ.

ވެމްކޯއިން މުވައްޒަފުންގެ ޕެންޝަން ފައިސާ ޕެންޝަން އޮފީހަށް ނުފޮނުވާ ބެހެއްޓުމަކީ މުވައްޒަފުންގެ ޙައްޤުތަކަށް ސީދާ އަރައިގަތުމެކެވެ. ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފައިސާ ނުލިބުމަކީ މުވައްޒަފުންގެ ޙައްޤުތައް ނިގުޅައިގަތުމަށް އޮތް ސަބަބެއް ނޫނެވެ. މުވައްޒަފުން ރެޔާއި ދުވާލު މަސައްކަތްކުރަނީ އެމީހުންގެ މުސާރައާއި އިނާޔަތްތައް ލިބޭނެކަމުގެ ޔަޤީންކަމާއެކުގައެވެ.

ސަރުކާރުގެ ކުންފުންޏެއްގެ ހައިސިއްޔަތުން ވެމްކޯއިން މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްކަންދީ، ޕެންޝަން ފައިސާ ވަގުތުން ޕެންޝަން އޮފީހަށް ފޮނުވަންޖެހެއެވެ. އަދި ސަރުކާރުންވެސް މިފަދަ މައްސަލަތައް ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ ކޮންމެ ވަޒީފާދޭ ފަރާތެއްގެވެސް ޤާނޫނީ އަދި އަޚްލާޤީ ޒިންމާއެކެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ ހުރިހާ މެމްބަރުން ބައިވެރިވުމަށް އަބްދުﷲ ޝާހިދު ގޮވާލައްވައިފި

މާދަމާ (16 ޖެނުއަރީ 2026) ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި، އެ ޕާޓީގެ ހުރިހާ މެމްބަރުން ނުކުމެ ވޯޓުލުމަށް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކުރައްވައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމްޑީޕީގެ ހުރިހާ މެމްބަރުން ނުކުމެ މި ވޯޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި ޕްރައިމަރީގެ ކަންކަން އޮމާންކަމާއި ސުލްޙަވެރިކަމާއެކު ކުރިއަށް ގެންގޮސްދެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ޝާހިދުގެ މެސެޖުގައި ބާރުއެޅުއްވީ ޕްރައިމަރީއަށްފަހު ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. އެގޮތުން، ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުންގެ ފަހަތަށް، ނާކާމިޔާބުވި ކެންޑިޑޭޓުންނާއި އެ ފަރާތްތަކުގެ ކެމްޕޭން ޓީމުތަކުން އަރައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރަކީ ދޮގާއި، މަކަރާއި، ހީލަތާއި އަދި ފަސާދައިގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން، މިވަގުތު ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ ކައުންސިލް އިންތިޚާބުގައި ސަރުކާރު ބަލިކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ނުދެއްވުމަށާއި، އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކޮށްދެއްވުމަށް ޝާހިދު ވަނީ މެމްބަރުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގެންފައެވެ.

މާދަމާ ބާއްވާ މި ޕްރައިމަރީއަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.

ދަޅަމަތި (ދެވަނަ ބައި)

އެ އަށް ވުރެ ވެސް ބިރުވެރިކަމަކާ ދިމާވީ ޖެހިގެން އައި ރެޔެވެ. އެ ރޭ ފަތިސްނަމާދަށް ބަންގިގޮވަން މުދިންބެ މިސްކިތަށް ދިޔަ އިރު އަޖައިބުވާ ކަހަލަ މަންޒަރެއް މުދިންބެއަށް ފެނުނެވެ. ލެއްގި ގަބުރު ވަޅުލި ވަޅުގަނޑު އޮތީ ކޮނެފައެވެ. ގަބުރު އޮތީ މަހާނަ ކައިރީގައެވެ. މުދިމު ބިރުން އެ ވާހަކަ ބުނުމުން މީހުންތައް އައިސް އެތައް ބަޔަކަށް އެ މަންޒަރު ފެނުނެވެ. ކަށްވަޅު އޮތީ ކޮނެފައިވާ ކަހަލަ ގޮތަކަށް ނޫނެވެ. އަޑިން އެއްޗެއް އެރުމުން ފަސްގަނޑު އަރާފައިވާ ކަހަލަ ގޮތަކަށެވެ. އެ ދިމާއަކު މީހެއްގެ އެއްވެސް ފިޔަވަޅެއް ވެސް ފެންނާކައްނެތެވެ.

ރަށު މީހުން އަނެއްކާ ވެސް ގަބުރު ވަޅުލިއެވެ. އެ މަންޒަރު ނުދެކޭ އެކަކަށް ވެސް އެ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށް ހަލީމު ކިޔައިދިނެވެ.

އަހަންނަކަށް ވެސް ގަބޫލެއް ނުކުރެވުނު! ވަސީމު އޮއްދާ ހިއްލާފައި ހުރެގެން ބުންޔެވެ.

ގަބުރެއް ހަރަކާތެއް ނުކުރާނެއެވެ. އެ ކަހަލަ ކަންތައް ވާނީ ފިލްމުތަކާއި ވާހަކައިގައި އެކަންޏެވެ. މައްސަލައަކީ، ރަށުގެ އިތުބާރު ކުރެވޭ މީހުންނަށް އެ މަންޒަރު ފެނިފައިވާތީއެވެ. ރައްޔިތުންގެ ނިންމުން ދެބަޔަކަށް ބެހުނީއެވެ. ގަބޫލުކުރާ ބަޔަކާއި ނުކުރާ ބަޔަކަށެވެ. އެހެނަސް، މުޅި ރަށަށް ޒާތެއްގެ ބިރުވެރިކަމެއް ފެތުރުނެވެ. އެ ހިސާބުން ވެސް އެ ކަންތައްގަނޑު ނިމުނީކީ ނޫނެވެ. ވަސީމްގެ ވާހަކައަށް ބާރުދެމުން ރުޝްދީ ބުނެލިއެވެ.

ޖެހިގެން އައި ރޭ މުދިމު މިސްކިތަށް ގޮސްފައި ވެސް، ފުރަތަމަ ބަލައިލެވުނީ ގަބުރުސްތާނެވެ. މުޅި ރަށުގައި އެކި ގޮތްގޮތަށް އެ ވާހަކަ ދެއްކެވޭތީއެވެ. މުދިންބެއަށް ފެނުނީ ގަބުރު ވަޅުލިތަން ވައްތަރަކަށް ބިންގަނޑު އަރާފއި އޮތްތަނެވެ. ނަމަވެސް ކުރީރޭ އޮތްގޮތައް މިރެޔަކު ގަބުރު ކައިރީގައި ފެންނާކައްނެތެވެ. އެ އިން ހިސާބަކުން ވެސް ގަބުރެއް ނުފެނުނެވެ. މީހެއްގެ ފިޔަވަޅެއް ވެސް އެތާ ކައިރިއަކު ނެތެވެ. ފަތިސް ނަމާދަށް އައި މީހުން ގޮވައިގެން މުދިންބެ ނިކުތީ ގަބުރަށް ވީނުވީއެއް ބަލާށެވެ. މީހުން ނުކުމެ ހޯދަމުން ދަނިކޮށް ގަބުރު ފެނުނީ، މިސްކިތާ ދިމާއިން ގޮނޑުދޮށުގައި އޮއްވައެވެ. އެއީ ކައިރި ހިސާބެއް ނޫނެވެ. މީހަކު ދަމާފައި ގެންދިޔަ ނަމަ ދަމާފައި ގެންދިޔަ ރޮނގެއް ނުވަތަ މީހެއްގެ ފިޔަވަޅެއް ވެސް ހުންނާނެތާ! އެކަމު އެސަރަހައްދަކުން ނެތް އިންސާނެއްގެ ހިލަމެއް ވެސް ފެންނާކަށް! ވަސީމު ހާސްކަމެއްގެ ތެރޭގައި ހުރެ ކިޔައިދިނެވެ. ވަސީމު ބުނި ގޮތުގައި، ރަށުގެ ބޮޑެތި ހުރިހައި ފިރިހެނުން އެ ފަހަރު އެ މަންޒަރު ދުށްޓެވެ.

ގަބަރު އަތިރިމަތިން ފެނުމުން އަނެއްކާ ވެސް ނަގައިގެން ގެނެސް ގަބުރު ވަޅުލިއެވެ. އޭގެ ފަހުން ގަބުރު އެރުން ހުއްޓުނެވެ. ރައްޔިތުންގެ ހިތުގައި ބިރުވެރިކަން ދާއިމަށް ހަރުލިއެވެ. އިރުއޮއްސޭ އިރަށް މީހުން ގޭގެއަށް ވަންނަނީ އެހެންވެއެވެ. ވަރަށް ބޮޑުކަމެއް ޖެހިގެން މެނުވީ، އެކަކު ވެސް ރޭގަނޑު ބޭރަށް ނުކުތުން ހުއްޓައިލިއެވެ. އެންމެ އަވަހަށް ވެސް މީހަކު ނުކުންނަނީ ފަތިސްނަމާދު ވަގުތު ޖެހުނީމައެވެ. މީހުން ބިރުގަތް ވަރުން، ރޭގަނޑު ބަދިގެ އަށް ދިޔުމެއް ވެސް ނޯވެއެވެ. ގިނަ ގޭގޭގެ ބަދިގެ ހުންނަނީ ގެއާ ވަކިންނެވެ. އިރުއޮއްސޭ އިރު ކާއެއްޗެއް ނެހެދިއްޖެ ނަމަ، ގެއަށް އެއްޗެއް އެތެރެ ނުކުރެވިއްޖެ ނަމަ، އެ ބަޔަކު ތިބެނީ ނުކައެވެ. ގިފިއްޔަށް ދިޔުމެއް ވެސް ނޯވެއެވެ. ވަސީމް ބުނެލިއެވެ.

“އެކަމަކު ދެން ގަބުރު އެރުން ހުއްޓިއްޖެއްނު!” އަހަރެން ބުނީމެވެ. “އަލިގުޅައެއް ވެސް ނުފެނޭ! ދެން ކޮން ބިރެއް؟”

“ތި ވާހަކައޭ ބުނަން މި އުޅެނީ،” ރުޝްދީ ވައިއަޑަކުން ބުނެލިއެވެ. “ރޭގަ އަނެއްކާ ވެސް ދެ މީހަކަށް އަލިގުޅަ ފެނުނީއޭ! އޭގެ ތެރެއިން އެކަކު މި ކޯހުގަ ވެސް އެބަ އުޅޭ! އަލިގުޅަ މި ފެންނަނީ ބޮޑުމަގުގެ ކޮޅުން. އަންނަ ގޮތަށް އައިސް ތިރި ވަނީ މިސްކިތުގެ ގަބުރުސްތާނަށް. ފަތިސްނަމާދަށް ދާ ކޮންމެވެސް މީހަކަށް މި ފެންނަނީ.”

އެދެމީހުން އެ ވަރަށް އެވާހަކަ ކިޔައިދިން އިރުވެސް އަހަރެންގެ ހިތުގައި ބިރުގެ ކަންފުޅެއްވެސް ނެތެވެ. އެ މަންޒަރު ބަލާ ހިތްވީއެވެ. އަހަންނަކީ އެ ޒާތުގެ އިނގެރޭސި ވާހަކަތައް ކިޔައި، ފިލްމުތައް ބަލާ މީހެކެވެ. އަލިގުޅަ އާއި ޖިންނި އާއި ގޯސްޓަކީ ވެސް ފެންނަ އެއްޗެހި ކަމަށް މީހުން ކިޔައެވެ. އަހަންނެއް ނުދެކެމެވެ. ފެންނާނެ ނަމައޭ އަބަދު ވެސް ހިތަށް އަރައެވެ.

“އަހަރުމެން އައި އިރު ވެސް މުޅި ރަށް އޮތީ ފަޅަށް،” ވަސީމު ބިރުންހުރެ ބުންޏެވެ. “ޒިކުރުތައް ކިޔަމުން މި އައީ.”

އޭގެ ފަހުން އެ މަންޒަރު ދެކިލުމުގެ ޝައުގުވެރިކަން ކުރިޔަށް ވުރެ ބޮޑުވިއެވެ. އެ ބުނާ މިސްކިތުގެ ގަބުރުސްތާނު ބަލައިލަން ބޭނުންވިއެވެ. އަހަންނަކަށް އެ ރަށެއް ނޭނގެއެވެ. މަގުތަކަށް ފަރިތައެއް ނޫނެވެ. އަހަންނަކީ ގޭގައި ވެސް ފަސް ވަގުތު ނަމާދުކުރާ މީހެއް ނޫނެވެ. ވީމާ، ފަތިސްނަމާދަށް މިސްކިތަށް ދިޔުމަކީ ކުރަން ހިތަށް އެރި ކަމެއް ވެސް ނޫނެވެ.

ކޮންމެއަކަސް، ރަށު މީހުން އުޅުނު ގޮތަކަށް އަހަރެން ވެސް އުޅުނީއެވެ. ހަވީރުވާ އިރަށް ގެއަށް ވަންނަ ގޮތަކަށް ދެނެއް ނުނިކުންނަމެވެ. ކޯހުގައި ދެތިން ދުވަހަކު ކިޔަވައިދި ދިނުމުން އެކުވެރިންގެ ގާތްކަން ބޮޑުވިއެވެ. ކިޔެވުމުގެ އިތުރަށް އެހެން ވާހަކަތައް ވެސް އަހަރުމެން ހިއްސާކުރަން ފެށީމެވެ. ކުޅިވަރާ ބެހޭ ވާހަކައެވެ. ދިރިއުޅުމާ ބެހޭ ވާހަކައެވެ. ހަފުތާއެއް ތެރޭގައި، އަހަރެން ބޭނުން ވާހަކައެއް ދެއްކޭ ހިސާބަށް ގުޅުން ބަދަހިވިއެވެ.

“އޭ! ހިނގާބަލަ އަލިގުޅަ ފެނޭތޯ ބަލަމާ!” އަހަރެން އެދުނީމެވެ.

“ކިހިނެއް ތި ކަން ކުރާނީ؟” ވަސީމު ބުންޏެވެ. “އޮއްސޭ އިރާ އެއްކޮށް އެންމެން ގޭތެރެއަށް ވަދެ ފިލާނެ. މުޅި ރަށް އެ އޮންނަނީ ފަޅުވެފަ. މެއްސެއް މަދިރިއެއް ވެސް ނޫޅޭނެ.”

“ރޭގަނޑު ކުލާހެއް ބާއްވާނީ،” އަހަރެން ރަނގަޅު ހިޔާލެއް ދިނީމެވެ. “ބާރަ ޖަހަންދެން ކަރަންޓު ހުރެއެއްނު. އެއްރޭ ބާރަ ޖަހަންދެން ކުލާސް ދަންމާލާނީ. އޭރުން ގެއަށް ދާކަށް ނުޖެހޭނެއްނު.”

“އެކަމަކު ބާރަ ޖަހާ އިރަކު ނޫނޭ އަލިގުޅަ ފެންނަނީ،” ރުޝްދީ ބުންޏެވެ. “ފަތިސްނަމާދަށް ދާ މީހުންނަށް މި ފެންނަނީ.”

“ރަނގަޅޭ! އެކަމަކު ތި ގަބުރު ނުކުންނަ މަންޒަރު ފެނުނަސް ކިހާ ސަޅިވާނެ؟” އަހަރެން ހިތްވަރު ދިނީމެވެ. “ކިހިނެއް އެނގެނީ؟ ފަހަރެއްގަ ހަމަ ލަކީލައްވާލަފާނެއްނު!”

“ފެނިއްޖެއްޔާ އަހަރެން މޮޔަވެދާނެ،” ވަސީމު ކަންބޮޑުވެފައި ބުންޏެވެ. “ކުރީ ރޭ އަތޮޅުގެއަށް އައިމަ ވެސް ބޭބެ ހުރީ ވަރަށް ކަންބޮޑުވެފަ. ދަންވަރު މިސްކިތްދޮށަށް ގޮސްގެން އުޅެނިކޮށް ކަމެއް ވެއްޖެއްޔާ ވަރަށް ސަކަރާތް ވާނެ.”

“ކޮން ސަކަރާތެއް ވާނީ؟” އަހަރެން ބުނީމެވެ. “ނުލާހިކު ދުރުގަ އަހަރުމެން ތިބޭނީ. މި އުޅެނީ އުނދަގޫކޮށް، އެއްޗަކާ ތަޅާފޮޅާކަށް ނޫނެއްނު! ވާ ގޮތް ބަލާލަން ބޭނުންވަނީ. އަދި ނޭނގެ އެއްޗެއް ފެންނާނެ ކަމެއް ވެސް. އަހަރެން އަތުގަ އޮންނާނެ ފާޑެއްގެ ކެމެރާގަނޑެއް. އެ ވެސް ހިފައިގެން ދާނީ. ދުރުދުރުން ބަލާލާފަ އަންނާނީއޭ. ދަންވަރު އެ ތަން ބަލާލަން ބޭނުންވަނީ.”

އެ މީހުން އެއްބަސް ކުރެވުނީ ވަރަށް ގިނަ ވާހަކަ ދައްކައިގެންނެވެ. ގަޑިން ދަންވަރު ބާރަޖެހި އިރު އަހަރުމެން ތިން މީހުން ނުކުތީމެވެ. ބައްތި އޮތީ ވަސީމު އަތުގައެވެ. އަހަރެން އަތުގައި އޮތީ ކެމެރާއެވެ. ފްލޭޝްއެއް ނެތެވެ. ވީމާ، އެ އަނދިރީގައި ނަގާ ފޮޓޯ ހުންނާނީ ކިހިނެއް ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ތެދަށް ބުނާ ނަމަ އެއްވެސް އެއްޗެއް ފެންނާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. ރުޝްދީ އާއި ވަސީމުގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފެނުނެވެ. އަހަރެންގެ ހިތުގައި އުތުރި އަރަމުން ދިޔައީ ޝައުގުވެރިކަމެވެ. ހިތަށް އެރިއެވެ. ޒަމާންވީ ހުވަފެނެއް ފަހަރެއްގައި ހަގީގަތަކަށް ވެސް ވެދާނެއެވެ.

އަހަރުމެންގެ ދަތުރު ފެށުނީ ބޮޑުމަގު ކޮޅުންނެވެ. އެއީ ރަށުގެ ކޮޅުންކޮޅަށް އޮންނަ، ސީދާ މަގެކެވެ. ރަށުގައި އޮންނަ އެންމެ ބޮޑު މަގެވެ. އަލިގުޅަ ފެންނަ ކަމަށް ބުނަނީ ވެސް އެ މަގުންނެވެ. ކަޅުފޮއި ރެޔެކެވެ. އަހަރުމެންގެ ފިޔަވަޅުގެ އަޑު ނޫން އަޑެއް ނީވެއެވެ. ރަށް އޮތީ ނިދައި މަރުވެފައެވެ. ވަލުތެރެއިން ގޮވައިލާ ކަނބިލިފިޔޮކާއި ކުކުޅުގެ އަޑު ދޭތެރެއަކުން އިވެއެވެ. އަޑެއް އިވޭ އިރަށް ހުއްޓިފައި، އެ ދިމާއަކަށް ވަސީމު އަލިކޮށްލައެވެ.

“ތި ވަރަށް އަލި ކުރަންޏާ، ކަމެއް ޖެހޭ އިރު ބެޓެރި ގޮއްސައެއްނު އޮންނާނީ،” އަހަރެން ބުނީމެވެ. “ބައްތި ގެނޭ އަހަރެން އަތަށް.”

ވަސީމު ބައްތިއެއް ނުދިނެވެ. އަހަރުމެން މަޑުމަޑުން ކުރިޔަށް ހިނގީމެވެ. އެއްވެސް ކަމެއް ދިމައެއް ނުވިއެވެ. ދިޔަ ގޮތަށް ދިޔައީ މިސްކިތް ކައިރިޔަށެވެ. މިސްކިތު ފާރުމަތިން ގަބުރުސްތާނު ފެންނަން އޮތެވެ. އަހަރުމެން އެތެރެއަކަށް ނުވަންނަމެވެ. ވަނުމުގެ ބޭނުމެއް ވެސް ނެތެވެ.

“އެދީ އެމަހާނަ.” އަލި ކޮށްލައިފައި ވަސީމު ބުންޏެވެ.

ފަތްއެޅި ކުޑަކޮށް ހަޑިވެފައި އޮތް ނަަމަވެސް، ފަސްގަނޑު އޮތީ ރަނގަޅަށެވެ. ވަސީމު އެކި ތަންތަނަށް އަލިކުރިއެވެ.

“ދެން ހިނގާ ދަމާ!” ރުޝްދީ ބުންޏެވެ. “ނެތެއްނު ކަމެއް.”

ތެދެކެވެ. ފަޅުކަން ފިޔަވައި އެހެން ކަމެއް އެ ތާކު ނެތެވެ. ބާރަގަޑި ބައިވިއެވެ. އެކެއް ޖެހިއެވެ. ހަމަ އެއް ކަމެއް ވެސް ނުވިއެވެ. އަހަރުމެން ގެއަށް ގޮސް ނިދީއެވެ. ދެ ވަނަ ރޭ ވެސް ދިޔައީމެވެ. ތިން ވަނަ ރޭ ވެސް ދިޔައީމެވެ. ވީ އެއްވެސް ކަމެއް ނެތެވެ. ކަމެއް ނުވާތީ، އަހަރުމެންގެ ޝައުގުވެރިކަން ދިޔައީ ކުޑަވަމުންނެވެ.

“މީ ދެން ބޭކާރު ކަމެއްނު!” ރުޝްދީ ބުންޏެވެ. “އަހަންނަށް ހީވަނީ މި ގަޑީގަ ނިދާލިޔަސް މާ ރަނގަޅުވާނެހެން.”

“ކޮންމެ ރެޔަކު ވެސް އަހަރުމެން އެކެއްޖަހާ އިރު ގެއަށް މި ދަނީ،” އަހަރެން ބުނީމެވެ. “މިރޭ ހިނގާބަލަ ތަންކޮޅެއް ގިނަ އިރު މި ތާ މަޑުކޮށްލަމާ! ނޫނީ މިރޭ ގެއަށް ގޮއްސަ، މާދަމާ ރޭ ހިނގާ ތަންކޮޅެއް ލަހުން ނުކުންނަމާ!”

ޖެހިގެންއައި ރޭ އަހަރުމެން ނުކުތީ ފަތިހު ހަތަރެއް ޖަހަނިކޮށެވެ. އެއީ ހަނދުވަރު ރީތި ރެޔެކެވެ. އާދައިގެ މަތިން އަހަރުމެން ބޮޑުމަގުން ދަތުރު ފެށީމެވެ. ހަނދުވަރުގެ ސަބަބުން އަހަރުމެންގެ ހިޔަނި ވަރަށް ފާޅުކޮށް ފެންނަން ހުއްޓެވެ. އެއްގޮތަކުން ރަނގަޅެވެ. އަނެއް ގޮތަކުން ތަންކޮޅެއް ބިރުވެރި ވެސް މެއެވެ. ވާހަކަ ދައްކަމުން އިސްޖަހާލައިގެން އަހަރުމެން ހިޔަންޏާ އެކުގައި ކުރިޔަށް ދިޔައީމެވެ. ފުރަތަމަ ދިޔައީ އަތިރިމައްޗަށެވެ. ވެލިގަނޑު މަތީގައި އިރުކޮޅަކު ތިބެލާފައި، ބަންގި ގޮވަން ކައިރިވީމައި، މިސްކިތާ ދިމާއަށް ހިނގައިގަތީމެވެ. ތަންކޮޅަކަށް ދިޔަތަނާ އާދަލާހިލާފު ކަމެއް އަހަންނަށް ފާހަގަކުރެވުނެވެ. އެއީ، ހަނދުވަރުގެ ސަބަބުން އެޅިފައިވާ އަހަރުމެންގެ ހިޔަނީގެ އިތުރަށް، އަހަރުމެންގެ ދިގު، މާ ކަޅު، އެހެން ހިޔަނިތަކެކެވެ. އެހެން މީހަކަށް އެ ކަމެއް ފާހަގައެއް ނުވެއެވެ. ދެކެވެމުން ދިޔަ އޮލަ ވާހަކައެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އަހަރެން ހިތަށް އެރިއެވެ. ދެ ހިޔަނީގެ މާނައަކީ ދެ އައްޔެވެ. ދިގު ހިޔަނީގެ ކަޅުކަން އައީ ގަދަވަމުންނެވެ. ހިޔަނި އައީ ކުރުވަމުންނެވެ.

“އޭ! ހިޔަނިތަކަށް ކިހިނެއް އެ ވަނީ؟” އެންމެ ފަހުން އަހަރެން އެހީމެވެ. “ބަލާބަލަ!”

“އެ ބުނާހެން!” ހައިރާންވެފައި ބާރީ ބުންޏެވެ. “ކިހިނެއް އެ ވަނީ؟”

އެހެން ބުނެފައި، ތިން މީހުން އެކުގައި ފަހަތް ބަލައިލީމެވެ.

(ނުނިމޭ) . . . . . . . .

ދެވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ . . . . . .

ޣައްޒާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 6 މީހުުން މަރުވެއްޖެ

ޣައްޒާއަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން ހަ މީހަކު މަރުވެ، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބައެއްގެ ޙާލަތު އިތުރަށް ގޯސްވެެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ގަދަ ވަޔާއެކު ވެއްޓުނު އިމާރާތްތަކުގެ ދަށުވި މީހުންނާއި، ފިނިގަދަވުމުގެ ސަބަބުން މަރުވި ތުއްތު ކުއްޖަކު ހިމެނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ޖަހާފައިވާ ފޭލިގެތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ފޭލިގެތައް ވަނީ ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ރައްޔިތުން ވަނީ ފިނިމޫސުމުގެ ގަދަ ފިންޏާއި ވަޔަށް ހުށަހެޅިފައެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގައި ތެޔޮ ލިބުމުގެ ދަތިކަމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން ކަމާބެހޭ އިދާރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޙަމާސް ޖަމާޢަތުން ހާމަކުރި ގޮތުގައި ފިނި މޫސުން ފެށުނު ފަހުން މިހާތަނަށް 31 މީހުން މަރުވެފައިވާއިރު، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 7،000 އެއްހާ ފޭލިގެ ވަނީ ސުންނާފަތިވެފައެވެ. އދ. އިން ވަނީ ޣައްޒާގެ ރައްޔިތުން ފެންބޮޑުވުމުގެ ނުރައްކަލަށް ހުށަހެޅިފައިވާކަން ފާހަގަކޮށް، މިވަގުތު އެންމެ މުހިންމީ ބޭނުންވާ މިންވަރަށް ފޭލިގެ ފޯރުކޮށްދިނުން ކަމަށް ބުނެފައެވެ.

ރަޝްމިކާ އާއި ވިޖޭ ފްބްރުއަރީގައި ކައިވެނި ކުރަނީ

ތެލޫގޫ ސިނަމާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ މިއަހަރުގެ ފެބްރުއަރީ މަހު ކައިވެނިކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްއިން އެ ދެ ތަރިންގެ ގާތް މީހަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. މި ކައިވެނީގެ ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ އިންޑިއާގެ އުދެއިޕޫރުގަ އެވެ. މިއީ “ޑެސްޓިނޭޝަން ވެޑިން” އެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަފުލާއެއް ކަމަށާއި، މިހާރު ހަފުލާ ބާއްވާނެ ތަނާއި އެހެނިހެން އިންތިޒާމުތައް ފައިނަލްކޮށް ނިމިފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކުރެ އެވެ.

މި ހަފުލާގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން އެކަނި ކަމަށްވެސް މައުލޫމާތު ލިބެ އެވެ. ރިޕޯޓުތައް ބުނާގޮތުން ކައިވެނީގެ ކުރިން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވިޖޭ އާއި ރަޝްމިކާ ވަނީ ސިއްރިއްޔާތުގައި އެންގޭޖުވެފަ އެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފުރަތަމަ ފެތުރެން ފެށީ 2018 ވަނަ އަހަރު އެ ދެމީހުން އެކުގައި ކުޅުނު ފިލްމު “ގީތާ ގޮވިންދަމް” ގެ ދުވަސްވަރު އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ނުކުތް “ޑިއާ ކޮމްރޭޑް” ގެ މަސައްކަތުގެ ތެރެއިންވެސް މި ވާހަކަތައް ވަރަށް ގަދައަށް ދެކެވުނެވެ.

ވިޖޭ އާއި ރަޝްމިކާ އެކުގައި ތިން ފިލްމެއްގައި މަސައްކަތް ކޮށްފައިވާއިރު، އެކި ތަންތަނުން މި ދެ ތަރިން އެކުގައި ފެނިފައިވެ އެވެ. އެގޮތުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޗުއްޓީ ހޭދަކުރުމަށް މި ދެ ތަރިން ވަނީ ރާއްޖެއަށް ވެސް އައިސްފަ އެވެ. ވިޖޭ އާއި ރަޝްމިކާ އަކީ މިހާރު ބޮލީވުޑްގައިވެސް ފައިތިލަ ސާބިތުކޮށްފައިވާ ދެ ތަރިންނެވެ.

ވިޖޭ ވަނީ “ލައިގާ” އިން ބޮލީވުޑަށް ތައާރަފުވެފައެވެ. އަދި ރަޝްމިކާ ވަނީ މި ފަހުން ނުކުތް ކާމިޔާބު ފިލްމު “އެނިމަލް” އާއި މި އަހަރު ނުކުތް “ޗާވާ” ގައި މުހިންމު ރޯލުތަކެއް އަދާކޮށްފަ އެވެ.

ކައުންސިލް އިންތިހާބާއި ދިމާކޮށް ވިލުފުށީގެ 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލައިފި

ތ. ވިލުފުށީގައި އިމާރަތްކުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލައި، އުސޫލު އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ ވިލުފުށީގެ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިއަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ވިލުފުށިން ދޫކުރަނީ ތިން ކޮޓަރިއާއި ތިން ފާހާނާއާއި ސިޓިން ރޫމެއް އަދި ބަދިގެއެެއް ހިމެނޭ ހައުސިން ޔުނިޓްތަކެކެވެ. މިނިސްޓްރީން ބުނީ އެއިން ކޮންމެ ހައުސް ޔުނިޓެއް އިމާރަތްކޮށްފައިވަނީ 2،000 އަކަފޫޓު ބަންޑާރަގޯއްޗެއްގައި ކަމަށެވެ. ހައުސިން ޔުުނިޓެެއްގެ ބޮޑުމިނަކީ 1204.69 އަކަފޫޓުކަމަށް މިނިސްޓްރީން ބުންޏެވެ.

އުސޫލުގައިވާ ގޮތުން ވިލުފުށީގެ ރައްޔިތުންގެ އިތުރުން އެ ރަށުގައި ދިރިއުޅޭތާ 10 އަހަރު ވެފައިވާ މީހުންނަށް ހައުސިން ޔުނިޓަށް ކުރިމަތިލެވޭނެއެވެ. ހައުސިން ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 މީހުންނަށް ކަމަށާއި، އެންމެ ގިނައިން ޕޮއިންޓް ލިބޭނީ ތިން ކުދިން ނުވަތަ އެއަށް ވުރެ ގިނަ ދަރިން ތިބި މީހުންނަށްކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން ދަރިން ތިބި އަދަދަށް ބަލައިގެންދޭ ޕޮއިންޓް ތިން ކުދިންނާ ހަމައަށް އިތުރުވާނީ ކުއްޖަކަށް ފަސް ޕޮއިންޓްގެ ރޭޓުންކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

ދަރިންގެ އަދަދަށް ބަލައިގެން ދޭ ޕޮއިންޓްގެ އެންމެ މަތީ ސީލިންގަކީ 20 ޕޮއިންޓުކަމަށްވެސް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

ރިއާލް މެޑްރިޑް ބަލިކޮށް، އަނެއްކާވެސް ބާސިލޯނާއިން ސުޕަ ކަޕް ކާމިޔާބުކޮށްފި

ސައުދީ އަރަބިއާގެ ޖިއްދާގައި ކުރިއަށްދިޔަ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި އުފުލާލައިފިއެވެ.

މިދިޔަ އަހަރު ފައިނަލުގައިވެސް ބާސާއިން ރެއާލް ބަލިކޮށްފައިވާ އިރު، މިއީ ބާސާއިން ސުޕަ ކަޕް ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. ރޭ ފޯރިގަދަކޮށް ފެނިގެން ދިޔަ މެޗުގައި ބާސާއިން ރެއާލް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އަވަސް، ހަމަލާތައް ގިނަ ކުޅުމެއް ފެނިގެން ދިޔަ އެލް ކްލެސިކޯގައި ފުރަތަމަ މިނެޓުން ފެށިގެންވެސް ޕްރެޝަރު ފެނިގެން ދިޔައެވެ. ރެއާލްގެ ވިނީޝިއަސް ޖޫނިއާގެ ބާރު ދުވެލި ހުއްޓުވަން ބާސާއަށް އުނދަގޫތައް ކުރިމަތިވެފައިވާ އިރު، އަނިޔާއިން އެނބުރި އައި ކިލިއަން އެމްބާޕޭ ފުރަތަމަ 11 ގައި ފެނިގެން ނުދެއެވެ.

އެމްބާޕޭ ކުޅެން ނުކުތީ ދެވަނަ ހާފުގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ކުއްލިއަކަށް ގޯލްތައް ފެންނަން ފެށިއެވެ. 36 ވަނަ މިނެޓުގައި ރަފީނިއާ، ގޯލްގެ ކަނަށް އަމާޒުކޮށްލި ބޯޅައާއެކު ބާސާއިން ލީޑު ނެގި ނަމަވެސް، ރެއާލުން ފުލުފުލުގައި ގޯލްތައް ޖަހައި މެޗު އަނބުރާލިއެވެ. އެ ދެގޯލްވެސް ފެނުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

ރެއާލްގެ ފުރަތަމަ ގޯލް، ޖޫލްސް ކޫންޑޭ ކައިރިން ނައްޓާލައިފައި ވިނީޝިއަސް ޖަހައިދިން އިރު، އަނެއް ގޯލް ޖެހީ ގޮންޒާލޯ ގާސިއާއެވެ. މެޗުގައި ވިނީޝިއަސް ޖެހި ގޯލަކީ 17 މެޗަށްފަހު އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ބާސާއިން މެޗު އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީއެވެ.

އެ ގޯލަށްފަހު ބާސާއިން އުންމީދުގައި ކުޅެމުން ގޮސް، ރަފީނިއާގެ ދެވަނަ ގޯލަކާއެކު މެޗު އަނބުރާލިއެވެ. ފަހުކޮޅުގައި ކިލިއަން އެމްބާޕޭގެ ފަޔަށް ކުރި ޓެކުލަކަށް ބާސާގެ ފްރެންކީ ޑި ޔޯންގަށް ރަތް ކާޑު ދައްކާފައިވާ އިރު، ފަހު މިނެޓުގައި ދެކޮޅަށްވެސް ފުރުސަތައް ލިބުނެވެ.

ބ. ހިތާދޫގައި ފުލުހުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށުން ރައްކާތެރިކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ފުލުހުންނާއި ރައްޔިތުންނާ ދެމެދު ހަރުދަނާ ގުޅުމެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބ. ހިތާދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ، ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ފުލުހުންނާ ގުޅިގެން ހައްލުކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރަށުގައި ދެމުންގެންދާ ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ ހިޔާލު ހޯދައި ގުޅިގެން މަސައްކަތްކުރުމުން ފެންނާނެ ހެޔޮބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ. އަދި ރަށުގައި އާންމުކޮށް ހިނގާ ކުށްތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، ވައިބަރ ހެކް ކޮށްގެން ދިމާވާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތްތަކާއި އެފަދަ ކަންކަމުން ރައްކާތެރިކަން ހޯދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށްމަދު ކުރުމަށް ދެފަރާތުން ގުޅިގެން ރަށުގައި ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުންނާއި ފުލުހުންގެ ފަރާތުން ރަނގަޅުކުރަން ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކޮށްފައިވެއެވެ.

 

އީރާނުގެ މަސްލަހަތު ހިމާޔަތްކުރުމަށް އެޤައުމުގެ އަސްކަރިއްޔާއިން ނުކުމެެއްޖެ

އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، ގިނަ ބަޔަކު ހައްޔަރުކޮށް އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައިވާ ދަނޑިވަޅެއްގައި، އެ ޤައުމުގެ “ޤައުމީ މަސްލަހަތު” ހިމާޔަތްކުރާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އަސްކަރިއްޔާއިން ވަނީ އިޒްރޭލާއި “ދުޝްމަން ޓެރަރިސްޓް ގްރޫޕްތަކުން” ޤައުމުގެ އަމަންއަމާންކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އީރާނުގެ ރޫޙާނީ ލީޑަރުގެ އަމުރަށް، އެހެން ސަލާމަތީ ބާރުތަކާ ގުޅިގެން ޤައުމުގެ އިސްތިރާތީޖީ ވަސީލަތްތަކާއި އާންމު މުދާ ހިމާޔަތްކުރުމުގައި ސާބިތުވެ އޮންނާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި އިންޒާރު އައިސްފައިވަނީ ތަކެތީގެ އަގުބޮޑުވުމާއި އިންފްލޭޝަނާ ގުޅިގެން ފާއިތުވި އަހަރުތަކުގައި އެ ޤައުމުގައި ހިނގާ އެންމެ ބޮޑު މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހޮނިހިރު ދުވަހުވެސް ވެރިރަށް ތެހެރާންގެ އުތުރު ސަރަޙައްދުތަކަށް މީހުން އެއްވެ، ކުރީގެ ރަސްކަމަށް ތާއީދުކޮށް އަޑުއުފުލާފައިވާކަން އޭއެފްޕީ ނިއުސް އެޖެންސީން ކަށަވަރުކޮށްފައިވާ ވީޑިއޯތަކުން ފެނެއެވެ. މީގެ އިތުރުން ރަޝްތު، ތަބްރީޒް، ޝީރާޒް އަދި ކަރްމާން ފަދަ ރަށްތަކުގައިވެސް ބޮޑެތި އެއްވުންތައް ބާއްވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެލާނާ އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ބަޔަކަށް ނަސޭހަތްދިނުމަށްފަހު ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި ބަޔަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ އެއާޕޯޓުގެ ޓެކްސީ ކިއުގައި ތިބި ސްރީ ލަންކާގެ ރައްޔިތުންތަކެއްގެ މެދުގަ އެވެ. މި މީހުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށް މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެ ފަރާތްތަކަށް ނަސޭހަތް ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.