އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްތިއުފާދެއްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އޭނާ މިއަދު އިސްތިއުފާދެއްވިކަން ‘ހަވާސާ’އަށް ކަށަވަރުވެފައިވީ ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. މި ކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ފޯނަށް ޖަވާބުނުދެއްވާތީ ބަހެއް ނުލިބެއެވެ.

އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ.

އީސީގެ މެންބަރުކަމަށް ޒާހިދު އައްޔަންކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހެވެ. އޭގެ ފަހުން، އޭނާއަށް އެ ކޮމިޝަންގެ ރައީސްކަން ލިބުނީ އެ އަހަރުގެ ފެބްރުއަރީ މަހެވެ. އެކަމަކު، އީސީގެ މެންބަރުކަމުގެ ފަސް އަހަރުގެ ދައުރުގެ ބޮޑުބައެއް ބާކީ އޮއްވާ މިއަދު އިސްތިއުފާދެއްވީ ކީއްވެ ކަމެއް ނޭނގެއެވެ.

އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދާ ސުވާލުކުރުމުން އޭނާ ‘ހަވާސާ’އަށް ވިދާޅުވީ، އީސީގެ ރައީސް ޒާހިދު މަގާމުން އިސްތިއުފާދެއްވިކަން އެންގެވި ކަމަށެވެ. އެކަމަކު، އިސްތިއުފާދެއްވި ސަބަބެއް އޭނާއަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)އާ ސުވާލުކުރުމުން ވެސް ވިދާޅުވީ، އިސްތިއުފާދެއްވި ނަމަވެސް ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހުން އީސީއަށް ވަނީ ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު އިތުރުކުރަން ނިންމީ ސަރުކާރުގެ ނުފޫޒުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރިއެވެ.

އެހެން އެކަންވީ، އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)، ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމެވުމުންނެވެ. އޭނާ ވަނީ އެ ނިންމުން އީސީއާ ވެސް ހިއްސާކޮށްފައެވެ. އަދި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް އެ ޕާޓީގެ ޓިކެޓު ދޭން ޕީއެންސީން ބުދަ ދުވަހު ނިންމިއެވެ.

އެހެންވެ، އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު އީސީން އިތުރުކުރީ ޕީއެންސީގެ ނުފޫޒުން ކަމަށް ބައެއް ބޭފުޅުން ވަނީ ތުހުމަތުކުރައްވާފައެވެ. އެ ގޮތުން، މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވަނީ އެ ފަދައިން ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން، މި ފަހުން އިޖުތިމާއީ މިންގަނޑާ އެއްގޮތްވާ ގޮތަށް ސިޔާސީ ހަރަކާތް ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފާއި އިދިކޮޅު އެމްޑީޕީއަށް އެންގި އެންގުމާ ގުޅިގެން ވެސް އީސީއަށް ފާޑުކިޔުން އަމާޒުވިއެވެ.

އެމްޑީޕީން ހުށަހެޅި އިންތިޚާބީ 5 މައްސަލައެއް ހައިކޯޓުން ބޭރުކޮށްލައިފި

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިދިކޮޅު އެމްޑީޕީން ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ފަސް މައްސަލައެއް އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

އެމްޑީޕީން ހުށަހެޅި އިންތިޚާބީ އިތުރު ފަސް މައްސަލައެއް އަދި ވަކި ގޮތެއް ނުނިމި ހައިކޯޓުގައި އެބައޮތެވެ.

ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުން، އެމްޑީޕީން ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިހާތަނަށް ބޭރުކޮށްލާފައިވާ މައްސަލަތަކީ މާލޭގެ ތިން ފޮއްޓަކާއި ގުޅިގެން ހުށަހެޅި ތިން މައްސަލައަކާއި، ރ. މަޑުއްވަރީގެ ވޯޓާ ގުޅޭ މައްސަލައަކާއި ނ. ވެލިދޫގެ ވޯޓާ ގުޅޭ މައްސަލައެކެވެ. މާލޭ ސަރަހައްދުގެ ތިން މައްސަލައިގެ ތެރެއިން ދެ މައްސަލައަކީ ހުޅުމާލޭގެ ދެ ވޯޓު ފޮއްޓަކާ ގުޅޭ ދެ މައްސަލައެކެވެ.

އިންތިޚާބާ ގުޅިގެން އެމްޑީޕީން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއް ބަލައިނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާއިރު، އެ އިންތިޚާބުން އެމްޑީޕީންވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ނަތީޖާތައް ދައްކާ ގޮތުގައި އެމްޑީޕީން 289 ގޮނޑި ކާމިޔާބުކުރިއެވެ. ޕީއެންސީއަށް ލިބުނީ 280 ގޮނޑިއެވެ. އަދި، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން 91 ގޮނޑި ކާމިޔާބުކުރިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 304 ގޮނޑި ޕީއެންސީން ކާމިޔާބުކުރިއިރު އެމްޑީޕީއަށް އެ އިންތިޚާބުގައި ހޯދުނީ 274 ގޮނޑިއެވެ. އަދި، އަމިއްލަ ގޮތުން ވާދަކުރި 78 ކެންޑިޑޭޓަކު ވެސް އިންތިޚާބު ކާމިޔާބުކުރިއެވެ.

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މާލެ ހިމެނޭހެން ފަސް ސިޓީން ހޯދި ބޮޑު ކާމިޔާބެވެ. ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމު ވެސް ލިބުނީ އެމްޑީޕީއަށެވެ. އަދި، ކައުންސިލްތަކުގެ 41 ގޮނޑި އެ ޕާޓީން ހޯދިއެވެ.

ސިޓީތަކުން ޕީއެންސީއަށް ހޯދުނީ އެންމެ ފަސް ގޮނޑިއެވެ. ފަސް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ރައީސުންގެ ގޮނޑި ވެސް ސައްތައިންސައްތަ ނަތީޖާއަކާ އެކު ކާމިޔާބުކުރީ އެމްޑީޕީންނެވެ.

ކުރިމަތިފަރާތުގައި ފޮރުވައިގެން ޑުރަގު އެތެރެކުރި ދިވެހި އަންހެނަކު ހައްޔަރުކޮށްފި

ކުރިމަތިފަރާތުގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތާކެތި އެތެރެކުރި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތާކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، މއ. މޯނިންވިޔު އާމިނަތު ޝަފަގު، 32އ އެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު، 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވައިގެން އުޅޭ ކަމަށް އެކްސްރޭއިން ދައްކާތީ، އެއީ ކޯޗެއްތޯ ސުވާލުކުރުމުން އެއީ ކޮކެއިން ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އަދި، އޭގެ އިތުރުން އޭނާގެ ހަށިގަނޑާއި ޖިންސާ ދޭތެރޭގައި ވެސް ފޮރުވާފައި މަސްތުވާތަކެތި ހުއްޓައިވަނީ ފެނިފައެވެ.

ދިވެހިރާއްޖެއަށް 31 ގްރާމްގެ ކޮކެއިން އެތެރެކުރުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ވަރަށް ސީރިއަސް ކުށެކެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ރާއްޖެއަށް އެތެރެކުރުމަކީ “މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށް” ކަމުގައި ބެލެވޭނެއެވެ.

ކޮކެއިންއަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތެކެވެ. މިފަދަ އެއްޗެއްގެ ޖުމުލަ ބަރުދަނުގައި ފަސް ގްރާމު ނުވަތަ އެއަށްވުރެ ގިނަ ބަރުދަން ހުރިނަމަ، އެއީ “މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރުން” ކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ބެލެވޭނެއެވެ. އެގޮތުން، 31 ގްރާމަކީ މި މިންގަނޑަށްވުރެ މާ ގިނަ އަދަދެކެވެ.

އެހެންވެ، މި މައްސަލަ ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށްލުމާ އެކު. 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ. މި ފަދަ މައްސަލަތަކަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ހުރި މައްސަލަތަކެއް ކަމަށް ބެލެވޭތީ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ފުރުސަތު ވެސް އޮވެއެވެ.

މީހެއްގެ އަތުން ނުވަތަ އެ މީހެއްގެ ބާރުގެ ދަށުގައިވާ ތަނަކުން މިފަދަ ތަކެތި ފެނިއްޖެނަމަ، އެއީ އެ މީހަކު އެތެރެކުރި އެއްޗެއް ކަމަށް ގާނޫނީ ގޮތުން ގަރީނާ ކުރެވެއެވެ. މީގެން ބަރީއަވެވޭނީ އެއީ އެ މީހާގެ އެނގުމަކާ ނުލައި ހިނގާފައިވާ ކަމެއްކަން ކޯޓުގައި ސާބިތުކޮށްދެވިގެންނެވެ.

‘ނަފުސަށް ގެއްލުންދިނުމަކީ ހައްލެއް ނޫންކަން ބުނެދީ’

ދަރިންގެ ކަންކަން ގާތުން ބަލައި، ދިމާވާ ހާސްކަމާއި ކަންބޮޑުވުމަކުން އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ ހައްލެއް ނޫންކަން ބުނެދިނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ބެލެނިވެރިންނަށް ގޮވާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ޚުތުބާ ކިޔާފައިވަނީ ނަފުސާއި އަބުރަށް ރައްކާތެރިވުމުގެ މައްޗަށެވެ.

މާތްﷲ އުފެއްދި ގިނަ ތަކެތީގެ މައްޗަށް އިންސާނާ މާތްކުރެއްވިކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެކަލާނގެ ހުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ހައްގަކާއި ނުލައި މެރުމަކީ ހަރާމް ކަމެއް ކަމަށެވެ.

މި ގޮތުން، މާތް ﷲ މުޞީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިޙާނުކުރުމަށް ކަމަށާއި އެ އިމްތިޙާނުން ފާސްވާނީ ކެތްތެރީން ކަމަށް ޚުތުބާގައި ބުންޏެވެ. މުޞީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވާކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

“އަހަރެމެންގެ ނަފުސަކީ އަހަރެމެން ބޭނުން ގޮތަކަށް އެއާމެދު ޢަމަލުކުރެވޭނޭ އެއްޗެއް ނޫނެވެ. އޭގެ ވެރިފަރާތަކީ މާތް ﷲއެވެ. ނަފުސަކީ އަމާނާތެކެވެ. އަމާނާތަށް ގެއްލުންދިނުން ޙަރާމްވެގެން ވެއެވެ،” ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ޙުރުމަތްތެރިވާ ކަމަށެވެ. އެހެންވެ، ހަނގާކޮށް، ހުތުރު ނަންތަކުން ގޮވައި، މަލާމާތްކޮށް އުޅުން އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، މިއަދުގެ ޚުތުބާގައި ވަނީ މިއަދުގެ މުޖުތަމައުގައި ހިނގާ ނޭދޭވޭ ކަމަކަށް ވެސް އަލިއަޅުވާލާފައެވެ. މިގޮތުން، ގަނާކުރުމަކީ މިއަދު ފެތުރެމުން އަންނަ ވަބާއެއް ކަމަށާއި އޭގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދީންގެ ޢަދަދު އިތުރުވަމުން އަންނަކަން ޚުތުބާގައި ފާހަގަކުރިއެވެ.

މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއްކަން ހަނދާންކޮށްދީ، ޚުތުބާގައި ބުނީ އެއީ ނަރަކަވަންތަވެރިއަކަށް ވެދާނޭ ކަމެއް ކަމަށެވެ.

“މުސްލިމް އަޚުންނޭވެ! މިއަދު ގަނާގެ ޝިކާރައަށް ވެފައިވަނީ ކިތައްކިތައް މީހުން ހެއްޔެވެ! ބިރުދެއްކުމާއި ބަހާއި ޢަމަލުން ލިބޭ އިންޒާރުތަކުގެ ސަބަބުން، މައިންބަފައިންނާއި، މުދައްރިސުންނާއި ރައްޓެހީންގެ ގާތުގައި އެ ވާހަކަ ބުނާން ނުކެރި ތިބެ، ކުށެއް ނެތް ކިތައް ދަރިވަރުން ދުނިޔެ ދޫކުރޭހެއްޔެވެ,” ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ދަރިވަރުންނަށް ވަނީ ނަސޭހަތްތަކެއް ދީފައެވެ. އެގޮތުން، ކުރިމަތިވާ ގޮންޖެހުންތަކަށް ޖެހިލުންވެ، ހިމޭންނުވުމަށް ޚުތުބާގައި ގޮވާލިއެވެ. ކުދިންނަށް ގޯނާ ކުރާ ބައެއް މީހުން އެ ކަން ކުރަނީ ފަރުދާވެ ތިބެކަން ފާހަގަކޮށް ޚުތުބާގައި ހަނދާންކޮށްދިނީ އެ މީހުންނަކީ ކޮން ބައެއްކަން ނޭނގި ރައްޓެހިނުވުމަށެވެ.

ދީނުގެ އިމުގައި ތިބެ، އެ މީހުންނާއި ވާހަކަދެއްކުމަށާއި ފަލީހަތްވެދާނެ ޒާތީ މައުލޫމާތެއް ހާމަނުކުރުމަށް ދަރިވަރުންނަށް ޚުތުބާގައި ވަސިއްޔަތްކުރިއެވެ.

“ބެލެނިވެރީން ދަރީންގެ ކަންކަން ގާތުން ބަލާށެވެ! ކެހިވެރީންގެ ނުބައި ރޭވުންތަކުން ރެކޭނޭ މަގުތައް ބުނެދޭށެވެ! ދިމާވާ ހާސްކަމަކާއި ކަންބޮޑުވުމަކާ ގުޅިގެން ވިއަސް އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ އޭގެ ޙައްލުނޫންކަން ބުނެދޭށެވެ! ދީނީގޮތުން އެ ކަންކަން އޮތް ގޮތް ބުނެދޭށެވެ,” ޚުތުބާގައި ގޮވާލިއެވެ.

އެއާއެކު، ދަރިވަރުންނަށް ކުރިމަތިވާ ކަންކަމުގައި އެ ކުދީންނާ އެކު މުދައްރިސުން ވާނެކަމުގެ ޔަގީންކަން ދިނުމަށާއި މުނާސަބު ވަގުތުގައި އެ ކުދިންނަށް އެކަށީގެންވާ އިރުޝާދު ދިނުމަށް މުދައްރިސުންނަށް ވަސިއްޔަތްކުރިއެވެ. ގަނާ ކުރުމާއި އިންސާނީ ވަގުފާރިއާއި ސައިބާ ކްރައިމްގައި ހަރަކާތްތެރިވާ މީހުން ދެނެގަނެ، ގާނޫނުގެ ތެރެއިން އެ ކަންކަން ހުއްޓުވުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ޚުތުބާގައި ގޮވާލިއެވެ.

އެމްއޭސީއެލްގެ ޑީއެމްޑީ ލައްމާން މަގާމުން ވަކިވެއްޖެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

“ހަވާސާ”އަށް ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައެވެ. އެނގިފައިވާ ގޮތުގައި ލަމްއާން މަގާމުން އިސްތިއުފާ ދެއްވީ އެހެން ކުންފުންޏަކަށް އޭނާ ބަދަލުވާށެވެ.

މި ބަދަލާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާތީ، މިކަމުގެ އިތުރު ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި ބަދަލުވަނީ ކޮން ކުންފުންޏަކަށް ކަމެއް ވެސް ކަަށަވަރު ނުވެއެވެ.

މި ބަދަލާއެކު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފު އެކަންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، އެމްއޭސީއެލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފައިދާވަމުން ދިޔަ މަދު ކުންފުނިތަކުގެ ތެރޭ ހިމެނޭ އެއް ކުންފުންޏެވެ. އޭރު އެމްއޭސީއެލުން މެނޭޖްކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށް ވިޔަސް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އުވާލައި، މިދިޔަ ސެޕްޓެންބަރު މަހުގެ ކުރީކޮޅު އެމްއޭސީއެލަށް އާރުއޭސީއެލްގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓެއް ވަނީ ބަދަލުކޮށްފައެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އެ ކުންފުންޏަށް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ބޮޑުއިރު، އެތައް ސަތޭކަ މަގާމަކަށް ސިޔާސީ މީހުން އެ ކުންފުންޏަށް ވައްދައިފައިވާކަން ވެސް ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ކުންފުނީގެ މެންޑޭޓުން ބޭރު ގިނަ މަސައްކަތްތަކެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅުތަކާ ގުޅުންހުރި މަޝްރޫއުތައްކަމަށްވާ ބިން ހިއްކުމާއި، ރަށްރަށުގައި ޖިމް އެޅުން ފަދަ ކަންކަން ވެސް ހިމެނެއެވެ.

ބޮޑު ވަފުދަކާއެކު ރައީސް މުއިއްޒު އާދިއްތަ ދުވަހު ލަންކާއަށް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު ސްރީލަންކާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ދަތުރު އޮންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.

ރައީސް މުއިއްޒު ސްރީލަންކާއަށް ކުރާ ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅުގައި، އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ބޮޑު ވަފުދެއް ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން، މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ރާއްޖެއަށް ވަޑައިގެންފައިވެ އެވެ.

“އިހުސާނަށް ވޯޓު ދިނުމަކީ ހެދުނު ގޯހެއް”

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރުހުން ދޭން ފާސްކުރިއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނޭހެން ބައެއް އެހެން މިނިސްޓަރުންނަށް ވޯޓު ދިނުމަކީ ހެދުނު ގޯހެއް ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޢާފަށް އެދިވަޑައިގެންފިއެވެ.

އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވިއެވެ. އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.

އެކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ މަޖިލިސް މެންބަރުންނާއި، އެހެނިހެން ބޭފުޅުން ހިމެނޭހެން ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. ސަބަބަކީ އެމްޑީޕީން އެންމެ ބޮޑަށް ފާޑުކިޔާ ވަޒީރުންނަށް ރުހުން ދިނީތީއެވެ. ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން އެކަން ފާހަގަކުރެއްވީ އެއީ އެމްޑީޕީން ވެސް ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރައްވާތީ ދިން ވޯޓެއް ކަމަށެވެ.

އެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މިއަދު ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ އިހުސާނާއި އިތުރު ބައެއް ވަޒީރުންނަށް އިއްޔެ ވޯޓު ދިނުމަކީ ނިންމުނު ގޯސް ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވިދާޅުވެ ޝަމްހީދު ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

ހަމައެއާއެކު ‘އެކްސް’ގައި ކުޑޫ ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ކޮންމެހެން ތާއީދު ކުރާތީ ދިން ވޯޓެއް ނޫން ކަމަށާއި، އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީ ކަމަށް ކުޑޫ ވިދާޅުވިއެވެ.

“އެކަމަށްޓަކައި އިޚުލާސްތެރިކަމާއެކު މާފަށް އެދެން. މިއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން ވެސް އަޅުގަނޑު ދަންނަން. ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަށް އަޅުގަނޑުގެ އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަގީންކަން އަރުވަން،” ކުޑޫ ވިދާޅުވިއެވެ.ދެ މެންބަރުން މަޢާފަށް އެދިވަޑައިގަތް އިރު، އެމްޑީޕީގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ މި ސަރުކާރުގެ ހޯމް މިނިސްޓަރަށެވެ. އެގޮތުން މީގެ ކުރިން ޑީއެންއާރްގެ ޑޭޓާ ބޭސް ބޭނުންކޮށްގެން ޕީއެންސީއަށް އެތައް ބަޔަކު ‘ވަގަށް’ ވައްދަން އުޅުނު ކަމުގެ ތުހުމަތުކުރި މައްސަލައާއި އެ ނޫން ވެސް އެކިއެކި މައްސަލައިގައި މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދިއެވެ. ނަމަވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

ފުޑް ޓްރަކާއި ކުޅޭ ސަރަހައްދެއް ހިމަނައި ހިތްތަން މައިޒާން އަލުން ހުޅުވައިފި

ދާރުލްއާސާރު ކުރިމަތީގައި އޮތް ހިތްތަން މައިޒާން މަރާމާތަށް ފަހު އަލުން ހުޅުވައިފި އެވެ.

ހިމާޔަތްކޮށްފައިވާ، ދެ ގަރުނުވީ ރީތި ގަސް ވަށައިގެން އޮތް މައިޒާން މަރާމާތަށް ބަންދުކުރީ 2024 ގަ އެވެ.

ގޯލްޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް މަހަކު 2000ރ.އަށް  އެ ބިން ދީފައި އޮތީ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި އަމިއްލަ ތަކެތީގައި ޒަމާނާ އެއްގޮތަށް އެ ސަރަހައްދު މަރާމާތުކޮށް ބަލަހައްޓާ ގޮތަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު 10 އަހަރަށް ކުއްޔަށް ދީފައިވާ އެ ތަން މަރާމާތަށް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެތަން އަލުން ހުޅުވިއިރު ޓޭކްއަވޭ ކުރެވޭ ގޮތަށް ފުޑް ޓްރަކްތަކާއި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ޕްލޭ ކޯނާއެއް ވެސް ވަނީ ހަދައިފަ އެވެ.

ފަތުރުވެރިން މަދުވުމާ ގުޅިގެން ޓީއެމްއޭގެ މުސާރަތައް ވަގުތީގޮތުން ކުޑަކުރަން ނިންމައިފި!

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް ދަށްވުމުގެ ސަބަބުން، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ވަގުތީގޮތުން ކުޑަކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ޓީއެމްއޭގެ މުވައްޒަފުންނަށް މި މަހުގެ 28 ވަނަ ދުވަހު، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ފައުޒީ ސޮއިކުރައްވައި ފޮނުއްވި ހާއްސަ ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުން، މުސާރައިގެ އޮނިގަނޑަށް ގެނެވޭ މި ބަދަލަށް އަމަލުކުރަން ފަށާނީ މެއި މަހުން ފެށިގެންނެވެ. އެ ބަދަލު ގެންނާނީ ތިން މަސްދުވަހުގެ މުއްދަތަކަށް ކަމަށާއި އެއީ ޖުލައި މަހުގެ ނިޔަލަށް ގެނެވޭ ބަދަލެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. މިއީ ކުންފުނީގެ މާލީ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި މިވަގުތަށް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއްކަން ކުންފުނީގެ މެނޭޖްމަންޓުން ވަނީ މުވައްޒަފުންނަށް އަންގާފައެވެ.

މެދުއިރުމަތީގެ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމަކާ ކުރިމަތިލާން ޖެހިފައެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، މެދުއިރުމަތިންނާއި އެ ސަރަހައްދު ހުރަސްކޮށް ރާއްޖެއަށް އަންނަ ގިނަ ފްލައިޓްތަކެއް ކެންސަލްވުމާ ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިކަމުގެ ސީދާ އަސަރު ޓީއެމްއޭއަށް ކޮށްފައިވާއިރު، އެ ކުންފުނީގެ ސީޕްލޭންތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަދަދު ވަނީ އިންތިހާއަށް މަދުވެފައެވެ.

ފަސިންޖަރުންގެ އަދަދު ދަށްވުމުގެ ސަބަބުން ކުންފުނީގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައިސް، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާންޖެހިފައި ކަމަށާއި މެދުއިރުމަތީގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަގީންކަމެއް ނެތުމުން، ފަތުރުވެރިން އަންނަ މިންވަރު އަދިވެސް ހުރީ ވަރަށް ދަށްކޮށް ކަމަށް އެ ސީޓީގައި ފާހަގަކޮށްފައި ވެއެވެ. ކޮންމެ ދުވަހަކު ފްލައިޓްތައް ކެންސަލްވަމުންދާ ކަން ފާހަގަކޮށް އެކަމުގެ ސަބަބުން މުޅި ސިނާއަތަށް ވަނީ ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ފުރަތަމަ އެޅި ފިޔަވަޅަކީ ހަރަދުތައް ކުޑަކުރުން ކަމަށް ޓީއެމްއޭ އިން ބުނެފައި ވެއެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެނިހެން ހުރިހާ ހަރަދުތަކެއް ހިފަހައްޓާފައިވީ ނަމަވެސް، ފަސިންޖަރުންގެ އަދަދު ދަށްވަމުންދާ ދިއުން ހުއްޓުމަކަށް ނައިސް، ކޮންމެ ދުވަހަކު ކުންފުންޏަށް ލިބެމުންދާ ގެއްލުންތައް ހަމައެކަނި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން ފޫނުބެއްދޭނެ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން، މުސާރައަށް ގެނެވޭ ވަގުތީ ބަދަލަކީ މުވައްޒަފުންގެ ވަޒީފާތައް ސަލާމަތް ކުރުމަށާއި، ކުންފުނީގެ ޓީމު ރޫޅުނަނުދީ ހިފެހެއްޓުމަށްޓަކައި ނިންމަން މަޖުބޫރުވި އުނދަގޫ ނިންމުމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މުސާރަ ކުޑަކުރުމުން މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާނެ ދަތިތައް އެނގޭ ކަމަށާއި، ނަމަވެސް މިއީ ކުންފުނި ސަލާމަތްކުރުމަށް މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ބުނެފައި ވެއެވެ. ޓީއެމްއޭ ބިނާވެފައިވަނީ މުވައްޒަފުންގެ ބުރަ މަސައްކަތާއި ހުނަރުވެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، 2025 ވަނަ އަހަރު ހުރި މިންވަރަށް ފަސިންޖަރުންގެ އަދަދުތައް އިއާދަވުމާއެކު، މުސާރަތައް ކުރިން ހުރި މިންވަރަށް އިއާދަކުރެވޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

ޓީއެމްއޭއަށް ކުރިމަތިވެފައިވާ މި ހާލަތަކީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވަމުންދާއިރު، ބަދަލުގައި އެހެން މަންޒިލްތަކުން ރާއްޖެއަށް ފްލައިޓްތައް ބޭއްވޭނެ މަގުތައް ހޯދުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ބުނެފައި ވެއެވެ.

ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރުމުގެ ހުއްދަ ޗައިނާއިން ދީފި: ރިޕޯޓް

ޗައިނާއިން އަންނަ މޭ މަހު ރާއްޖެ ހިމެނޭހެން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް 500،000 މެޓްރިކް ޓަނުގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިއީ އޭޕްރީލް މަހާ އަޅާބަލާއިރު ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު ގާތްގަނޑަކަށް ދެގުނަ އިތުރުވުމެއް ނަމަވެސް، މިއީ މިދިޔަ އަހަރުގެ އެވްރެޖް މިންވަރާ އަޅާބަލާއިރު ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ދަށް އަދަދެކެވެ.

މި ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒީލަންޑް އަދި އޮސްޓްރޭލިއާ ހިމެނޭ ކަމަށް މިކަމުގެ މަޢުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވެއެވެ.

ޗައިނާއިން ބޭރު ގައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރުން މިދިޔަ މާރިޗު މަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ހިފަހައްޓާފައެވެ. އެއީ އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޯރްމުޒް ކަނޑުއޮޅި ބަންދުވެ، ތެލުގެ ސަޕްލައިއަށް ބުރޫ އަރާފާނެތީ އެ ގައުމުގެ އެތެރޭގެ ބާޒާރު ރައްކާތެރިކުރުމުގެ ގޮތުންނެވެ.

ޚަބަރު ލިބޭ ގޮތުގައި، އެކްސްޕޯޓް ކުރަން ހުއްދަ ދިން ތެލުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މިންވަރު ކަނޑައަޅާފައިވަނީ ޗައިނާގެ އެންމެ ބޮޑު ރިފައިނަރީ ކަމަށްވާ ސިނޯޕެކް އަށެވެ. މީގެ އިތުރުން ޕެޓްރޯޗައިނާ އަށް 150،000 ޓަނު އަދި ސީ.އެން.އޯ.އޯ.ސް އަށް 40،000 ޓަނު އެކްސްޕޯޓް ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

މި ފަހަރު އެކްސްޕޯޓް ކުރާ ތެލުގެ މަދުވެގެން 40 އިންސައްތައަކީ ޑީސަލާއި ޖެޓް ފިއުލް ކަމަށް ބެލެވެއެވެ.

ޗައިނާގެ ސަރުކާރުގެ ކުންފުނިތަކުން ބޭރަށް ތެޔޮ ވިއްކުމުގެ ހުއްދައަށް އެދިފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމާއެކު ބޭރަށް ތެޔޮ ވިއްކައިގެން ލިބޭ ފައިދާ ބޮޑުވުމުންނެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ޗައިނާގެ ކޮމާސް މިނިސްޓްރީންނާއި ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއިން މަހަކު އެވްރެޖްކޮށް 1.6 މިލިއަން ޓަނުގެ ޕެޓްރޯލާއި ޑީސަލް އަދި ޖެޓް ފިއުލް ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ކޮށްފައިވެއެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ޑީސަލް ފީފާއެއްގެ އަގު ހުރީ 55 ޑޮލަރުގައެވެ. އަދި ޖެޓް ފިއުލް ފީފާއެއް 62 ޑޮލަރަށް ހުރިއިރު، ޕެޓްރޯލް ފީފާއެއް ހުރީ 15 ޑޮލަރުގައެވެ.

މީކާއީލް، އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް، އެ މަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.

ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް މީކާއިލް ފޯމު ހުށަހެޅުއްވީ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި “އިތުބާރު ހަރުގެ ޖަލްސާ” ގަ އެވެ. އެ ޖަލްސާގައި މީކާއިލް ތާއީދުކުރައްވާ އެމްޑީޕީގެ ގިނަ އަދަދެއްގެ މީހުންވަނީ ބައިވެރިވެފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވީދާޅުވީ އެމްޑީޕީގެ މުސްތަގުބަލަށްޓަކައި އޭނާ މި އިންތިހާބު ކާމިޔާބުކުރުން މުހިންމު ކަމަށެވެ. މީކާއިލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވޭނީ ވަކި ފަރާތަކަށް ނުޖެހޭ ޗެއާޕާސަނަކު ހުރެގެން ކަމަށެވެ.

“ޗެއާޕާސަންގެ އެންމެ އަސާސީ މަސްއޫލިޔަތު، ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި އިންސާފުވެރި، ހަމަހަމަ، ނަޒާހަތްތެރި ޕްރައިމަރީއެއް ބާއްވާދޭން އޮންނަ މަސްއޫލިޔަތު، ކިހިނެއްތޯއޭ އަޅުގަނޑު ނޫން މީހަކު އަދާކުރާނީ” މީކާއިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ޑޭޓާބޭސްއަކީ މެންބަރުންގެ ހައްގަކަށްވާއިރު، އެއީ ވަކި ބައެއްގެ މިލްކަކަށް ވެގެން ނުވާނެ ކަމަށާއި، ޕާޓީ ހިންގުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރާނެކަމަށް މީކާއިލް ވިދާޅުވިއެވެ.

ޖަލްސާގައި މީކާއީލަށް ތާއީދުކުރައްވައި ވާހަކަދެއްކެވި މީހުންގެ ތެރޭގައި ކުރީގެ އެންވަޔަރުމެންޓް މިނިސްޓަރު އާމިނަތު ޝައުނާ، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ، މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޒިޔާދު (ފިއްޓޭ) ހިމެނެއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ މީކާއީލަކީ ޕާޓީން އުފެއްދި ޒުވާން ލީޑަރެއް ކަމަށާއި އޭނާއަކީ ޕާޓީއަށް ބޭނުންވާ ބަދަލުގެ ރަމްޒެއް ކަމަށެވެ.

ފިއްޓޭ ވިދާޅުވީ، ރަށްރަށުގެ ޖަގަހަތައް ހިންގައި، ޕާޓީގެ އާމްދަނީ އާންމު މެންބަރުންނަށް ހިއްސާކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭނީ މީކާއީލް ފަދަ ޒުވާން ލީޑަރެއް ކަމަށެވެ.

ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށްލައި ރަސްމާލެއިން ގޯއްޗަށް އެދި ހުށަހެޅޭނީ މެއި 10 ގެ ފަހުން

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ދެ މަޝްރޫއު ކަމަށްވާ “ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އެ ތަންތަން ދޫކޮށްލުމަށްފަހު އަލުން ގޯއްޗާއި ފްލެޓަށް ހުށަހެލޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ވަނީ “ބިންވެރިޔާ” ހާއްސަ ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން ފްލެޓާއި ގޯއްޗަށް ހުށަހަޅާނެ އުސޫލު މިހާރު އާންމުކޮށްފައެވެ. މި އާ އުސޫލަށް އަމަލުކުރަން ފަށައި، ގޯއްޗާއި ފްލެޓް ދޫކޮށްލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނީ މެއި 10 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ނިިޔަލަށް ކަމަށް ބުނެފައި ވެއެވެ. މިއީ ޖޮއިންޓްކޮށް ނުވަތަ އެތައް ބަޔަކު ގުޅިގެން ފޯމު ހުށަހަޅައިގެން ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އެ މީހުންގެ ނިންމުން ބަދަލުކުރުމަށް ނުވަތަ އެއްބަސްވުންތަކުން ވަކިވުމަށް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގެނައި ބަދަލެކެވެ.

މި އުސޫލުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކޮށްލުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ރަސްމީ “ހިޔާވެހި” ޕޯޓަލް މެދުވެރިކޮށެވެ. ހައުސިން މިނިސްޓްރީން ބުނީ، ޖޮއިންޓް އެޕްލިކޭޝަން ގޮތުގައި ގުޅިގެން ފޯމު ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެކަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެ ގޯއްޗަކުން އުނިވާން ބޭނުންވާނަމަ، އެފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެގޮތަށް އުނިވާ ފަރާތްތަކަށް، ސަރުކާރުން ކުރިމަގުގައި އިއުލާނުކުރާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން، ގޯތި ނުވަތަ ފްލެޓް އެއްކޮށް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް އެކަން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، ގުޅިގެން ހުށަހަޅާފައިވާ ފޯމެއް ނަމަ، އެއްވެސް ބަދަލެއް ގެނެވޭނީ ފޯމުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ރުހުން ލިޔުމުން ލިބިގެންކަން ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ. މިގޮތަށް ހުށަހަޅާއިރު، ދޫކޮށްލާ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީއާއި، އެއްބަސްވުން އުވާލާކަމުގެ ލިޔުންތައް ޕޯޓަލްއަށް އަޕްލޯޑުކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ބިން ވެރިޔާ ހާއްސަ ސްކީމްުގެ ދަށޫން ގޯތި ދޫކުރަން ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ. ގޯތީގެ ގިތުގައި ދޫކުރަން ހަމަޖެހިފައި ވަނީ 1250 އަކަފޫޓުގެ ގޯތި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ފްލެޓް ދޫކުރާ އިރު ދޫކުރާ މާލެ ސަރަހައްދުން ކަމަށާއި އަދި ފްލެޓް ދޫކުރަން ހަމަޖެހިފައި ވަނީ އެފޯޑަބަަލް ހޯމް އޯނަޝިޕް މޮޑެލް އަދި ރެންޓުއޯން މޮޑެލްގެ ދަށުންނެވެ.

ބިންވެރިޔާ ސްކީމްގެ އުސޫލަށް މި ބޮޑު ބަދަލު ގެންނަން ސަރުކާރުން ނިންމީ، ގުޅިގެން ފޯމު ހުށަހެޅި ގިނަ ބަޔަކަށް އެކި ކަހަލަ އިޖުތިމާއީ އަދި އާއިލީ މައްސަލަތަކާ ކުރިމަތިވެ، އެކަމުގެ ގިނަ ޝަކުވާތަކެއް ހައުސިން މިނިސްޓްރީއަށް ހުށަހަޅަމުން ދިއުމާ ގުޅިގެންނެވެ. ޕޮއިންޓް އިތުރުކުރުމުގެ ބޭނުމުގައި ގިނަ ބަޔަކު ގުޅިގެން ފޯމު ހުށަހެޅި ނަމަވެސް، ފަހުން އާއިލީ މައްސަލަތައް ޖެހުމާއި، ދެމަފިރިން ވަރިވުން ފަދަ ކަންކަމާ ގުޅިގެން ގޯތި ބެހުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ބައެއް ހާލަތްތަކުގައި، އެއްބަސްވުމުގައި ހިމެނޭ އެއް ފަރާތުން މާލީ ގޮތުން ޒިންމާ ނުނެގުމުގެ ސަބަބުން އަނެއް ފަރާތަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައި ވެއެވެ.

މި އުސޫލާ އެއްގޮތަށް ފޯމް ހުށަހެޅުމުގެ ކުރިން، ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލުތައް ރަނގަޅަށް ދިރާސާކޮށް، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި މަރުހަލާއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ހައުސިން މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް ނުވަތަ ރަސްމީ ވެބްސައިޓަށް ޒިޔާރަތްކުރުމަށް ވަނީ އަންގާފައެވެ.