އެމްޑީޕީގެ ރައީސްކަމާއި ޗެއާޕާސަންކަން ކުރިން ކުރެއްވި ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީ ދޫކޮށްލެއްވުމަށް ނިންމެވި ނިންމެވުމަށްޓަކައި ރަސްމީކޮށް މައާފަށް އެދިވަޑައިގެންފިއެވެ.
ރ. ދުވާފަރުގައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރު ޕާޓީއާ ވަކިވެވަޑައިގަތުމަކީ އެތައް ބަޔަކު ދެރަވި ކަމެއްކަން ގަބޫލުކުރައްވާ ކަމަށާއި، އެ ނިންމެވުމަށްޓަކައި ހިތުގެ އަޑިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ސިފަކުރެއްވި ގޮތުގައި އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތެވެ.
ޕާޓީ ދޫކޮށްލަން މެދުވެރިވި ސަބަބުތައް ތަފްސީލުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ 65 ގޮނޑި ލިބުނު ފަހުން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނާ އޮތް ގުޅުން ކަނޑާލެއްވި ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދިޔަ ގޮތާއި، ޕާޓީގެ އިސް ބޭފުޅުން ކަމަށްވާ ހަސަން ލަތީފާއި، އީވާ އަބްދުﷲ އަދި އިލްޔާސް ލަބީބު ފަދަ ބޭފުޅުންނަށް ފިޔަވަޅު އަޅަން ފެށުމުން، ޕާޓީގައި ހުންނަން ނުކުޅެދޭ ހިސާބަށް ކަންކަން ދިޔައީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ލަދެއް އަޅުގަނޑުގެ ހުރިއްޔާ އަޅުގަނޑު ދާނެތާ އެ ހިސާބުން،“ ޕާޓީން ވަކިވީ މަޖުބޫރީ ހާލަތެއްގައިކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާ ގުޅިގެން ’ދަ ޑިމޮކްރެޓްސް‘ އުފެއްދެވި ނަމަވެސް، މިހާރު ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވާފައެވެ.
މި ބައްދަލުވުމުގައި ނަޝީދު ވަނީ އެމްޑީޕީގެ ރޫހު އަލުން އާލާކޮށް، ޕާޓީ ވަރުގަދަކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު