އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ 4000 ހައުސިންގ ޔުނިޓު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަޝްރޫޢު މިއަހަރުގެ ފަހުކޮޅު އެއްކޮށް ނިމޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން ގާތުން ބަލަމުންދާ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ 9 ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މަޝްރޫޢުގެ މުހިންމު ތަފާސްހިސާބުތައް:
ގައު އެތުރުން: ޒޯން 1 އިން ޒޯން 6 އާ ހަމައަށް މަގުތަކުގައި ގައު އެތުރުމުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ރީތިގަސް މަގު ހިމެނޭ ޒޯން 7 ގެ މަސައްކަތުގެ 35 އިންސައްތަ ވަނީ ނިމިފައެވެ.
މަގުބައްތި ހަރުކުރުން: ހުރިހާ ޒޯންތަކެއް އެއްކޮށް ބަލާއިރު މަގުބައްތި ހަރުކުރުމުގެ 85 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ބާކީ މަސައްކަތް ނިންމާލެވޭނީ ދިގުތިޔާރަ މަގުގެ މަސައްކަތް ނިމުމުންނެވެ.
މީގެ އިތުރުން، މަގުތަކުގެ ދުވާރާއި ވެހިކަލް ޕާކްކުރާ ސަރަޙައްދުތަކުގެ މަސައްކަތްތަކުގެ އިތުރުން ގަސް އިންދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
“އަމާން ދޯދި” އަދި “އަމާން އުދަރެސް” ފްލެޓްތަކުން އެޕާޓްމެންޓް ލިބުނު ބައެއް ފަރާތްތަކުން މިހާރު އެތަނުގައި ދިރިއުޅެން ފަށާފައިވާއިރު، އެފްޑީސީން ދަނީ އަލަށް ބަދަލުވާ ފަރާތްތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށްފަހު ތަޅުދަނޑި ޙަވާލުކުރަމުންނެވެ. މުޅި މަޝްރޫޢުގައި ހިމެނެނީ 16 ފަންގިފިލާގެ 32 ޓަވަރެވެ.


ކިޔުންތެރިންގެ ހިޔާލު