އަޒަރުބައިޖާނާއެކު ދެ ގައުމަށް ފައިދާވާނެހެން މަސައްކަތްތަކެއް ކުރެވޭނެކަން ޔަގީން: ރައީސް

ވޭތުވެދިޔަ ކައިރި މާޒީއަށް ބަލާއިރު ރާއްޖެއާއި، އަޒަރުބައިޖާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމާއި ދެގައުމުގެ ރައްޔިތުންގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށާއި އަޒަރުބައިޖާނާއެކު ދެ ގައުމަށް ފައިދާވާނެހެން މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ ރައީސް، އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު، ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ވަކިވަކިން ތަހުނިޔާގެ ސިޓީފުޅު ފޮނުއްވާފައެވެ.

މި ސިޓީފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސް އަލިޔެވް އަށް ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރެވުނުތާ 20 އަހަރު ފުރުމުގެ މުނާސަބާ ކުޑަތަންވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުން، ކުރިއަށްއޮތްތަނުގައިވެސް އިތުރަށް ބަދަހިވަމުންދާނޭކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ބޮޑުވަޒީރު އަސަދޮވް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ ގައުމުން ހިއްސާކުރާ ފަހުމުތަކާއި އެކުގައި ކުރާ މަސައްކަތްތަކުން ދެ ގައުމުގެ ގުޅުން ސާބިތުކޮށްދޭ ކަމަށެވެ.

“ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން މަސްލަހަތު ހިއްސާކުރާ ކަންކަމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރާ މިންވަރު އިތުރުވެގެންދާނޭކަމުގެ ޔަގީންކަން އެބައޮތް” ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އަޒަރުބައިޖާން މިނިވަންވި ފަހުން އެ ގައުމުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ.

ރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 15 ޖޫން 2006 ގައެވެ. އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ގޮތުގައި 28 މޭ ފާހަގަކުރަނީ 1918 ވަނަ އަހަރު އެ ޤައުމުގެ ޑިމޮކްރެޓިކް ރިޕަބްލިކް ގާއިމުކުރި ތާރީޚާ ގުޅުވައިގެންނެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އަޒަރުބައިޖާންގެ ވެރިންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި އިތުރު ފާގަތިކަމަށް އެދިވަޑައިގެން ހެޔޮ ދުޢާ ކުރައްވާފައެވެ.

ޝަހުޒާނާއި ލީވާން ތިބި ޖަލު ގޮޅިން ފޯނެއް ފެނުނު، މައްސަލަ ތަހުގީގު ކުރާނެ: މިނިސްޓަރު

“އަދަދު” ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު މާފުށީ ޖަލުގައި ބަންދުގައި ކޮށްފައި ތިބި ގޮޅިން މޮބައިލް ފޯނެއް ފެނުނު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

“އަދަދު” ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހުޒާން ޖަލަށްލީ 15 ދުވަހަށެވެ. ލީވާން ބަންދުކުރީ 10 ދުވަހަަށެވެ. އެ ދެ ނޫސްވެރިން ވެސް މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވެފަ އެވެ.

މިނިވަންވުމަށް ފަހު އިއްޔެ ޝަހުޒާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އާއި ލީވާން އެކުގައި އެއް ގޮޅިއެއްގައި ފުރަތަމަ ބޭއްތިބުމަށް ފަހު، ވަކިކޮށް އެކަހެރި ގޮޅިއަކަށްލީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ. އޭނާގެ ގޮޅިއަށް ކޮންމެ ރެއަކު ޖަލު އޮފިސަރުން ދަގަނޑު މުގުރާއި މަރުތޭލަ ހިފައިގެން ވަދެ  އެނދާއި ފާރުތަކުގައި ތަޅާހެދީ އޭނާއަށް ބިރުދައްކަން ކަމަށް ވެސް ބުންޏެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ހޯމް މިނިސްޓަރު އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހުޒާން ދެއްކީ “100 ޕަސެންޓް ދޮގު ވާހަކަ” ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާންމު މީހަކު ދިން މައުލޫމާތަކާ ގުޅިގެން ޝަހުޒާނާއި ލީވާން އަދި އިތުރު ދެ މީހަކު ބަންދުކޮށްފައި ތިބި ޖަލު ގޮޅި ކަރެކްޝަން އޮފިސަރުން ވަދެ އެ މީހުންގެ ހާޒިރުގައި ބަލާފާސްކުރިއިރު ކަބަޑުގެ ތެރޭގައި ހުރި އަންނައުނުތަކެއްގެ ތެރެއިން ފޯނެއް ފެނިފައިވާ ކަމަށެވެ.

“މިކަމާ ގުޅިގެން ޖަލުގެ އެހެން ގައިދީންނާ ވެސް މިފަދަ ކަންކަމުގައި އަމަލު ކުރާ ގޮތަށް މި ދެ މީހުން ވާނީ މޮނިޓާ ކުރެވޭ ގޮތަށް ވަކިން ދެ ގޮޅީގައި ބަންދުކުރެވިފައި. އަދި އެ ފަހުން މީގެ ކުރިން ވެސް ޖަލުގެ ކަންކަމުގައި އަމަލުކުރާ ފަދައިން އެ ގޮޅިތައް ވާނީ ވަކި އިންޓަވަލްތަކުގައި ބަލާފާސްކޮށްފައި،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލަށް ވެއްދުން މަނާތަކެތި ގޮޅިން ފެނިފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެއީ ވަކި ގައިދީއަކަށް ވެގެން ނޫނީ ވަކި މީހަކަށް ވެގެން ޖަލު އޮފިސަރުނ ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލުގެ މިފަދަ ކަންކަމަކީ ރައީސް މުއިއްޒު ގޮތް ނިންމަވާ އަދި އެ މަނިކުފާނު އެއްވެސް ވަރަކަށް އިރުޝާދު ދެއްވާ ކަންކަމެއް ނޫން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

ނަމަވެސް، ގޮޅިން ފެނުނު މޯބައިލް ފޯނަކީ ދެ ނޫސްވެރިންނާ ގުޅުން އޮތް އެއްޗެއް ކަން ސާބިތުވި ކަމެއް ނުވަތަ ނޫން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އަދި ގޮޅީގައި ދެން ތިބި މީހުންނާ މެދު އެ ފިޔަވަޅު އެޅި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.

ލީވާންގެ ގާނޫނީ ޓީމުން ބުނެފައިވާ ގޮތުގައި އޭނާ ބަންދުގައި ބެހެއްޓި ގޮޅީގައި އިތުރު މީހަކު ނެތް ކަމާއި އެއީ މުޅިން އެކަހެރިކޮށް ބޭއްވުން ކަމަށެވެ. އަދި އެ ގޮޅިއާ ޖެހިގެން ހުރީ މަރުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުން ތިބި ގޮޅިތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ވަކީލު ފާހަގަކޮށްފައިވާ ގޮތުގައި ލީވާންގެ ސިއްހީ ފަރުވާއަށް ވެސް ކަރެކްޝަނަލް ސާވިސް އިން ހުރަސްއެޅި އެވެ. އޭނާއަކީ ހަމުގެ މައްސަލައެއް ހުންނަ މީހަކަށް ވާއިރު ޖަލަށްލީ ފަހުން އެ ހާލަތު ގޯސްވި ކަމަށެވެ. އެ ހާލަތަށް ބޭނުންވާ ހާއްސަ ލޯޝަނެއް އާއިލާއިން ޖަލަށް ފޮނުވި ނަމަވެސް، އެ ލީވާން އަށް ފޯރުކޮށްދީފައި ނުވާ ކަމަށް އާއިލާއިން ވެސް ވަނީ ބުނެފަ އެވެ.

ނޫސްވެރިން ފާހަގަކުރި މި ކަންކަމާ ގުޅޭ ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަންއިން ދަނީ ކުރަމުންނެވެ.

ޑުރަގާއެކު 4 މީހުން ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފަސް އެޕާޓްމެންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ، ސައިމާގެ، އުމުރުން 43 އަހަރުގެ އަޙްމަދު ޖިނާޙުއާއި، ހއ.ހޯރަފުށި، ހައުސްޓަން އުމުރުން 28 އަހަރުގެ އަޙްމަދު ސަޢީދުއާއި ގދ. މަޑަވެލި، އަބުމާގެ މުޙައްމަދު އަނޫފްގެ އިތުރުން ގދ. ހޯޑެއްދުއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަޙްމަދު މަޢީޝްއެވެ.

މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓުއަމުރުގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޖިނާޙުއާއި، އަޙްމަދު ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް އަދި މުޙައްމަދު އަނޫފްއާއި، އަޙްމަދު މަޢީޝް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ޖުމްލަ ފަސް އެޕާޓްމެންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި ބަލައި ފާސްކުރުމުގެ ތެރެއިން 100.09 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭތަކެތި ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކީ މިފަހަކަށް އައިސް ވަރަށް އާންމުވެފައިވާ މައްސަލައެކެވެ.

ފުލުހުން ވަނީ ނިމުނު އާދީތަ ދުވަހު ޑްރޯންއެއް ބޭނުންކޮށްގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އެތަކެތި އަތުލައިގަނެފައެވެ.

އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 395.92 ގުރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސްކޭމް މައްސަލަތަކުގައި ގެއްލުނު 2 ލައްކަ ރުފިޔާ ހޯދައިފި

ފާއިތުވި ހަފުތާގެ ތެރޭގައި ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު 598,467.44 އިން 255,710.99 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ

އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މިމަހުގެ 17 އިން 23 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި ސްކޭމްގެ ޖުމްލަ 29 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.

މި މައްސަލަތަކުގައި މީހުންގެ އަތުން ޖުމްލަ 598,467.44 ގެއްލިފައިވެއެވެ. އެ ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 255,710.99 ރުފިޔާ ވަނީ އަނބުރާ ހޯދިފައި ކަމަށެވެ.

މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި ސްކޭމްތަކެވެ.

އެ ބާވަތުގެ 15 މައްސަލައެއް ހުށަހެޅިފައިވާއިރު، އެފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ވިޔަފާރީގެ މައުލޫމާތާއި ވިއްކާ މުދާ ދިމާވޭތޯ ބެލުމަށާއި، ފިހާރަ ނުވަތަ ގުދަން ހުރިތަން ޔަގީންކުރުމަށްފަހު “ކޭޝް އޮން ޑެލިވަަރީ” (ސީއޯޑީ) ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

ޑޮލަރު މާރުކުރުމުގެ މައްސަލަތަކުގައި ހަ މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ޑޮލަރު ގަންނައިރު ލައިސަންސް އޮތް ތަނެއްތޯ ބެލުމުގެ އިތުރުން، ވައިބާ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މުއާމަލާތް ކުރާއިރު އެއީ ސައްހަ ނަންބަރެއްތޯ ގުޅައިގެން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކުރެއެވެ.

އޭގެ އިތުރުން އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ގުޅައިގެން ފައިސާ ހޯދުމުގެ ދެ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، އެކި ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކާ “އޯޓީޕީ” ހިއްސާ ނުކުރުމަށް އެ ސެންޓަރުން ތަކުރާރުކޮށް ވަނީ ހަނދާންކޮށްދީފައެވެ.

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އެންމެފަހުން ދޭންފެށި ރަހުމުކުޑަ ހަމަލާތަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި މިހާތަނަށް 72،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 172،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިފަދަ ބޮޑު ހިތާމައެއްގެ ތެރޭގައި ޣައްޒާގެ ރައްޔިތުން މިވަނީ މިއަހަރުގެ އަޟްހާ އީދު ބައްދަލުކޮށްފައެވެ.

ވޭތުވެދިޔަ ފަސް އީދުގައި ޣައްޒާގެ ރައްޔިތުންނަށް އިވުނު ހަނގުރާމަމަތީ ބޯޓުތަކާއި ބަޑީގެ އަޑުތައް މިއަހަރު ކެނޑިފައިވީ ނަމަވެސް، އީދުގެ އުފާވެރިކަން ފެންނަނީ ވަރަށް މަދުންނެވެ. އެތައްހާސް އާއިލާއެއްގެ ގެދޮރު ގެއްލި، ލޯބިވާ މީހުން ވަކިވެފައިވާއިރު، ގިނަ ބަޔަކު ދިރިއުޅެމުންދަނީ ވަގުތީ ހިޔާތަކުގައެވެ. މީގެ ސަބަބުން އީދުގެ އާދަކާދަތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ

.
އިސްރާއީލުގެ މި ގަތުލުއާންމުގެ ކުރިން، ޣައްޒާގެ އީދު ނަމާދުތައް އޮންނަނީ މިސްކިތްތައް ފުރިބާރުވެފައިވާ ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ހާލަތު ވަނީ ބަދަލުވެފައެވެ. ޣައްޒާގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލިޖަސް އެފެއާޒްއިން ބުނާ ގޮތުގައި، އޮކްޓޫބަރު 2023 އިން ފެށިގެން ޣައްޒާގެ 1,244 މިސްކިތުގެ ތެރެއިން 1,109 މިސްކިތެއް ވަނީ އެއްކޮށް ނުވަތަ ބައެއް ގޮތްގޮތުން ހަލާކުކޮށްލާފައެވެ. މިސްކިތްތައް ބޭނުންނުކުރެވޭ ހާލަތުގައި ހުރުމުން، މިއަހަރުގެ އީދު ނަމާދު ގިނަ ބަޔަކު ކުރީ މަގުމަތީގައާއި، ހާމަ ފަސްގަނޑުތަކުގައާއި އަދި ވަގުތީ ފޭލިގެތަކުގައެވެ.

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ދެކުނު ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހޮސްޕިޓަލުތައް ސުންނާފަތިކޮށްލުމާ ގުޅިގެން، އެތައް ލައްކަ ބަޔަކު އިންސާނީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

އެހީދޭ ޖަމާއަތްތަކުން އިންޒާރުދޭ ގޮތުގައި، ދުނިޔޭގެ އެންމެ ޒުވާން ޤައުމުން ބޭހާއި، ސިއްޚީ ޚިދުމަތާއި، އުންމީދު މިވަނީ ހުސްވާން ކައިރިވެފައެވެ.މެޑެސިން ސަން ފްރޮންޓިއަރސް (އެމް.އެސް.އެފް) އިން ހާމަކުރި ގޮތުގައި، މިއަހަރުގެ ކުރީކޮޅު ލަންކިއަންގައި ހުންނަ އެ ޖަމާއަތުގެ ހޮސްޕިޓަލަށް ދިން ބޮންބުގެ ހަމަލާތަކާއެކު، އެ ސަރަހައްދުގެ 250,000 އެއްހާ މީހުންނަށް ސިއްޚީ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ހަމައެކަނި މަރުކަޒު ވަނީ ނެތިގޮސްފައެވެ. ފާއިތުވި 31 އަހަރު ދުވަހު މެދުކެނޑުމެއްނެތި ޚިދުމަތް ދެމުންދިޔަ މި ހޮސްޕިޓަލަށް ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ހަމަލާދިނުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އެތަނުގެ މުވައްޒަފުން ވަނީ ބަލިމީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.މި ހަމަލާތަކުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި، އާންމުންނާއެކު ރައްކާތެރިކަން ހޯދުމަށް ޗަސްބިންތަކާއި ޖަންގަލިތަކަށް ދުވި އެމް.އެސް.އެފްގެ ނަރުހެއްގެ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފައެވެ.“އޭނާ ދުވަމުންދިޔައީ އެހެން މީހުންނެކޭވެސް އެއްފަދައިން ފުރާނަ ސަލާމަތްކުރުމަށް،“ އެމް.އެސް.އެފްއިން ދެކުނު ސޫދާނަށް ކަނޑައަޅާފައި ހުންނަ މިޝަންގެ ވެރިޔާ ޔަޝޯވަރުދަން އެން.ޑީ.ޓީ.ވީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. ”މީހުން ފިލަން ދުވަމުންދިޔައީ ލަންކިއަން ވަށައިގެންވާ ޗަސްބިންތަކަށާއި ވަލުތެރެއަށް. އެގޮތަށް ދުވަމުންދަނިކޮށް އޭނާގެ ގަޔަށް ވަޒަން އެރީ.“ލަންކިއަން ހޮސްޕިޓަލް ބަންދުކުރަން ޖެހުމަކީ ސަރުކާރުގެ ސިފައިންނާއި އިދިކޮޅު ޖަމާއަތްތަކުގެ މެދުގައި ހަމަނުޖެހުންތައް އިތުރުވެ، މުޅި ޤައުމުގެ ސިއްޚީ ނިޒާމު ފުނޑުފުނޑުވަމުންދާކަމުގެ ހެއްކެކެވެ. އެމް.އެސް.އެފް އިން ބުނާ ގޮތުގައި، 2025 ވަނަ އަހަރު ފެށުނު ފަހުން ދިން ހަމަލާތަކާއި ސަލާމަތީ ނުރައްކާތަކުގެ ސަބަބުން އޫލަންގް، އޯލްޑް ފަންގަކް، އަކޯބޯ އަދި ލަންކިއަންގައި ހުރި އެ ޖަމާއަތުގެ ހަތަރު ހޮސްޕިޓަލެއް ބަންދުކުރަން ވަނީ މަޖުބޫރުވެފައެވެ.މި ހަމަނުޖެހުންތަކުގެ ސަބަބުން މަދުވެގެން 762,000 މީހުންނަށް ސިއްޚީ ޚިދުމަތުން މަހުރޫމްވެފައިވާ ކަމަށް އެހީދޭ ޖަމާއަތްތަކުން އަންދާޒާކުރެއެވެ.ދިގުލީ ހަނގުރާމައަކަށްފަހު 2011 ވަނަ އަހަރު މިނިވަންކަން ހޯދި ދެކުނު ސޫދާނަށް، ހަރުދަނާ ސިއްޚީ ނިޒާމެއް ބިނާކުރުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މިނިވަންވިތާ އެންމެ ދެ އަހަރު ތެރޭގައި ރައީސް ސަލްވާ ކީރް މާޔަރްދިތް އާއި އިދިކޮޅު ލީޑަރު ރިއެކް މަޗާރްއާ ދެމެދު އުފެދުނު ސިޔާސީ ކޯޅުމެއްގެ ސަބަބުން ދާޚިލީ ހަނގުރާމަ ފެށި، ނަސްލީ ތަޅާފޮޅުމާއި، މީހުން ގެދޮރުން ބޭރުވުމާއި ބޮޑު ތަދެއް ކުރިމަތިވިއެވެ.“މި ޤައުމުގައި ދުވަހަކުވެސް ފުރިހަމަ ސިއްޚީ އޮނިގަނޑެއް ނުވަތަ ނިޒާމެއް ގާއިމެއް ނުކުރެވޭ،“ ޔަޝޯވަރުދަން ވިދާޅުވިއެވެ. ”ލިބެމުންދިޔަ އެހީތައް ކަނޑާލުމާ ގުޅިގެން މި ހާލަތު ދާނީ އިތުރަށް ގޯސްވަމުން.“ސިއްޚީ ސާމާނު އުފުލާ މަތިންދާބޯޓުތައް ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ދިޔުމަށް ކަމާބެހޭ ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށްވެސް އެމް.އެސް.އެފް އިން ތުހުމަތުކުރެއެވެ. ދެކުނު ސޫދާނުގެ ގިނަ ސަރަހައްދުތަކަކީ މަގުތައް ހަލާކުވެ، ފެންބޮޑުވެ ނުވަތަ ނުރައްކާތެރިވެފައިވާ ތަންތަން ކަމުން، ބޭހާއި މުވައްޒަފުން އަދި ބަލިމީހުން އުފުލުމަށް އޮތް ހަމައެކަނި ވަސީލަތަކީ ވައިގެ މަގެވެ.ފާއިތުވި މަސްތަކުގައި މި ހަނގުރާމަ ވަނީ އިތުރަށް ނުރައްކާތެރިވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެންމެ 2 ވައިގެ ހަމަލާ ރިކޯޑު ކުރެވިފައިވާއިރު، 2025 ވަނަ އަހަރު މިހާތަނަށް 138 ހަމަލާ ވަނީ ދީފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ޖޮންގްލެއި އަދި އަޕަރ ނައިލް ސްޓޭޓްތަކަށެވެ.ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެދުގައި އާންމުން ތާށިވެފައިވާއިރު، ބަޑިޖެހުމާއި، ޖިންސީ އަނިޔާކުރުމާއި، މީހުން ރަހީނުކުރުމުގެ އިތުރުން އަވަށްތަކުގައި ހުޅުޖެހުމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ. ވޯލްޑް ފުޑް ޕްރޮގްރާމުން ހާމަކުރި ގޮތުގައި، ދެކުނު ސޫދާނުގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން މިހާރު ތިބީ ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެފައެވެ.2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް ހަނގުރާމައިގެ ސަބަބުން އަނިޔާލިބުނު 6,000 އަށްވުރެ ގިނަ މީހުންނަށް އެމް.އެސް.އެފް އިން ފަރުވާ ދީފައިވެއެވެ.
މީގެ ތެރޭގައި ބަޑީގެ އަނިޔާއާއި ބޮން ގޮވުމުގެ ސަބަބުން ޒަޚަމްވި އެތައް ހާސް ބަޔަކު ހިމެނެއެވެ. މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި އަނިޔާގެ މައްސަލަތައްވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.އދ. އިން ވަނީ ދެކުނު ސޫދާން މިހާރު އޮތީ ”ނުރައްކާތެރި ފައްތަރެއްގައި“ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އެ ޤައުމު އަނެއްކާވެސް ފުރިހަމަ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މި ހާލަތުގައި، ކާބޯތަކެތީގެ އެހީއާއި، ސާފު ބޯފެނާއި، ސިއްޚީ ފަރުވާއެއް ނެތި އެތައް ލައްކަ ބަޔަކު ދަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދުމަށް ހިޖުރަކުރަމުންނެވެ.

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މެއި 24 ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގްރާމެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގްކުރަމުންނެވެ.

ޕާޓީގެ ހަރަކާތްތައް އޮތީ ވަޅުޖެހިފައި

އެމްޑީޕީގެ ޙަރަކާތްތައް އަތޮޅު ތެރޭގައި އޮތީ ވަޅުޖެހިފައި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގެލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

 ކެމްޕޭންގެ ޙަރަކާތްތަކުގެ ތެރެއިން އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މީކާއީލް ވިދާޅުވީ މިކުރަމުން ގެންދާ ކެމްޕޭން ދަތުރުތަކުގައި މިހާތަނަށް 55 ރަށަކަށް ދެވިއްޖެ ކަމަށެވެ. އަދި ދެވުނު ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޝަކުވާއަކީ ޕާޓީގެ ޙަރަކާތްތައް ވަޅުޖެހިފައި އޮތުމާއިއެކު ޕާޓީ އާއި ގުޅުން ކެނޑިފައިވާ ކަމަށެވެ.

މީކާއީލް އެހެންވެ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން އެމްޑީޕީގައި ޒަމާނަށް ފެތޭ އޮނިގަނޑެއް އެކުލަވާލުމަށް އޭނަ ވައުދުވެ ވަޑައިގެންފައި ވާނެކަމަށެވެ. އޭނަ ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނާއި އަދި މުޅި ޖުމްލަކޮށް ރަށްރަށުގައި ތިބޭ އާންމު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއް ބަޔަކީ އެމްޑީޕީގެ އިންތިޚާބީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުން ކަމަށެވެ.

އެހެންވެ އެބޭފުޅުންނަށް އެމްޑީޕީގެ އެންމެ އިސް ގުނަވަނުގެ ގޮތުގައި އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ބަސް ކިޔުމުގެ ޖާގަ އޮންނަންޖެހޭ ކަމަށާއި އެއީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

އޭނާ ވަޢުދުވަނީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެއްޖެ ނަމަ ޕާޓީގެ ހިންގުން ހަރުދަނާ ކުރަން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅައި، ޕާޓީގެ ޙަރަކާތްތަކުގައި ޒުވާނުންގެ ދައުރު ވެސް ވަރަށް ބޮޑަށް ފުޅާކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި މީކާއީލާއި ވާދަކުރައްވަނީ އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ. މީކާއީލް ވިދާޅުވާގޮތުގައި ޕާޓީ ރޫޅާލުމަށް ނަޝީދުއާއި އޭނާގެ ބައިވެރީން ވަރަށް ފައުޅުކަން ބޮޑުގޮތެއްގައި މަސައްކަތް ކޮށްފައިވެއެވެ. އަދި އެމްޑީޕީގެ ސަރުކާރެއް 2023 ގައި ވެރިމަށް ހޮވުނަ ނުދިނުމަށް ރައީސް ޔާމީނުއާއި އަދި ދެވަނަ ރައުންޑްގައި ރައީސް މުޢިއްޒުއާއި އެކު ގުޅިގެން މަސައްކަތްކޮށްފާ ވުމާއިއެކު ޗެއަރޕާސަންގެ މިއިންތިޚާބުގައި ޕާޓީގެ ގިނަ މެމްބަރުން ވިސްނުން ތެރިކަމާއި އެކު ނިންމަވާ ނިންމުން އޭނާގެ ފަޅިޔަށް ބުރަވާނެކަމަށެވެ.

އެފްޑީސީގެ 4000 ފްލެޓް ސަރަޙައްދުގެ މަގުތައް ހެދުން މިއަހަރުގެ ފަހުކޮޅަށް ނިމޭނެ: އެޗްޑީސީ

އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ 4000 ހައުސިންގ ޔުނިޓު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަޝްރޫޢު މިއަހަރުގެ ފަހުކޮޅު އެއްކޮށް ނިމޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން ގާތުން ބަލަމުންދާ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ 9 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މަޝްރޫޢުގެ މުހިންމު ތަފާސްހިސާބުތައް:
ގައު އެތުރުން: ޒޯން 1 އިން ޒޯން 6 އާ ހަމައަށް މަގުތަކުގައި ގައު އެތުރުމުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ރީތިގަސް މަގު ހިމެނޭ ޒޯން 7 ގެ މަސައްކަތުގެ 35 އިންސައްތަ ވަނީ ނިމިފައެވެ.
މަގުބައްތި ހަރުކުރުން: ހުރިހާ ޒޯންތަކެއް އެއްކޮށް ބަލާއިރު މަގުބައްތި ހަރުކުރުމުގެ 85 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ބާކީ މަސައްކަތް ނިންމާލެވޭނީ ދިގުތިޔާރަ މަގުގެ މަސައްކަތް ނިމުމުންނެވެ.
މީގެ އިތުރުން، މަގުތަކުގެ ދުވާރާއި ވެހިކަލް ޕާކްކުރާ ސަރަޙައްދުތަކުގެ މަސައްކަތްތަކުގެ އިތުރުން ގަސް އިންދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

“އަމާން ދޯދި” އަދި “އަމާން އުދަރެސް” ފްލެޓްތަކުން އެޕާޓްމެންޓް ލިބުނު ބައެއް ފަރާތްތަކުން މިހާރު އެތަނުގައި ދިރިއުޅެން ފަށާފައިވާއިރު، އެފްޑީސީން ދަނީ އަލަށް ބަދަލުވާ ފަރާތްތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށްފަހު ތަޅުދަނޑި ޙަވާލުކުރަމުންނެވެ. މުޅި މަޝްރޫޢުގައި ހިމެނެނީ 16 ފަންގިފިލާގެ 32 ޓަވަރެވެ.

ޖަލަށްލީ ނޫސްވެރިޔާ ޝަހްޒާން މިނިވަންވެއްޖެ

ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން، ‘އަދަދު’ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު މިނިވަންވެއްޖެއެވެ.

ޝަހުޒާންގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ވަނީ މީގެ ކުރިން ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފައެވެ. ކްރިމިނަލް ކޯޓުން ޝަހުޒާން ޖަލަށްލުމަށް ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާން ޖަލަށްލުމަށް ހުކުމްކުރީ 10 ދުވަހުގެ މުއްދަތަށެވެ.

މި ދެ ނޫސްވެރިން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ، ގަޒުފުކުރިކަމުގެ ތުހުމަތުގައި ‘އަދަދު’ ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.

މި މައްސަލައާ ގުޅިގެން ‘އަދަދު’ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މީގެ ކުރިން ވިދާޅުވެފައިވަނީ، ދެ ނޫސްވެރިން ޖަލަށްލީ ތުހުމަތުތަކުން ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. މި ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިހާރު ވަނީ މި މައްސަލަ ބަލައިގެންފައެވެ. ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ފަށާނެ ތާރީޚެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ދެ ނޫސްވެރިން ޖަލަށްލީ މައްސަލައިގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވަނީ މި ނިންމުން ކުށްވެރިކޮށް، ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.

މީގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އެ ކޮމިޝަނުން ވަނީ ޖަލުގައި ތިބި ނޫސްވެރިންނާ ބައްދަލުކޮށް، އެ މީހުންގެ ހާލަތު ބަލައި، ކަންކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވާފައެވެ.
މި ދެ ނޫސްވެރިން ވެސް މިހާރު މިނިވަންވެފައި މިވަނީ، ކޯޓުން އިއްވި ޖަލު ހުކުމުގެ މުއްދަތު އެއްކޮށް ތަންފީޒުކޮށް ނިމުމުންނެވެ.

ލ. ގަމުގައި ކަރަންޓު ޖެހުނު ކުއްޖު އިތުރު ފަރުވާއަށް މާލެއަށް

ލ. ގަމުގައި ކަރަންޓު ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ފިރިހެން ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް ޓަކައި މިއަދު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި، އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ.

ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިއެވެ. ނަމަވެސް ކުއްޖާގެ ހާލު ސީރިއަސްވުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިއަދު ވަނީ މާލެއަށް ފޮނުވާލައިފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭގޮތުން “ސަން” އަށް މަޢުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަދި ކުއްޖާ ހޮސްޕިޓަލަށް ގެނައުމާއެކު، ލަސްކުރުމެއް ނެތި ފަރުވާގެ ކަންކަން ވަގުތުން ފެށުމަށް ޓަކައި ހޮސްޕިޓަލުގެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި މަހު މުސާރަ ދެނީ، އަންނަ ބުރާސްފަތި އަދި އާދިއްތަ ދުވަހު: ފިނޭންސް މިނިސްޓްރީ

ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ މުސާރައާއި އިނާޔަތްތައް އަންނަ ބުރާސްފަތި އަދި އާދިއްތަ ދުވަހު ދޭން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އެހެން ބުނީ، ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން މި މަހުގެ މުސާރަ ނުލިބޭތީ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ބައެއް މުވައްޒަފުން އުންމީދުކޮށްގެން ތިބީ އީދު ބަންދުގެ ކުރިން މުސާރަ ޖަމާވާނެ ކަމަށެވެ.

އެ ކަމާ ގުޅޭގޮތުން މީޑިއާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މުސާރަ ދޫކުރުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 28އާއި 31ގައި ކަމަށެވެ. އެއީ، އީދު ބަންދާ ގުޅިގެން އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 އިން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވޭނީ 31 މެއި ގައެވެ. އަދި، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 28 މެއިވާ އަންނަ ބުރާސްފަތި ދުވަހުއެވެ.

“ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މެއިގައި،” އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން، މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރިއެވެ.