މިހާރު ހިންގާ މީޑިއާތައް 6 މަސް ތެރޭ ރަޖިސްޓްރީކުރުން ލާޒިމްކޮށްފި

ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ހުރިހާ މީޑިއާއަކަށް މީޑިއާ ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީވާން 6 މަސް ދުވަހުގެ މުހުލަތެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖޭގައި ހިންގާ ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމުގެ އާ ގަވާއިދެއް އެކުލަވާލާފަ އެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ، އެއިރަކު އެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ކަމާ ގުޅޭ މިނިސްޓްރީއެއްގަ އެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނާއެކު އެ ކޮމިޝަން އުފެދި، ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އެކޮމިޝަނާއި ވަނީ ހަވާލުކޮށްފަ އެވެ.

މި ގަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ޖަވާބު ދޭންޖެހެއެވެ. ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެޑިޓަރަކާއި މަސްއޫލުވެރި ފަރާތެއް ހުންނަންޖެހެއެވެ. މި ޤަވާއިދުގައި އެފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައްވެސް ވަނީ ހިމަނާފައެވެ.

މިޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ 5 އަހަރު ދުވަހެވެ. އޭގެ ފަހުން ރަޖިސްޓްރީ އައު ކުރުމަށް ހުށަހަޅަން ޖެހެއެވެ. އަދި ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އާ ކުރުމަށް ހުށަހެޅުމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ނޫސްމަޖައްލާ ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލްވާނެކަމަށް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ނޫސްތަކަށް މިހާރު ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލްވާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ޚާއްޞަ އަގުގައި މިހާރު 9 ސަރަޙައްދަކުން މަސްވެރިންނަށް ތެޔޮލިބޭނެ: މިނިސްޓަރު ޝިޔާމް

މަސްވެރިންނަށް ޚައްޞަ އަގުތަކުގައި މިހާރު ރާއްޖޭގެ 9 ސަރަހައްދަކުން ތެޔޮލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަަމށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މިދިޔަ ހަފްތާގައި 4 ސަރަހައްދަކުން ޚާއްޞަ އަގުތަކުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސިނަމަވެސް މިހާރު އެ އަދަދު 9 ސަރަހައްދަށް އިތުރުކޮށްފައިވާކަަމށެވެ. އަދި މިހާރު ޚައްޞަ އަގުގައި ތެޔޮ ނުލިބެނީ 3 ސަރަހައްދަކުންކަމަށާއި، އެ ސަރަހައްދުތަކަށްވެސް އެ އިންތިޒާމު މި ހަފްތާގެ ތެރޭގައި ހަމަޖައްސާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ތެލައް ކުރާ ހޭދަ ބޮޑުވެއްޖެނަމަ އެކަމުގެ އުނދޫތައް ކުރިމަތިވަނީ ހަމައެކި މަސްވެރި އާއިލާތަކަށް ނޫންކަމަށެވެ. އެކަމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް އެކަމުގެ ދަތިކަން ކުރިމަތިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މަސްދޯނިތައް މަސް ކަނޑުތަކަށް ނުކުމެ މަސްވެރިކަން ކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށްކަމަށްވެސް ޝިޔާމް ވިދާޅުވއެވެ.

 ދެން މިވަގުތު މަސްވެރިކަން އޮތް އަތޮޅުތަކަށް ބަލާއިރު ލ، ތ، މ، މި ތިން އަތޮޅައް ސޮލިއުޝަންއެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.

ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މަސްވެރިކަން ވަރަށް ރަނގަޅުވެފައިވާކަމަށާއި ސަރުކާރުން މަސައްކަތްކުރަނީ ލައިސަންސް އޮތް ހުރިހާ އުޅަނދުތަކަށް މަހަށް ފުރޭނެ އަގެއްގައި ތެލުގެ ކަންކަން ހަމަ ޖެއްސުމަށްކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ތިން ބިދޭސީން ހައްޔަރުކޮށްފި

ބަނގުރާ ޓައްޕަކާއި، 38،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1،100 އަށްވުރެ ގިނަ ޑޮލަރާއެކު ހައްޔަރުކުރި ތިން ބިދޭސީން ޑީޕޯޓުކުރަން ނިންމައިފިއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:

  • މަހޭސް އިންދިރާޖިތް ސިލްވަ (42އ)
  • ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ)
  • މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ)

މި ތިން މީހުންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.

ފުލުހުން ބުނި ގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު އިއްޔެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ފަހެވެ. އަދި އެ ގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 24 ފުޅިއާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ވެސް ވަނީ ފެނިފައެވެ.

މީގެ އިތުރުން، 38،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1،100 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑިއްޖެ

ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑިއްޖެއެވެ.

‘އެކްސް’ގައި ކުރި ޕޯސްޓެއްގައި ބިއެމްއެލްއިން ބުނީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.

ބީއެމްއެލްގެ އެޕާއި އޮންލައިން ޚިދުމަތް ބޭނުން ނުކުރެވޭތާ އެއް ގަޑިއިރަށް ވުރެ ގިނައިރު މިހާރު ވަނީ ވެފައެވެ.

އެގޮތުން ޚިދުމަތްތައް ބޭނުންނުކުރެވޭކަން، ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން ޝަރީފް ވަކިކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް، މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ޝަރީފް އެ މަގާމުން ވަކިކުރިކަން އެމްޓީސީސީގެ މީޑިއާ އޮފިޝަލް ވަނީ “ހަވާސާ” އަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ މަގާމުން ވަކިކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ދީފައިވާ އިރުޝާދުތަކުގެ ދަށުންނެވެ.

އަހުމަދު ޝަރީފަކީ މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްޓީސީސީގެ އިސް މަގާމަކަށް އައްޔަންކުރެއްވީ މި ސަރުކާރު އައި ފަހުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބަށް ފަހު، ސަރުކާރުގެ އޮނިގަނޑަށާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

މި ބަދަލުތަކަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.

ޅ. ހިންނަވަރަށް ނިސްވަތްވާ ޝަރީފް މަގާމުން ވަކިކޮށްފައި މިވަނީ ހިންނަވަރު ކައުންސިލްގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށް، ޕީއެންސީއަށް އެރަށުން ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވި ނޭކުރެންދޫ ޒުވާނާ މަރުވެއްޖެ

ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުންދިޔަ ހދ. ނޭކުރެންދޫ ޒުވާނަކު މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވެފައިވަނީ ހުސެއިން ޝިފާޒް (36އ) އެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ

އެނގިފައިވާ ގޮތުގައި ޝިފާޒު ރުކަކުން ވެއްޓުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން މަސައްކަތެއް ކުރުމަށްޓަކައި ކުޅުދުއްފުއްޓަށް ގޮސް އުޅުމުގެ ތެރޭގައެވެ. އޭނާ ރުކަށް އެރީ ރުއް ސާފުކުރުމުގެ މަސައްކަތަކަށެވެ.

ޝިފާޒަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. މާލެ ގެނައި ފަހުންވެސް އޭނާ އޮތީ ހޭނާރާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަހަރުގެ މިހާތަނަށް ޑެންގީ ޖެހުނު މީހުންގެ އަދަދު މިިދިޔަ އަހަރަށްވުރެ 1800 ކޭސް އިތުރު

މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ގާތްގަނޑަކަށް 600 ޕަސެންޓު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަނީ މަތިވަމުންނެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 374 ކޭސްއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2,183 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މަސްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޕޯޓްކުރީ އެންމެ 75 ކޭސް ނަމަވެސް، މިއަހަރުގެ ޖެނުއަރީގައި 679 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާޗް މަހު 600 ކޭސް އަދި އޭޕްރީލް މަހުގެ މިހާތަނަށް 476 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ މަހުގެ 22 އިން މި މަހުގެ 18 އަށް ޖުމްލަ 21,687 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އެއީ އަތޮޅުތެރެއިން 11,792 ކޭސް އަދި މާލެ ސަރަހައްދުން 9,894 ކޭސްއެވެ.

އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު ޓެސްޓްކުރި 791 މީހުންގެ ތެރެއިން 99 މީހުން ޕޮޒިޓިވްވިއެވެ. ފެބްރުއަރީ މަހު 134 މީހުން ޓެސްޓްކުރިއިރު 8 މީހުން ޕޮޒިޓިވްވި ނަމަވެސް، މި މަހު މިހާތަނަށް ޓެސްޓްކުރި 89 މީހުންގެ ތެރެއިން 18 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖަކު ވެސް މިދިޔަ ހަފްތާގައި ވަނީ ނިޔާވެފައިއެވެ. މީގެ އިތުރުން ޑެންގީ ހުން ޖެހިގެން މި މަހު 13 ވަނަ ދުވަހު ވެސް ޒުވާނަކު ނިޔާވެފައިވެއެވެ.

ފީއަލީގައި ހިތާމަވެރި ހާދިސާއެއް: ދެބެއިން ކަރަންޓްގައި ޖެހި އަނިޔާވެއްޖެ

ފ. ފީއަލީގައި ދެބެއިން ކަރަންޓްގައި ޖެހި އަނިޔާވެއްޖެ އެވެ.

ހިތާމަވެރި މި ހާދިސާ ހިނގީ މިއަދު އެ ދެބެއިން އެ މީހުން ދިރިއުޅޭ ވެލްކަމްގޭގެ ފުރާޅުމަތީން ފައިބަނިކޮށެވެ. އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ ކަރަންޓްގައި ޖެހުނީ ފުރާޅުމަތީން ފައިބާން ވެގެން ހޮޅި ދަނޑިއެއްގައި އަތްލުމުން ކަމަށެވެ. ކަރަންޓްގައި ޖެހި އެކަކު ވެއްޓި ވަރަށް އަނިޔާވި އެވެ.

ބައެއް މަސްދަރުތަކުން ޔަގީން ކުރެވުނު ގޮތުގައި އެކެއްގެ ކަދުރާ ވަނީ ބިނދިފަ އެވެ. ބޯވެސް ފަޅައިގެންދިޔަ އެވެ. އެ ދެ މީހުން އިތުރު ފަރުވާއަށް މިހާރު ވަނީ ފ. ނިލަންދޫއަށް ގެންގޮސްފަ އެވެ.

މިއަދަކީ ފީއަލީއަށް ވަރަށް ވިއްސާރަ ދުވަހެކެވެ.

އަސްމާ އިޖުތިމާޢީ ކޮމިޓީއަށް ބަދަލުކޮށް، މުޤައްރިރުކަންދީފި

މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އައްޔަންކޮށް، އެ ކޮމިޓީގެ މުގައްރިރުކަން ދީފި އެވެ.

ކައުންސިލް އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން އަސްމާއާއި ޕީއެންސީއާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދި، އަސްމާ އެ ޕާޓީގެ ލީޑަޝިޕާމެދު ނުރުހުންވެވަޑައިގެން ވާހަކަދެއްކެވި އޯޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ.

އެއާއެކު އިޖުމާއީ ކޮމެޓީގެ މުގައްރިރުކަމުންނާއި ކޮމެޓީގެ މެންބަރުކަމުން އަސްމާ ވަކިކޮށް، އޭނާގެ ބަދަލުގައި އެ ކޮމެޓީއަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަނީ އައްޔަންކޮށްފައެވެ.

އަދި ސަރުކާރުގެ ބައެއް މަގާމު ތަކުގައި ތިއްބެވި އަސްމާގެ ޢާއިލާގެ ބޭފުޅުންވެސް ވަނީ އޭރު ތިއްބެވި މަގާމު ތަކުން ވަކިކުރެވި، ނޫނީ މަގާމު ބަދަލު ކޮށްފައެވެ.

ނަމަވެސް ފަހުން އެ ފަރާތްތަކަށް ވަނީ އެހެން މަގާމުތައް ދީފައެވެ.

އަދި އަސްމާވެސް އިޖުތިމާޢީ ކޮމިޓީއަށް އަލުން ބަދަލުކޮށް ވަނީ މުޤައްރިރުކަން ދީފައެވެ. އެގޮތުން މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި މުޤައްރިރުކަން ކުރެއްވީ އޭނާކަން ފާހަގަކޮށްލަންޖެހެއެވެ.

ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މިއީ މިދިޔަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ 17ގައި އޮތް އަޑުއެހުމަށްފަހު، ދައުލަތުގެ ބަންޑާރަނައިބުގެ ހުށަހެޅުމާ ދެކޮޅަށް، އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކޯޓުން ނިންމައި، 26 ފެބްރުވަރީއަށް އަޑުއެހުމެއް ތާވަލުކުރިއެވެ.

މި އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން އަޑުއެހުން ކެންސަލްވިއެވެ. އެއީ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ، އެ ތިން ބޭފުޅުންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާ ކަމަށް ބުނެއެވެ.

އޭގެ ފަހުން ސުއޫދު މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި މަޖިލީހުން ވަނީ އަޒްމިރަލްދާއާއި މަހާޒަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ، ދެ ބޭފުޅުން މަގާމުން ވަކިކޮށްފައެވެ.

އެ ހުރިހާ ކަމަކަށްފަހު، އެ ކޯޓުގެ ބެންޗަށް އައި ބޮޑު ބަދަލާއެކު، މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން އޮތީ މި މަހުގެ 14ވަނަ ދުވަހެވެ. މިއަދު އޮތީ ހުކުމް އިއްވުމެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި ފާހަގަކުރެއްވި ނުކުތާތައް:

  • އެންޓި ޑިފެކްޝަންގެ އުސޫލުތަކަކީ ހަމައެކަނި ބަރުލަމާނީ ނިޒާމުތަކުގައި އޮތް ކަމެއް ނޫންކަން
  • ސިޔާސީ ޕާޓީތަކުގައި އުފެދޭ ބައިބައިވުންތައް ކުޑަކުރަން މިފަދަ ފިޔަވަޅުތައް އަޅާކަން
  • ރާއްޖެއަށް އެންޓި ޑިފެކްޝަން އުސޫލު މުހިންމުނުވާކަމަށް ބުނެވޭކަަށް ނެތްކަން
  • އެންޓި ޑިފެކްޝަން ގާނޫނުތަކަށް އަމަލުކުރުމުގައި އެ ގައުމެއްގެ ދާޚިލީ ހާލަތަށް ރިއާޔަތްކުރޭ.
  • އެންޓި ޑިފެކްޝަން އުސޫލަކީ އަސާސީ ހައްގުތަކާ ފުށުއަރާކަމެއް ނޫންކަމަށާއި އެއާ އިދިކޮޅުވާ ކަމެއް މި މައްސަލައިގައި އަލީ ހުސައިނަށް ފާހަގަކޮށް ނުދެވުނުކަން
  • އެންޓި ޑިފެކްޝަންގެ އުސޫލަކީ ގާނޫނު އަސާސީގެ ސިޔާދަތީ ބާރަށް އުނިކަން ލިބޭކަމެއް ނޫން.

މި މައްސަލަ ނިންމަވަން ފެނިވަޑައިގަންނަވާކަމަށް އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވި ގޮތަކީ މި އިސްލާހަކީ ބާތިލް އިސްލާހެއްކަމަށް ކަނޑައެޅޭނެ ހަމައެއް ނެތްކަމަށާއި 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް މި އިސްލާހު ތަންފީޒުނުކުރެވޭނެކަމަށް ކަނޑައެޅޭނެ އަސާސެއް ނެތްކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ތާއީދުކުރައްވައިފައެވެ. ނަމަވެސް މައްސަލައިގެ މައުޟޫއު ނުވަތަ މައްސަލައިގައި ޖަވާބުދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޝުޖޫން ވަނީ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ.

މި މައްސަލައިގައި ނިންމަވަން ފެނިވަޑައިގެންނެވި ގޮތްކަމަށް ޝުޖޫން ވިދާޅުވީ، ގޮނޑި ގެއްލޭ އިސްލާހުގެތެރެއިން 73ވަނަ މާއްދާގެ ބ.ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާ އުނިކުރާށެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހިމެނޭ ހައްގުތަކެއް ގާނޫނު އަސާސީގެ 262ވަނަ މާއްދާގެ ށ ގައި ބަޔާންކުރާ އިޖުރާތުގެ ބޭރުން ބަދަލުކޮށްފައިވާ އިސްލާހެއް ކަމުގައިވާތީއެވެ. އަދި އެ އިސްލާހަކީ ގާނޫނުއަސާސީގެ 75ވަނަ މާއްދާގައި ބަޔާންކުރާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރަން އޮތް ހުރަހެއް ކަމުގައިވާތީކަމަށް ދެކެވަޑައިގަންނަވާތީއެވެ.

ނަމަވެސް މި މައްސަލައިގައި ދެން ތިއްބެވި ފަސް ފަނޑިޔާރުން ތާއީދުކުރެއްވީ އުއްތަމަފަނޑިޔާރުގެ ރައުޔަށެވެ. އެހެންވެ މި މައްސަލަ ބާތިލްނުކުރެވޭނެ ކަމަށް އެ ކޯޓުން ހުކުމް ކުރީ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ.

ހުރިހާ ވަޒީރުންނަށްވެސް ރުހުންދޭން މަޖިލީހުން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އަލުން އައްޔަނުކުރެއްވި 14 ވަޒީރުންނަށްވެސް މަޖިލީހުން ރުހުންދީފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވާ ބައެއް ވުޒާރާތައް އުވާލައްވައި ބައެއް ވުޒާރާތައް އެއްކުރައްވައި ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފަ އެވެ. އެގޮތުން ބަދަލެއް ނުގެންނެވީ ހަމައެކަނި ބަންޑާރަނާއިބު އަހްމަދު އުޝާމްގެ މަގާމަށެވެ.

އަނެއް 14 ވުޒާރާގެ ނަމަށް ވެސް ވަނީ ބަދަލު ގެންނަވާފަ އެވެ. އެހެން ކަމުން އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ވަނީ މަޖިލީހަށް ހުށައަޅުއްވާފަ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމީޓީން އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު ނިންމެވީ 14 ވަޒީރުންނަށް ވެސް ރުހުން ދޭށެވެ. އެ ނިންމުން ނިންމީ ކޮމެޓީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެފަހުން މިއަދުގެ މަޖިލީހުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ވޯޓު ވަކިވަކިން ނަގާފައިވާއިރު، މަޖިލީހުން ފާސްވީ ހުރިހާ މެންބަރުންނަށްވެސް ރުހުން ދޭށެވެ.

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަކީ:

  • މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް, މޫސާ ޒަމީރު
  •  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ, ޢަލީ އިޙްސާން
  • މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް, ޙަސަން ރަޝީދު
  • މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް, އަޙްމަދު ޝިޔާމް
  • މިނިސްޓަރ އޮފް ފޮރިން އެފެއާޒް, އިރުތިޝާމް އާދަމް
  • މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް, ޑޮކްޓަރ އިސްމާޢީލް ޝަފީޢު
  • މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ, ޤީލާ ޢަލީ
  • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް, މުޙައްމަދު ސަޢީދު
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް, ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
  • މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން, މުޙައްމަދު އަމީން
  • މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް, ޢަބްދުالله ރާފިޢު
  • މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ހީނާ ވަލީދު
  • މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ, ޢަލީ ޝަރީފް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 1 (ހާ އަލިފް އަދި ހާ ދާލު) ގެ މެޗުތަކުގައި ކޮމެންޓްރީ ދިން ކޮމެންޓޭޓަރު، އަސްލު ޓިން ޓިންގެ ބަސްމަގު ހުރިގޮތާ މެދު ގިނަ އާއްމު ރައްޔިތުންތަކެއް ހިތްހަމަނުޖެހުން ފާޅުކޮށް، އޭނާއާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަށް ގޮވާލައިފިއެވެ.

މި މައްސަލައިގައި ކުޅިވަރުގެ ރޫޙާ ހިލާފަށް ކުޅުންތެރިންނަށް މަލާމަތް ރައްދުކޮށް، ބުލީކުރުމުގެ ބީދައިން ބަސްމަގު ބޭނުންކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ވަކިވަކި ކުޅުންތެރިންނަށް ނިސްބަތްކޮށް އިހާނެތިކޮށް ހިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ފުޓްބޯޅައިގެ ތެރޭގައި އޮންނަންޖެހޭ އިހުތިރާމް ކުޑަކަން ހާމަވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ. އަދި ޓީމް ހަނިމާދޫ ޕޭޖުގެ އޮފިސަލް ސްޓޭޓްމެންޓުގައިވެސް މިކަން ހާމަކޮށްފައިވެއެވެ

މި އަމަލަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ (FIFA) އިން ކަނޑައަޅާފައިވާ ފެއާޕްލޭ ނުވަތަ އިންސާފުވެރި ކުޅުމުގެ އަސާސްތަކާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ފީފާގެ ކޯޑް އޮފް ކޮންޑަކްޓްގެ 3 ވަނަ މާއްދާގައިވާ ގޮތުން، ފުޓްބޯޅަ ބިނާވެގެންވަނީ އިހުތިރާމާއި، ތެދުވެރިކަމާއި، އިންސާފުވެރި ކުޅުމުގެ މައްޗަށެވެ. މީގެ ތެރޭގައި އިދިކޮޅު ޓީމަށާއި، ކުޅުންތެރިންނަށާއި، އޮފިޝަލުންނަށް އިހުތިރާމްކުރުމާއި، އިހާނެތި ބަސް ބުނުމުން ދުރުހެލިވުން ހިމެނެއެވެ.

މީގެ އިތުރުން، ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް ކުޅިވަރުގެ ގަދަރާއި ހަމަހަމަކަން ދެމެހެއްޓުމަކީ ފީފާގެ އުސޫލުތައް ލާޒިމުކުރާ ކަމެކެވެ. ކޮމެންޓޭޓަރުންނަކީ އާންމުންގެ މެދުގައި ނުފޫޒު ފޯރުވޭ ފަދަ މަގާމުތަކެއްގައި ތިބޭ ބަޔަކަށް ވީހިނދު، ކޮންމެ ވަގުތެއްގައިވެސް ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓަންޖެހޭނެ ކަމަށް މި މައްސަލައިގައި ވަނީ ބުނެފައެވެ.

މިފަދަ ހާދިސާތަކުގެ ސަބަބުން ކުޅިވަރުގެ ރޫޙަށް ނޭދެވޭ އަސަރުކުރާނެތީ، އެފް.އޭ.އެމް އިން މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަސްލު ޓިން ޓިންއާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ފަރާތްތަކަކުން އަންނަނީ ބާރުއަޅަމުންނެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ތެރެއިން—

ދިއްދޫ އާއި ހަނިމާދޫ ބައްދަލުކުރި ފުޓްބޯޅަ މެޗުގައި ހިނގާދިޔަ ބައެއް ހާދިސާތަކަކީ ކުޅިވަރުގެ ރޫހާ މުޅިން ޚިލާފު، އަދި ކުޅުންތެރިންގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކަމަށް ބުނެ ހަނިމާދޫ ޓީމުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހަނިމާދޫ ޓީމުންނާއި އާއްމުންގެ ގިނަ ބަޔަކު ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް ޝަކުވާއަކީ މެޗުގެ ކޮމެންޓޭޓަރުންގެ އަމަލުތައް ހުރި ގޮތެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ދިއްދޫ ޓީމުން ގޯލެއް ޖެހުމުން، ރެފްރީންގެ ނިންމުމަށް ބެލުމެއް ނެތި ކޮމެންޓޭޓަރުން އުފާފާޅުކުރުމަކީ ރެފްރީންގެ ނިންމުންތަކަށް އިހުތިރާމް ކުޑަކުރުން ކަމަށް އެ ޓީމުން ސިފަކުރެއެވެ.

މީގެ އިތުރުން، މެޗުގެ ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގެ ކަންބޮޑުވުން ވެސް އެ ޓީމުން ވަނީ ހިއްސާކޮށްފައެވެ. އެ ވަގުތަކީ ދިއްދޫގެ ކުޅުންތެރިން ފައުލްއެއް ކޮށްފައިވަނިކޮށް، އެއީ ފައުލްއެއް ކަމަށް ނުނިންމައި ގޯލެއް ކަމަށް ކަނޑައެޅި ވަގުތެކެވެ. އެ ވަގުތު ހަނިމާދޫ ޓީމުގެ ޖޯޒީ ނަންބަރު 19، ހުޒާމް ޢަބްދުއް ރަޙީމް ބިމަށް ވެއްޓިފައި އޮއްވައި، ދިއްދޫ ޓީމުގެ ޖޯޒީ ނަންބަރު 16، މުހައްމަދު ރަޝީދު ގަސްދުގައި އޭނާގެ ގައިގައި ފައިން ޖަހާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ހަނިމާދޫ ޓީމުން މި އަމަލު ސިފަކޮށްފައިވަނީ “ލާއިންސާނީ، އިހާނެތި އަދި ފިނޑި” އަމަލެއްގެ ގޮތުގައެވެ. އަދި މިއީ ކުޅުންތެރިޔާގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސޯސަލް މީޑިއާގައި ދަުއުރުކުރާ ވީޑިއޯ ތަކުގައި މީހުން ސުއޫރު ފާޅުކޮށްފައިވެއެވެ.
މިމައްސަލަ އެފް.އޭ.އެމް އަށް ހުށަހަޅާނެކަމަށް ބެލެވެއެވެ.