ލަންކާގައި ފެންބޮޑުވެފައިވާ ސަރަހައްދުގައި ތިބި ދެ ދިވެއްސަކަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން ދިވެހި ފިރިހެނަކާއި އަންހެނަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
“ހަވާސާ” އަށް މައުލޫމާތު ދެއްވަމުން އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ، ފެންބޮޑުވެ ޗަކަ އުފެދިފައިވާ ސަރަހައްދުގައި ތިބި އެ ދެ ދިވެހީން އެމީހުން ތިބި ތަނުން ރައްކާތެރި ތަނަކަށް ގެންދެވިފައިވާ ކަމަށެވެ.
“ފެންބޮޑުވި ސަރަހައްދެއްގައި ތިބި ދެ ދިވެއްސަކަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެ އަޅުގަނޑުމެންނަށް. އެ ބޭފުޅުން ތިބި ލޮކޭޝަނުން އެހެން ތަނަކަށް މޫވް ކޮށްދިނީ،” ޝިޒްނާ ވިދާޅުވިއެވެ.
ލަންކާގެ އެކި ސަރަހައްދުތަކަށް ގަދަ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ގެދޮރާއި މުދާ ހަލާކުވެ އެތައް ބަޔަކު މަރުވެފައިވާއިރު، އެތައް ބަޔަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.
ލަންކާ އަކީ ދިވެހިން ވަރަށް ގިނައިން ދިރިއުޅެމުންދާ ގައުމެކެވެ. އެމްބަސީން ދަނީ ލަންކާގައި ތޫފާނުގެ ސަބަބުން ގެއްލުންވި އަދިވެސް އެފަދަ ހާލަތުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލަންކާގެ އެއާޕޯޓްގައި ތާށިވި ދިވެހީންނަށް ވެސް އެމްބަސީއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިފަދަ ހާލަތްތަކުގައި ލަންކާގައި ދިރިއުޅޭ ދިވެހީންނަށާއި، ދަތުރުކުރާ ދިވެހީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްބަސީން އަބަދުވެސް މަސައްކަތް ކުރަމުންދެއެވެ.
މީގެ އިތުރުން ދިވެހީންނަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެފަރާތްތަކަށް ބޭނުންވާ ޒަރޫރޫ ތަކެތި ހޯދުމަށް ވެސް އެމްބަސީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ތޫފާން ޑިޓްވާ މިހާރު ލަންކާއާ ދުރައް ދަތުރުކުރިނަމަވެސް އެ ތޫފާން ލަންކާއަށް އަރައި ފާއިތުވި ތިން ދުވަހު މުޅި ލަންކާ ސުންނާފަތިކޮށްފިއެވެ. އެގޮތުން ވައިގަދަވުމެގެ ސަބަބުން މަގުތައް ބަންދުވެ، ކޯރުތައް ބަންޑުންވެ ލަންކާގެ ގިނަ އަވަށްތައް ވަނީ ފެނުގެ އަޑީގައެވެ. ލަންކާގެ ރައްޔިތުން ވެސް މިވަގުތު ތިބީ އަސާސީ ގިނަ އެހީތަކަށް ބޭނުންވެފައެވެ.


ކިޔުންތެރިންގެ ހިޔާލު