ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނޭ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނުނަގަން ނިންމައި އެ ޓަވަރު އެހެން ސަރަހައްދެއްގައި އަޅަން ނިންމީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
“ދަ ޕަލްސް” ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓް ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގަސް އިންދުމާއި ފެހިކުރުމުގެ މަޝްރޫއަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. ބައެއް ފަހަރު، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކޮންމެވެސް ވަރަކަށް ގަސް ނަގަން ޖެހޭ ފަހަރު ވެސް އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގަސް ނަގަން ޖެހުނަސް، އެއަށް ވުރެ ގިނައިން ގަސް އިންދުމަކީ ސަމާލުކަން ދެއްވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވިލިމާލޭގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ބެލިއިރު، އެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ގަސްތައް ގިނަކަމުން ގަސްތައް ނުނަގަން ނިންމާފައިވާ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
“އަޅުގަނޑުމެން ބޭނުން ވިލިމާލެއަކީ އަބަދުވެސް ފެހި ތަނެއްވީމަ، ފެހިކޮށް ބާއްވަން. އަދި އަމުދުން މާލެ ކައިރީގައި އެފަދަ ތަނެއް އޮތުން ވަރަށް މުހިންމު. ޒަމާނުއްސުރެ، އޮތް ރީތި ހިތްގައިމު މާހައުލު އޮންނަން ބޭނުން. އަދި ތަރައްގީ ވެސް އަންނަން ބޭނުން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ތަރައްގީ އާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިފައިވާ، އެއް ކަމަކުން، އަނެއް ކަމަކަށް ފައިދާ ކުރާ ގޮތުގައި ދާ ކަމަކަށްވާން އެބަޖެހެއެވެ. ތިމާވެއްޓާއި ތަރައްގީއަކީ އެކުއެކީގައި ވަށާޖެހޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ހަމަޖެހިފައިވާއިރު، ހޮސްޕިޓަލް އަޅާ ސަރަހައްދުގައި ހުރި ގަސްތަކެއް ވެސް ނަގާނެ ކަމަށެވެ. އޭގެ ބަދަލުގައި ގިނަ ގަސްތަކެއް އިންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އެހެން ރަށްރަށުގައި ވެސް މަޝްރޫއުތައް ކުރިއަށް ގެންދާއިރު، ވަގުތީ ގޮތުން އަންނަ ބަދަލެއްގެ ބަދަލު، އެއަށް ވުރެ މާ ރަނގަޅަށް ފެހި ކުރުމުގެ ތެރެއިން ހާސިލް ކުރުމަކީ ސަރުކާރުގެ ސިޔާސަތު.” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 300 ފްލެޓު އަޅަން ވަނީ ނިންމައިފައެވެ. ވިލިމާލޭގެ ދުވަސްވީ ފުނަ ގަސްތަކެއް އޮންނައިރު، ހައުސިން ޔުނިޓްތައް އަޅަން ނިންމާފައި ވަނީ ގަސްތައް ގިނަ ސަރަހައްދުގައެވެ. ނަމަވެސް ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަން ޖެހޭތީ އާއި ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅެވެ.


ކިޔުންތެރިންގެ ހިޔާލު