Advertisement
ގިރިފުށީ ބިންހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުން ރަމީކޮށް އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

ގިރިފުށީގައި ބިން ހިއްކަން ފަށައިފި؛ ސިފައިންގެ ތަމްރީނަށް ޒަމާނީ މަރުކަޒެއް އަޅާނެ

ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދާ ކ. ގިރިފުށީގައި ބިން ހިއްކުމާއި ބިން ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއެއް މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

އެ މަސައްކަތްތައް ފެށުމަށް ގިރިފުށީ ޓްރޭނިންް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މަޝްރޫއުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.

Advertisement

އެމްއެންޑީއެފްއިން ބުނީ މި މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ޓަކައި އެކަށައަޅުއްވައި ދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިއީ ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ބޭނުންވާ ތަމްރީންގެ ވަސީލަތްތައް ގާއިމްކޮށް ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފަށާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރާނެ ކަމަށެވެ. އެއާއެކު ގިރިފުށީގައި ހިންގާ ތަމްރީނުގެ ހަރަކާތްތަކަށް ބޭނުންކުރެވޭ ބިމުގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި އައްސޭރިފަށް ހިމާޔަތްކުރުމަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނޭ ކަމަށް އެމްއެންޑީއެފްއިންވަނީ ބުނެފައެވެ.

މީގެ އިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް އެލް ބްލޮކް ކީ ވޯލް ހެދުމާއި ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރާއި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރަން ނިންމައިފައިވެއެވެ. އަދި، މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްގީކުރާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ މި މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމާއި ބިން ހިމާޔަތްކުރުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން ކުރިއަށް އޮތް މަރުހަލާތަކުގައި ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ގާއިމްކުރުމަށް ރާވައިފައިވާ ކަމަށެވެ.

އެ ރަށް ވެގެންދާނީ ހަރުދަނާ ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާދެއްވާފައިވާ އެންމެ މުހިންމު ޕްރޮގްރާމް ކަމުގައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީންތަކުގެ މައި މަރުކަޒަށް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެ ތަނުގައި ދިވެހި އަސްކަރިއްޔާގެ އޮފިސާ ޓްރެއިނިން ވިންގާއި އެންސީއޯ އެކެޑަމީން ހިންގާ މުހިންމު ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި ސަޕޯޓް ނިޒާމްތައް ތަރައްގީ ކުރާނެ ކަމަށް ވެސް ބުނެފައެވެ.

މި މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘާއި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކިލޯއަކަށްވުރެ ގިނަ އަދަދެއްގެ ޑުރަގު އެތެރެކޮށް، ވިއްކުމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް “އެންމެން މޫދަށް” ނަމުގައި ހާއްސަ ހަރަކާތެއް ބާއްވައިފި

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ސިކުނޑި ހޭނުވިދާނެ ގޮތްތައް