އަވަށްޓެރި ސްރީލަންކާއަށް އަށް އެރި “ޑިޓްވާ” ތޫފާނުގައި މަރުވި މީހުންގެ އަދަދު 159 އަށް އަރައިފިއެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެފައިވަނީ ލަންކާއަށް ކުރިމަތިވި ކާރިސާގައި 159 މީހުން މަރުވިއިރު، 203 މީހުން ގެއްލިފައިވާ ކަމަށެވެ. ޑީއެމްސީން ބުނި ގޮތުގައި މި ތޫފާނުގެ އަސަރު 217،263 އާއިލާއެއްގެ 774،724 މީހުންނަށް ކުރި ކަމަށެވެ.
އަދި ތޫފާނުގެ އަސަރު ލަންކާގެ 25 ޑިސްޓްރިކްޓަކަށް ކުރި ކަމަށް ވެސް ޑީއެމްސީން ބުންޏެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަމަ، 27،494 އާއިލާއެއްގެ 100،898 މީހުން ވަނީ ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހިފައެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް 798 ސެންޓަރު ބޭނުން ކުރަމުންދާ ކަމަށްވެއެވެ.
ތޫފާނާ ގުޅިގެން ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ލަންކާގެ އެކި ހިސާބުތަކުގައި އަދިވެސް ވަރަށް ގިނަ ބަޔަކު ތާށިވެފައި އެބަތިބި ކަމަށްވެއެވެ. އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.
މި ވިއްސާރައިގައި 15،000 އަށް ވުރެ ގިނަ ގެތައް ވަނީ ހަލާކުވެފައެވެ.
ލަންކާއަށް އެރި ތޫފާން މިހާރު ދަތުރު ކުރަނީ އިންޑިއާގެ އުތުރަށެވެ. މި ތޫފާނު މިރޭގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ބެލެވޭއިރު، އިންޑިއާގެ ޗެންނާއީ އެއާޕޯޓުން ފުރަން ހަމަޖެހިފައި އޮތް 54 ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު