ދެވަނަ ބުރިން ވެއްޓުނު ކުޑަކުއްޖާއަށް އަނިޔާއެއް ނުވޭ: ފުލުހުން

އިމާރާތެެއްގެ ދެވަނަ ބުރިން ވެއްޓުނު ކުޑަކުއްޖާއަށް އަނިޔާވެފައިނުވާ ކަމަށާއި، އެ ކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ބުނެފައިވަނީ މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކު އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކަމަށް އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ ރޭގެ ވަގުތެއްގައި އެ ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗުން ފަރުވާ ދީފައިވާ ކަމަށެވެ.

ބޭރުފުށުން ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.

ކުއްޖާ، އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ކްރޮސްރޯޑްސްގައި ބާއްވަން ނިންމައިފި

“ވޯލްޑް ޓްރެވަލް އެވޯޑްސް” (ޑަބްލިޔުޓީއޭ) މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައި، އެ ހަފުލާގެ ރަސްމީ މަންޒިލަކަށް ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއީ ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު، މި އެވޯޑް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ސެޕްޓެމްބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަފުލާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާވެސް ދިމާވާ ގޮތަށް ބާއްވާ ހަރަކާތެކެވެ. މިފަހަރުގެ އެވޯޑް ހަފުލާގައި އިންޑިއާ ކަނޑުގެ އިތުރުން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ވަނަތައްވެސް ހޮވުމަށް ވަނީ ތާވަލުކޮށްފައެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ން ފުރައިގެން ލޯންޗެއްގައި 15 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ، ރާއްޖޭގެ ފާހަގަކޮށްލެވޭ އިންޓަގްރޭޓެޑް މަންޒިލެކެވެ. އެތަނުގައި ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ މޯލްޑިވްސް ހިމެނޭހެން ތަފާތު ތިން ރިސޯޓަކާއި، ދުނިޔޭގެ ފެންވަރުގެ ކާބޯތަކެއްޗާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ލިބެން ހުރެއެވެ.

ޑަބްލިޔުޓީއޭގެ ފައުންޑާ ގްރަހަމް ކޫކް ވިދާޅުވީ، ކްރޮސްރޯޑްސް އަކީ ދަތުރުފަތުރުގެ ދާއިރާގެ ކުރިމަގު ދައްކުވައިދޭ، އާ އުފެއްދުންތެރިކަމުން ފުރިގެންވާ މަންޒިލެއް ކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިއުރީ ވިދާޅުވީ، އެ އެވޯޑް ހަފުލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔޭގެ ލީޑަރުންނަށް ދައްކާލުމަށް މަގުފަހިވާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ލަގަބު މިހާރުވެސް ދަމަހައްޓަމުން އަންނަ ރާއްޖޭގައި އެފަދަ ހަފުލާއެއް ބޭއްވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ހޯދަމުންދާ ބޮޑު ކުރިއެރުމެއްކަމަށް ކްރޮސްރޯޑްސްގެ ޖެނެރަލް މެނޭޖާ އެލެކްސެންޑާ ޓްރެގާ ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

އަންނަަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އެ ޕާޓީން އާންމުކޮށްފި އެވެ.

އެ ޕާޓީ އިން ބުނީ އާންމުކުރި ދާއިމީ ލިސްޓުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ހުކުރު ދުވަހުން ފެށިގެން އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ލިސްޓުން އުނިކުރެވެމުންދާނެ ކަމަށެވެ. އަދި މިގޮތަށް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ.

އިންތިޚާބުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގަ އެވެ. މިއީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ.

މި އިންތިޚާބު ގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެމްޑީޕީ އިން ބުނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ މާލޭގައި ވޯޓުފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް، އިލެކްޝަން ކޮމިޓީއަށް މި މަސައްކަތް ކޮށްދިނުމަށްއެދޭ ޕަޓީގެ މެންބަރުން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 30 މެއި 2026 ގެ 14:00 ގެކުރިން ހުށަހެޅުމަށެވެ.

މި މެންބަރުން ވާންވާނީ ކެންޕޭންގަ އަމަލީގޮތުން ނޫޅޭ މެންބަރުން ކަމަށާއި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ މަރުކަޒުތައް ކަނޑައަޅާނީ އިންތިޚާބާއި ބެހޭ ކޮމިޓީން ކަމަށް ވަނީ ބުނެފަ އެވެ.

12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކޮމްޕްލެއިންސް ކޮމިޓީ އިންތިޚާބާއިބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބާއި ބެހޭ ކޮމިޓީ އިން ވަނީ  އިންތިހާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި އިއުލާންވެސް ކޮށްފަ އެވެ.

މި މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

އިމާރާތެއްގެ ދެވަނަ ފަންގިފިލައިން ކުޑަކުއްޖަކު ވެއްޓި މާލެ ގެނެސް ފަރުވާ ފަށައިފި

މެދުރާއްޖެތެރޭގެ ރަށެއްގައި އިމާރާތެއްގެ ދެވަނަ ފަންގިފިލައިން ތުއްތު ކުއްޖަކު ވެއްޓި، އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 29 މެއި 2026 ވަނަ ދުވަހުއެވެ. މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ފުލުހުން އަންނަނީ މިކަމާ ގުޅޭ ތަހުގީގުތައް ކުރަމުންނެވެ.

މި ހާދިސާގައި ވެއްޓުނު ކުއްޖާގެ ހާލަތާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ކުއްޖާއަށް “ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ” ކަމަށެވެ.

ނަމަވެސް، ކުއްޖާގެ ހާލަތު އިތުރަށް ޔަގީންކުރުމަށްޓަކައި އާއިލާއިން ބޭނުންވެގެން އިތުރު ޓެސްޓުތަކެއް ހެދުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ.

މި ހާދިސާ ހިނގި ވަގުތާއި، ވެއްޓުނު ކުއްޖާގެ އުމުރާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

ފުވައްމުލަކުގެ ”ޑުރަގު ކެފޭ”އެއް ކަމަށް ތުހުމަތުވާ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުވާ ތަނެއް ބަންދުކުރަން ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.

ފުލުހުން މިއަދު ބުނީ، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ، ފުނާޑު، ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ކަމަށް ތުހުމަތުވާ ބައި ކަމަށެވެ. އެގޮތުން އެއީ، ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަނެއް ކަމަށް އެ މުއައްސަސާއިން ތުހުމަތުކުރެއެވެ.

ފުލުހުން ބުނީ އެ އަމުރު ނެރެފައިވަނީ ބުދަ ދުވަހުން ފެށިގެން 85 ދުވަހަށް ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.

ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެ މުއައްސަސާއިން ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށް ބުނެފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، އެ މައްސަލަ ހައްލުކުރުމަށް ގާނޫނުވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މި އަހަރު ވަނީ އަމަލުކުރަން ފަށައިފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 821 މައްސަަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލޭގައި ވެސް ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަންތަން ފުލުހުން ފާހަގަކޮށް، މީގެ ކުރިން ބަލައިފާސްކޮށް، އެ ތަންތަނުން ބައެއް މީހުން ހައްޔަރުވެސްކޮށްފައިވެއެވެ.

ހުކުރު ޚުޠުބާގައި އިލްތިމާސްކުރީ ދަރަނި ނަގަންޖެހޭ ހާލަތެއް މެދުވެރިނުވަނީސް ނުނެގުމަށް

ދަރަނި ނަގަންޖެހޭ ހާލަތެއް މެދުވެރިނުވަނީސް ދަރަނި ނުނެގުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ.

ހޭދަކުރުމުގައި އިގްތިސޯދުކުރުމުގެ މައްޗަށް ބިނާކޮށް މިއަދު އިއްވި ހުކުރު ޚުޠުބާގައިވަނީ ބިމުގައި ލައްވަވާފައިވާ ތަކެތީގެ ތެރެއިން މުދަލަކީ ﷲ އެ ކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއްކަން ހަނދާންކޮށްދީފައެވެ.

މުދަލަކީ އަހަރުމެންނަށްޓަކައި ލައްވާފައިވާ ތަކެތި ކަމުގައިވީ ނަމަވެސް އެ ތަކެތީގެ ހަގީގީ މިލްކުވެރި ފަރާތަކީ މާތްﷲ ކަމަށާއި އެއީ އަހަރެމެން އިމްތިހާނު ކުރުމަށްޓަކައި ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚުޠުބާގައި ވަނީ، މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު އެ މުދާ ހޯދުމުގައި ޝަރުއީ މިންގަނޑުތަކަށް ރިއާޔަތްކުރަންވާނެ ކަމަށާއި މުދާ ލިބުމަށްފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުއީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެކަމަށެވެ.

މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި ފޭރުމާއި ޓެކުމާއި ވައްކަންކުރުމުގެ އިތުރުން ރިޝްވަތު ދިނުމާއި ރިބާގެ މުއާމަލާތްކުރުމާއި ޖުވާކުޅުންފަދަ ކަންކަން ކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަމެއްކަން ހުކުރު ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މުދާ ލިބުމަށްފަހު މުދަލަށް ގެއްލުން ދިނުމާއި މުދާ ހަލާކުކުރުމާއި ބޭކާރު ގޮތުގައި މުދާ ބޭނުންކުރުމަކީ ހުއްދަކަމެއް ނޫންކަން ވަނީ ބުނެދީފައެވެ. އަދި މުދާ ހޯދުމަށްފަހު އެއިން އެއްވެސް ބޭނުމެއްނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެ ކަމަށާއި ބޭނުންވާ ވަރަށްވުރެ އިތުރަށް މުދާ ގަތުންފަދަ ކަންކަމުން ދުރުވާންޖެހޭ ކަމަށް ޚުޠުބާގައި ބުނެދިނެވެ. އަދި އިތުރަށް ގަންނަ މުދާ ބޭނުން ނުކޮށް ހުރެ އުކައިލާން ޖެހޭ ހާލަތުތައް އަންނަކަން ފާހަގަކޮށް، އެ ކަންތައްތަކާމެދު ވިސްނައި އަހަރެމެންގެ އަމަލުތައް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ސީދާކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު އޭގައި އެހެން މީހުންގެ ހައްގުތައްވެސް މާތްﷲ ލައްވަވާފައިވާ ކަމަށާއި ތިމާއަށް ދެއްވާފައިވާ މުދަލުގައި ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންގެ އިތުރުން ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ހައްގުތައްވެސް ވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތްތަކާމެދު ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަންވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ވަނީ ދިރިއުޅުމުގެ ކަންތައްތަކާއި އާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިގްތިސޯދީ ވިސްނުމަކުން ވިސްނަންޖެހޭ ކަމަށް ބުނެފައެވެ. އަދި އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި ތިމާއަށް ލިބޭ މިންވަރަށްވުރެ އިތުރަށް ޚަރަދު ކުރުން ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ. އެހެންކަމުން ދަރަނި ނަގައިގެން ޚަރަދުކުރަންޖެހޭ ހާލަތެއް މެދުވެރިނުވަނީސް ދަރަނި ނެގުންފަދަ ނުރަނގަޅު އާދަތަކުން ދުރުވާންޖެހޭކަން ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން ހައްގުނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަންވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަށް ފަހު، 2 ޕަސެންޓްގެ އިތުރުވުމެއް

މިދިޔަ ފެބްރުވަރީ މަހު މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު، ފަތުރުވެރިންގެ އައި މިންވަރު ދެ ޕަސެންޓް އިތުރުވެއްޖެއެވެ.

މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގައި ފެށި ހަނގުރާމަ އަދިވެސް ނިމުމަކަށް ނާދެއެވެ. އެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހި، ބައެއް އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ.

ރާއްޖެއަށް ވަރަށް ގިނަ ފަތުރުވެރިން އަންނަ މެދުއިރުމަތީގެ ރޫޓްތަކަށް ހުރަސްއެޅުމުން، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ މަދުވެފައެވެ. ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި ފަތުރުވެރިން އައި އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައަށް، މި މަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 122،548އަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 2.6 ޕަސެންޓްގެ އިތުރުވުމެކެވެ.

އެ އަދަދުތަކުން ދައްކާ ގޮތުގައި، މި އަހަރުތެރޭ އެހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު އަދިވެސް ހުރީ، މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ހަތަރު ޕަސެންޓް ދަށްކޮށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 923،984 ފަތުރުވެރިން ކަމަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 962،242 ފަތުރުވެރިން އައިސްފައިވެއެވެ.

މި އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފަސް ޕަސެންޓް އިތުރުވިއިރު، ފެބްރުވަރީ މަހު ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު 15.7 ޕަސެންޓް އިތުރުވިއެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން، މާރިޗް މަހު ފަތުރުވެރިންގެ އަަދަދު 20.7 ޕަސެންޓް ދަށްވިއެވެ. އަދި މިދިޔަ އޭޕްރިލް މަހު އެ އަދަދު 24.4 ޕަސެންޓް ދަށްވިއެވެ.

ރާއްޖެއަށް އެންމެ ގިނައިން އަންނަ ފަތުރުވެރިން ނިސްބަތްވާ ގައުމުތަކުގެ ގޮތުގައި މި އަހަރު ވެސް އޮތީ، މިދިޔަ އަހަރެކޭ އެއްގޮތަށް ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. އޭގެ ތެރެއިން ޗައިނާއާއި ރަޝިއާއިން މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނގިރޭސިވިލާތުން ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 79،473އަށް އަރައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު އެހެން މާކެޓެއް ކަމަށްވާ އިންޑިއާ އެ ލިސްޓުގައި އަދިވެސް އޮތީ ހަވަނައިގައި ކަމަށްވާއިރު، އެ ގައުމުން މިހާތަނަށް އައިސްފައިވަނީ 50,747 ފަތުރުވެރިންނެވެ.

ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 640,988 މީހުން ގޮސްފައިވަނީ ރިސޯޓުތަކަށް ކަމަށްވާއިރު، 218,773 މީހުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.

އީރާން ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އަރައިފައިވާ ލޮޅުމުން 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ސިނާއަތުގެ އިސް ޖަމާއަތްތަކުން ވަނީ ބުނެފައެވެ. އެ ފަރާތްތަކުން ވަނީ ގެއްލުމުން އަރައިގަންނަން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

ސަރުކާރުން ވަނީ، އެ ހާލަތު ރަނގަޅުކޮށް ފަތުރުވެރިން ގެންނަ މާކެޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މިހާރު އިންޑިއާއަށް ދިއުމުގެ ކުރިން ދިވެހީން ވެސް ސެލްފް ޑެކްލެރޭޝަން ފޯމު ހުށަހަޅަންޖެހޭ

މިހާރު އިންޑިއާއަށް ފުރުމުގެ ކުރިން ދިވެހީން ހިމެނޭ ގޮތަށް، އެންމެން ވެސް ސެލްފް ޑެކްލަރޭޝަން ފޯމު (އެސްޑީއެފް) ހުށަހަޅާން ޖެހޭގޮތަށް އިންޑިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)އިން ހަމަޖައްސައިފިއެވެ.

އެ ފިޔަވަޅާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންއިން ވަނީ، އިންޑިއާ ސަރުކާރުގެ އެ އެންގުމާ އެއްގޮތަށް، އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ދިވެހީން ވެސް އެސްޑީއެފް ފުރުމަށް އިލްތިމާސްކޮށްފައެވެ.

މޯލްޑިވިއަންއިން ނެރެފައިވާ ބަޔާނެއްގައިވަނީ އިންޑިއާއިން އެ ފިޔަވަޅު އަޅައިފައިވަނީ, ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާ އެބޯލާއަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އާންމު ސިއްޙަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައެޅުމުން ކަމަށެވެ.

އެހެނަކަމުން ދަތުރުކުރުމުގެ ކުރިން އެ ފޯމު ފުރިހަމަކުރުމަށް މޯލްޑިވިއަންއިން ވަނީ ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ. އަދި އެ ފޯމު ފުރުމަށް ބޭނުންކުރާނޭ ކިއުއާރް ކޯޑުވެސް މޯލްޑިވިއަންއިން ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން އިންޑިއާއަށް ދަތުރުކުރުމަށްފަހު އިންޑިއާގެ ހެލްތް އެންޑް އިމިގްރޭޝަން ކައުންޓަރަށް އެ ފޯމު ހުށަހަޅަންވާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

މި ފިޔަވަޅުގެ ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަނެ، ފަސިންޖަރުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ އިތުރުން އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން އިންޑިއާއަށް ދަތުރުކުރާ އެންމެންވެސް މި ފޯމު ފުރަންޖެހޭނެއެވެ.

ޑަބްލިއުއެޗްއޯއިންވަނީ އެބޯލާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި އިއުލާނުކޮށްފައެވެ.

އެބޯލާ ފެތުރުން ހުއްޓުވުމަށްޓަކައި އިންޑިއާއިން މިހާރު ވަނީ އެއާޕޯޓުތަކާއި އެ ގައުމަށް އެތެރެވެވޭ އެހެން ސަރަހައްދުތަކުގައި ސްކްރީން ކުރުމާއި ސަވައިލަންސް ވަރުގަދަކޮށްފައެވެ.

އަދި ކޮންގޯ، ޔުގެންޑާ، އަދި ދެކުނު ސޫދާނަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އިންޑިއާގެ ޓެކްނޮލޮޖީ ހަބްގެ ގޮތުގައި މަޝްހޫރު ބެންގަލޫރުން އެބޯލާ ވައިރަހަށް ޝައްކު ކުރެވިގެން ދާދި ފަހުން ޔުގެންޑާގެ އަންހެނެއް ކަރަންޓީނު ކުރިއެވެ. ނަމަވެސް އޭނާގެ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ވަނީ ހާމަކޮށްފިއެވެ.

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ވަޒީފާއަށާއި ތައުލީމު ހާސިލުކުރުމަށް ދިރިއުޅޭ އަދި ޗުއްޓީއަށާއި ބޭސްފަރުވާ އާންމުކޮށް ގޮސްއުޅޭ ގައުމެކެވެ.

އެބޯލާ އަކީ ވައިރަސް އަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެ ބަލިޖެހިފައިވާ މީހެއްގެ ލޭ، އަދި އެހެނިހެން ޖިސްމީ ދިޔައިން ބަލި ފެތުރެއެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންގަދަވުމާއި ވަރަށް ބޮޑަށް ވަރުބަލިވުމާއި މަސްތަކުގައި ރިހުން ހިމެނެއެވެ. އަދި ހުޅުތަކުގައި ރިހުމާއި ބޮލުގައި ރިހުން ފަދަ އުދަނގޫތައް ވެސް ކުރިމަތި ކުރުވައެވެ.

1.5 ކިލޯގެ ޑުރަގު އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ރޫނާ: ފުލުހުން

ރާއްޖެއަށް 1.5 ކިލޯގެ ޑުރަގު އެތެރެކުރުމުގެ މައްސަލައެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 29 އަހަރުގެ އާމިނަތު ރޫނާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިއީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެރޭ ހައްޔަރުކުރި ދެ އަންހެނެއްގެ މައްސަލައެވެ. އެރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ ރޫނާގެ އިތުރުން އުމުރުން 25 އަހަރުގެ ޢަލްޔާ ޝަރްސާ ނަޞީރެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެ މީހުންގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

ރޫނާގެ ބަންދު އަމުރުގައިވަނީ، އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ތުހުމަތުވާ ކަމަށެވެ. އަދި ރޫނާއަކީ އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި ކަމަށްވެސް ކޯޓު އަމުރުގައިވަނީ ބުނެފައެވެ.

އަލްޔާގެ ބަންދު އަމުރުގައި ވަނީ އޭނާ ރާއްޖެ އައިއިރު ގެނައި ލަގެޖުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އޭނާއަކީ ކައިރި ކައިރީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހެއްކަމަށް އޭނާގެ ޓްރެވަލް ހިސްޓްރީން ދައްކާ ކަމަށެވެ. އަދި އޭނާގެ ފޯނުން ވެސް މައްސަލައާ ގުޅުންހުރި ހެކި ފެނިފައިވާ ކަމަށާއި އެނާގެ ފަރާތުން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާކަމަށް ވަނީ ބުނެފައެވެ.

މި ދެ މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރިކަމަށެވެ. ފުރަތަމަ ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އެ ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރިކަމަށެވެ.

އެ ދެ މީހުން ކޯޓަށް ހާޒިރުކުރުން ރޫނާގެ ދިފާއަށް މީގެ ކުރިން އޭނާ ވަނީ ބޮޑީކެމްގެ ރިކޯޑިން ހޯދަން އެދިފައެވެ. އަދި އަލްޔާއަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާ މީހެއް ކަމަށް އޭނާގެ ކުރީގެ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާއި އެކަމުގެ އަދަބުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމަކީ ބޮޑު ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ.

އޭގެ ދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

ޢީދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރާނެ: ވަޒީރު ޝިޔާމް

މިހާރު ކުރިއަށްދާ އަޟްޙާ ޢީދުގެ ބަންދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރެވޭނެ ކަމަށާއި، އެއާއެކު ރާއްޖޭގެ މަސްވެރި ހުރިހާ ސަރަހައްދަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުން ކަމަށް ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، މަސްވެރިންނަށް އެކަމުގެ ތަކުލީފު ކުޑަކޮށްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޭޝަންތައް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރި އަތޮޅުތަކުގެ ތެރެއިން މިވަގުތު ތެޔޮ ލިބުމުގެ ދަތިކަން ކޮންމެވެސް މިންވަރަކަށް އޮތީ މ. އަތޮޅުގައި ކަމަށެވެ. އެ އަތޮޅާ ޖެހިގެން ހުރި އަތޮޅުތަކުން ތެޔޮ ލިބޭތީ ޝަކުވާ ބޮޑުނޫން ނަމަވެސް، މަދުންނަމަވެސް އަންނަ ޝަކުވާތަކަށް ދާއިމީ ޙައްލެއް ހޯދުމަށް މި ޢީދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރެވުމުން، މަސްވެރި ހުރިހާ އަތޮޅެއް ކަވަރުކުރެވޭނެއެވެ.

މަސްވެރިންނަށް އެސްޓީއޯގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. ކުރިން ހަތަރު ސަރަހައްދަކުން މަސްވެރިންނަށް ތެޔޮ ލިބުނު ނަމަވެސް، މިހާރު ވަނީ އިތުރު ނުވަ ސަރަހައްދެއްގައި އެ ޚިދުމަތް ފަށާފައެވެ. ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މިހާތަނަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނާޒިމް ވަކި ކުރާ ޖަލްސާ އާދީއްތަ ދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މަގާމުން ވަކި ކުރުމަށްޓަކައި ބާއްވާ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް ތާވަލް ކުރުމަށް ނިންމައިފިއެވެ.

މިއީ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާއެކެވެ.

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނާޒިމް މަގާމުން ވަކި ކުރަން ނިންމީ އޭނާ ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަސައްކަތް ކުރައްވާ ކަމަށް ބުނެއެވެ. ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދަމުންދާ ކަމަށެވެ.

“މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި މަޖިލީހުގެެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައިވުމުގެ އިތުރަށް މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދީ ޒިންމާއިން ބަރީއަވެފައިވާތީ،” ޕީއެންސީގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ނާޒިމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، އޭނާ މިހާރު ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ. ނާޒިމް ފުރާވަޑައިގަތީ އޭނާ ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އަހުމަދު ނާޒިމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. މީގެ ކުރިން 2009 އިން 2015 އަށް މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ނާޒިމަކީ ކުރީގެ ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ. ނަމަވެސް 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށުގައި 25 އަހަރަށް ޖަލަށްލުމުން، ބޭސްފަރުވާއަށް ފުރާވަޑައިގެން އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވިއެވެ.

ނާޒިމް އަލުން ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަތީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް އޮތް ހުކުމް ބާތިލް ކުރުމާ ގުޅިގެންނެވެ. އާދީއްތަ ދުވަހުގެ ޖަލްސާއަކީ ނާޒިމްގެ ސިޔާސީ މުސްތަގުބަލާ މެދު ގޮތެއް ނިންމާނެ މުހިންމު ޖަލްސާއަކަށް ވާނެއެވެ.

އިޓަލީ ޑައިވަރުންގެ މަރު: “އޮކްސިޖަން ނުލިބުނީ”

ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާގައި މަރުވި އިޓަލީގެ ޕްރޮފެސަރާއި އޭނާގެ ދަރިފުޅުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު، ވަގުތީ ނަތީޖާ ލިބިއްޖެއެެވެ.

އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެމައިން މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ވަގުތީ ނަތީޖާ ދައްކަނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމެވެ.

މި ހާދިސާގައި މަރުވި ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކާލްގެ ހަށިގަނޑު މިއަދު އެ މީހުންގެ އުފަން ރަށް ކަމަށްވާ ޖެނޯއާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިޓަލީގެ ގަލަރާޓޭ ހޮސްޕިޓަލުގައި ހެދި ޕޯސްޓްމޯޓަމް ތަހުލީލުތަކަށްފަހު، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުއްދަ މިހާރު ލިބިފައިވާ ކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާގައި ޖުމްލަ ފަސް އިޓަލީ މީހުންނާއި ދިވެހި ސިފައިންގެ ޑައިވަރަކު ވަނީ މަރުވެފައެވެ. ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ މަރުވީ ރިކަވަރީ އޮޕަރޭޝަންގެ ތެރޭ ޑައިވްކުރަނިކޮށެވެ.

ދެމައިންގެ އިތުރުން މި ހާދިސާގައި މަރުވި އިޓަލީގެ އެހެން ރައްޔިތުންނަކީ ރިސާޗަރެއް ކަމަށްވާ، 31 އަހަރުގެ މުރިއެލް އޮޑެނީނޯއާއި، 30 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީ އަދި ޑައިވިން އިންސްޓްރަކްޓަރު 44 އަހަރުގެ ޖިއަންލޫކާ ބެނެޑެޓީއެވެ.

މި މައްސަލައާ ގުޅިގެން ރޯމްގެ ޕްރޮސެކިއުޓަރުގެ އޮފީހުން މިހާރު ވަނީ “އިހުމާލުން މީހަކު މަރުވުމުގެ ކުށުގެ” ދަށުން ޖިނާއީ ތަހުގީގެއް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓަލީ އެންމެންގެ ހަށިތައް އިޓަލީއަށް ފޮނުވީ މި މަހުގެ 23ވަނަ ދުވަހެވެ.

އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތަހުގީގަށް ބޭނުންވާ މަރުވި މީހުންގެ ފޯނުތަކާއި އިލެކްޓްރޯނިކް ސާމާނުތައް މިހާރު ވަނީ ޖެނޯއާ ފްލައިން ސްކޮޑުން ނަގާފައެވެ. މި ތަކެތި އިޓަލީއަށް ގެންގޮސްދިނީ އެ މީހުންނާއެކު ދަތުރުކުރި ޕްރޮފެސަރު ސްޓެފާނޯ ވެނިން ކަމަށް މަސްދަރުތަކުން ބުނެއެވެ.

މަރުވި ސީދާ ސަބަބު ކަށަވަރުކުރެވޭ ފުރިހަމަ ރިޕޯޓެއް ލިބުމަށް އަދި ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.