ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާއަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ބޭންކުގެ ޖުމްލަ އާމްދަނީ ވަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެ ބޭންކުން ބުނީ އާމްދަނީ އިތުރުވީ ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު 796 މިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަނުން ލިބުނު 332 މިލިއަން ރުފިޔާއާ ގުޅިގެން ކަމަށެވެ. އާމްދަނީއާ އަޅައިބަލާއިރު ހަރަދު ހުރި މިންވަރު ދައްކައިދޭ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް ރަނގަޅުކުރެވިފައެވެ.

ބީއެމްއެލުން ބުނެފައިވާ ގޮތުގައި ފުރަތަމަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމުލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ ބޭންކުގެ ތާރީހުގައި ޖުމުލަ އެސެޓް 60 ބިލިއަނަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ކަސްޓަމަރުންގެ ޑިޕޮސިޓް 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، ލޯނުގެ ޖުމުލަ އަދަދު ވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެ ބޭންކުން ބުނީ ފުރަތަމަ ކުއާޓަރުގައި މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާއާއެކު މި އަހަރު ދޫކުރި އާ ލޯނުގެ އަދަދު ފަސް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

ބޭރު ފައިސާގެ ދާއިރާއަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް 226 މިލިއަން ޑޮލަރަށްވުރެ ގިނައިން ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވެ، ކާޑުގެ މުއާމަލާތްތަކުން ބޭރުން އަންނަ ފައިސާ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާ ކަމަށާއި، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ ދެގުނަ އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލުން އިތުރަށް ބުނެފައިވާ ގޮތުގައި، އޭޕްރީލް މަހު ތ. ވިލުފުށި، އއ. ތޮއްޑޫ، ހދ. ހަނިމާދޫ، ލ. ހިތަދޫ، ސ. ހުޅުދޫ އަދި ކުޅުދުއްފުށީ ސިޓީގައި އައު ބްރާންޗުތައް ހުޅުވައި، ރާއްޖޭގެ 70 ރަށެއްގައި 90 އޭޓީއެމް ވަނީ ބަހައްޓައިފައެވެ. އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައެވެ. އެ ބަދަލުތަކާއެކު ބޭންކުގެ ވިއުގައިގައި މިހާރު 253 ދިވެހި ރުފިޔާ އޭޓީއެމް އަދި 86 ޔޫއެސް ޑޮލަރު އޭޓީއެމް ހިމެނެއެވެ. އަދި ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމާ ގުޅިގެން 3.6 ބިލިއަން ރުފިޔާއިން 28.2 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

ނަޝީދުއާއި ފައްޔާޒުގެ ޕާޓްނާޝިޕް ހަމަ ވޯކްކޮއްފާނެބާ؟

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަކީ އަބަދުވެސް ހައިރާންކުރުވަނިވި ބަދަލުތަކެއް އަންނަމުންދާ މައިދާނެކެވެ. އެގޮތުން، މިދިޔަ އާދިއްތަ ދުވަހު ބޭއްވި “ބޮޑު ބަދަލު” ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިއުލާނަކީ ގިނަ ބަޔަކު ސިއްސުވާލި ކަމެކެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވާނެ ކަމަށް ނަޝީދު އިއުލާން ކުރެއްވުމާއި، ހަމައެއާއެކު އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ނަޝީދު ވާދަކުރައްވާނެކަން ހާމަކުރެއްވުމަކީ ދިވެހި ސިޔާސީ ޗާޓަށް އައި ބޮޑު ލޮޅުމެކެވެ.

މި އައު “ޕާޓްނާޝިޕް” އާއެކު ދެ ބޭފުޅުން ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަކެއްވެސް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ދައުލަތުގެ އެންމެ މަތީ ވެރިޔާ (Head of State) އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔާ (Head of Government) އަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި ހުށަހެޅުމުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހޮވާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ސަރުކާރު ހިންގާ ވެރިޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. މިއީ ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ހުށަހެޅިގެންދިޔަ ތަފާތު އަދި ބޮޑު އިސްލާހެކެވެ.
ނަމަވެސް، މި ހުރިހާ އިއުލާންތަކަކާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ “ނަޝީދާއި ފައްޔާޒުގެ މި ގުޅުން ހަގީގަތުގައިވެސް މަސައްކަތް ކުރާނެބާ؟” މިއެވެ. މި ސުވާލު އުފެދެންޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. މީގެ ކުރީގެ ތާރީޚަށް ބަލާއިރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ނަޝީދާއި ފައްޔާޒާ ދެމެދު އޮތީ ނުތަނަވަސް ގުޅުމެކެވެ. ސޯޝަލް މީޑިއާގައާއި ސިޔާސީ މައިދާނުގައި އޭރު ދެކެވުނު ވާހަކަތަކަށް ބަލާއިރު، ނަޝީދު އެމްޑީޕީން އެކަހެރިކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ފައްޔާޒު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފައްޔާޒާއި ނަޝީދާ ދެމެދު އޮތް ފިކުރީ އަދި ސިޔާސީ ތަފާތުތަކަކީ މިއަދު ފޮރުވޭނެ ހަގީގަތްތަކެއް ނޫނެވެ.

މި އިއްތިހާދާ މެދު ސިޔާސީ ދާއިރާގެ ބައެއް ބޭފުޅުން ދެކޭގޮތުގައި، މިއީ ހަމައެކަނި ސިޔާސީ “އެއްބަސްވުމެއް” (Marriage of Convenience) އެކެވެ. ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީގެ ކޮންޓްރޯލް އަލުން ހޯއްދަވާށެވެ. ފައްޔާޒު ބޭނުންފުޅުވަނީ 2028 ގެ ރިޔާސީ ޓިކެޓް ކަށަވަރުކުރާށެވެ. އެހެންކަމުން، މި ދެ ބޭފުޅުންގެ މަސްލަހަތު މިވަގުތު އެއް އަމާޒަކަށް ހުރި ނަމަވެސް، ކުރީގެ ހިތްނުތަނަވަސްކަމާއި އިތުބާރު ނެތުމުގެ މައްސަލަތަކުގެ ސަބަބުން މި ޕާޓްނާޝިޕް ދެމިއޮންނާނެކަމާމެދު ގިނަ ބަޔަކު ޝައްކު އުފައްދައެވެ.

ކޮންމެއަކަސް، ނަޝީދާއި ފައްޔާޒުގެ މި ގުޅުމަކީ އެމްޑީޕީގެ އެތެރޭގެ މަސްރަހާއި ރާއްޖޭގެ ސިޔާސީ ކުރިމަގަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުމެވެ. މި ޕާޓްނާޝިޕް ކާމިޔާބުވާނީ ދެ ބޭފުޅުންގެ މެދުގައި އޮތް ކުރީގެ ޚިލާފުތައް އެއްފަރާތްކޮށް، އެކަކު އަނެކަކަށް އިތުބާރުކޮށްގެން ކުރިއަށް ދެވިގެންނެވެ. އެހެން ނޫންނަމަ، މިއީވެސް ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފެނިގެންދިޔަ ފަދަ، ވަގުތީ ފައިދާއަކަށް އުފެދިގެންދިޔަ ބަލިކަށި ކޯލިޝަނަކަށް ވުމުގެ ފުރުސަތު ބޮޑެވެ.ނަޝީދުއާއި ފައްޔާޒުގެ ޕާޓްނާޝިޕް ހަމަ ވޯކްކޮއްފާނެބާ؟ މި ސުވާލުގެ ޖަވާބު ލިބޭނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީގެ ތެރެއިން ފެންނަ ހަރަކާތްތަކުންނެވެ.

 

ޖިންސީ ގޯނާ ކުރާ ވީޑިއޯއާއި ފޮޓޯ ވިއްކާ ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާ ގުޅިގެން ތަހުގީގުކުރާ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައި ވަނީ މި މަހު ފަސް ވަނަ ދުވަހެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، އެ މުއްދަތު މާދަމާއަށް ހަމަވާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ، ‘ބައިނޭންސް އެކްސްޗޭންޖް’ގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި އެ ވޮލެޓުން އާދަމް އަދްލާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވެއެވެ.

މީގެ އިތުރުން، އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު އިސްތިއުފާ ދެއްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެެވެ.

އެ މަގާމަށް އަމްޖަދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހެވެ.

އަމްޖަދު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މުސާރައަކީ މަހަކު 47،500 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ 30،500 ރުފިޔާއާއި، ލިވިން އެލަވަންސްގެ 15،000 ރުފިޔާއާއި ފޯން އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާއެވެ.

މި މަގާމަށް އައްޔަން ކުރަނީ ގާނޫނީ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާއާއި ފުރަތަމަ ޑިގްރީގެ ފެންވަރު ހުންނަ ބޭފުޅުންނެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްއަށް %68.2 ކުރިއެރުމެއް

މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްއަށް %68.2 ކުރިއެރުމެއް އައިސްފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު،ފުރަތަމަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރިއިރު، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 400 މިލިއަނަަށްވުރެ ގިނަ ޑޮލަރު ހުއްޓެވެ.

އެމްއެމްއޭއިން ޢާންމުކޮށްފައިވާ ދައުލަތުގެ ރަސްމީ ރިޒާވްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މާރިޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރިއިރު، ފެބްރުއަރީ މަހު ރަސްމީ ރިޒާވްގައި ހުރީ 1.2 ބިލިއަންް ޑޮލަރެވެ. ހަމަ އެއާއެކު، މިދިޔަ އަހަރުގެ މާރިޗު މަހުގައި ރަސްމީ ރިޒާވްގައި ހުރީ 791 މިލިއަން ޑޮލަރެވެ.  އެހެންކަމުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ރިޒާވްގައި ފައިސާ ހުރި މިންވަރަށްވުރެ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވްގައި ފައިސާ ހުރި މިންވަރު %68.2 ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، ރަސްމީ ރިޒާވްގެ އިތުރަށް އެމްއެމްއޭއިން ބޭންކުތަކުގައި ބޭނުންކުރެވޭ ގޮތަށް ޑިޕޮސިޓުކޮށް ރައްކާކޮށްފައި ހުރި ބޭރު ފައިސާގެ ޢަދަދު މާރިޗު މަހުގެ ނިޔަލަށް 81 މިލިއަން ޑޮލަރަށް އަރާއިރު، ޖުމްލަ ރިޒާވް 1.4 ބިލއިަން ޑޮލަރަށް އަރާނެއެވެ.  އަދު މި މުއްދަތުގައި ކުރު މުއްދަތުގެ މާލީ އިލްތިޒާމުތަކުގެ ގޮތުގައި 1 ބިލިއަނެއްހައި ޑޮލަރު ހުރިއިރު، ރިޒާވް ފައިސާގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހުރި އަދަދު ހިސާބުކުރަނީ ރަސްމީ ރިޒާވްއާއި އެހެނިހެން ބޭރު ފައިސާގެ އެސެޓުތައް އެއްކޮށްލައިގެން ޖުމްލަ ރިޒާވްގެ ގޮތުގައި ހިސާބުކުރެވޭ އަދަދުން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކޮށްގެންކަމަށް އެމްއެމްއޭ އިން މަޢުލޫމާތުދެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރިޒާވްގައި 509 މިލިއަން ޑޮލަރު ހުރިއިރު، ދެ އަހަރާއި ބައިގެ ތެރޭގައި ރަސްމީ ރިޒާވްގައި ފައިސާ ހުރި މިންވަރު %161 ވަނީ އިތުރުވެފައެވެ.

މިދިޔަ ހަފުތާގައި ސްކޭމްތަކަށް ގާތްގަނޑަކަށް ފަސް ލައްކަ ގެއްލުނު

މިދިޔަ ހަފުތާގައި ސްކޭމްތަކަށް ފަސް ލައްކައެއްހާ ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން ހޯދުނީ ދެ ލައްކަ ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފުލުހުން މިއަދު ވަނީ މިދިޔަ އާދިއްތަ ދުވަހުން އިއްޔެއާ ހަމައަށް އެ މުއައްސަސާއަށް ހުށަހަޅައިފައިވާ ސްކޭމުގެ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާގޮތުގައި އެ މުއްދަތުގައި ސްކޭމުގެ 41 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ އީ ކޮމާސްގެ 21 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ތިން މައްސަލައަކާއި ޝަޚުސު އޮޅުވާލުމުގެ ނުވަ މައްސަލައަކާއި ފިޝިން، ވިޝިން އަދި ޖޮބްސްކޭމްގެ އެއް މައްސަލައެއްގެ އިތުރުން އެހެނިހެން އަށް މައްސަލައެވެ.

އެ މައްސަލަތަކުގައި 496،383 ރުފިޔާ ގެއްލިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އޭގެތެރެއިން ފުލުހުންނަށް ހޯދިފައިވަނީ 211،684 ރުފިޔާއެވެ.

އެ މައްސަލަތަކުގައި ސްކޭމަރުން ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން މަންސަތަކާއި އައިބޭގެ އިތުރުން ފޯނުކޯލާއި ފިޝިން ލިންކުތަކުގެ އިތުރުން، ފޭސްބުކް މާކެޓް ޕްލޭސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވެސް އާންމުންނާ ހިއްސާކޮށްފައެވެ. އެގޮތުން، ވިޔަފާރި އެކައުންޓަކާ މުއާމަލާތު ކުރާއިރު އެއީ ރަޖިސްޓްރީކޮށްފައިވާ ސައްހަ ވިޔަފާރިއެއްތޯއާއި ވިއްކާ މުދަލާ ގުޅޭ ވިޔަފާރިއެއްތޯ ކަށަވަރުކޮށް، ވިޔަފާރީގެ ނަންބަރު ކަށަވަރުކުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.

އާއިލާ މީހަކަށް ނުވަތަ ރައްޓެއްސަކަށް ހެދިގެން ފައިސާއަށް އެދޭ ފަރާތްތަކަށް ސަމާލުވުމަށާއި، ޝައްކެއް އުފެދޭ ނަމަ އެ މީހަކަށް ގުޅައި ޔަގީންކުރުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.

މީގެ އިތުރުން ބޭންކުގެ ނަމުގައި ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިރުޝާދުފީފައެވެ.

މާލޭން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން، މި މަހުގެ ފުރަތަމަ ދެ ހަފުތާގެތެރޭގައި 1.46 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

ވައްކަމުގެ މައްސަލަތައް މާލެއާއި އަތޮޅު ތެރޭގައި ވެސް ވަނީ އިތުރުވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 3,583 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 998 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ކުރިއަށްވުރެ ހަލުވިކޮށް އީރާނުން މިސައިލާއި ޑްރޯން ލޯންޗަރުތައް އުފައްދަނީ

އީރާނުން މިސައިލް އަދި ޑްރޯން ލޯންޗަރުތައް އަލުން އުފެއްދުމުގެ މަސައްކަތް، ހަނގުރާމަ ފެށުމުގެ ކުރިން މި މަސައްކަތްކުރިއަށް ގެންދިޔަ މިންވަރަށް ވުރެ، ⁠ހަލުވި މިނެއްގައި ކުރިއަށް ގެންދާކަމަށް އީރާނުގެ އަސްކަރީ ކޮމާންޑަރަކު ވިދާޅުވެއްޖެއެވެ.

ނޯނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރިވޮލިއުޝަނަރީ ގާޑްގެ އެއަރޮސްޕޭސް ފޯސްގެ ކޮމާންޑަރު މާޖިދު މޫސާވީ ވިދާޅުވީ އީރާނާ ހިލާފަށް ހަނގުރާމަ ހުއްޓާލުމުގެ ތެރޭގައި ދުޝްމަނުންނަށް ވަޒަން އަލުން ބިނާކުރެވޭ ގޮތް ނުވާ ކަަމަށެވެ.

މި ވާހަކަތައް އެޑިޓްކޮށްފައިވާ ވީޑިއޯއަކާ އެކު ހިއްސާކޮށްފައިވާއިރު، އެ ވީޑިއޯއިން ފެނިގެން ދަނީ ⁠ބިމުގެ އަޑީގައި ހުންނަ މިސައިލް ފެސިލިޓީއެއް އިންސްޕެކްޓް ކުރާ ތަނެވެ.

“ހަނގުރާމަ ހުއްޓާލުމުގެ ތެރޭގައި މިސައިލް އަދި ޑްރޯން ލޯންޗް ޕެޑްތައް އަދާހަމަތަކޮށް ފުރިހަމަ ކުރުމުގެ ދުވެލި ހަނގުރާމައިގެ ކުރިއަށް ވުރެ ވެސް ބާރު،”. އޭނާ ވިދާޅުވިއެވެ.

“ހަނގުރާމައިގެ މި މަރުހަލާ އެމީހުންނަށް ވަނީ ގެއްލުފައި. އެމީހުންނަށް ހޮރްމޫޒް ކަނޑުއޮޅި، ލުބުނާން، އަދި އެ ސަރަހައްދު ވަނީ ގެއްލިފައި” އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ވީޑިއޯއިން ފެންނަ ބިމުގެ އަޑީގައި ހުންނަ ފެސިލިޓީތަކުގެ ތެރޭގައި ޑްރޯންތަކާއި މިސައިލް އަދި ލޯންޗުތަކުގެ އިތުރުން ގްރައުންޑް މިސައިލް ލޯންޗުތަކުގެ ފޫޓޭޖްތައްވެސް ހިމަނާފައި ވެއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާތައް ދޭން ފެށިއިރު، އެމީހުންގެ އެއް އަމާޒަކީ އީރާނުގެ މިސައިލްގެ ބާރުގަދަކަން ނައްތާލުމެވެ.

މި ހަމަލާތައް ވަރުގަދަ ކުރަމުން ގޮސް، އެންމެ ފަހުން ހަމަލާތައް މެދުކަނޑާލަން އެއްބަސްވެފައިވަނީ މިމަހުގެ 8 ގައެވެ. ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައިވީއިރު، މި މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

ޕީއެންއެފްގެ މެމްބަރުން އާޓިފިޝަލް ބީޗް ކުރިމަތީ އެލް ސޯފާއެއް ބަހައްޓައި މުޒާހަރާ ފަށައިފި

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މެމްބަރުން އާޓިފިޝަލް ބީޗް ކުރިމަތީގައި ރަތް ކުލައިގެ އެލް ސޯފާއެއް ބަހައްޓައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މިއީ ކޮންމެ ރެޔަކު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.

ވިޔަފާރިތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކޮއްފި: މިނިސްޓަރު ޒަމީރު

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކަށް ޑޮލަރު ވިއްކި އަދަދު 89.3 މިލިއަން ޑޮލަރު އިތުރު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ގައުމީ ބޭންކް، ބީއެމްއެލް ގުޅިގެން ބޭރު ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފައިވާ ކަމަށެވެ.

އެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ބޮޑެތި ބަދަލުތައް އައިސްފައިވާއިރު، ޒަމީރު ވިދާޅުވީ، އޭގެ ސަބަބުން ރާއްޖޭގައި ކުއްލިއަކަށް އަގުތައް އުފުލުން ކޮންޓްރޯލް ކުރުމަށް، ވިޔަފާރިތަކަށް ޑޮލަރު ދިނުން އިތުރުކޮށްފައިވާ ކަމަށެވެ.

“އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން އިންޓާނަލީ ޖެނެރޭޓު ކުރާ ރެވެނިއުއާއި އޭގެ އިތުރުން ސަރުކާރުގެ ފަރާތުން އިންޓަވެންޝަންއަށް އެމްއެމްއޭ މެދުވެރިކޮށް ދޫކުރި ފައިސާއާއެކު އެހެރީ [ތަފާސްހިސާބު]،” ޑޮލަރު ދޫކުރި މިންވަރު ދައްކުވައިދޭ ތަފާސްހިސާބު ދައްކަވަމުން ޒަމީރު ވިދާޅުވިއެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓީޓީ ޕޭމެންޓްތަކަށް ވިޔަފާރިތަކަށް ވިއްކީ 16.9 މިލިއަން ޑޮލަރެވެ. އެއީ މަހަކަށް އެވަރެޖުކޮށް 5.6 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަަދަދު ވަނީ 106.2 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. އެއީ މަހަކަށް އެވަރެޖުކޮށް 35.4 މިލިއަން ޑޮލަރެވެ. އަދި މި މަހުގެ އެކަކުން 16އަށް އެކަނިވެސް، 25.2 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކާޑުތަކަށް ދޫކުރި ފައިސާގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދޫކުރީ 78.7 މިލިއަން ޑޮލަރު ކަމަށްވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަަދަދު ވަނީ 119.8 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. އެއީ މަހަކަށް އެވަރެޖުކޮށް ދޫކުރި މިންވަރު 26.2 މިލިއަނުން 40 މިލިއަން ޑޮލަރަށެވެ.

މީގެ ނަތީޖާއަކީ ޕްރައިސް ޝޮކަކަށް ނުގޮސް އެކަމަކު އިންޓަނޭޝަނަލް މާކެޓުގައި މިސާލަކަށް ފްރައިޓަށް އަންނަ ބަދަލު، އައި ބަދަލާއެކު އަޅުގަނޑުމެން ހުންނާނީ އެންމެ ޝޮކް ކުޑަވާނެ ގޮތަކަށް ބަލައިގެން މަސައްކަތް ކޮށްފައި
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ޒަމީރު ވިދާޅުވީ، ބީއެމްއެލްއާއި އެހެން ބޭންކުތަކާ މަޝްވަރާކޮށްގެން، ވިޔަފާރިތަކަށް މިވަގުތުން ވަގުތަށް ހުރި އުނދަގޫތަކަށް ހައްލު ކުރުމަށް ޓަކައި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މާރިޗު އަދި އޭޕްރީލް މަހު 163 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއަށް ޖުމްލަ 541 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއަށާއި އެހެން ދާއިރާތަކަށާއި އަމިއްލަ ފަރުދުންނަށް 941 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.

“އެހެންވީމަ އިކޮނޮމީ ހުއްޓުނަ ނުދީ، ސަރުކާރުގެ ފަރާތުން އިންޓަވީން ކޮށްގެން ކޮށްދެވެން ހުރި ކަންތައްތައް އަޅުގަނޑުމެންގެ ނެޝަނަލް ބޭންކް މެދުވެރިކޮށް މި ދަނީ ކުރަމުން،” އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު، ޑޮލަރުގެ އަގު ހުއްޓުމެއްނެތި އުފުލެމުން ދިޔުމުގެ ކަންބޮޑުވުން ފާއިތުވި އަހަރު ވެސް ވިޔަފާރިވެރިން ވަރަށް ބޮޑަށް ފާހަގަކުރިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އެމްއެމްއޭއިން ވަނީ، ރާއްޖެއަށް މުދާ އިމްޕޯޓުކުރަން ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ އެމެރިކާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކުރަން ނިންމައިފައެވެ.

އޭގެ ފަހުން ތަކެތީގެ އަގު އުފުލުމުން، މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބާޒާރުގައި ބައެއް ބާވަތުގެ ތަކެތި، އަމިއްލަ ވިޔަފާރިވެރިން އަގުބޮޑުކޮށް ވިއްކީ ގަސްތުގައި ސިޔާސީ ބޭނުމެއްގައި ކަމަށް ތުހުމަތުކުރައްވައިފައެވެ.

ހަނގުރާމައާ ގުޅިގެން ވިޔަފާރިތަކާއި އާންމު ފަރުދުންގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، ސަރުކާރުން ވަނީ މެދުކެނޑުމެއްނެތި ޒަރޫރީ ތަކެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42000 މުވައްޒަފުން އެބަތިބި: މިނިސްޓަރ ޒަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރައީސް އުފެއްދެވި ކްރައިސިސް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ އެސްއޯއީތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެސްއޯއީތަކުގައި އަބަދު ވެސް މުވައްޒަފުން ނެގުމާއި ވަކިކުރުން އޮންނާނެ ކަމަށާއި، ކުންފުނިތަކުގައި ގާތްގަނޑަކަށް 42،000 މުވައްޒަފުން ތިބޭނެ ކަމަށެވެ. އަދި ރައިޓްސައިޒް ކުރަން ބައެއް ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ނުކެނޑިދާނެ ކަމަށާއި، އައީއޭސް އިން އެހާވަރަށް މުވައްޒަފުން މަދުކުރަން ނުޖެހޭނެ ކަމަށާއި، 33 އިންސައްތަ މުވައްޒަފުން މަދުކޮށްފިނަމަ ކުންފުނި ނުހިންގޭނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ 33 އިންސައްތަ މަދު ނު ކުރެވޭނެ ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. އަދި މިހާރު ހުރި އޮޕަރޭޝަންސް އަށް ބަލާފައި ރައިޓްސައިޒް ކުރުން އެއީ ކުރާނެ ކަމެއް ކަމަށާއި، އެކަން ކުރަން ނިންމާފައި ވަނީ މާދަމާ ހެނދުނު އިރު އަރާއިރު އެވަރަށް މީހުން ކެނޑުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މުވައްޒަފުން މަދުކުރަން އަންގާފައި ވާނީ އެމްޕްލޯއިމަންޓް ގާނޫނާ އެއްގޮތަށް އެކަން ކުރުމަށް ކަމަށާއި، މިކަމުގެ ސަބަބުން މީހުންނަށް ވާނެ އުނދަގޫތަކަށް ބަލައިގެން އެކަން ކުރާނެ ކަމަށެވެ.

އަޅުގަނޑުމެންގެ އެސްޓިމޭޓަކީ 42،000 ތިބޭނެޔޭ ހުރިހާ އެސްއޯއީތަކުގައި ވަޒީފާގައި. ޕީސީބީން އެކަމަކު އެ ޑޭޓާ ބަލަހައްޓާނީ، މި ދެންނެވީ އިންޑިވިޖުއަލް ކުންފުނިތަކުން ބަލަހައްޓާނީ. އެކަމަކު އަޅުގަނޑުމެންގެ މިހާރު އެސްޓިމޭޓަކީ 42،000 ތިބޭނެޔޭ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށާއި ތައުލީމާއި ހުނަރާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތަކަށް މީހުން ނެގުމަށް ފިނޭންސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް  ބުރާސްފަތި ދުވަހު ވަނީ އަންގާފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެކަން އެގޮތަށް ކުރަން އަންގާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރުން އިތުރުކުރުމަށެވެ.

ތެޔޮ ލިބުމުގައި ދަތިކަމެއް ކަމެއް ނެތް، މި މަހުވެސް އައު ޝިޕްމެންޓްތައް އަންނާނެ: މިނިސްޓަރު ޒަމީރު

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދިޔަ ނަމަވެސް، ރާއްޖޭގައި ތެލުގެ ސަޕްލަޔަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު އަރުވައިފިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އުފެއްދި ވަޒީރުންގެ ހާއްސަ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ ޒަމީރު ހުށަހެޅި މައުލޫމާތަށް ބަލައިރު މި އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ޖެޓް ފިއުލް ލިޓަރެއްގެ އަގު 1.99 ޑޮލަރުން 1.90 ޑޮލަރަށް ވަނީ ދަށްވެފައެވެ. އަދި މި ދަނޑިވަޅުގައި ވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ފޯރުކޮށްދެމުންދާކަން އެ ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ. އެގޮތުން އޭޕްރިލް 18 އަދި 24 ގައި ތެޔޮ ބަރުކޮށްގެން އުޅަނދުފަހަރު ރާއްޖެ އައިސްފައިވާއިރު، މި މަހުގެ 28 ވަނަ ދުވަހު ތެޔޮ ހިފައިގެން އިތުރު ބޯޓެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ސާފުކޮށްފައިވާ ތެލުގެ އަގުތައް އަދިވެސް ހުރީ ހަމަނުޖެހުންތަކުގެ ކުރިން ހުރި މިންވަރަށް ވުރެ މަތީގައެވެ. މީގެ އިތުރުން މުދާ އުފުލުމުގެ ހަރަދާއި، ސަޕްލަޔަރުން ނަގާ ޕްރީމިއަމް އަދި އިންޝުއަރެންސް ފަދަ ހަރަދުތައް ވެސް ވަނީ ބޮޑުވެފައެވެ. އެހެންނަމަވެސް، ދުނިޔޭގެ ބާޒާރުގެ ހާލަތު ނުތަނަވަސްކޮށް އޮތް މި ދަނޑިވަޅުގައި ޖެޓް ފިއުލްގެ އަގު ދަށްވުމަކީ ލިބުނު އުއްމީދީ ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ ވުޒާރާގގެ ހިސާބުތަކުން ދައްކާގޮތުގައި، ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ދަތިތަކެއް ހުރި ނަމަވެސް، އޭޕްރިލް މަހުގެ ތެރޭގައި ޑީސަލް، ޕެޓްރޯލް އަދި ކައްކާ ގޭސް ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ވަނީ ކުރިއަށް ގޮސްފައެވެ.

ތެލުގެ އަގު ހެޔޮވުމަކީ ދަތުރުފަތުރުގެ ހަރަދު ކުޑަވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް ބާރަކަށް ވާނެ ކަމަށް އެ ވުޒާރާއިން ދެެކެއެވެ.

ގުޅީފަޅުން 160 ގޯތި ހަވާލު ކޮށްފި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު، އެ ރަށުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބާރުމިނުގައި ކުރިއަށް އެބަގެންދެއެވެ.

އެމިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް 2,972 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އޭގެ ތެރެއިން 169 މީހުންނަށް ވަނީ އަމަލީގޮތުން ބިން ހަވާލުކޮށްފައެވެ. ގުޅީފަޅުން 1,250 އަކަފޫޓާއި 3,650 އަކަފޫޓާ ދެމެދުގެ ޖުމްލަ ހަތް ސައިޒެއްގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައު ޕްލޭންގެ ދަށުން ގުޅީފަޅަކީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމައަށް ލިބޭނެ ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މީ

ގެ ތެރޭގައި ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން، އިންޑަސްޓްރިއަލް ސަރަޙައްދުތަކާއި، ހިތްފަސޭހަ ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ހިމެނެއެވެ.

މި ބަދަލުތައް ގެނެސްފައިވަނީ އެތަނުގައި އާބާދުވާ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރުގެ ޚިދުމަތްތައް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ.

ބިންތައް ހަވާލުކުރުމާ އެކުއެކީގައި، އެ ސަރަޙައްދު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ވެސް ސަރުކާރުން ވަނީ ފަށާފައެވެ.

އެގޮތުން ގުޅީފަޅުގެ މަގުތައް ހެދުމާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ މަސައްކަތްތައް އެމްޓީސީސީ އަދި އާރްޑީސީއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢު ނިމުމުން ގުޅީފަޅު ވެގެންދާނީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށެވެ.