މި އަހަރުގެ ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ އަލްމުތޭނާ އެސްޕަރްޒާ ނަމަކަށް ކިޔާ ސްޕެއިންގެ އަންހެން ފަތުރުވެރިއެކެވެ. އޭނާ ރާއްޖެ އޭނާ ރާއްޖެ އައީ ގަތަރު އެއާވޭސްގެ ފްލައިޓުގަައި މިއަދު މެންދުރު ފަހުގައެވެ.
އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު މުހައްމަދު އަމީނާއި އާއި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ އިތުރުން އެމްއޭސީއެލްގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ހާސިލްކުރި އަލްމުދޭނާ އެސްޕާޒާ އޭނާގެ ފިރިމީހާއެކު ރާއްޖެ އައީ ވ. ފުލިދޫ ދަ ޕާލް ސީވިއު ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރުމަށެވެ. މިއީ އެ ދެމަފިރިން ރާއްޖެ އަށް ކުރާ ފުރަތަމަ ދަތުރެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައި ވަނީ ޖޫން މަހުގެ ހަތްވަނަ ދުވަހުގައެވެ. އެހެން ކަމުން މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒު ހާސިލްކުރެވުނީ މިދިޔަ އަހަރަށް ވުރެ ލަހުންނެވެ.ގަތަރު އެއާވޭސް އިން ރާއްޖެ އައި އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދުގެ މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމަށް ފަހު ވެސް މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓް މި ޖޫން މަހު ހަމަވުމަކީ ކާމިޔާބީއެއް ކަމަށެވެ. އަދި ތިން ވަނަ ކުއާޓާއާ ހަމައަށް ދާއިރު ޓޫރިޒަމްގެ މި އަހަރުގެ އަމާޒަށް ކައިރިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު މި ސަރުކާރުން ދަނީ ފަތުރުވެރިން އިތުރު ކުރުމަށްޓަކައި ފަތުރުވެރިން އަންނަ ރޫޓްތައް ބަދަލުކޮށް ފްލައިޓްތައް އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.
އަމީން ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާއިރު ތެލުގެ އަގު އުފުލުމާ ގުޅިގެން ޓިކެޓްތަކުގެ އަގުތައް ވެސް އުފުލިފައިވުމަކީ، މިވަގުތުގެ ގޮންޖެހުމެއް ކަމަށެވެ.
ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް ވުރެ މަތިވެފައިވާ އިރު މިއީ މިދިޔަ އަހަރުގެ މިއީ މި މުއްދަތަށް ވުރެ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށް އަދަދެކެވެ. މި ޖޫން މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ 17 ޕަސެންޓް ދަށެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.


ކިޔުންތެރިންގެ ހިޔާލު