ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާދަޔާއި ހިލާފަށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފި

އަންނަ ސެޕްޓެމްބަރު މަހާއި ނިޔަލަށް، އާދަޔާއި ހިލާފަށް ވާރެވެހޭނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.

މެޓު އޮފީހުން މިހެން ލަފާކޮށްފައިވަނީ މިއަދު އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މިއަހަރުގެ ހުޅަނގު މޫސުމާއި ބެހޭގޮތުން މެޓު އޮފީހުން ހިއްސާ ކުރި ޗާޓުތަކުން، އަންނަ މަހުން ފެށިގެން ސެޕްޓަމްބަރު މަހާއި ހަމައަށް ރާއްޖެއަށް އާދަޔާއި ހިލާފަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ ސެޕްޓެމްބަރު މަހާއި ނިޔަލަށް، އާދަޔާއި ހިލާފަށް ވާރެވެހޭނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.

މެޓު އޮފީހުން މިހެން ލަފާކޮށްފައިވަނީ މިއަދު އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މިއަހަރުގެ ހުޅަނގު މޫސުމާއި ބެހޭގޮތުން މެޓު އޮފީހުން ހިއްސާ ކުރި ޗާޓުތަކުން، އަންނަ މަހުން ފެށިގެން ސެޕްޓަމްބަރު މަހާއި ހަމައަށް ރާއްޖެއަށް އާދަޔާއި ހިލާފަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން އެމްޖޭއޭގެ 9 ހުށަހެޅުމެއް ސަރުކާރަށް

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގައި ނޫސްވެރިކަން ކުރާ ފަރާތްތަކަށް އޮތް ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ނުވަ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

މި ދުވަހާ ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ބޮޑުތަނުން ފަހަތަށް ސޮއްސާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ، ނޫސްވެރިންނަށް ބިރުދެއްކުމާއި ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށް އެމްޖޭއޭއިން ސަރުކާރަށް ހުށަހެޅި މައިގަނޑު 9 ކަމަކީ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން” އުވާލައި، ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއް ގާއިމުކުރުމާއި، އަދަދު ނޫހުގެ އެޑިޓަރުން ކަމަށްވާ ހުސައިން ފިޔާޒު މޫސާ އާއި ހަސަން މުހައްމަދަށް ކުރާ ޖިނާއީ ތުހުމަތުތައް ހުއްޓާލައި، ފުލުހުން ގެންދިޔަ ތަކެތި އަނބުރާ ހަވާލުކުރުމާއި، ފުރުން މަނާކުރުމުގެ އަމުރު އުވާލުމެވެ.

ހަމައެއާއެކު ނޫސްވެރިން ޝާއިއުކުރާ ކޮންޓެންޓަކާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގުން ހުއްޓާލުމާއި، ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގެ ރިޕޯޓުތައް އާންމުކޮށް، މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުމާއި، ނޫސްވެރިންނަށްދޭ އިންޒާރުތައް ބަލައި، މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީވެސް އެ ޖަމިއްޔާއިން ހުށައަޅާފައިވާ ކަންކަމެވެ.

އޭގެއިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރުމާއި، ޤާނޫނުގައި ހުރި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާތައް ބައިނަލްއަގުވާމީ މިންގަނޑަށް އިސްލާހުކުރުމާއި، ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓަކީ އިންސާފުވެރިކަމާއެކު ދެވޭ އެއްޗަކަށް ހެދުމަށް މަޝްވަރާކުރުންވެސް ހުށައެޅުންތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްޖޭއޭއިން އިތުރަށް ބުނީ، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮވެ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރެވޭނީ މިނިވަން މާހައުލެއް އޮވެގެން ކަމަށެވެ. އަދި ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް އިތުރަށް ދަށަށް ދިޔަ ނުދިނުމަށްޓަކައި، މި ހުށަހެޅުންތަކަށް ސަރުކާރުން ވަގުތުން އިޖާބަދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މަޒުމޫނު ލިޔުމާއި ޅެން ހެދުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން މި މަހު ހުޅުވާލަނީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޅެން ހެދުމާއި، މަޒުމޫނު ލިޔުން އަދި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން މި މަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

މިކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދެވެ.

ދިވެހިބަހާއި ސަގާފަތާއި ތާރީޚުގެ ރޮނގުން ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދާ ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ދިވެހި ބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް މުހިންމު ހަރަކާތްތަކެއް ރާވައިގެން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ތަފާތު އެކި ހަރަކާތްތައް ހިންގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

“ދިވެހި ބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް މުހިންމު ހަރަކާތްތަކެއް ރާވައިގެން ކުރިއަށް އެބަ ގެންދޭ. އެގޮތަށް މި އަހަރުވެސް ވަނީ ހަރަކާތްތަކެއް ރޭވިފަ. އެގޮތުން އޭގެ އެއްކަމަކީ މިމަހުގެ 20 ގައި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތާއި ޅެން ހެދުމުގެ ގައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތް ހުޅުވާލުން،” މި ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހީނާ ވިދާޅުވިއެވެ.

މި މުބާރާތްތަކަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާ މުބާރާތެކެކެވެ.

ދިވެހިބަހުގެ އެކެޑަމީން ދާދިފަހުން ހިންގި ހަރަކާތްތަކަށް ބަލާއިރު، ހުޅުމާލޭ ރުށްގަނޑު ސަރަހައްދުގައި ބޭއްވި “ދިވެހިބަހުގެ ހަވީރު” ފާހަގަކުރެވެއެވެ. ފަސް ޕްރީސްކޫލަކުން ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވި މި ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިބަހުގެ އެކެޑަމީއާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ތާރީޚީ މައުލޫމާތު ދިނުމަށް ބޭއްވި މަސައްކަތު ބައްދަލުވުމެއް ވެސް މިދިޔަ އޭޕްރީލް މަހު ބާއްވާފައިވެއެވެ.

މިފަދަ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ އުނގަންނައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތާރީޚާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި، ކުޑަކުދިންނަށް މިފަދަ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށް ހީނާ ވިދާޅުވިއެވެ.

ގައުމީ މުބާރާތްތަކުގެ މަގުސަދަކީ ދިވެހިބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްގީ ކުރުންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމަށް ފީއެއް ނަގަން ނިންމައިފި

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކާއި މަޖައްލާތަކުން އުސޫލެއްގެ ތެރެއިން ފީއެއް ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ނިންމައިފިއެވެ.

މިކަމާ ގުޅޭ ތަފްސީލު ހާމަކުރައްވަމުން އެ ކޮމިޝަނުގެ ޑިރެކްޓަރ ބްރޯޑްކާސްޓް ރެގިއުލޭޝަން އިބްރާހިމް އަޝްރަފް، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވިދާޅުވީ، މީގެ ކުރިން އެއްވެސް ފީއަކާ ނުލައި ކުރަމުން އައި ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ މަސައްކަތަށް މިހާރު އަގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ މީޑިއާތަކަކީ މިހާރަށްވުރެ ހަރުދަނާ އަދި ޒިންމާދާރުކަމާއެކު ހިންގާ ތަންތަނަށް ހެދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް ކަނޑައެޅި އުސޫލުގެ ދަށުން ނޫހެއް ރަޖިސްޓްރީކުރުމަށް 5،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. އަދި މިގޮތަށް ރަޖިސްޓްރީކޮށްދޭނީ 5 އަހަރުގެ މުއްދަތަށެވެ. މަޖައްލާތަކަށް ކަނޑައަޅާފައިވާ ފީއަކީ 3،750 ރުފިޔާއެވެ. މީގެ އިތުރުން، ކޮންމެ ރަޖިސްޓްރޭޝަނަކާ ގުޅޭ އިދާރީ މަސައްކަތްތަކަށް (ޕްރޮސެސިން ފީ) 100 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

އެމްއެމްބީސީން މިހާރު ވަނީ ނޫސް މަޖައްލާތައް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ދަފްތަރުގައި ހިމެނުމަށް މީޑިއާތަކަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ނަމަވެސް، ނޫސްތައް ރަޖިސްޓްރީކުރުމަށް ބޮޑު އަދަދަކުން ފީއެއް ނަގަން ނިންމުމާ ގުޅިގެން، ބައެއް ނޫސްވެރިންނާއި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީކާއީލްގެ ހޫނު ރައްދެއް ފައްޔާޒަށް: މެންބަރުން ބުނީ ޕާޓީ ހިންގައެއް ނުލެވުނޭ

އެމްޑީޕީގެ އާންމު މެންބަރުން ބުނަމުންދަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެޕާޓީގެ ލީޑަރޝިޕަށް ޕާޓީ ހިންގާނުލެވުނު ކަމަށް ކަމުގައި، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރަށްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ، ޕާޓީގައި ފައިސާ ނެތް ކަމަށް ބުނެ އެތެރޭގެ އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން އެދިފައިވާ ދަނޑިވަޅެއްގައި، ޕާޓީގެ މާލީ ތަފްސީލުތައް ހާމަކުރުމަށް އޭނާ ގޮވާލެއްވުމުން އެކަމަށް ރައްދުދެއްވައި ފައްޔާޒު މީސް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ފައްޔާޒު ވަނީ ޕާޓީގެ އޮޑިޓް ރިޕޯޓްތައް ހިމެނޭ ލިންކެއް ހިއްސާކުރަށްވައި، އެ ރިޕޯޓްތައް ބެއްލެވުމަށް މީކާއީލަށް އިރުޝާދު ދެއްވާފައެވެ.

ފައްޔާޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ، އަހަރަކު އެއްފަހަރު އާންމުކުރާ އޮޑިޓް ރިޕޯޓަކުން އެކަނި ނުފުދޭ ކަމަށެވެ. އަދި ޕާޓީގެ ވެބްސައިޓުގައިވާ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، އެ އަހަރާއި އޭގެ ކުރީ އަހަރު މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން މީކާއީލް ފާހަގަކުރެއްވިއެވެ.

މީކާއީލް ވިދާޅުވީ، އެ ފައިސާ ހަރަދުވީ ކިހިނެއްކަމާއި ޕާޓީގެ ހަރުމުދަލުގެ ތަފްސީލު އާންމު މެންބަރުންނަށް އެނގެންޖެހޭނެ ކަމަށެވެ. “ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ މި ޕާޓީ ހިންގައެއް ނުލެވުނޭ ބަދަލު ކުރާށޭ!” ފައްޔާޒަށް ނުސީދާކޮށް ފާޑުވިދާޅުވަމުން މީކާއީލް ލިޔުއްވާފައިވެއެވެ.

މީކާއީލްގެ މި ރައްދު އަމާޒުކޮށްފައިވަނީ ފައްޔާޒު އިސްމާއީލް ޗެއާޕާސަންގެ މަޤާމަށް ވާދަކުރެއްވި އިރު ބޭނުންކުރެއްވި ކެމްޕެއިން ޝިއާރު ކަމަށްވާ “ހިންގާލަން” މި ސްލޯގަން އަށް އިޝާރާތް ކުރަށްވައެވެ. މީކާއީލް ވިދާޅުވީ އޭނާގެ ފުރަތަމަ އަމާޒަކީ ޕާޓީގެ ފައިސާގެ ތަފްސީލު މެންބަރުންނަށް ހާމަކޮށް، ޕާޓީގެ ހިންގުން ހަރުދަނާކުރުން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ ލީޑަރޝިޕާމެދު އާންމު މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އިންތިހާބު ފަސްކުރަން އުޅޭ މައްސަލައިގައި ވެސް ޕާޓީގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ.

ރަށުގައި ފަނޑިޔާރެއް ނެތްނަމަ، ކައުންސިލަރުން ހުވާކުރުން އޮންލައިނުކޮށް

އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން އިގްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނޭ ގޮތުގެ އުސޫލް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކޮށްފިއެވެ.

އިންތިހާބުވި ކައުންސިލަރުން ހުވާކުރުމާއި ޑަބްލިއުޑީސީގެ މެމްބަރުން އިގްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތާވަލްކޮށްފައިވަނީ، މިމަހުގެ 17 ވަނަ ދުވަހުއެވެ. އެލްޖީއޭއިން އާއްމުކޮށްފައިވާ އުސޫލަށް ބަލާއިރު، މި ރަސްމިއްޔާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވޭނެހެން އިންތިޒާމްތައް ހަމަޖައްސަން ޖެހެއެވެ. އެގޮތުން މިހިނގާ މެއިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެކަން އާއްމުކޮށް އިއުލާނުކުރަން ޖެހޭއިރު، ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ދައުވަތުދޭން ޖެހެއެވެ.

ރަށެއްގައި ފަނޑިޔާރަކު ނެތް ހާލަތެއްގައިވެސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދަން ޖެހޭގޮތް މި އުސޫލުގައި ވަނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އެގޮތުން އެރަށެއްގައި ފަނޑިޔާރަކު ނެތްނަމަ، ނުވަތަ ފަނޑިޔާރަކު ގެނެވެނަ ނެތްނަމަ، ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދެވޭނޭ ގޮތަށް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އޮންލައިނުކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނަމަ، އެއްދުވަސް ކުރިން ފަނޑިޔާރަށް އެކަން އެންގުމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ހުރިހާ ކައުންސިލަރުން ތިބެންޖެހޭނީ ރަސްމީކޮށް ކޯޓު ފަޓުލޫން ނުވަތަ ކަނޑައެޅިފައިވާ ޤައުމީ ހެދުމެއްގައެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯ އާއި ވީޑިއޯ މީޑިއާތަކާ ހިއްސާކުރަން ޖެހޭއިރު، މަގޭ ކައުންސިލް ޕޯޓަލަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންގެ މައުލޫމާތުތައް ތިން ގަޑިއިރުގެ ތެރޭގައި އަދާހަމަކުރަންޖެހޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި ހުރެގެން ރާއްޖެއިން ބޭރުގައި ކާޑު ބޭނުންނުކުރެވޭނެ

ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދައި، ކޮންމެ މީހަކަށް ވެސް ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފިއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އެގޮތަށް އިއުލާންކުރެއްވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ މިހާރު ބެންކަން ގަންނަން ލިބޭ ޑޮލަރަށް ވުރެ، ވިއްކަން ޖެހޭ ޑޮލަރު އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެހެންވެ، ބެންކުން ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާއި ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ހަމަޖެއްސުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ބީއެމްއެލްއިން އަޅަން ނިންމައިފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ސްޓޫޑެންޓް ކާޑު ދިނުން ހިމެނެއެވެ. އެ ބެންކުން މިހާރު ވެސް ދަރިވަރުންނަށް ޚާއްސަ, މަހަކަށް 1,200 ޑޮލަރު ލިމިޓެއް ކަނޑައަޅައިފައިވާއިރު، ސްޓޫޑެންޓް ކާޑުގައި ހުންނާނީ އެ ލިމިޓެވެ.

ބީއެމްއެލްއިން ވަނީ އެ ކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ކުއްޖާއަށް ބޭނުން ކުރެވޭނެ ކަމަށާއި ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ބުނެފައެވެ.

އެ ބެންކުން އިތުރަށް ބުނި ގޮތުގައި، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް މީހުން، އޮންލައިން ވިޔަފާރި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް ވަރަށް ގިނަ އަދަދަކަށް މުދާ ގަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

އޭގެ ސަބަބުން، ބޭންކުން ވަރަށް ގިނަ ޢަދަދަކަށް ބޭރު ފައިސާ އެކަމަށް ވިއްކެނީ ނިސްބަތުން މަދު ބަޔަކަށްކަން ފާހަގަކޮށްފައިވެއެވެ.

އެހެންވެ ބީއެމްއެލްއިން ވަނީ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެ މަދު ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ ޢަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމައިފައެވެ. އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު ބަދަލެއް ނުގެންނާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އެ ބެންކުން އިއުލާންކުރި އިތުރު ކަންތައްތަކުގެ ތެރޭގައި:

  • ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާއި ނުލައި ބޭނުންކުރެވޭނެ.
  • ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅުއްވާ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނެގުން. އިތުރުކާޑުތަކަށް އަހަރީފީ ނުނަގާގޮތަށް ހަމަޖެއްސުން.
  • ޓީޓީތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖެއްސުން. ބޭރު ފައިސާ އެ ޓީޓއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާގަޑިއެއްގައި ފޮނުވޭނެ.
  • ޓީޓީތައް ސްޕްލިޓްކޮއްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުން.

ބީއެމްއެލްއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން ލިބުނު ފައިސާގެ އަދަދަކީ 1.58 ބިލިއަން ޑޮލަރު ކަމަށްވާއިރު، އެ މުއްދަތުގައި ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ އަަދަދު 1.45 ބިލިއަން ޑޮލަރަށް އަރައެވެ.

އެ ދެ އަދަދަކީ ވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅައިބަލާއިރު އިތުރު އަދަދުތަކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ލިބުނީ 1.26 ބިލިއަން ޑޮލަރު ކަމަށްވާއިރު، ބޭރަށް ފޮނުވައިފައިވަނީ 1.03 ބިލިއަން ޑޮލަރެވެ.

މީގެ ކުރިން ވެސް ބީއެމްއެލްއިން ވަނީ، ރާއްޖޭގައި ތިބޭ މީހުން ފުރާ މީހުންގެ އަތަށް ކާޑު ދީގެން ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ކުރުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 20ގައި ވެސް އެ ބެންކުން ވަނީ ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން ލިބޭ ފައިސާ ދަށްވެފައިވާކަން ފާހަގަކޮށް، އެގޮތަށް ދަށްވަމުންދާނަމަ ބޭރު ފައިސާ ވިއްކުމުގައި ވަގުތީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެފައެވެ.

އެގޮތުން ބީއެމްއެލްއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ހަނގުރާމައާ ގުޅިގެން ފެބްރުއަރީ 28އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވެ، ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ކްރެޑިޓް ކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން އަންނަ ފައިސާ މިދިޔަ މަހުގެ އެހާތަނަށް ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާ ކަމަށް ބެންކުން ބުނެފައިވެއެވެ.

ހަމައެއާއެކު، އެ މުއްދަތުގައި މުދާ އެތެރެކުރުމަށާއި ބޭރުގެ ޚިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ބަދަލުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން އެ ބޭންކު މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ، ބެންކް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ ވަރަށް ބޮޑަށް އިތުރު ވާނެ ކަމަށް ބީއެމްއެލްއިން އޭރު ވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުުގައި ހުންނަތާ މަސްތަކެއް ވަނީ ވެފައެވެ. އެއީ، މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި ވިޔަފާރިވެރިންނަށް އެތައް ދަތިތަކެއް ކުރިމަތިވެ، ތަކެތީގެ އަގު އުފުލެން މެދުވެރިވާ ސަބަބެކެވެ.

އައްޑޫ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވަނީ ސައީދާއި ސޯބެ އެކަނި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީއިރު، އެ ގޮނޑިއަށް ކުރިމަތިލީ އެންމެ ދެ ކެނޑިޑޭޓުންކަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ، އޭޕްރިލް މަހުގެ 14ވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް، ބައި-އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. އޭގެ ފަހުން އެ މުއްދަތު މިއަދު މެންދުރުފަހު ތިނެއް ޖަހަންދެން އިތުރުކުރިއެވެ.

މިއަދު އެ ކޮމިޝަނުން ބުނީ، އެ މުއްދަތުގައި ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލެއްވީ ދެ ކެނޑިޑޭޓުން ކަމަށެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ސޯބެއަށް އެމްޑީޕީގެ ޓިކެޓު ލިބުނީ، އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އިތުރު މެންބަރަކު އެ ޕާޓީގެ ޓިކެޓަށް ވާދަކުރައްވައިފައިނުވާތީއެވެ. އަދި ސަޢީދަށް ޕީއެންސީގެ ޓިކެޓު ލިބުނީ، ސިނާނަށް ޓިކެޓު ލިބިވަޑައިގެންފައިވަނިކޮށް، އޭނާގެ ނަން ނެންގެވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ކަމަށް އިއުލާންކޮށްފައެވެ.

މަސައްކަތްތެރިންގެ “މޭޑޭ ރެލީ” ބާއްވައިފި

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މާލޭގައި ޚާއްޞަ ހިނގާލުމެއް ބާއްވައިފިއެވެ.

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި “މޭޑޭ ރެލީ” ފަށާފައި ވަނީ މިއަދު ހަވީރު 16:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.

މި ހިނގާލުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހިމެނިވަޑައިގަންނަވައެވެ.

ހިނގާލުމުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ “ރާއްޖޭގެ މައިބަދައަކީ މަސައްކަތްތެރިން” ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމާއި ދިވެހިންނަށް ރައްކާތެރި މަސައްކަތުގެ މާޙައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި، މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ވަޒީރު ހީނާ ވަލީދު ވިދާޅުވީ ކޮންމެ ދާއިރާއަކުން ޤައުމަށް ޚިދުމަތްކުރާ ކޮންމެ މީހެއްގެ މަސައްކަތަކީ އަގުނުކުރެވޭނެ ޚިދުމަތެއް ކަމަށާއި، މަސައްކަތްތެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

މި ހިނގާލުމުގެ ބައިވެރިން ވަނީ މަސައްކަތްތެރިންގެ އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ސަރުކާރުން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްފައެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ.

ފައިސާ ނެތިގެން އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރަން ހުށަހަޅަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް ބޭނުންވާ ފައިސާ ނެތް ކަމަށް ބުނެ، އެ އިންތިހާބުތައް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް އެ ޕާޓީގެ ތެރޭގައި ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ސީޕީ އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

މި ހުށަހެޅުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާލީ ދަތިކަމެވެ.

“މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބް ބާއްވާނެ އެއްވެސް ފައިސާ އެއް ޕާޓީ އަކުނެތެވެ،” ގަޕޯ ފޮނުއްވި މެސެޖުގައި ބުނެފައިވެއެވެ.

އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމަށްޓަކައި އިސް ފަރާތްތަކުން މަޝްވަރާކޮށްގެން ‘އިންޓަރީމް އެރޭންޖްމަންޓެއް’ ނުވަތަ ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ އިންތިޒާމުގައި އޭނާ ނުހިމަނައި ކުރިއަށް ދިޔުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި ހުށަހެޅުމަކީ ޕާޓީގެ ކުރިމަގަށް މުހިންމު ކަމެއް ކަމަށް ބަލައި، އެކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށްވެސް ގަޕޯ ވަނީ އެދިވަޑައިގެންފައެވެ.

އެމްޕީއެލްއިން ޒިޔަތު ވަކިކޮށް، އެ މަގާމަށް ލަމްޢާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށް، އެ މަގާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން މިއަދުން ފެށިގެން އައްޔަންކޮށްފިއެވެ.

އެ މަގާމާ ހަވާލުވާން އިއްޔެ ލަމްޢާން ވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާދެއްވާފައެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތު އައްޔަންކޮށްފައިވަނީ މާރިޗު 16 ވަނަ ދުވަހެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މިއަދެވެ. އެކަމަކު، ވަކިކުރި ސީދާ ސަބަބެއް ނުބުނެއެވެ.

މީގެ ކުރިން ލަމްޢާން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމު ފުރުއްވިއެވެ.

އޭނާއަކީ ކޯޕަރޭޓް ގަވާނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑާޝިޕްގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުންޏެވެ.

ލަމްޢާން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، މެނޭޖްމަންޓާއި ލީޑާޝިޕްގެ ދާއިރާއިން ގިނަ އަދަދެއްގެ ފަންނީ ތަމުރީނު ޕްރޮގްރާމުތައް ފުރިހަމަކުރައްވާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރު ކުންފުނިތަކަށް ބައެއް ބަދަލުތައް މި ފަހުން ވަނީ ގެނެސްފައެވެ.

އެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް، ޕީސީބީގެ ރައީސްކަން ކުރެއްވި މުޙައްމަދު އަނަސް އިއްޔެ ވަނީ އައްޔަންކޮށްފައެވެ. އަދި، ޕީސީބީގެ ރައީސްކަމަށް ވިޔަފާރިއާއި އިދާރާތައް ހިންގުމުގެ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު ނިޒާރު ވަނީ އަލުން އައްޔަންކުރައްވާފައެވެ.

އޭގެ އިތުރުން ވެސް ޚަރަދު ކުޑަކުރަން ކުންފުނިތަކުގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެންނާނެކަން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަނުކުރަން ބޮންޒީ އަލްހާން ނިންމަވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިދާރީ ހިންގުން މިހާރު އޮތް ގޮތުން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމަށް ގަބޫލުނުކުރެވޭތީ، އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަނުކުރައްވަން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ނިންމަވައިފިއެވެ.

އަލްހާން މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ޕާޓީގެ އިދާރީ އިންތިޒާމުތައް ހުރި ގޮތުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ މާހައުލެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން، ކުރިން އެ މަގާމަށް ކުރިމަތިލުމަށް ނިންމެވި ނިންމެވުން ބަދަލުކޮށް، މިފަހަރުގެ އިންތިޚާބުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށް އަލްހާން ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަކީ ޕާޓީގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް ވާއިރު، އަލްހާންގެ މި ނިންމެވުމާއެކު ޕާޓީގެ އެތެރޭގެ އިންތިޚާބާ މެދު އުފެދިފައިވާ ބަހުސްތައް ވަނީ އިތުރަށް ހޫނުވެފައެވެ. އަލްހާން ވަނީ މީގެ ކުރިން ވެސް އެމްޑީޕީގެ ހިންގުމުގެ ނިޒާމަށް ފާޑުވިދާޅުވެ، އިސްލާހީ ބަދަލުތަކަށް ވަކާލާތު ކުރައްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަ ކުރަށްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.