އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާއަށް ތާވަލްކޮށްފިއެވެ.
މާދަމާ އެ ޖަލްސާ ބާއްވާނެ ކަން އިއުލާން ކުރެއްވީ، މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހެޅުމަށް ތާވަލުކޮށްފައިވާއިރު، މި ބަޖެޓުގައި ހިމަނާނެ ބައެއް މުހިންމު ކަންކަމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ބައެއް ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވައިފައެވެ.
ރައީސް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ތަކުގައި ވިދާޅުވީ ބަޖެޓްގެ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ އަހަރު ތައުލީމީ ދާއިރާއިން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ މަޝްރޫއެއް ފެށުމަށް ނިންމާފައިވެއެވެ. މި މަޝްރޫއުގައި އެ ކުދިންނަށް ތައުލީމް ހާސިލްކުރެވޭނެ ގޮތްތަކާއި ހާއްސަ ކްލާސްރޫމްތައް ހެދުން ވެސް ހިމެނޭނެއެވެ.
ސިއްހީ ދާއިރާ ކުރިއަރުވައި، ރާއްޖެއިން ނުހެދޭ ޓެސްޓުތައް ހެދުމަށާއި، އޮޕަރޭޝަންތަކާއި ޑޮކްޓަރަށް ދައްކަން ބޭރަށް ދިއުން ނިމުމަކަށް ގެނައުމަށް ރާއްޖޭގައި އާ އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހޮސްޕިޓަލުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުން ފަދަ ސިއްހީ ހިދުމަތްތެރިން ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ގާތްގަނޑަކަށް ތިން ބިލިއަން، 3،000 މިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް މި އަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަޅުގަނޑުމެން އަލަށް ފަށާ މިދެންނެވި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށާއި، މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނަން،” ރައީސް ވިދާޅުވެފައިވެއެވެ.
މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ކުރީ އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި، މި އަހަރު އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދެކެވެ.


ކިޔުންތެރިންގެ ހިޔާލު