ވ. އަތޮޅުގެ މަޝްހޫރު “މިޔަރު ޑައިވް” ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުގެ ތެރެއިން، ދެ މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.
ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ގެއްލުނު ފަތުރުވެރިންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާކަން އެމްއެންޑީއެފުން އިއްޔެ ވަނީ ވިދާޅުވެފައެވެ. އެމީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވް ކުރި ހޮހޮޅަ ތެރެއިން ކަމަށާއި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު “ހަވާސާ”އަށް ވިދާޅުވީ، ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުދެއްވައެވެ.
މުންދު އިއްޔެ ވިދާޅުވެފައިވާގޮތުގައި އެ ހަށިގަނޑުތައް ލޮކޭޓް ކުރެވުނީ އެމްއެންޑީއެފްގެ ކޯސްޓްކާޑު، ފުލުހުންގެ ޑައިވް ޓީމާއި އިޓަލީ ސަރުކާރުގެ އެހީގައި އެކުލަވާލި ބޭރުގެ ތަޖުރިބާކާރުންގެ ޑައިވް ޓީމުން ކުރި މަސައްކަތުންނެވެ.
މި އޮޕަރޭޝަނުގައި ތަޖުރިބާކާރު ޑައިވަރުން ތިބުމާއެކީ، ރާއްޖޭގެ ޑައިވަރުން ނުރައްކާވާ ކަމަށް ބުނާ ސަރަހައްދަށް ނުފީނާނެ ކަމަށް ވެސް މުންދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުންގެ އިންސްޓްރަކްޓަރު ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އެމީހުން ގެއްލިގެން ހޯދަމުން ދަނިކޮށް، އިންސްޓްރަރު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ. އަދި ބާކީ ތިބި މީހުން މަރުވެފައި ތިބި ކަމަށް ބެލެވެނީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހޮޅައިގެ ތެރޭގައެވެ.
ޑައިވް ކުރަނިކޮށް މަރުވެފައިވަނީ އިޓަލީގެ ފަތުރުވެރިންތަކެއް ކަމުގައިވާ މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ޖިއަންލުކާ ބެނެޑެޓީ 44، އަދި ފެޑެރީކޯ ގުއަލްޓިއަރީ 31 އެވެ. މީގެތެރެއިން އިންސްޓްރަކްޓަރަކީ އުމުރުން 44 އަހަރުގެ މީހާއެވެ.


ކިޔުންތެރިންގެ ހިޔާލު