ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމަށް ޕާޓީއަށް ވަނުމުގެ މުއްދަތު މިރޭ ހަމަވާނެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ އިސް އިދާރީ މަގާމު ކަމަށްވާ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެންބަރުން ކަނޑައެޅުމަށް، ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު، 22 އޭޕްރީލްގެ ނިޔަލަށް ހަމަވާނެއެވެ.

އެމްޑީޕީން މިއަދު ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް، ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިއަދުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަނި ކަމަށް އެ ޕާޓީން ބުނެއެވެ.

ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްޑީޕީގެ މެންބަރަކަށް ވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާން ޖެހެއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ ޝަރުތުތަކެވެ.

މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ އެމްޑީޕީން އާންމުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށެވެ. ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޫކުރާ ކުށާއި ދަރަނީގެ ރިކޯޑު ފޯމުތައް ހުށަހަޅަންޖެހޭނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

މިހާތަނަށް މި މަގާމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ. މި އިންތިހާބަކީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު އިންތިހާބެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ މި އިންތިހާބުގެ ވޯޓުލުން އޮންނާނީ ޖޫން 12 ވާ ބުދަ ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މޭ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އިންތިހާބުގައި ވޯޓުލެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޕާޓީގެ މެންބަރަކަށް ވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބަޔާންކުރާ، މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރެކޯޑުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ހުށަހަޅަންޖެހޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.

މިހާތަނަށް މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ.

މި ބޭފުޅުން މިހާރު އަންނަނީ އިންތިހާބަށް ކެމްޕެއިން ވެސް ކުރައްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެހެންކަމުން، ވަގުތީ ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތުތައް މިހާރު އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ.

އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި، ޖޫން 12 ވާ ބުދަ ދުވަހު ބާއްވާ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އާ ހަމައަށެވެ.

ހައްޖާއި އުމްރާގެ ކަންތައްތަކާ ގުޅޭގޮތުން ގާނޫނު އެކުލަވާލަނީ

ހައްޖާއި އުމްރާގެ ކަންތައްތަކާ ގުޅޭގޮތުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެހެން ވިދާޅުވީ މިއަދު މަޖިލީހަށް ވަޑައިގެން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ހުސްނީ މުބާރިކް ވިދާޅުވީ އުމްރާގެ އަޅުކަމަށް މީހުން ގެންދާ ކުންފުނިތަކުން އިހުމާލްވަމުން އަންނަ އަޑު އަބަދުވެސް އަހަމުންދާ އަޑެއް ކަމަށެވެ. އެކަން ހަރުދަނާ ކުރުމަށް ތަފާތު ގަވައިދުތަކަށް ބަދަލުތަކެއް ވެސް ގެނެސްފި ނަމަވެސް އެކަން ހުއްޓޭތަނެއް ނާންނަ ކަމަށާއި މި ފަހުން ވެސް އެފަދަ ކަންތައްތަކެއް ފެނިގެން ގޮސްފިއިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަން ހަރުދަނާކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ ސުވާލުކުރެއްވެވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ އެ މައްސަލައަށް އަދުލުވެރި ހައްލެއް ގެނެވޭނީި ހާއްސަ ގާނޫނެއް އެކުލަވާލައިގެން ކަމަށެވެ. އެހެންކަމުން އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ފަރާތުން ދިވެހި ރާއްޖޭގެ ހައްޖާއި އުމްރާގެ ކަންތައްތަކާއި ގުޅޭ ގޮތުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ.

“ގާނޫނޫގެ ތެރޭގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ދައުރު ވެސް ފުރިހަމައަށް ބަޔާންވެފައި އޮތުމާއި އަމިއްލަ ކުންފުނިތަކަށް ވެސް ދައުރެއް ބަޔާންކޮށްފައި އޮތުމާއި އެމީހުން ކުރާ ކުށްތަކަށް އަދަބު ދެވޭނެ ނުވަތަ ގާނޫނީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ނިޒާމެއް ގާއިމްކުރެވޭނެ. ހަގީގަތުގައި މިކަމަކީ ކުރަން ޖެހޭ ކަމެއް. އެހެން ގައުމުތަކުގައި ވެސް އެގޮތަށް އެކަން ތަރުތީބުކޮށްފައި އޮންނަނީ. ގާނޫނީ އޮނިގަޑެއްގެ ތެރެއިން.” ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމަކީ ފައިސާ އާއި ގުޅުންހުރި ކަމެއް ކަމަށެވެ. އަދި މިކަމަކީ ރައްޔިތުންގެ ވަރަށް މަތީ މަސްލަހަތާއި ގުޅުންހުރި ކަމެއް ކަމަށެވެ. އެހެންކަމުން މިކަމަށް ގާނޫނެއް އަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިކަން ހުއްޓޭނީ ހަރުދަނާ ގާނޫނީ ފިޔަވަޅެއް އެޅިގެން ކަމަށާއި މާދުރު ނޫން މުސްތަގްބަލެއްގައި އެކަން ކުރައްވާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެދެނީ މެންބަރުންގެ އަރިހުން އެކަމަށް ތާއީދުކޮށްދިނުމަށް ކަމަށެވެ.

ޕޭ ކޮމިޝަނުގެ އެސްޖީ ޑރ. ފައިޒަލް މަގާމުން އިސްތިއުފާ ދެއްވައިފި

ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ސިޔާސަތުތައް ކަނޑައަޅާ މައި އިދާރާއެވެ. ފަސް މެންބަރުންގެ މައްޗަށް އެ ކޮމިޝަން އެކުލެވޭއިރު، ކޮމިޝަނުގެ ރައީސަކީ ފިނޭންސް މިނިސްޓަރެވެ.

ފައިޒަލް މަގާމުން އިސްތިއުފާ ދެއްވިކަން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު “ހަވާސާ” އަށް މިއަދު ކަށަވަރުކޮށްދިން ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.

ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންޓަނުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. ފައިޒަލަކީ، މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ.

ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ވަކި ކޮޅެއް ނުނަގާނަން: އަބްދުﷲ ޝާހިދު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކޮޅަކަށް ތާއީދު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ރާއްޖެއަށް ގެނެސް، ޕާޓީތައް ހިންގާނެ ގޮތް ކިޔައިދިން ޕާޓީ ކަމަށެވެ. އަދި ކުރިއަށް އޮތް ދާއިރާތަކާއި އެކި މަޤާމުތަކުގެ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

“ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެގުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން،” ޝާހިދު ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އުފާވެރިކަން ހޯދާ ޕާޓީއެއް ކަމަށެވެ.

މީގެއިތުރުން، ޝާހިދު ވަނީ ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިހާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. މި އިންތިހާބަކީ ޕާޓީގެ މެމްބަރުން އެކަތިގަނޑަކަށްވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕާޓީއިން ކުރާ މަސައްކަތުގެ ފެށުމަކަށް ވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނިޒާރުގެ ތާއީދު، ނަޝީދާއި ފައްޔާޒުއަށް

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވުމަށާއި، އެ ޕާޓީގެ ފަރާތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވެރިކަމަށް ގެނައުމަށް ނަޝީދު ތާއީދުކުރެއްވި ކުރެއްވުމަށް، އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ވެސް ތާއީދުކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަން ނަޝީދު ހާމަކުރައްވައި، ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާނެކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހެވެ.

އެ ނިންމުމަށް ތާއީދުކުރައްވައި ނިޒާރު ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ކުރިމަތިލައްވައި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ހަމައެއާއެކު ފައްޔާޒަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދައިދިނުމަށް ތާއީދުކުރައްވާކަން ނަޝީދު ހާމަކުރެއްވުމަކީ “އަގުހުރި” ނިންމުމެއްގެ ގޮތުގައި، ނިޒާރު ވަނީ ސިފަކުރައްވައިފައެވެ. އަދި ފައްޔާޒަކީ ރާއްޖެއަށް ސިޔާސީ ބޮޑެތި އިސްލާހު ގެންނަންޖެހޭ ދަނޑިވަޅުގައި އެކަން ކުރެވޭނެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށް ވެސް، ނިޒާރު ލިޔުއްވައިފައިވެއެވެ.

“ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ކުރާ ދަތުރުގައި ގޮންޖެހުންތަށް އެބަހުރި. ޚާއްސަކޮށް އެމްޑީޕީއާ އިދިކީލަ ސިޔާސީ ފިކުރުތަކަކީ ޚުދުމުޚްތާރު ވިސްނުންތަކެއް ކަމުން، އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް އާ މިސްރާބަކަށް ދަތުރު ފަށަން ޖެހޭ،” އޭނާގެ ޕޯސްޓުގައި ވެއެވެ.

މީގެ ކުރިން ސިޔާސީ ގޮތުން ބަހުގެ ހަމަލާތައް އެކަކު އަނެކަކަށް ރައްދުކުރެއްވި ފައްޔާޒާއި ނަޝީދު، އެކުގައި މަސައްކަތްކުރައްވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ދެ ބޭފުޅުން އެކުގައި “ބޮޑު ބަދަލު”ގެ ނަމުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ، ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.

އަދި، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅައިފައެވެ.

“މި ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާޢީލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،” ނަޝީދު އިއުލާނުކުރެއްވިއެވެ.

“އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،”

އެ މަނިކުފާނު ވިދާޅުވީ، އެފަދައިން އަމަލުކުރައްވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނާށެވެ.

މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މޭޒު ދޮށަށް ވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި، އެކުގައި މަޝްވަރާކޮށްގެން މިހާރުން މިހާރަށް މި ބަދަލުތައް ގެންނަން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް، އެކަމަކީ އެމަނިކުފާނާ ރައްޔިތުން ހަވާލުކުރި ޒިންމާއެއްނޫން ކަމަށް ވިދާޅުވެ، ނަޝީދުގެ ހުށަހެޅުއްވުމަށް ރައީސް ވަނީ ދެކޮޅު ހައްދަވައިފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށް

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ފުނާޑު.ނަވާ / ޏ. ފުވައްމުލައް، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، އެޕްރީލް 19 ވަނަ ދުވަހު ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ވަޙީދު މޫސާ، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ޢަބްދުﷲ ވަޙީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި މިފަދަ ކުށްތަކުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެ، 92އަށް

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ފެމިލީ މިނިސްޓްރީއަށް ރިޕޯޓުކުރި މިންވަރު މިދިޔަ މަހު އިތުރުވެ، 92އަށް އަރައިފިއެވެ.

ފެމިލީ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެއީ އަންހެން ކުދިންނާ ގުޅުންހުރި 60 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 32 މައްސަލައެވެ.

އެއާ އަޅައިބަލާއިރު ފެބްރުވަރީ މަހު ރިޕޯޓުކޮށްފައިވަނީ އެފަދަ 74 މައްސަލައެކެވެ.

ފެމިލީ މިނިސްޓްރީން ބުނީ، މިދިޔަ ފެބްރުވަރީ މަހާ އެއްގޮތަށް މިދިޔަ މަހު ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން އެ ބާވަތުގެ 24 މައްސަލައެއް ހުށަހަޅައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ އަށް މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 16 މައްސަލައެކެވެ.

ކުޑަކުދިންނަށް ކޮށްފައިވާ އެހެން ބާވަތްތަކުގެ އަނިޔާތަކަށް ބަލާއިރު، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 19 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.

ބައްސާމަށް ފަހުން އިއްވި 23 އަހަރުގެ ހުކުމް ވެސް އިސްތިއުނާފުކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ފީފާގެ ކޮވިޑް-19 ރިލީފް ފަންޑަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވި 23 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބައްސާމްގެ މައްޗަށް 23 އަހަރުގެ ހުކުމް އިއްވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރާއި ޚިޔާނާތުގެ ކުށުގައި އަށް އަހަރާ އެކުގައެވެ. ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ބައްސާމް ބޭނުންކޮށްފައި ވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށް ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފައެވެ. ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިން އެވެނިއުއަށް ޖަމާކުރީ ކަމަށް ދައުވާގައިވެއެވެ.

މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވި ގޮތުގައި އެއް މިލިއަން ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން އެ ފައިސާ ނެރެފައިވާ ކަމަށާއި، ޗެކެއް މެދުވެރިކޮށް ފައިސާ އަނބުރާ އެފްއޭއެމްއަށް ވެއްދި ނަމަވެސް އެއީ ސައްހަ ޗެކެއް ނޫން ކަމަށާއި އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާ ކަން ވެސް އެނގެން ނެތް ކަމަށެވެ. ގާޒީ ނިންމެވީ ފައިސާގެ އަސްލު އޮޅުވާލައި ބައްސާމް ޚިޔާނާތްތެރިވިކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ބައްސާމްގެ ފަރާތުން މި ދެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަތައް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ. ބައްސާމް މިހާރު ހުރީ ކުރިން އިއްވި ނުވަ އަހަރުގެ ހުކުމާއި ފަހުން އިއްވި 23 އަހަރުގެ ހުކުމާ އެކު ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއްގައެވެ.

މީކާއިލްގެ “އިތުބާރު” ކެމްޕޭން ލޯންޗުކޮށްފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ “އިތުބާރު” ކެމްޕޭން މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މީކާއިލް ކެމްޕޭން ޓީމުން މިއަދު ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވިދާޅުވީ އޭނާ ޕާޓީގެ ކަންކަން ކުރިއަށްގެންދާނީ އާންމު މެންބަރުން އެދޭ ގޮތަށް ކަމަށެވެ. މީކާއިލް ވިދާޅުވީ ޕާޓީގެ ލީޑާޝިޕާއި ގްރާސްރޫޓް މެންބަރުންނާ އޮތް ގުޅުން ކުޑަވެފައިވާތީ އެންމެ ބޮޑު އަމާޒަކީ އެ ގުޅުން އަލުން ބަދަހިކޮށް، މެންބަރުންގެ އިތުބާރު ހޯދުންކަމަށް މީކާއިލް ވިދާޅުވިއެވެ.

“އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެތް ނެތް މި އިންތިހާބު ކާމިޔާބު ކުރާނީ އިތުބާރު ކެމްޕޭން ކަން. އަދި އަޅުގަނޑުގެ ޗެއާޕާސަން ކަމުގައި 2028 ގެ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،” މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އެ މަގާމަށް ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ޕާޓީގެ އިސް ބޭފުޅުންގެ ބޮޑު ތާއިދަކާ އެކުގައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުالله ޝާހިދުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުންގެ ތާއިދުވެސް އޭނާއަށް އޮތްކަން މީކާއިލް ވިދާޅުވިއެވެ.

ޗެއާޕާސަން އިންތިހާބުގައި މީކާއިލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ.

މީކާއިލަކީ 2024 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބުކުރެވުނު މަދު ގޮނޑިތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ދިފާއުކުރެއްވި މެންބަރެވެ. 2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީގައި ހަރަކާތްތެރިވަމުން އަންނަ މީކާއިލް ވަނީ މީގެ ކުރިން އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް ކުރައްވާފައެވެ. އޭނާއަކީ މިހާރުވެސް ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ޗެއާޕާސަންގެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ، ޕާޓީގެ އެތެރޭގެ ހިންގުމާއި އިދާރީ ކަންކަން ރާވާ އިންތިޒާމުކުރާ އެންމެ އިސް މަގާމެވެ. މީގެ ތެރޭގައި ސަރުކާރާއި އެހެނިހެން ސިޔާސީ ޕާޓީތަކާއެކު މުއާމަލާތް ކުރުމާއި، ޕާޓީގެ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ފަދަ މުހިންމު ޒިންމާތައް ހިމެނެއެވެ.

އާއްމުކުރި ގޮތާ ޚިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތަ ފީ ނަގާކަމަށްބުނެ ފަތުރަނީ ދޮގު: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް ) އިން އާންމުކޮށްފައިވާ ގޮތާ ޚިލާފަށް ކާޑުތަކުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ކާކު ކަން ނޭގޭ ފަރާތަކުން ސޯޝަލްމީޑިއާގައި ހާމަކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމެނޭ ވާހަކަތަކެއްކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއިން ރަސްމީކޮށް މީގެ ކުރިން ހާމަކޮށްފައިވާ ގޮތަށް، 1 ޖުލައި 2025 އިން ފެށިގެން، ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން 30 އިންސައްތަ އާއި ހަމައަށް ފީއެއް ނުނަގާކަމަށެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތާއި، ތަޢުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރު އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެއްކަން ވިދާޅުވިއެވެ.

ބޭންކުގެ “ޝެޑިއުލް އޮފް ޗަރޖަސް” ގައިވާ ގޮތުން، ރާއްޖޭން ބޭރުގެ މުޢާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން 30 އިންސައްތަ އާއި ހަމައަށް ބޭންކަށް ފީއެއް ނެގިދާނެކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މި ގޮތަށް ކްރޮސްބޯޑަރ ފީއެއް ނެގުމަކީ ދުނިޔޭގެ ބެންކުތަކުން އަމަލުކުރަމުންދާ އުސޫލެއްކަން ވެސް ވިދާޅުވިއެވެ. އަދި މިކަމުގައި ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް ދީފައިވާ ލުޔެއް، ނުވަތަ މަތީ ރޭޓެއް ދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއްވެސް ނޫންކަން ފާހަގަކިރެއްވިއެވެ.

”ދިވެހިރާއްޖޭގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ އާންމު ފަރުދުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، މިގޮތަށް ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަކީ މި ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް، ހިޔާލުފާޅުކުރުމުގެ މިނިވަން ނަހަމަ ގޮތުގައި ބޭނުންކޮށް، ގައުމުގެ އިގްތިސާދީ ހަމަޖެހުން ނަގާލައި، މާލީ ރައްކާތެރިކަމާއި ހަމަޖެހުމަށް ސީދާ ނުރައްކަލާ ކުރިމަތިކުރުވަން ފަތުރާ ވާހަކަތަކެއް“ ތަރުޖަމާނު ވިދާޅުވިއެވެ.

މިފަދަ ދޮގު މަޢުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބީއެމްއެލްގެ ރަސްމީ ވަސީލަތްތަކުން ހާމަ ކުރާ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށް ބޭންކުގެ އެންމެހާ ކަސްޓަމަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނިމުނު ހަފުތާގައި މާލެއާއި ބުރިޖުގައި 50 އެކްސިޑެންޓް

ނިމުނު ހަފުތާގައި މާލެއާއި ބްރިޖު ހައިވޭގައި 50 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މިދިޔަ އާދިއްތައިން ހޮނިހިރު ދުވަހުގެ ނިޔަލަށް، މާލެއާއި ބްރިޖާއި ހައިވޭގައި ހިނގި 50 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލޭގައި ކަމަށާއި މާލޭގައި ޖުމްލަ 36 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ ދުވަހު 12 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާއިރު ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓްތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ސައިކަލުތައް ހިމެނޭ އެކްސިޑެންޓުތައް ކަމަށާއި ދެ ސައިކަލު ޖެހިގެން 19 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލަކާއި ކާރެއް ޖެހިގެން 13 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ހާދިސާތަކުގައި 49 މީހަކަށް ކުދި އަނިޔާ ލިބިފައިވާއިރު، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާކަމަށެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 3,650 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން 988 އެކްސިޑެންޓު މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ފުލުހުން ވަނީ އުޅަނދުތައް ދުއްވާ މީހުންނާއި ހިނގަބިނގާވެ އުޅޭ މީހުން ވެސް، މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި، ފަރުވާތެރިކަމާއެކު އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކަކު އަނެކަކަށް އަޅާލައި، ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު ދަތުރުފަތުރުކުރުމަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.