މާވިލް އަރޫ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައި ތިބި 121 މީހުން މިއަދު ސްރީލަންކާ އެއާފޯސްގެ ރެސްކިއު ޓީމްތަކުން އެތަނުން ސަލާމަތްކޮށްފިއެވެ.
ބެލް-412 އަދި އެމްއައި-17 ހެލިކޮޕްޓަރު ބޭނުންކޮށްގެން، މިއަދު މެންދުރު ފަހު ސަލާމަތީ މަސައްކަތްތައް ކުރިއަށް ދިޔައިރު، ތާށިވެފައި ތިބި މީހުން ވަނީ ސަލާމަތް ކުރުމަށް އެއާލިފްޓްކޮށްފައެވެ.
މީގެ ކުރިން އިރުމަތީ ޕްރޮވިންސްގެ ގަވަރުނަރު ޖަޔަންތާ ލާލް ރަތުނަސެކެރާ ވަނީ މާވިލް އަރޫ އަނިކުޓް ކައިރީގައި ތިބި މީހުން ވަގުތުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް ފިޔަވަޅުތައް އަޅާފައި ވަނީ އެ ސަރަހައްދުން ފެން ކޮންޓްރޯލްކުރަން ހަދާފާއިވާ “ބަންޑް”އިން ފެން ފޭބުމުގެ މައްސަލަ އިންތިހާއަށް ބޮޑުވުމުން ކަމަށް ވިދާޅުވެފައެވެ.
ނަަމަވެސް އެ “ބަންޑް”އަށް އެއްވެސް ގެއްލުމެއް ލިބުފައިނުވާ ކަމަށް ގަވަރުނަރު ފާހަގަކޮށްފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކާރިސާއާ ބެހޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކުން މީހުންނަށް އޮޅުވާލުމުން ދުރުހެލިވާން ޖެހޭނެ ކަމަށާއި ކަމާބެހޭ ހަރަކާތްތައް ކުރިއަށް ގެންދަނީ ސަލާމަތީ ބާރުތަކާ ގުޅިގެން ކަމަށެވެ.
ޑިސްޓްރިކްޓް ސެކްރެޓަރީ ވިދާޅުވީ އެމީހުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށެވެ.
އަވަށްޓެރި ލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގެ ސަބަބުން މަރުވި މީހުންގެ އަދަދު 193 އަށް އަރާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ އެންމެ ފަހުގެ ސިޗުއޭޝަން ރިޕޯޓުގައި ވަނީ ބުނެފައެވެ.
ފެންބޮޑުވުމާއި ބިންގަނޑު ކަންޑައިގެން ދިއުމުގެ ސަބަބުން ފުޅާދާއިރާއެއްގައި ގެއްލުން ލިބިފައިވާ އެތައް ޑިސްޓްރިކްޓެއްގައި މީހުން ސަލާމަތްކުރުމާއި ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު 228 މީހުން ގެއްލިފައިވާކަން ވެސް ޑީއެމްސީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ލަންކާގައި 266،114 އާއިލާގެ 968،000 އަށް ވުރެ ގިނަ ފަރުދުންނަށް ވަނީ މި ކާރިސާގެ ސަބަބުން އަސަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު