ވޯލްޑް ޓްރެވަލް އެވޯޑްސްގެ 3 ސަރަހައްދެއްގެ އެވޯޑް ހަފްލާ، މިއަހަރު ރާއްޖޭގައި ބާއްވަނީ

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ ގާލާ ހަފްލާގައި އިންޑިއަން އޯޝަންގެ އިތުރުން އޯޝޭނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުންތައް ފާހަގަކޮށް އެވޯޑު ދިނުމަށް ނިންމައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑު ކަމަށްވާ ޑަބްލިއުޓީއޭގެ މި ތިން ސަރަހައްދުގެ ގާލާ ސެރެމަނީ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު 27 ވަނަ ދުވަހެވެ.

މި ޝަރަފްވެރި ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި “މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ލައިފްސްޓައިލް ރިސޯޓް” ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މި ރިސޯޓަކީ އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިދޭ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ އޮތް މުއްސަނދި ތާރީޚުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. ކްރޮސްރޯޑްސްގައި ތަފާތު ތިން ރިސޯޓެއް ހިމެނޭއިރު، އޭގެ ތެރޭގައި ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ މޯލްޑިވްސް ހިމެނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ކުކް ވިދާޅުވީ، އިންޑިއާ ކަނޑާއި، އޭޝިއާ އަދި އޯޝޭނިއާގެ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް އެއް ހަފްލާއަކަށް ދައުވަތު ދިނުމަކީ، ރާއްޖެއިން ބައިނަލްއަގްވާމީ ދާއިރާގައި ދައްކަމުންދާ ނުފޫޒާއި ހަރަކާތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ފުރުސަތެއް ކަމަށެވެ. އަދި މި ހަފްލާ ބާއްވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ މުސްތަގުބަލު ބައްޓަންކުރާ އައު އީޖާދުތަކާއި އުންމީދުތައް ފުރިހަމައަށް ދައްކުވައިދޭ ތަނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑާ ޓްރޭގާ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހު މިފަދަ ޝަރަފުވެރި އެވޯޑް ހަފުލާއެއް ކްރޮސްރޯޑްސްގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މިއީ ތަފާތު ތަޖުރިބާތައް އެއް މަންޒިލަކުން ފޯރުކޮށްދިނުމަށް ގެންގުޅޭ ތަސައްވުރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައި ވަނީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައެވެ. ވަކިން ޚާއްސަކޮށް، ފާއިތުވި ހަ އަހަރު ރާއްޖެއަށް ވަނީ “ވޯލްޑް ލީޑިން ޑެސްޓިނޭޝަން”ގެ ޝަރަފު ލިބިފައެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، “މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރާ މަސައްކަތް ދުނިޔޭގެ ކުރިމަތީގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ނަވާރަސަތޭކަ ނުވަދިހަ ތިންވަނަ އަހަރު އުފެއްދި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ މިއަދު ފަތުރުވެރިކަމުގެ ދާއިރާގެ ފެންވަރު ވަޒަންކުރާ އެންމެ އިތުބާރު ހުރި ނިޝާނެވެ.

މި އެވޯޑް ހަފްލާތައް ރާއްޖޭގައި ބާއްވާއިރު، ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި މަޝްހޫރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ގިނަ އެވޯޑްތަކެއް އަބަދުވެސް އަންނަނީ ލިބެމުންނެވެ. އަދި ރާއްޖޭގެ މަގުބޫލުކަން އަހަރަކަށް ވުރެން އަހަރެއް އަންނަނީ އިތުރުވަމުންނެވެ.

ދިރާގު ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހަކު ޖަލަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ، އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ޖަލަށްލާން ހުކުމްކޮށްފިއެވެ.

ވެލާނާ އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ، އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައި ވަނީ ގއ. ގެމަނަފުށި/ ރަންކޮކާގޭ ނަދީފް މުޙައްމަދުގެ މައްޗަށެވެ.

ދެހާސްބާވީސް ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހިނގި މި ހާދިސާގެ ހުކުމް ކްރިމިނަލް ކޯޓުން ކުރީ މިދިޔަ ހަފްތާގައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ނަދީފް ވަނީ ދިރާގު ފިހާރައަށް ވަދެ، އޭނާއަކީ އައިސިސް މީހެއް ކަމަށް ބުނެ، ބޮން ގޮއްވުން ފަދަ ކަންކަން ކުރާ ކަމަށް ބުނެ އިންޒާރު ދީފައެވެ.

މި މައްސަލައިގައި ދައުލަތުން ނަދީފުގެ މައްޗަށް އުފުލާފައި ވަނީ އާންމު ތަނެއްގައި ހުރި މީހަކު، އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގުސަދު ހާސިލު ނުވާނެ އަމަލަކުން މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި ނަދީފަކީ، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މި ފަހުން ހައްޔަރު ކުރި މީހެކެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އޭގެ އިތުރުން، މީހެއްގެ ބޭންކް އެކައުންޓެއް ހެކުކޮށް ގިނަ އަދަދަކަށް ފައިސާ ނެގި މައްސަލައެއްގައި ވެސް ނަދީފު މި އަހަރު ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ކޭވްގައި ތާށިވި ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން: ބާކީ ތިބި ދެ މީހުންގެ ހަށިގަނޑުވެސް ނަގައިފި

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނުގައި، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.

އިޓަލީގެ ޚާރިޖީ ވުޒާރާއާ ހަވާލީ އެ ގައުމުގެ ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުންގެ ހަށިގަނޑު ފެނިފައިވަނީ އިޓަލީ ގަޑިން މިއަދު ހެނދުނު 8:00 ހާއިރު ކުރި ޑައިވްގައެވެ. މީގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާރު ވަނީ ލޯންޗަކަށް ނަގާފައެވެ. އަދި ދެވަނަ މީހާގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުންދަނީ ޑިކޮމްޕްރެޝަން ސްޓޮޕްތައް ފުރިހަމަކުރަމުންނެވެ.

މިއަދު ފެނުނު ދެ ހަށިގަނޑަކީ އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކަލް އާއި މުރިއެލް އޮޑެނީނޯގެ ހަށިގަނޑެވެ. މުރިއެލް އަކީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ރިސާޗް ފެލޯއެއްގެ އިތުރުން ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯންގެ އެހީތެރިއެކެވެ.

މި ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތުގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެންނެވެ. މި އެންމެންގެ ހަށިގަނޑުތައް ވެސް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން ދިޔަ ކޭވް (ހޮހަޅަ) ތެރެއިންނެވެ. މީގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ވަނީ އިއްޔެ ކުރި ޑައިވްގައި ނަގާފައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، މި މަސައްކަތަށް ފިންލޭންޑްގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެ އައީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ. މި ޓީމުގައި ކޭވް ޑައިވިންގ އަށް ޚާއްޞަ ތަޖުރިބާކާރުންނާއި ބޭނުންވާ ޒަމާނީ އާލާތްތައް ހިމެނެއެވެ.

މި ހިތާމަވެރި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިމަހުގެ 16 ވަނަ ދުވަހު އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.

ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާތީ މީޑިއާތަކުން ޚަބަރު ފެތުރުން ހުއްޓާލުމުން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރު ފެތުރުން ހުއްޓާލައި ކުރިއަށްގެންދާ ބްލެކްއައުޓް އިހުތިޖާޖާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައި، ހައްޔަރުކޮށްފައިވާ ނޫސްވެރިންނާއި އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫސްތައް ކަމަށްވާ ‘އަދަދު’، ‘ދައުރު’، ‘އައްޑޫލައިވް’ އަދި ‘މޯލްޑިވްސް އިންޑިޕެންޑެންޓް’ އިން ވަނީ ސަރުކާރުން މީޑިއާތަކަށް ކުރާ ފިއްތުންތަކާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި ޚަބަރު ފެތުރުން ވަގުތީގޮތުން ހުއްޓާލާފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާ މަންސަ ‘އެކްސް’ (X) ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ އެކަމާ ދެކޮޅަށް މީޑިއާތަކުން ކުރިއަށްގެންދާ އާދަޔާޚިލާފު އިހުތިޖާޖެއް ކަމަށެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މީޑިއާތަކުން މި ފިޔަވަޅު އަޅަން މަޖުބޫރުވީ ‘އަދަދު’ ނޫހުގެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝާހުޒާން އާއި މުޙައްމަދު ލީވާން އެއްވެސް އުސޫލެއް ނެތް ގޮތަކަށް ޖަލަށްލުމާއި، ނޫސްވެރިކަން ހުއްޓުވުމަށް ފުޅާދާއިރާއެއްގައި ޖިނާއީ އަމުރުތައް ނެރުމުގެ އިތުރުން ‘އަދަދު’ ނޫހުގެ ނިއުސްރޫމަށް ފުލުހުން ރޭޑްކުރުމާ ގުޅިގެންނެވެ.

މީގެއިތުރުން، މީޑިއާގެ މިނިވަންކަމުގެ ދިފާއުގައި ތެދުވެ ޑިމޮކްރަސީގެިހަރަކާތްތެރިން ކަމަށްވާ ލޫކަސް ޖަލީލް، މުޙައްމަދު ޝާމިން އަދި މުޝައްފައު ހައްޔަރުކޮށްފައިވާތީ އެކަމަށްވެސް ޝާހިދު ވަނީ ފާޑުވިދާޅުވެފައެވެ.

“އަމިއްލަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރިކަމަށްޓަކައި އެކަނި ޖަލަށްލާފައިވާ ނޫސްވެރިންނާއި، ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކޮށް އެމީހުންގެ ޑިމޮކްރެޓިކް ހައްގުތަކުގެ ބޭނުން ހިފުމުގެ ތެރޭގައި ހައްޔަރުކުރި ސުލްހަވެރި ހުރިހާ އިހުތިޖާޖުވެރިން ވަގުތުން މިނިވަންކުރުމަށް އަޅުގަނޑު ގޮވާލަން،” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ ކޮންމެ ޑިމޮކްރަސީއެއްގެވެސް ދިފާއީ ރޮނގު ކަމަށާއި، ނަމަވެސް މިއަދު ދިވެހިރާއްޖޭގައި އެ ރޮނގަށް ދަނީ މެދުނުކެނޑި ހަމަލާ އަމާޒުވަމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ޖަމްޢިއްޔާތަކުންނާއި އާންމުންވޯޓަރެސް ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރުވަމުންނެވެ.

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ށ. ފޯކައިދޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ “ވިޒިޓް ފޯކައިދޫ” ކެމްޕޭނާއި އެކަމަށް ޚާއްޞަކޮށް ތައްޔާރުކުރެވުނު ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބާއްވާ ކުލަގަދަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ކެމްޕޭން އިފްތިތާޙުކުރުމަށް ހަމަޖެހިފައިވަނީ 28 މޭ 2026 ގައި އެ ރަށުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ވިބޫތީ ޝަރުމާއަކީ އިންޑިއާގެ މިއުޒިކީ ދާއިރާގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ފަންނާނު ކަމަށްވާއިރު، އޭނާއަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާއަކީ އަމިއްލައަށް ރާގު އުފައްދާ، ލަވަ ލިޔާ އަދި ސްޓޭޖް މަތީގައި ހުނަރުވެރި ހުށަހެޅުންތަކެއް ދައްކަމުން އަންނަ “ލައިވް ޕާފޯމަރެއް” ވެސް މެއެވެ. ވިބޫތީގެ އަޑުގެ ތަފާތުކަމާއި، ބޮލީވުޑްގެ މަޝްހޫރު ލަވަތަކުން ފެށިގެން ގަޒަލް މިއުޒިކާ ހަމައަށް އޭނާ ދައްކުވައިދޭ ހުނަރުވެރިކަމަކީ އޭނާއަށް ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ މައިގަނޑު ސަބަބެވެ.

އިންޑިއާގެ ޗަންދީގަޅަށް އުފަންވި ވިބޫތީ ޝަރުމާގެ ފަންނުވެރިކަމުގެ ބިންގާ އެޅިގެން ދިޔައީ އޭނާގެ ތުއްތުއިރުގައެވެ. އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން އޭނާ ވަނީ ސްޓޭޖްތަކުގައި ލަވަކިޔުމާއި، ނެށުމާއި އަދި އެކްޓް ކުރުމުގެ ތަފާތު ހަރަކާތްތަކުގައި ބައިވެރިވާން ފަށާފައެވެ. މިއަދު އޭނާއަކީ އަމިއްލަ މަސައްކަތުން ކުރިއަރާފައިވާ “ސެލްފް-މޭޑް” އާޓިސްޓެއްގެ ގޮތުގައި މިއުޒިކީ ދާއިރާގައި ބޮޑު ބަލައިގަތުމެއް ހޯދާފައިވާ ފަރާތެކެވެ. ވިބޫތީގެ އެންމެ ޚާއްޞަ ސިފައަކީ އޭނާގެ އަޑުގައި ހުންނަ “ސޯލްފުލް” ނުވަތަ ހިތްތަކާ ކުޅެލާފަދަ އަސަރުގަދަ ކަމެވެ. މި ސިފަ އެންމެ ބޮޑަށް ފާހަގަކުރެވެނީ އޭނާ ހުށަހަޅައިދޭ ގަޒަލްތަކާއި ރެޓްރޯ ލަވަތަކުންނެވެ. “ވިޒިޓް ފޯކައިދޫ” ފަދަ ބޮޑު ހަރަކާތެއްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އޭނާ އިޚްތިޔާރު ކުރުމަކީ އެ ރަސްމިއްޔާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއް ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ވިބޫތީގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބީ ޕްރާކް (B Praak) އާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމެވެ. ބީ ޕްރާކްގެ ލައިވް ކޮންސަރޓްތަކުގައި ބެކިންގ ވޯކަލިސްޓެއްގެ ގޮތުގައި ވިބޫތީ ވަނީ ގިނަ ޝޯތަކެއްގައި ބައިވެރިވެ، ބޮޑެތި އޯޑިއަންސްތަކުގެ ކުރިމަތީގައި އޭނާގެ ހުނަރު ސާބިތުކޮށްދީފައެވެ. މީގެ އިތުރުން އިންޑިއާގެ މިއުޒިކް ސީންގައި ވިބޫތީ ފާހަގަވެފައިވަނީ ވަރަށް “ވާސަޓައިލް” ނުވަތަ ތަފާތު އެކި ވައްޓަފާޅިތަކަށް ލަވަކިޔަން ދަންނަ ފަންނާނެއްގެ ގޮތުގައެވެ. އޭނާގެ ހުށަހަޅައިދިނުންތަކުގައި އިންޑީ (Indie) މިއުޒިކާއި، ޒަމާނީ ބޮލީވުޑް ލަވަތަކުގެ އިތުރުން ކުރީގެ ރެޓްރޯ ލަވަތައް ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ކޮންމެ އުމުރުފުރައެއްގެ މީހަކަށްވެސް އޭނާގެ މިއުޒިކުން އުފާވެރިކަން ލިބިގެންދެއެވެ.

“ވިޒިޓް ފޯކައިދޫ” ކެމްޕޭނަކީ ށ. ފޯކައިދޫގެ ގުދުރަތީ ރީތިކަމާއި، އެ ރަށުގެ މެހެމާންދާރީ މުޅި ދުނިޔެއަށް ދައްކާލުމަށްޓަކައި އެ ރަށުގެ ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު އިފްތިތާޙުކުރުމަށް ބާއްވާ ރަސްމިއްޔާތަކީ ރަށުގެ ފަތުރުވެރިކަމުގެ އާ ބާބެއް ފެށިގެންދާނެ ތާރީޚީ މުނާސަބަތެކެވެ. މިފަދަ ބޮޑު ހަރަކާތެއްގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ފަންނާނަކު ގެނައުމަކީ، ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމު ކަމަށްވާ އިންޑިއާގެ މާކެޓަށް ފޯކައިދޫގެ ނަން އިޝްތިހާރުކުރުމަށް އެޅޭ ވަރަށް ފުރިހަމަ ފިޔަވަޅެކެވެ. 28 މޭ 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ވިބޫތީ ޝަރުމާގެ ޚާއްޞަ މިއުޒިކީ ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ. އޭނާގެ ލަވަތަކުން ރަސްމިއްޔާތަށް އިތުރު ފޯރިއެއް ގެނެސްދޭނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން އުންމީދު ކުރެއެވެ.

މީގެ އިތުރުން، ވިބޫތީގެ މި ދަތުރުގެ ސަބަބުން ފޯކައިދޫގެ ރީތި މަންޒަރުތައް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައްކާލުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މިއީ އެ ރަށުގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ. ފޯކައިދޫއަކީ ގުދުރަތީ ގޮތުން ރީތި ކުޅިއަކާއި، ހިތްގައިމު ގޮނޑުދޮށެއް އޮންނަ ރަށަކަށް ވާއިރު، މިފަދަ އިޝްތިހާރުތަކުގެ ސަބަބުން ބޭރުގެ ފަތުރުވެރިންގެ ސަމާލުކަން އެ ރަށަށް ހުއްޓޭނެއެވެ. މި ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ފޯކައިދޫގައި މިހާރުވެސް ދަނީ ތަފާތު ތައްޔާރީތައް ވަމުންނެވެ. ރަށުގެ ރައްޔިތުން ތިބީ ބައިނަލްއަޤްވާމީ ފަންނާނަކަށް މަރުޙަބާ ކިޔުމަށް ކެތްމަދުވެފައެވެ.

މި ކެމްޕޭނުގެ ސަބަބުން ފޯކައިދޫގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. ރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ގެސްޓްހައުސްތަކަށް މިކަމުގެ ސަބަބުން އައު ދިރުމެއް ލިބޭނެއެވެ.

ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅުގެ މަޝްހޫރު “މިޔަރު ޑައިވް” ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުގެ ތެރެއިން، ދެ މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.

ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ގެއްލުނު ފަތުރުވެރިންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާކަން އެމްއެންޑީއެފުން އިއްޔެ ވަނީ ވިދާޅުވެފައެވެ. އެމީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވް ކުރި ހޮހޮޅަ ތެރެއިން ކަމަށާއި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު “ހަވާސާ”އަށް ވިދާޅުވީ، ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށެވެ.

އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުދެއްވައެވެ.

މުންދު އިއްޔެ ވިދާޅުވެފައިވާގޮތުގައި އެ ހަށިގަނޑުތައް ލޮކޭޓް ކުރެވުނީ އެމްއެންޑީއެފްގެ ކޯސްޓްކާޑު، ފުލުހުންގެ ޑައިވް ޓީމާއި އިޓަލީ ސަރުކާރުގެ އެހީގައި އެކުލަވާލި ބޭރުގެ ތަޖުރިބާކާރުންގެ ޑައިވް ޓީމުން ކުރި މަސައްކަތުންނެވެ.

މި އޮޕަރޭޝަނުގައި ތަޖުރިބާކާރު ޑައިވަރުން ތިބުމާއެކީ، ރާއްޖޭގެ ޑައިވަރުން ނުރައްކާވާ ކަމަށް ބުނާ ސަރަހައްދަށް ނުފީނާނެ ކަމަށް ވެސް މުންދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުންގެ އިންސްޓްރަކްޓަރު ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އެމީހުން ގެއްލިގެން ހޯދަމުން ދަނިކޮށް، އިންސްޓްރަރު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ. އަދި ބާކީ ތިބި މީހުން މަރުވެފައި ތިބި ކަމަށް ބެލެވެނީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހޮޅައިގެ ތެރޭގައެވެ.

ޑައިވް ކުރަނިކޮށް މަރުވެފައިވަނީ އިޓަލީގެ ފަތުރުވެރިންތަކެއް ކަމުގައިވާ މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ޖިއަންލުކާ ބެނެޑެޓީ 44، އަދި ފެޑެރީކޯ ގުއަލްޓިއަރީ 31 އެވެ. މީގެތެރެއިން އިންސްޓްރަކްޓަރަކީ އުމުރުން 44 އަހަރުގެ މީހާއެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓު އައިސްފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފެށި ސީދާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް އޮސްޓްރޭލިއާއިން މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ.

މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށާއި ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވޭ ދަތުރެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

އޭ330 މަރުކާގެ ބޯޓުގައި ދަތުރުކުރި މި ތާރީޚީ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހަރަކާތްތަކާއެކު، ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަން ފަތުރުވެރިންނަށް ވަނީ ދައްކައިލިއެެވެ.

މި ސީދާ ދަތުރުތައް ފެށުމަށް ޓަކައި ދެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީތަކުގެ މެދުގައި މި އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި، މި އައު ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް އެއްވެސް ޓްރާންސިޓެއް ނެތި ސީދާ ރާއްޖެއަށް އައުމުގެ މަގު ފަހިވެ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކާ ގުޅާލުމަށް ވެސް ފަސޭހަވެގެންދާނެއެވެ.

މި ދަތުރުތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، ފުރަތަމަ ތިން ދަތުރުގައި 700 އެއްހާ މީހުން އައިސް، ފުލައިޓުތައް ވަނީ އެއްކޮށް ފުރިފައެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހާ ހަމައަށް ދަތުރުތަކުގެ 50 އިންސައްތަ ޖާގަ މިހާރު ވެސް ވަނީ ބުކްކުރެވިފަކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މި ދަތުރުތައް ހަފުތާއަކު އެއްފަހަރު ކުރާއިރު، ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ ކޮންމެ އާދިއްތަ ދުވަހެއްގައެވެ.

މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން ރިސޯޓުތަކުގެ އޮކިއުޕަންސީ މަތިވެ، ދައުލަތަށް ޓެކުހުގެ ގޮތުގައި އަހަރަކު އިތުރު 10 މިލިއަން ރުފިޔާ ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ލަފާކޮށްފައިއެވެ.

އަދި މިއީ ކުރިއަރަމުން އަންނަ މާކެޓުތަކަށް އަމާޒުކޮށްގެން ޤައުމީ އެއާލައިންގެ މާކެޓް ޝެއާ ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ.

40 މޭލަށް ވައި ގަދާވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު!

ސާޅީސް މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް މެންދުރު 13:00 އިން ފެށިގެން 19:00 އާއި ހަމައަށެވެ.

މެޓުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެެހުންވެސް އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުން ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެ ފޭސް 1 އިން ތިންމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަރިޔައްޕަން ގަނެޝަން، އިންޑިއާ (39އ) އާއި ނ. ކެނދިކުޅުދޫ / ކުޅުދޫ. ގުލްފާމްގެ، އިބްތިޝާމް ޢަލީ (27އ) އާއި ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް (54އ) އެވެ.

މި ތިންމީހުންގެ ތެރެއިން ނ. ކެނދިކުޅުދޫ / ކުޅުދޫ. ގުލްފާމްގެ، އިބްތިޝާމް ޢަލީ (27އ) އާއި ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް (54އ) ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުންދިޔައިރު، އެ މީހުންނާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.

ހުޅުމާލޭ ނިރޮޅުމަގުން އިބްތިޝާމް ޢަލީ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި ހުޅުމާލެ ފޭސް 1 ސްޓެލްކޯ ކައިރިން އިބްރާހީމް މަޢުޞޫމް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިބްތިޝާމް ޢަލީއާއި، އިބްރާހީމް މަޢުޞޫމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މަރިޔައްޕަން ގަނެޝަން، އިންޑިއާ (39އ) ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުުކުރެވޭ މައްސަލައާ ގުޅިގެން މި މެއި މަހުގެ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހުޅުމާލޭ ފިތުރޯނުމަގުން އޭނާ ހުއްޓުވައި ބަަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 10 ފުޅި ފެނިފައިވެއެވެ. މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ޝިއާއުގެ މަރު: ހުލާސާ ބަޔާން އިއްވުން އަނެއްކާވެސް ތާވަލުކޮށްފި

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވައި ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ފ. ނިލަންދޫ، ފިނިފެންމާގޭ ޢަލީ ޝާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުން އަނެއްކާވެސް ތާވަލުކޮށްފިއެވެ.

ޝާހިލްގެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުން އޮތީ މިއަދަށް ތާވަލުކޮށްފައެވެ. މިދިޔަ ހަފްތާއަށްވެސް ހުލާސާ ބަޔާން އިއްވުން ތާވަލުކުރިއެވެ. އެކަމަކު، ޝާހިލް ކޯޓަށް ހާޒިރުކޮށް ނުދެވުމުން އެ ދުވަހުގެ އަޑުއެހުން ކެންސަލްވީއެވެ.

ދެހާސް ބާވީސް ވަނަ އަހަރު، މާލޭގެ ގެއެއްގައި އަނިޔާވެރިކޮށް ޒުވާން އަންހެން ކުއްޖަކު މަރާލާފައި އޮތް މައްސަލައިގެ ދައުވާ ލިބޭ ޝާހިލްގެ މައްޗަށް ސިއްރު ބައެއް މައްސަލަ ސާބިތުވެ، މިހާރު އަންނަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ މައްސަލަ ޝާހިލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނަމަވެސް، ލިޔެކިޔުން ނެތުމުން ހައިކޯޓުން އެ މައްސަލަ ބަލައި ނުގަތެވެ.

ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައި ވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޮގަސްޓު 7، 2022ގައެވެ. އޭރުން ފެށިގެން ޝާހިލް ހުންނަނީ ބަންދުކޮށްފައެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހު ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ބުނެފައެވެ.

ޒަމާނީ ލޭޒާ އޮޕަރޭޝަންތައް ދަރުމަވަންތަ އާއި އައިޖީއެމްއެޗްގައި ފަށައިފި

ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައިފި އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި ފަރުވާ ދެވޭ ފެންވަރު މަތިކޮށް، ބޭރު ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއާއެކު، ދިވެހިންނަށް ދެން އަމިއްލަ ގައުމުގައި ތިބެގެން މި ޚިދުމަތުގެ ފައިދާ ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ހޮސްޕިޓަލުގެ ޑިޕާޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން މިހާރު ވަނީ އާންމުކޮށް މީހުންނަށް ދިމާވާ ހަތަރު ބައްޔަކަށް ލޭޒާ ކްލިނިކަލް ވަސީލަތްތައް ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. އީވީއެލްޓީ: ފައިގެ ލޭނާރުތައް ފުއްޕައި، ދުޅަވެ ގޮށްޖެހޭ ބައްޔަށް ދޭ “އެންޑޯވީނަސް ލޭޒާ ޓްރީޓްމެންޓް”
  2. ލޭޒާ ހެމޮރޮއިޑޯޕްލާސްޓީ: ގިނަ ބަޔަކަށް ދިމާވާ ފުރަގަސްފަރާތުގެ ބަލި (ޕައިލްސް) އަށް ހާއްސަ ލޭޒާ ފަރުވާ
  3. ފިލަކް: ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ “އޭނަލް ފިސްޓުލާ” ބައްދާލުމަށް ކުރާ އޮޕަރޭޝަން
  4. ސިލަކް: ބުރަކަށީގެ ތިރީގައި އުފެދޭ ޕައިލޯނީޑަލް ސައިނަސް ނައްތާލުމަށް ކުރާ ލޭޒާ އޮޕަރޭޝަން

މިހާތަނަށް ރާއްޖޭގައި މި ބަލިތަކަށް ކުރަމުން އައީ ބޮޑެތި އޮޕަރޭޝަންތަކެވެ. ނަމަވެސް އައު ޓެކްނޮލޮޖީގެ ސަބަބުން ސާޖަރީގެ މުޅި ތަޖުރިބާ، ބަލިމީހާއަށް ލުއި ވާނެ އެވެ. ސަބަބަކީ ހަށިގަނޑުން ބޮޑުތަނެއް ކަފާލުމެއް ނެތި، ހަމައެކަނި ލޭޒާ ދޯދި ބޭނުންކޮށްގެން ބަލި ހުންނަ ސަރަހައްދަށް ފަރުވާ ދެވޭނެތީ އެވެ. އަދި އޮޕަރޭޝަނަށްފަހު ވާ ތަދު އިހުނަށްވުރެ އެތައް ގުނައެއް ކުޑަވެ، އަވަހަށް ރަނގަޅުވާނެ އެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރި N1 ސްޕޯޓްސް ޕާކު ހުޅުވައިފި

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރި ‘N1 ސްޕޯޓްސް ޕާކު’ ހުޅުވައިފިއެވެ.

ހައުސިން ޑިޗެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭހެން ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމު ކުރި ‘N1 ސްޕޯޓްސް ޕާކު’ ރަސްމީކޮށް ހުޅުވާފައިވަނީ ރޭގައި ކަމަށެވެ.

އެތަން ތަރައްގީކޮށްފައި ވަނީ ހުޅުމާޅޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައެވެ.

އެ ރަސްމިއްޔާތުގައި، ކިކް އޮފް މެޗުތަކާ އެކު އެ ޕާކު ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމްއެވެ.

މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރު ކުޅޭނެ ފެސިލިޓީތައް އިތުރު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމު ކުރި ޕާކެކެވެ. އެ ޕާކުގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފައެވެ. އަދި އެތަން މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައި ކަމަށް އެޗްޑީސީން ބުންޏެވެ.

ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި ވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.