މަސްވެރިކަމުގެ ގާނޫނަށް ގެންނަ އިސްލާހުތައް ފަރުމާކޮށްފައިވަނީ މަސްވެރިންނަށް އުނދަގޫވާ ގޮތަށް: ނާޒިލް

ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ފަރުމާކޮށްފައިވަނީ ވީހާ ވެސް ގިނަ ގޮތްގޮތުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހްމަދު ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ބިލުގެ 25 މާއްދާއަށް އިސްލާހު ގެނެސްފައިވާއިރު 19 މާއްދާއަށް ވުރެ ގިނަ އިސްލާހުތަކަކީ މަސްވެރިންގެ އަތުން ފީ ނެގުމާއި، މަސްވެރިކަން ނުކުރެވޭ ސަރަހައްދުތަކާއި، ބޮޑެތި ޖޫރިމަނާތަކާ ގުޅޭ އިސްލާހުތައް ކަމަށެވެ. އެގޮތުން 2 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ އަރައިގެންދާނެ ކަމަށް ބިލުގައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

“މަސްވެރިން ކޯޓަށް ގެންދާނެ ވާހަކައާ މަސްވެރިންނަށް އަދަބު ދޭނެ ވާހަކައާ މަސްވެރި އުޅަނދުތައް ބަނދަރު ކުރީމަ އެ އުޅަނދުތަކުން ފީ ނެގޭނެ ވާހަކައާ މަސްވެރިންނަށް ވީހާ ވެސް ގިނަ ގޮތްގޮތުން އުނދަގޫ ކުރެވޭނެ ގޮތަށް މުޅި ބިލު ފަރުމާ ކުރެވިފައިވަނީ” ކަމަށް ނާޒިލް ވިދާޅުވިއެވެ. ސަރުކާރުގެ މެންބަރުން ބިލާ ގުޅޭ ގޮތުން ދެއްކެވީ ބިލެތާ ފޯކައި ފެންބިލާ ކަރަންޓު ބިލުގެ ވާހަކަ ކަމަށާއި، ބިލުގައި ހުރި މާއްދާއަކަށް ރިއާޔަތްކޮށް މަސްވެރިންނަށް ވާ ފައިދާގެ ވާހަކައެއް ދައްކަވާފައި ނުވާ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ވިދާޅުވީ މި އިސްލާހުން މަސްވެރިއަކަށް ފައިދާ ކުރާނެ ބިލެއް ހުށަހެޅުއްވި ނަމަ ތައުރީފް ވެސް ކުރައްވީސް ކަމަށާއި، ނަމަވެސް މިއީ މަސްވެރިއަކަށް ނުވަތަ މަސްވެރި އާއިލާއަކަށް ވެސް ފައިދާ ވާނެ ބިލެއް ނޫން ކަމަށެވެ.

އެންމެ ބާރުގަދަ ދެ ކޮމިޓީން ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފިއެވެ.

މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އެވެ.

މީގެކުރިން ނާޒިމްއަކީ އެ ދެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި މެންބަރެކެވެ. އަދި ހާއްސަކޮށް އެ ކޮމިޓީން ކުރިއަށްގެންދިޔަ ކޮރަޕްޝަން އާއި ސަލާމަތާ ގުޅުންހުރި ބޮޑެތި މައްސަލަތައް ބަލަން އެކުލަވާލާ ކުޑަ ކޮމިޓީތަކުގެ މުގައްރިރުކަން ވެސް އެންމެ ގިނައިން ކުރައްވާފައި ވަނީ ނާޒިމްއެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ދެ މީހަކު މަރުވި ހާދިސާ އާއި ފެނަކަ އާއި ޕޮލްކޯގެ ހިޔާނާތުގެ މައްސަލަތަކާއި އެމްޕީއެލްގެ ވިޔަފާރި ބަދަރުން ސިނގިރެޓް ކޮންޓޭނާއެއް ވަކަށް ނެގުން ފަދަ މައްސަލަ ތަކުގެ އިތުރުން، ރާއްޖެއަށް ބޮޑެތި އަދަދުތަކުން ޑްރަގް އެތެރެކުރި މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.

ނަމަވެސް، މަޖިލީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަ ގޮތުގައި އެ ދެ ކޮމިޓީގައިވެސް ނާޒިމެއް ނުހިމެއެވެ. ވެބްސައިޓްގައި ނާޒިމް އިންނެވީ އެ ދެ ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރުންގެ ތެރޭގައެވެ. އަދި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައިވެސް ނާޒިމް ހިމެނިވަޑައެއް ނުގަންނަވައެވެ.

ނަމަވެސް މިގެނައި ބަދަލު އަދި މަޖިލީހުގެ ތަޅުމުގައި އިއުލާންކޮށްފައެއް ނުވެއެވެ.

134 ވަނަ ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ފަހުރުވެރި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެޕްރީލް 21ވަނަ ދުވަހުގެ ހެނދުނު 06:00ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ހަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގައި، ދިފާއީ ވަޒީރު ވަނީ މިއަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރުކަމުގައިވާ، “އަސްކަރީ އަހުލާގު – ސިފައިންގެ ކުރިއެރުން” މި ޝިއާރު ހާމަ ކޮށްދެއްވާފައެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާޘާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން އަލީއާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާއަކާއި ސިފައިންގެ ލަވައިންނެވެ. 2026ވަނަ އަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު، ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

11 ކިލޯ ޑްރަގާ އެކު ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 30 ދުވަސް

ރާއްޖެއަށް އެތެރެކުރި 11 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 11.9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުން ކަމަށްވާ، ޔުތިޝް ރާޖް ރާޖަން، (27އ) އާއި އީޝްވަރުމުރިތީ ޝަންމުގަމް، (24އ) އެވެ.

ފުލުހުން ބުނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެ މީހުން ހައްޔަރު ކުރީ ރާއްޖެ އައި އިރު ގެނައި ޑްރަގާ އެކު ކަމަށެވެ.

އެ މީހުން ފުލުހުންނާ ހަވާލުކުރީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކަސްޓަސްއިން އިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތީ 5،370 ގްރާމުގެ ކެނަބިސް ފަތާއި 6،590 ގްރާމުގެ ހަޝިޝް އޮއިލްއެވެ. އެ ތަކެތީގެ އަގު 9.6 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާއަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ބޭންކުގެ ޖުމްލަ އާމްދަނީ ވަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެ ބޭންކުން ބުނީ އާމްދަނީ އިތުރުވީ ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު 796 މިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަނުން ލިބުނު 332 މިލިއަން ރުފިޔާއާ ގުޅިގެން ކަމަށެވެ. އާމްދަނީއާ އަޅައިބަލާއިރު ހަރަދު ހުރި މިންވަރު ދައްކައިދޭ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް ރަނގަޅުކުރެވިފައެވެ.

ބީއެމްއެލުން ބުނެފައިވާ ގޮތުގައި ފުރަތަމަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމުލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ ބޭންކުގެ ތާރީހުގައި ޖުމުލަ އެސެޓް 60 ބިލިއަނަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ކަސްޓަމަރުންގެ ޑިޕޮސިޓް 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، ލޯނުގެ ޖުމުލަ އަދަދު ވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެ ބޭންކުން ބުނީ ފުރަތަމަ ކުއާޓަރުގައި މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާއާއެކު މި އަހަރު ދޫކުރި އާ ލޯނުގެ އަދަދު ފަސް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

ބޭރު ފައިސާގެ ދާއިރާއަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް 226 މިލިއަން ޑޮލަރަށްވުރެ ގިނައިން ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވެ، ކާޑުގެ މުއާމަލާތްތަކުން ބޭރުން އަންނަ ފައިސާ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާ ކަމަށާއި، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ ދެގުނަ އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލުން އިތުރަށް ބުނެފައިވާ ގޮތުގައި، އޭޕްރީލް މަހު ތ. ވިލުފުށި، އއ. ތޮއްޑޫ، ހދ. ހަނިމާދޫ، ލ. ހިތަދޫ، ސ. ހުޅުދޫ އަދި ކުޅުދުއްފުށީ ސިޓީގައި އައު ބްރާންޗުތައް ހުޅުވައި، ރާއްޖޭގެ 70 ރަށެއްގައި 90 އޭޓީއެމް ވަނީ ބަހައްޓައިފައެވެ. އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައެވެ. އެ ބަދަލުތަކާއެކު ބޭންކުގެ ވިއުގައިގައި މިހާރު 253 ދިވެހި ރުފިޔާ އޭޓީއެމް އަދި 86 ޔޫއެސް ޑޮލަރު އޭޓީއެމް ހިމެނެއެވެ. އަދި ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމާ ގުޅިގެން 3.6 ބިލިއަން ރުފިޔާއިން 28.2 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

ނަޝީދުއާއި ފައްޔާޒުގެ ޕާޓްނާޝިޕް ހަމަ ވޯކްކޮއްފާނެބާ؟

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަކީ އަބަދުވެސް ހައިރާންކުރުވަނިވި ބަދަލުތަކެއް އަންނަމުންދާ މައިދާނެކެވެ. އެގޮތުން، މިދިޔަ އާދިއްތަ ދުވަހު ބޭއްވި “ބޮޑު ބަދަލު” ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިއުލާނަކީ ގިނަ ބަޔަކު ސިއްސުވާލި ކަމެކެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވާނެ ކަމަށް ނަޝީދު އިއުލާން ކުރެއްވުމާއި، ހަމައެއާއެކު އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ނަޝީދު ވާދަކުރައްވާނެކަން ހާމަކުރެއްވުމަކީ ދިވެހި ސިޔާސީ ޗާޓަށް އައި ބޮޑު ލޮޅުމެކެވެ.

މި އައު “ޕާޓްނާޝިޕް” އާއެކު ދެ ބޭފުޅުން ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަކެއްވެސް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ދައުލަތުގެ އެންމެ މަތީ ވެރިޔާ (Head of State) އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔާ (Head of Government) އަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި ހުށަހެޅުމުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހޮވާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ސަރުކާރު ހިންގާ ވެރިޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. މިއީ ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ހުށަހެޅިގެންދިޔަ ތަފާތު އަދި ބޮޑު އިސްލާހެކެވެ.
ނަމަވެސް، މި ހުރިހާ އިއުލާންތަކަކާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ “ނަޝީދާއި ފައްޔާޒުގެ މި ގުޅުން ހަގީގަތުގައިވެސް މަސައްކަތް ކުރާނެބާ؟” މިއެވެ. މި ސުވާލު އުފެދެންޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. މީގެ ކުރީގެ ތާރީޚަށް ބަލާއިރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ނަޝީދާއި ފައްޔާޒާ ދެމެދު އޮތީ ނުތަނަވަސް ގުޅުމެކެވެ. ސޯޝަލް މީޑިއާގައާއި ސިޔާސީ މައިދާނުގައި އޭރު ދެކެވުނު ވާހަކަތަކަށް ބަލާއިރު، ނަޝީދު އެމްޑީޕީން އެކަހެރިކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ފައްޔާޒު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފައްޔާޒާއި ނަޝީދާ ދެމެދު އޮތް ފިކުރީ އަދި ސިޔާސީ ތަފާތުތަކަކީ މިއަދު ފޮރުވޭނެ ހަގީގަތްތަކެއް ނޫނެވެ.

މި އިއްތިހާދާ މެދު ސިޔާސީ ދާއިރާގެ ބައެއް ބޭފުޅުން ދެކޭގޮތުގައި، މިއީ ހަމައެކަނި ސިޔާސީ “އެއްބަސްވުމެއް” (Marriage of Convenience) އެކެވެ. ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީގެ ކޮންޓްރޯލް އަލުން ހޯއްދަވާށެވެ. ފައްޔާޒު ބޭނުންފުޅުވަނީ 2028 ގެ ރިޔާސީ ޓިކެޓް ކަށަވަރުކުރާށެވެ. އެހެންކަމުން، މި ދެ ބޭފުޅުންގެ މަސްލަހަތު މިވަގުތު އެއް އަމާޒަކަށް ހުރި ނަމަވެސް، ކުރީގެ ހިތްނުތަނަވަސްކަމާއި އިތުބާރު ނެތުމުގެ މައްސަލަތަކުގެ ސަބަބުން މި ޕާޓްނާޝިޕް ދެމިއޮންނާނެކަމާމެދު ގިނަ ބަޔަކު ޝައްކު އުފައްދައެވެ.

ކޮންމެއަކަސް، ނަޝީދާއި ފައްޔާޒުގެ މި ގުޅުމަކީ އެމްޑީޕީގެ އެތެރޭގެ މަސްރަހާއި ރާއްޖޭގެ ސިޔާސީ ކުރިމަގަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުމެވެ. މި ޕާޓްނާޝިޕް ކާމިޔާބުވާނީ ދެ ބޭފުޅުންގެ މެދުގައި އޮތް ކުރީގެ ޚިލާފުތައް އެއްފަރާތްކޮށް، އެކަކު އަނެކަކަށް އިތުބާރުކޮށްގެން ކުރިއަށް ދެވިގެންނެވެ. އެހެން ނޫންނަމަ، މިއީވެސް ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފެނިގެންދިޔަ ފަދަ، ވަގުތީ ފައިދާއަކަށް އުފެދިގެންދިޔަ ބަލިކަށި ކޯލިޝަނަކަށް ވުމުގެ ފުރުސަތު ބޮޑެވެ.ނަޝީދުއާއި ފައްޔާޒުގެ ޕާޓްނާޝިޕް ހަމަ ވޯކްކޮއްފާނެބާ؟ މި ސުވާލުގެ ޖަވާބު ލިބޭނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީގެ ތެރެއިން ފެންނަ ހަރަކާތްތަކުންނެވެ.

 

ޖިންސީ ގޯނާ ކުރާ ވީޑިއޯއާއި ފޮޓޯ ވިއްކާ ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާ ގުޅިގެން ތަހުގީގުކުރާ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައި ވަނީ މި މަހު ފަސް ވަނަ ދުވަހެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، އެ މުއްދަތު މާދަމާއަށް ހަމަވާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ، ‘ބައިނޭންސް އެކްސްޗޭންޖް’ގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި އެ ވޮލެޓުން އާދަމް އަދްލާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވެއެވެ.

މީގެ އިތުރުން، އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު އިސްތިއުފާ ދެއްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެެވެ.

އެ މަގާމަށް އަމްޖަދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހެވެ.

އަމްޖަދު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މުސާރައަކީ މަހަކު 47،500 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ 30،500 ރުފިޔާއާއި، ލިވިން އެލަވަންސްގެ 15،000 ރުފިޔާއާއި ފޯން އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާއެވެ.

މި މަގާމަށް އައްޔަން ކުރަނީ ގާނޫނީ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާއާއި ފުރަތަމަ ޑިގްރީގެ ފެންވަރު ހުންނަ ބޭފުޅުންނެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްއަށް %68.2 ކުރިއެރުމެއް

މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްއަށް %68.2 ކުރިއެރުމެއް އައިސްފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު،ފުރަތަމަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރިއިރު، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 400 މިލިއަނަަށްވުރެ ގިނަ ޑޮލަރު ހުއްޓެވެ.

އެމްއެމްއޭއިން ޢާންމުކޮށްފައިވާ ދައުލަތުގެ ރަސްމީ ރިޒާވްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މާރިޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރިއިރު، ފެބްރުއަރީ މަހު ރަސްމީ ރިޒާވްގައި ހުރީ 1.2 ބިލިއަންް ޑޮލަރެވެ. ހަމަ އެއާއެކު، މިދިޔަ އަހަރުގެ މާރިޗު މަހުގައި ރަސްމީ ރިޒާވްގައި ހުރީ 791 މިލިއަން ޑޮލަރެވެ.  އެހެންކަމުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ރިޒާވްގައި ފައިސާ ހުރި މިންވަރަށްވުރެ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވްގައި ފައިސާ ހުރި މިންވަރު %68.2 ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، ރަސްމީ ރިޒާވްގެ އިތުރަށް އެމްއެމްއޭއިން ބޭންކުތަކުގައި ބޭނުންކުރެވޭ ގޮތަށް ޑިޕޮސިޓުކޮށް ރައްކާކޮށްފައި ހުރި ބޭރު ފައިސާގެ ޢަދަދު މާރިޗު މަހުގެ ނިޔަލަށް 81 މިލިއަން ޑޮލަރަށް އަރާއިރު، ޖުމްލަ ރިޒާވް 1.4 ބިލއިަން ޑޮލަރަށް އަރާނެއެވެ.  އަދު މި މުއްދަތުގައި ކުރު މުއްދަތުގެ މާލީ އިލްތިޒާމުތަކުގެ ގޮތުގައި 1 ބިލިއަނެއްހައި ޑޮލަރު ހުރިއިރު، ރިޒާވް ފައިސާގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހުރި އަދަދު ހިސާބުކުރަނީ ރަސްމީ ރިޒާވްއާއި އެހެނިހެން ބޭރު ފައިސާގެ އެސެޓުތައް އެއްކޮށްލައިގެން ޖުމްލަ ރިޒާވްގެ ގޮތުގައި ހިސާބުކުރެވޭ އަދަދުން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކޮށްގެންކަމަށް އެމްއެމްއޭ އިން މަޢުލޫމާތުދެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރިޒާވްގައި 509 މިލިއަން ޑޮލަރު ހުރިއިރު، ދެ އަހަރާއި ބައިގެ ތެރޭގައި ރަސްމީ ރިޒާވްގައި ފައިސާ ހުރި މިންވަރު %161 ވަނީ އިތުރުވެފައެވެ.

މިދިޔަ ހަފުތާގައި ސްކޭމްތަކަށް ގާތްގަނޑަކަށް ފަސް ލައްކަ ގެއްލުނު

މިދިޔަ ހަފުތާގައި ސްކޭމްތަކަށް ފަސް ލައްކައެއްހާ ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން ހޯދުނީ ދެ ލައްކަ ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފުލުހުން މިއަދު ވަނީ މިދިޔަ އާދިއްތަ ދުވަހުން އިއްޔެއާ ހަމައަށް އެ މުއައްސަސާއަށް ހުށަހަޅައިފައިވާ ސްކޭމުގެ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާގޮތުގައި އެ މުއްދަތުގައި ސްކޭމުގެ 41 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ އީ ކޮމާސްގެ 21 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ތިން މައްސަލައަކާއި ޝަޚުސު އޮޅުވާލުމުގެ ނުވަ މައްސަލައަކާއި ފިޝިން، ވިޝިން އަދި ޖޮބްސްކޭމްގެ އެއް މައްސަލައެއްގެ އިތުރުން އެހެނިހެން އަށް މައްސަލައެވެ.

އެ މައްސަލަތަކުގައި 496،383 ރުފިޔާ ގެއްލިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އޭގެތެރެއިން ފުލުހުންނަށް ހޯދިފައިވަނީ 211،684 ރުފިޔާއެވެ.

އެ މައްސަލަތަކުގައި ސްކޭމަރުން ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން މަންސަތަކާއި އައިބޭގެ އިތުރުން ފޯނުކޯލާއި ފިޝިން ލިންކުތަކުގެ އިތުރުން، ފޭސްބުކް މާކެޓް ޕްލޭސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވެސް އާންމުންނާ ހިއްސާކޮށްފައެވެ. އެގޮތުން، ވިޔަފާރި އެކައުންޓަކާ މުއާމަލާތު ކުރާއިރު އެއީ ރަޖިސްޓްރީކޮށްފައިވާ ސައްހަ ވިޔަފާރިއެއްތޯއާއި ވިއްކާ މުދަލާ ގުޅޭ ވިޔަފާރިއެއްތޯ ކަށަވަރުކޮށް، ވިޔަފާރީގެ ނަންބަރު ކަށަވަރުކުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.

އާއިލާ މީހަކަށް ނުވަތަ ރައްޓެއްސަކަށް ހެދިގެން ފައިސާއަށް އެދޭ ފަރާތްތަކަށް ސަމާލުވުމަށާއި، ޝައްކެއް އުފެދޭ ނަމަ އެ މީހަކަށް ގުޅައި ޔަގީންކުރުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.

މީގެ އިތުރުން ބޭންކުގެ ނަމުގައި ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިރުޝާދުފީފައެވެ.

މާލޭން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން، މި މަހުގެ ފުރަތަމަ ދެ ހަފުތާގެތެރޭގައި 1.46 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

ވައްކަމުގެ މައްސަލަތައް މާލެއާއި އަތޮޅު ތެރޭގައި ވެސް ވަނީ އިތުރުވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 3,583 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 998 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ކުރިއަށްވުރެ ހަލުވިކޮށް އީރާނުން މިސައިލާއި ޑްރޯން ލޯންޗަރުތައް އުފައްދަނީ

އީރާނުން މިސައިލް އަދި ޑްރޯން ލޯންޗަރުތައް އަލުން އުފެއްދުމުގެ މަސައްކަތް، ހަނގުރާމަ ފެށުމުގެ ކުރިން މި މަސައްކަތްކުރިއަށް ގެންދިޔަ މިންވަރަށް ވުރެ، ⁠ހަލުވި މިނެއްގައި ކުރިއަށް ގެންދާކަމަށް އީރާނުގެ އަސްކަރީ ކޮމާންޑަރަކު ވިދާޅުވެއްޖެއެވެ.

ނޯނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރިވޮލިއުޝަނަރީ ގާޑްގެ އެއަރޮސްޕޭސް ފޯސްގެ ކޮމާންޑަރު މާޖިދު މޫސާވީ ވިދާޅުވީ އީރާނާ ހިލާފަށް ހަނގުރާމަ ހުއްޓާލުމުގެ ތެރޭގައި ދުޝްމަނުންނަށް ވަޒަން އަލުން ބިނާކުރެވޭ ގޮތް ނުވާ ކަަމަށެވެ.

މި ވާހަކަތައް އެޑިޓްކޮށްފައިވާ ވީޑިއޯއަކާ އެކު ހިއްސާކޮށްފައިވާއިރު، އެ ވީޑިއޯއިން ފެނިގެން ދަނީ ⁠ބިމުގެ އަޑީގައި ހުންނަ މިސައިލް ފެސިލިޓީއެއް އިންސްޕެކްޓް ކުރާ ތަނެވެ.

“ހަނގުރާމަ ހުއްޓާލުމުގެ ތެރޭގައި މިސައިލް އަދި ޑްރޯން ލޯންޗް ޕެޑްތައް އަދާހަމަތަކޮށް ފުރިހަމަ ކުރުމުގެ ދުވެލި ހަނގުރާމައިގެ ކުރިއަށް ވުރެ ވެސް ބާރު،”. އޭނާ ވިދާޅުވިއެވެ.

“ހަނގުރާމައިގެ މި މަރުހަލާ އެމީހުންނަށް ވަނީ ގެއްލުފައި. އެމީހުންނަށް ހޮރްމޫޒް ކަނޑުއޮޅި، ލުބުނާން، އަދި އެ ސަރަހައްދު ވަނީ ގެއްލިފައި” އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ވީޑިއޯއިން ފެންނަ ބިމުގެ އަޑީގައި ހުންނަ ފެސިލިޓީތަކުގެ ތެރޭގައި ޑްރޯންތަކާއި މިސައިލް އަދި ލޯންޗުތަކުގެ އިތުރުން ގްރައުންޑް މިސައިލް ލޯންޗުތަކުގެ ފޫޓޭޖްތައްވެސް ހިމަނާފައި ވެއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާތައް ދޭން ފެށިއިރު، އެމީހުންގެ އެއް އަމާޒަކީ އީރާނުގެ މިސައިލްގެ ބާރުގަދަކަން ނައްތާލުމެވެ.

މި ހަމަލާތައް ވަރުގަދަ ކުރަމުން ގޮސް، އެންމެ ފަހުން ހަމަލާތައް މެދުކަނޑާލަން އެއްބަސްވެފައިވަނީ މިމަހުގެ 8 ގައެވެ. ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައިވީއިރު، މި މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

ޕީއެންއެފްގެ މެމްބަރުން އާޓިފިޝަލް ބީޗް ކުރިމަތީ އެލް ސޯފާއެއް ބަހައްޓައި މުޒާހަރާ ފަށައިފި

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މެމްބަރުން އާޓިފިޝަލް ބީޗް ކުރިމަތީގައި ރަތް ކުލައިގެ އެލް ސޯފާއެއް ބަހައްޓައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މިއީ ކޮންމެ ރެޔަކު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.