ލަކުޑި ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފި

ވަކި މުއްދަތެއް ނެތް ގޮތަށް، ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން މިއަދު ބަންދުކޮށްފިއެވެ.

ހުޅުމާލެ ބަލަހައްޓާ, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ، އެ ޖެޓީ ބަންދުކުރީ، ބާޖެއް ގާތް ކުރަން އުޅުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ކަމަށެވެ.

އެހެންވެ، އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެސެސްމަންޓުތައް ހަދައި، މަރާމާތަށް ފަހު އަލުން ހުޅުވަންދެން ލަކުޑި ޖެޓީއަށް އެރުމަކީ މިއަދުން ފެށިގެން ވަގުތީ ގޮތުން މަނާ ކަމެއް ކަމުގައި އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ވަނީ، މަރާމާތުގެ މަސައްކަތް ނިމެންދެން އެއްވެސް ކަމަކަށް ލަކުޑީ ޖެޓީ ބޭނުންނުކުރުމަށް އެދިފައެވެ. ނަމަވެސް، ޖެޓީ ހުޅުވާނެ ވަކި ތާރީޚެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ.

ވަގުތީ ގޮތުން، ލަކުޑި ޖެޓީ ބަންދުކުރިއިރު، އެއީ ހުޅުމާލެއަށް އަންނަ އެތައް ބަޔަކު ފުރުމަށް ބޭނުން ކުރާ ސަރަހައްދެކެވެ. އަދި، ކޮފީ ބުއިން ފަދަ ހިތް އުފާކޮށްލާ ފަދަ ކަންކަމުގައި ލަކުޑި ޖެ ޓީއަށް ޒިޔާރަތްކުރާ މީހުން ވެސް މަދެއް ނޫނެވެ.

ނަމަވެސް، ހުޅުމާލެއިން ފުރުމަށް އެހެން ސަރަހައްދެއް ހަމަޖެއްސި ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

މިއަހަރުވެސް ބޮޑު ޢީދު ދުވަހު ބޮނޑިބަތް ބަހަން ދިރާގުން ތައްޔާރުވެއްޖެ

ބަރަކާތްތެރި އަޟްޙާ ޢީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ދިރާގުން ކުރިއަށް ގެންދާ “ދިރާގު ޢީދު ބޮނޑިބަތް” ހަރަކާތް ކުރިއަށް ގެންދަން މިއަހަރުވެސް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

ދިރާގުން ބުނީ، މި އަހަރު ޢީދު ބޮނޑިބަތް ބެހުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން، އަދި މާލޭގައި ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.

ޢީދު ނަމާދަށްފަހު މި ހަރަކާތް ހުޅުމާލޭގައި ހުންނަ ދުވާ ޓްރެކާއި މާލޭގައި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށް، ދިރާގުން ބުންޏެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ، ދިރާގުން ބުނިގޮތުގައި، ދިވެހި ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމުގެ ގޮތުން، އަޟްޙާ ޢީދުގެ އުފަލުގައި ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ މަގުސަދުގައެވެ.

“އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ނުހަދާހާ ދުވަހަކު ކޮރަޕްޝަނެއް ނުހުއްޓުވޭނެ”

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިނިވަންވާނީ އެ ތަނުގެ މެންބަރުންނަކީ ރައްޔިތުންގެ ވޯޓަކުން ހޮވައި، ވަކިކުރެވޭ ބަޔަކަށް ހެދިގެން ކަމަށް ގާނޫނީ ވަކީލު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ އޭސީސީއަކީ ފެއިލްވެފައިވާ މުއައްސަސާއެއް ކަމަށް ސިފަކުރައްވައި، އެ ކޮމިޝަން އިސްލާހުކުރުމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވަނީ މުހިންމު ހުށަހެޅުންތަކެއް އާންމުކުރައްވައިފައެވެ.

އެގޮތުން، ޝަމީމް ހުށަހެޅުއްވީ، ފަސް ކޮމިޝަނަރުންގެ ބަދަލުގައި އެންމެ އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކު އައްޔަންކުރުމަށެވެ.

ޝަމީމްގެ އެ ހުށަހެޅުއްވުމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ޚަބަރެއް ‘ފޭސްބުކް’ގައި ހިއްސާކުރައްވައި ޢަލީ ލިޔުއްވައިފައި ވަނީ އޭސީސީގެ މެންބަރުންނަކީ ރައްޔިތުންގެ ވޯޓަކުން ހޮވައި، ނުވަތަ ވަކިނުކުރެވޭ ބަޔަކަށް ހަދައިގެން ނޫނީ އެ މުއައްސަސާ މިނިވަނެއް ނުވާނެ ކަމަށާއި، ރާއްޖޭގެ ކޮރަޕްޝަނެއް ނުހުއްޓުވޭނެ ކަމަށެވެ.

“އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ނުހަދާހާ ދުވަހަކު ރަނގަޅެއް ނުވާނެ، މަޖިލީހުން ހޮވާ ގޮތަށް އޮތަސް އަންނާނީ ހަމަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މީހާ. ރައްޔިތުންގެ މަޖްލިސް ފެންނަނީ ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި،” ޢަލީ ކުރެއްވި އިތުރު ޕޯސްޓެއްގައި ވެއެވެ.

އަމިއްލަ ބްލޮގުގައި ލިޔުއްވި ޕޯސްޓެއްގައި ޝަމީމް ހުށަހަޅުއްވައިފައި ވަނީ ފަސް މެމްބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރެއް އައްޔަންކުރުމަށެވެ. ޕްރޮސެކިއުޓަރު ޖެނެރަލް އަދި ޓެކްސް ކޮމިޝަނަރު، އެންޓި-ކޮރަޕްޝަން ކޮމިޝަނަރުވެސް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ގޮތަށް ހަމަޖެއްސުމަށް އޭނާ ހުށަހެޅުއްވިއެވެ.

މި މޮޑެލްގައި ކޮމިޝަނަރުގެ ދަށުން ދެ ޑެޕިއުޓީން ތިބޭނެއެވެ. އެއީ ތަހުގީގީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅަކާއި، ޕްރޮސެކިއުޝަން އަދި ގާނޫނީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅެކެވެ. މީގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރެއް ހުރުމަށްވެސް ހުށަހަޅުއްވައިފައިވެއެވެ.

މީގެ އިތުރުން، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދެ ތިން ޕްރޮސިކިއުޓަރުންނާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ތައުލީމީ ދާއިރާއިން ޓީޗަރުން ވީއްލުމަށްވެސް ހުށަހަޅައިފައިވެއެވެ.

ކޮމިޝަނުގައި ދާއިމީކޮށް ތިބޭނީ ހަމައެކަނި އިދާރީ މުވައްޒަފުން ކަމަށާއި، އެ މުވައްޒަފުންނަކީވެސް ކޮންމެ ތިން އަހަރަކުން އެހެން އިދާރާތަކަށް ބަދަލުވާ ބަޔަކަށް ހެދުމުން ކޮރަޕްޓްވުމުގެ ފުރުސަތު ބަންދުވާނެކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.

ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ.

ބިދޭސީންތަކެއް މީހަކު ރަހީނުކުރުން: ހަތަރު ބިދޭސީން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިދިޔަ މާރިޗު މަހުގެ 27ވަނަ ދުވަހު ފުލުހުން ބުނީ، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭ ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކުރި މައްސަލައެއް، އެ މަހުގެ 25ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. ރަހީނުކުރި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ފުލުހުންނަށް އެ މީހާ ފެނުނީ ވިލިމާލޭންނެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައި ވަނީ، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، ރަހީނުކުރުމާއި މާރާމާރީގެ ތުހުމަތެވެ.

މި މައްސަލައިގައި ފުލުހުން ބަންގްލަދޭޝަށް ނިސްބަވްތާ ފަސް މީހަކު ހައްޔަރުކުރިއެވެ. އެއީ:

  • ރަސަލް (20އ)
  • އެމްޑީ ހޮސައިން (30އ)
  • އެމްޑީ މެހެދި ހަސަން (34އ)
  • ސާފިފް ހަސަން (38އ)
  • އެމްޑީ ޝާ އަލަމް (39އ)

އޭޕްރިލް މަހުގެ 10ވަނަ ދުވަހު އޮތް އަޑުއެހުމުގައި މި އެންމެންގެ ތެރެއިން، އެމްޑީ ހޮސައިން ވަނީ، އެ މައްސަލައިގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ފާހަގަކުރެއްވިއެވެ. އަދި އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ އަމަލެއް ކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްޑީ ހޮސައިން ކަމަށް އެ އަމުރުގައިވެއެވެ.

ކޯޓު އަމުރުގައި ވަނީ އޭނާ ތުހުމަތަށް އިއުތިރާފުވެ، އެކަން ހިނގި ގޮތް ކިޔައިދީފައިވާ ކަމަށެވެ. އެގޮތުން، މާރާމާރީ ހިންގަން ޖެހުނީ އޭނާ ދީފައިވާ ޕާސްޕޯޓުތަކެއް އަނބުރާ ރައްދު ނުކުރުމުން ކަމަަށް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، މާރާމާރީ ހިންގިއިރު ނުރައްކާތެރި ހަތިޔާރެއް ބޭނުންނުކުރާ ކަމަށާއި، މާރާމާރީ ހިންގީ އަތުން ކަމަށް ބުނެފައިވެއެވެ.

އެކަމަކު މި މަހުގެ 10ވަނަ ދުވަހު އޭނާގެ ބަންދު މުރާޖައާކުރުމަށް ބޭއްވި އަޑުއެހުމުގައި ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އެ ދުވަހު އެމްޑީ ހޮސައިންގެ ބަންދަށް 30 ދުވަސް އިތުރުކުރިއިރު، ދެން ތިބި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރީ މިއަދެވެ.

މި މައްސަލައިގައި މިދިޔަ މަހު އޮތް އަޑުއެހުމުގައި ވާހަކަ ދައްކަމުން، އެމްޑީ ޝާ އަލަމް ވަނީ، މާރާމާރީ ހިންގި ތަނުގައި އޭނާ ދިރިއުޅޭ ނަމަވެސް، އޭނާ އެއްވެސް މާރާމާރީއެއް ނުހިންގާ ކަމަށާއި އަނިޔާއެއް ވެސް ނުދޭ ކަމަށް ބުނެފައެވެ.

އެމްޑީ މެހެދި ހަސަން ވެސް ވަނީ، މާރާމާރީ ހިންގި ތަނުގައި ހުރި ނަމަވެސް، އޭނާ އެއްވެސް މާރާމާރީއެއް ހިންގައި އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި ސާފިސް ހަސަންއާއި ރަސަލް ވެސް ވަނީ، މާރާމާރީއެއް ނުހިންގާ ކަމަށާއި އަނިޔާއެއް ނުކުރާ ކަމަށް ބުނެފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ތޮއްޑޫއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ އަޑިއަށް ދަނީ، ލޯންޗުގައި ތިބި 25 މީހުން ސަލާމަތްކޮށްފި

އއ. ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ “ރިލެކްސް އައިޝާ” ނަމަކަށް ކިޔާ ލޯންޗް ދިޔަވެ އަޑިއަށް ދާތީ އެއުޅަނދުން ދަތުރުކުރި މީހުން ސަލާމަތް ކޮށްފި އެވެ.

މެރިން ޕޮލިސް އިން ބުނީ މިއަދު 5:30 ހާއިރު މާލެއިން އއ. ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗް ދިޔަވެ އަޑިއަށް ދާތީ އެ އުޅަނދުން ދަތުރުކުރި 25 މީހުން ރައްކާތރެިކަމާއި އެކު ވަނީ ގެނެސްފައިވާ ކަމަށެވެ.

މިދުވަސްވަކީ މޫސުން ގޯސް ދުވަސްވަރަކަށްވަާތީ ދަތުރު ކުރާފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށް މެރިން ޕޮލިސް އިން ވަނީ އެދިފަ އެވެ.

ކުރިއަށް އޮތް އީދު ކަމުން ވަރަށް ގިނަ ބަޔަކު ދަނީ އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރަމުންނެވެ. ގިނަ ބަޔަކު ދަތުރުކުރަނީ ކަނޑުމަގުންނެވެ.

ސެންޓްރަލް ޕާކްގައި ބާއްވާ އީދު ހަވީރުގައި އެމްއޭސީއެލްގެ ހާއްސަ ސްޓޯލެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ “ޢީދު ހަވީރު 1447″ގައި އެމްއޭސީއެލުން ބައިވެރިވާނޭކަމަށް އެކުންފުނިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލުން މިއަދު ބުނީ، އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ކުރިއަށްގެންދާ ހަރަކާތުގައި އެމްއޭސީއެލުން ބައިވެރިވެ، ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ސެންޓްރަލް ޕާކްގައި ކުރިއަށްގެންދާ އީދު ފެސްޓިވަލްގައި އެމްއޭސީއެލުން ސްޓޯލެއް ބަހައްޓައި ކުޅ:ިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާނޭކަމަށް ބުންޏެވެ.

އީދު ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ސެންޓްރަލް ޕާކްގައި އަންނަ ބުދަ ދުވަހުން ފެށިގެން ހޮނިހިރުދުވަހުގެ ނިޔަލަށެވެ. ހަރަކާތްތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 ކުން ފެށިގެން 6 ޖެހުމާ ހަމަޔަށެވެ.

އެމްއޭސީއެލުން ބުނީ އެކުންފުނީގެ ސްޓޯލުގައި ދިވެހިވަންތަ އަދި ސަޤާފީ ފަރުމާތަކާއި އާދަތައް ހިމެނޭގޮތުން އިންތިޒާމުކުރެވޭ މި ހަރާކާތުގައި ކޯޑީއާއި ބޮޑުބެރާއެކު މާލީގެ އެކިއެކި ހަރަކާތްތައްވެސް ކުރިއަށް ދާނޭކަމަށެވެ. މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި އެކި ދުވަސްތަށް މަތިން ހަރަކާތްތެރި ވަމުންދާނެއެވެ.

އެމްއޭސީއެލްގެ ސްޓޯލްގެ މެދުގައި ކުޑަކުދިންނަށް އެރޭނެ ގޮތަށް ފަނުން ޒީނަތްތެރިކޮށްފައިވާ ޓްރީހައުސް (ގަސްމަތީ ގެ)އަކާއި ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، ބަބުލް ހައުސް ފަދަ ޢައިލީ ކުޅިވަރަށް ފަރުމާކުރެވިފައިވާ ކުޅިވަރުތައް ވެސް ހުންނާނެއެވެ. މިއާއެކު ކުޑަކުދިންނަށް ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ކޯނަރތައްވެސް މި ސްޓޯލްގައި ޤާއިމްކުރެވިފައި ހުންނާނޭކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލްގެ ސްޓޯލް ހުޅުމާލޭ ސެންޓްރަލް ޕާރކުގެ އިރުމަތީ އެންޓްރެންސްގައި ހުންނައިރު،  މިއަހަރުގެ ޢީދު ޚާއްސަކުރުމުގެ ގޮތުން މަޝްހޫރު ފުޓުބޯޅަކުރުންތެރިޔާ ޢަލީ އަޝްފާޤުގެ ހުނަރުތައްވެސް ސްޓޯލްގައި ދައްކާލުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މިދިޔަ މަހު ދައުލަތަށް ނުދައްކާހުރި 543 މިލިއަން ރުފިޔާ، މީރާއިން ބަލައިގެންފި

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު 543 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

އޭޕްރީލް މަހުގެ މާލީ ރިޕޯޓުގައި މީރާއިން ބުނީ އެ އަދަދު ހޯދާފައިވަނީ ސަރުކާރަށް ނުދައްކާ ހުރި ޓެކްސްތަކާއި އެހެނިހެން ފައިސާ އެއްކުރުމަށް އަމާޒުކޮށްގެން، މީރާއިން ހިންގި ތަންފީޒުކުރުމާއި ރިކަވަރީގެ އެކި ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.

އެ އިދާރާއިން ބުނީ ފައިސާ ހޯދާފައިވަނީ ނުދެއްކި ހުރި ފަރާތްތަކަށް ދޫކުރި ނޯޓިސްތަކާއި ޑިއުސް ކްލިއަރެންސް މަރުހަލާތަކާއި އިންސްޓޯލްމަންޓް އެގްރީމަންޓްތަކާއި ރިމައިންޑަރ ފޯނު ކޯލްތަކާއި އެކްޝަން ޕޮލިސީ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.

މީރާއިން ފާހަގަކުރި ގޮތުގައި ރިކަވަރ ކުރި އަދަދުގެ އެންމެ ބޮޑު ބައެއް ކަމަށްވާ 372 މިލިއަން ރުފިޔާ އެއްކޮށްފައިވަނީ ފައިސާ ނުދައްކާ ފަރާތްތަކަށް ދޫކުރި ނޯޓިސްތަކުގެ ތެރެއިން ކަމަށާއި އިތުރު 96 މިލިއަން ރުފިޔާ ހޯދާފައިވަނީ ޑިއުސް ކްލިއަރެންސް މަރުހަލާތައް މެދުވެރިކޮށް ކަމަށެވެ. މީގެ އިތުރުން އިންސްޓޯލްމަންޓް އެގްރީމަންޓް މެދުވެރިކޮށް 64 މިލިއަން ރުފިޔާ، ފޯނު ކޯލް މެދުވެރިކޮށް 5 މިލިއަން ރުފިޔާ، އަދި އެކްޝަން ޕޮލިސީ ފިޔަވަޅުތަކުގެ ތެރެއިން 4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިދިޔަ މަހު އެ އޮތޯރިޓީން ވަނީ ކޯޕަރޭޓް އަދި ޕާސަނަލް އިންކަމް ޓެކްސް ނުދައްކާ 48 ފަރާތެއްގެ ނަން ވެސް އާންމުކޮށްފަ އެވެ.

ފަނަރަ ރަށެއްގައި ލެބޯޓަރީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ފަނަރަ ރަށެއްގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީ އިމާރާތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

މި ފަނަރަ ރަށުގައި ލެބޯޓަރީ އިމާރާތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން، ޓެންޑާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހެލްތު މިނިސްޓްރީން ހުޅުވާލާފައެވެ.

ލެބޯޓަރީގެ ޚިދުމަތް ގާއިމު ކުރުމަށް އިއުލާންކޮށްފައިވާ ފަނަރަ ރަށަކީ:

  • ރ. ފައިނު
  • ނ. ކުޑަފަރި
  • ނ. ފޮއްދޫ
  • ބ. ކުޑަރިކިލު
  • ބ. ދޮންފަނު
  • މ. ރަތްމަންދޫ
  • ލ. މުންޑޫ
  • ލ. ކުނަހަންދޫ
  • ށ. ގޮއިދޫ
  • ހއ. މުރައިދޫ
  • ހދ. ކުމުންދޫ
  • ހދ. ނައިވާދޫ
  • – ތ. އޮމަދޫ
  • – ތ. ގާދިއްފުށި
  • – އދ. ދިއްދޫ

ލެބޯޓަރީތައް ގާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ލެބޯޓަރީގެ ޚިދުމަތް ނެތް 76 ރަށުގައި އެޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ.

33 އަހަރަށްފަހު، އަރަފާތު ދުވަހު އިރު ގެފުޅާ ސީދާ އޮލަނބުވާނެ: ރިޕޯޓް

ފަލަކީ ގޮތުން ބަލާއިރު ވަރަށް މަދުން ނޫނީ ދިމާނުވާ ހާދިސާއެއް ކަމަށްވާ، އިރު ގެފުޅާ ސީދާ އޮލަނބުވުން މިއަހަރުގެ އަރަފާތު ދުވަހާ ދިމާވާނެ ކަމަށް ފަލަކީ މާހިރުން ހާމަކޮށްފިއެވެ.

ކޮންމެ 33 އަހަރަކުން އެއްފަހަރު ދިމާވާ ގުދުރަތީ މި ހާދިސާ އެންމެ ފަހުން ހިނގާފައިވަނީ 1993 ވަނަ އަހަރުގެ އަރަފާތު ދުވަހުއެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، 1447 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު (26 މޭ 2026 ގައި) މައްކާ ގަޑިން މެންދުރު 12:18 ގައި އިރު ހުންނާނީ ގެފުޅުގެ ސީދާ މަތީގައެވެ.

މި ވަގުތަކީ މައްކާއަށް މެންދުރު ނަމާދު ވަގުތު ކަމަށްވާއިރު، އިރު ގެފުޅާ ސީދާ އޮލަނބަށް ހުރުމުގެ ސަބަބުން އެއްވެސް ދިމާލަކުން ހިޔަނި ފެންނާކަށް ނުހުންނާނެއެވެ. އެ ވަގުތު އިރު ދުނިޔެއާ ހުންނާނީ 151 މިލިއަން ކިލޯމީޓަރު ދުރުމިނުގައެވެ.

އާންމުގޮތެއްގައި މައްކާ އޮންނަ ސަރަހައްދުގެ ގޮތުން (ނޯތު ލެޓިޓިއުޑް 21.4 ގައި) އަހަރަކު ދެ ފަހަރު އިރު ގެފުޅާ ސީދާވެއެވެ. އެއީ އިރު، އީކުއޭޓަރާއި ޓްރޮޕިކް އޮފް ކެންސަރާ ދެމެދު ދަތުރުކުރާ ވަގުތުތަކުގައެވެ. ނަމަވެސް އިސްލާމީ ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރުގެ ދުވަސްތައް ދިމާވާގޮތުން، އަރަފާތު ދުވަހާ މި ހާދިސާ ދިމާވަނީ ކޮންމެ 33 އަހަރަކުން އެއްފަހަރެވެ.

މި ހާދިސާއާ ގުޅިގެން ސައުދީ އަރަބިއްޔާގެ ނެޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީން ބުނެފައިވަނީ، މިއީ ގުދުރަތީ ފަލަކީ ހާދިސާއެއް ކަމަށާއި، މިކަމުގެ ސަބަބުން ފިނިހޫނުމިނަށް އާދަޔާ ހިލާފު ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޙުސައިން އަލް ގަޙްތާނީ ވިދާޅުވި ގޮތުގައި، ފިނިހޫނުމިން ބިނާވަނީ ވައިގެ ތެތްކަމާއި، ވިލާ ބޯމިނާއި، ވައިގެ ދުވެއްޔާއި އަދި ވައިގެ ބުރަދަނުގެ މައްޗަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިރު މިގޮތަށް ސީދާވުމުން އާދަޔާ ހިލާފު ހޫނެއް ވާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ސައިންޓިފިކް ހޯދުންތަކުން ސާބިތުވާ ކަމެއް ނޫން ކަމަށެވެ. އަދި މޫސުމާ ބެހޭ މައުލޫމާތުތައް ހޯދުމުގައި ރަސްމީ އިދާރާތަކަށް އިތުބާރު ކުރުމަށް އޭނާ ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.

ނައިފަރަށް ބަނގުރާ އެތެރެކުރި 18 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފި

ޅ. ނައިފަރަށް ބަނގުރާ އެތެރެކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައުވާގޮތުން، ނައިފަރު ޕޮލިސް ސްޓޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / ވިލާރަތްލާގެ، އިބްރާހީމް ތިހްނާން ޛަހީން (18އ) އެވެ.

މި މެއި މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ތިހްނާން ޛަހީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ލީވާނާއި ޝަހުޒާން ޖަލަށްލި މައްސަލަ ހައި ކޯޓަށް ބަލައިގެންފި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ، ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރި، “އަދަދު” ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ހައި ކޯޓަށް ބަލައިގެންފިއެވެ.

ކްރިމިނަލް ކޯޓުން ގެގް އަމުރު ނެރެނީ، ‘އަދަދު’ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައިގެންނެވެ.

އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ ސަބަބުން އުފުލި އެ ދައުވާތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.

ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން، ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނާ ސުވާލުކޮށްގެންނެވެ. އަދި ލީވާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނު ގޮތަކުންނެވެ.

މި މައްސަލާގައި މެއި މަހުގެ 12 ވަނަ ދުވަހު ޝަހުޒާނާއި ލީވާން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ވަކީލަކު އައްޔަންކުރަން ވެސް އެންމެ ދެ ގަޑިއިރުގެ ވަގުތެއް ދިނުމަށްފަހު، ހަމަ އެ ދުވަހުން އެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. ލީވާން 10 ދުވަހަށް ޖަލަށްލުމުގެ އިތުރުން 26،800 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އިރު، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމާއެކު 25،800 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކުރިއެވެ.

މި ދެ ހުކުމް ވަކިވަކިން ހައި ކޯޓުގައި އިސްތިއުނާފްކުރި އިރު، އެ ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ.

އެ ދެ ނޫސްވެރިންގެ ތެރެއިން ދިހަ ދުވަހަށްފަހު މިދިޔަ ހުކުރު ދުވަހު ލީވާން ވަނީ ޖަލުން ދޫކޮށްލައިފައެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދެ ދުވަހުގެ މުއްދަތެއް ދީފި

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ބައެއް ބަދަލުތައް ގެނެސް، ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް އިއްޔެ އެ ޕާޓީން ދީފިއެވެ.

އެ ޕާޓީން އިއްޔެ ކުރި އިއުލާނުގައި ވަނީ، ޝަކުވާ ހުށަހަޅަން ހުޅުވާލީ ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާއާއި ރީރަޖިސްޓްރޭޝަނާ ގުޅިގެން ގެނެވުނު ބަދަލުތަކަށެވެ.

އެ ބަދަލުތަކަށް ޝަކުވާ ހުށަހެޅެނީ، އަންނަ ބުދަ ދުވަހުގެ 14:00އާ ހަމައަށް ފޯމު މެދުވެރިކޮށެވެ.

އެމްޑީޕީން ބުނީ، މި ފުރުސަތުގައި ހުށަހެޅޭނީ ކުރިން ހުށަހަޅާފައިނުވާ ޝަކުވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ޗެއާޕާސަން އިންތިޚާބަށް އެމްޑީޕީގެ އެތެރޭގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. އެ އިންތިޚާބު އަންނަ މަހު 12ގައި އޮންނައިރު، އެ އިންތިޚާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 22ގެ ނިޔަލަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ.

އެންމެ ފޯރިއާއެކު މި މަގާމަށް ވާދަ ކުރައްވަމުން ގެންދަވަނީ, ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

މީކާއިލާއި ނަޝީދު ވަރަށް ވާދަވެރިކޮށް ކެމްޕެއިންގައި އުޅުއްވާއިރު، ދެ ބޭފުޅުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ވެސް އަންނަނީ ރައްދުކުރައްވަމުންނެވެ.

ޗެއާޕާސަން ކަމަށް ނަޝީދަށް ތާއިދުކުރައްވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަމަށްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހުންނެވީ މީކާއިލާއެކުގައެވެ.