ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ބޭންކުގެ ޖުމްލަ އާމްދަނީ ވަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެ ބޭންކުން ބުނީ އާމްދަނީ އިތުރުވީ ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު 796 މިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަނުން ލިބުނު 332 މިލިއަން ރުފިޔާއާ ގުޅިގެން ކަމަށެވެ. އާމްދަނީއާ އަޅައިބަލާއިރު ހަރަދު ހުރި މިންވަރު ދައްކައިދޭ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް ރަނގަޅުކުރެވިފައެވެ.
ބީއެމްއެލުން ބުނެފައިވާ ގޮތުގައި ފުރަތަމަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމުލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ ބޭންކުގެ ތާރީހުގައި ޖުމުލަ އެސެޓް 60 ބިލިއަނަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ކަސްޓަމަރުންގެ ޑިޕޮސިޓް 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، ލޯނުގެ ޖުމުލަ އަދަދު ވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެ ބޭންކުން ބުނީ ފުރަތަމަ ކުއާޓަރުގައި މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާއާއެކު މި އަހަރު ދޫކުރި އާ ލޯނުގެ އަދަދު ފަސް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
ބޭރު ފައިސާގެ ދާއިރާއަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް 226 މިލިއަން ޑޮލަރަށްވުރެ ގިނައިން ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވެ، ކާޑުގެ މުއާމަލާތްތަކުން ބޭރުން އަންނަ ފައިސާ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާ ކަމަށާއި، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ ދެގުނަ އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.
ބީއެމްއެލުން އިތުރަށް ބުނެފައިވާ ގޮތުގައި، އޭޕްރީލް މަހު ތ. ވިލުފުށި، އއ. ތޮއްޑޫ، ހދ. ހަނިމާދޫ، ލ. ހިތަދޫ، ސ. ހުޅުދޫ އަދި ކުޅުދުއްފުށީ ސިޓީގައި އައު ބްރާންޗުތައް ހުޅުވައި، ރާއްޖޭގެ 70 ރަށެއްގައި 90 އޭޓީއެމް ވަނީ ބަހައްޓައިފައެވެ. އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައެވެ. އެ ބަދަލުތަކާއެކު ބޭންކުގެ ވިއުގައިގައި މިހާރު 253 ދިވެހި ރުފިޔާ އޭޓީއެމް އަދި 86 ޔޫއެސް ޑޮލަރު އޭޓީއެމް ހިމެނެއެވެ. އަދި ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމާ ގުޅިގެން 3.6 ބިލިއަން ރުފިޔާއިން 28.2 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.


ކިޔުންތެރިންގެ ހިޔާލު