ޣައްޒާގެ ތިން ނޫސްވެރިންނާއެކު 11 މީހުން އިސްރާއީލުން ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް އިއްޔެ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުވެއްޖެ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ތިން ނޫސްވެރިންނާއި ދެ ކުޑަކުދިން ހިމެނެއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލް-ބުރުޝް ވިދާޅުވި ގޮތުގައި، ޝަހީދުވި ތިން ނޫސްވެރިންނަކީ މިސްރުގެ ‘އީޖިޕްޝަން ކޮމިޓީ ފޯ ޣައްޒާ ރިލީފް’ ގައި މަސައްކަތް ކުރާ ފޮޓޯޖާނަލިސްޓުންނެވެ. އެ މީހުން ޝަހީދުވީ ޣައްޒާގެ މެދުތެރޭގެ ނެޓްޒަރިމް ކޮރިޑޯ ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެ މީހުން ދަތުރުކުރި އުޅަނދަށް އިސްރާއީލުން ދިން ހަމަލާއެއްގައެވެ.

ޝަހީދުވި ނޫސްވެރިންނަކީ އަނަސް ޣުނައިމް، އަބްދުއްރައޫފް ޝާތު އަދި މުހައްމަދު ގިޝްތާ އެވެ. މި ހަމަލާގައި އެމީހުންނާއެކު ދަތުރުކުރި ހަތަރުވަނަ މީހަކު ވެސް ވަނީ ޝަހީދުވެފައެވެ. އިސްރާއީލް އަސްކަރިއްޔާއިން ބުނީ އެ އުޅަނދުގައި ތިބި މީހުން ޑްރޯން ބޭނުންކޮށްގެން މައުލޫމާތު އެއްކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް އެހީދޭ ކޮމިޓީން ބުނީ އެ ނޫސްވެރިން ދިޔައީ އަލަށް ހެދި ވަގުތީ ހިޔާވަހިކަމެއްގެ މަންޒަރުތައް ކެމެރާ ކުރަމުން ކަމަށާއި، އެ އުޅަނދަކީ އިސްރާއީލް ސިފައިންނަށް ކުރިންވެސް އެނގޭ އުޅަނދެއް ކަމަށެވެ.

މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގެ ދީރް އަލް-ބަލާހްއަށް ދިން ހަމަލާއެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ބައްޕައަކާއި އޭނާގެ ފިރިހެން ދަރިފުޅު ހިމެނެއެވެ. ޣައްޒާގެ ދެކުނުން ބަނީ ސުހައިލާގައި ދަރު ހޮވަން އުޅުނު 13 އަހަރުގެ ކުޑަކުއްޖަކު ވެސް އިސްރާއީލް ސިފައިން ވަނީ ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. އަދި ޚާން ޔޫނިސް ސަރަހައްދުގައި 32 އަހަރުގެ އަންހެނަކު ޝަހީދުކޮށްލާފައިވާއިރު، އުތުރު ޣައްޒާގައި ދިން ހަމަލާތަކެއްގައި އިތުރު ދެ މީހަކު ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އޮކްޓޯބަރު 10 ވަނަ ދުވަހު އެމެރިކާގެ މެދުވެރިވުމާއެކު ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ދަނީ ތަކުރާރުކޮށް ޚިލާފުވަމުންނެވެ. މި ވަގުތު ޣައްޒާގެ 2.2 މިލިއަން މީހުން ކާބޯތަކެއްޗާއި ބޭސްފަރުވާއަށް އިންތިހާއަށް ޖެހިފައިވާއިރު، އިސްރާއީލުން ދަނީ އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސް އަޅަމުންނެވެ.

ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ މި ފަހުގެ ތާރީޚެއްގައި ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ހަނގުރާމައެވެ. މި ހަމަލާތަކުގައި މިހާތަނަށް ސަތޭކައަށްވުރެ ގިނަ ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިން ޝަހީދުވެފައިވާއިރު، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދަނީ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދިނުން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. ނޫސްވެރިންނަކީ ހަނގުރާމައިގެ މައިދާނުގައި ހިނގާ ލާއިންސާނީ އަމަލުތައް ދުނިޔެއަށް ހާމަކޮށްދޭ ބަޔަކަށްވާއިރު، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމަވެރި ފަރާތްތަކަށް މަޖުބޫރު ކަމެކެވެ.

ނެޓްޒަރިމް ކޮރިޑޯއަކީ ޣައްޒާ ދެބައިކޮށްލާ ގޮތަށް އިސްރާއީލް އަސްކަރިއްޔާއިން ބިނާކޮށްފައިވާ، އަދި ވަރަށް ބޮޑަށް ސިފައިން ތިބޭ ސަރަހައްދެކެވެ. މި ސަރަހައްދު ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާގެ އުތުރާއި ދެކުނުގެ ގުޅުން ކަނޑާލައި، މީހުންގެ ދަތުރުފަތުރާއި އިންސާނީ އެހީ ފޯރުކޮށްދިނުން ފުރިހަމައަށް ކޮންޓްރޯލް ކުރެއެވެ. މި ސަރަހައްދުގެ ވަށައިގެންވާ ރަށްތަކާއި ވަގުތީ ހިޔާވަހިކަން ހޯދާ ކޭމްޕުތަކަށް ދޭތެރެ ދޭތެރެއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ތަކުރާރުކޮށް ގެދޮރު ދޫކޮށް ހިޖުރަކުރަން ޖެހިފައެވެ.

އެމެރިކާ މެދުވެރިވެގެން އޮކްޓޯބަރު 10 ވަނަ ދުވަހު އިއުލާނުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެކުވެސް، ޣައްޒާގެ އާންމު ރައްޔިތުންގެ ހާލަތަށް މާބޮޑު ކުރިއެރުމެއް އައިސްފައެއް ނުވެއެވެ. އިސްރާއީލުން ޣައްޒާގެ ބޮޑު ސަރަހައްދެއް އަދިވެސް އަސްކަރީ ގޮތުން ހިސާރުކޮށްފައި އޮތުމުގެ ސަބަބުން، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާ ލިބުން ވަނީ އިންތިހާއަށް ދަތިވެފައެވެ. ފިނި މޫސުމާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، އެކަށީގެންވާ ހިޔާވަހިކަމެއް ނެތުމާއި ބައިނަލްއަގުވާމީ އިދާރާތަކުން އިންޒާރުދޭ ބަނޑުހައިހޫނުކަމުގެ ނުރައްކަލަކީ ޣައްޒާގެ 2.2 މިލިއަން ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ލ. އަތޮޅުގެ ޗެމްޕިއަންކަން އިސްދޫ ދިފާއުކޮށްފި

ގޯލްޑަން ފުޓްސެލް ޗެލެންޖް2026 ގެ ލާމު އަތޮޅުގެ ފޯރިގަދަ ފައިނަލް މެޗުގައި ލ. ގަން ބަލިކޮށް، އިސްދޫ އިން އަތޮޅު ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ. ފައިނަލް މެޗު އިސްދޫ އިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

މެޗު ފެށުމާއެކު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި ހަލުވި ކުޅުމެކެވެ. ދެޓީމުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ގަން ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޖުވަދެވެ.

ދެވަނަ ހާފަށް ދެޓީމު ނުކުތްއިރު، ގަމުން މަސައްކަތް ކުރަމުންދިޔައީ ލިބިފައިވާ ލީޑު ދަމަހައްޓައި، މެޗުގެ ކުޅުން މަޑުޖައްސާލައިގެން ވަގުތު ހަމަކުރުމަށެވެ. ނަމަވެސް އިސްދޫ އިން ވަނީ ހިތްވަރު އެލުވާނުލައި، ގަމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފައެވެ. އިސްދޫގެ މި ހިތްވަރުގަދަ ކުޅުމުގެ ނަތީޖާއަކަށްވީ، އެޓީމުގެ އަލީ ހުމޭޒް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމެވެ. އިސްދޫގެ މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެ، ދެޓީމުންވެސް މެޗުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އިސްދޫ އިން ޖެހި އެއް ޕެނަލްޓީ ނާކާމިޔާބުވީއިރު، ގަން ޓީމުން ޖެހި ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މިއާއެކު އިސްދޫ އަށް މެޗުގެ މޮޅުކަން ކަށަވަރުވެ، ޖެހިޖެހިގެން ދެވަނަ އަހަރު އަތޮޅު ތަށި އުފުލާލުމުގެ ފުރުސަތު ލިބުނެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އިސްދޫ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން އަލީ ހުމޭޒްއެވެ. މުޅި މުބާރާތުގެ ލާމު އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އިސްދޫ ޓީމުގެ އަލީ މީސާގު އީސައެވެ.

އިސްދޫ އަކީ މިދިޔަ އަހަރުވެސް ގޯލްޑަން ފުޓްސެލް މުބާރާތުގެ ލާމު އަތޮޅުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. މި ކާމިޔާބީއާއެކު އިސްދޫ ވަނީ އަތޮޅުގެ ފުޓްސެލްގައި އެޓީމުގެ ރަސްކަން ދަމަހައްޓާފައެވެ.

ދަޅަމަތި ( ފަހުބައި )

އެހެން ބުނެފައި، ތިން މީހުން އެކުގައި ފަހަތް ބަލައިލީމެވެ. އަހަރުމެންނަށް ފެނުނީ ދެ ހަނދެވެ. ނުވަތަ ހަނދާއި ހަނދަށް ވުރެ ގަދަ އަލިގަނޑެކެވެ. އެ އަލިގަނޑު ހަނދަށް ވުރެ ކުޑަޔަސް އަލި ގަދައެވެ. މަޑު ނޫކުލައެއް ހުރިހެން ވެސް ހީވިއެވެ. އެހައި އަލި ގަދަ، އެ ފަދަ އެއްޗެއް ކުރިޔަކުން އަހަންނެއް ނުދެކެމެވެ. ބަލަބަލައި ތިއްބައި އެ އަލިގުޅަ އައިސް، އަަހަރުމެންގެ ބޯމަތިން ހުރަސް ކުރިއެވެ. އަލިގަނޑު ދިޔަ ދިމާއަށް އަހަރެން ދުއްވައިގަތީމެވެ. ކެމެރާ އޮތްކަން އޭރު ހަނދާނެއް ނެތެވެ. ހަނދާން ހުރީ އަހަރެން އަބަދު ވެސް ދެކޭ ހުވަފެނެވެ. އެ ފަދަ އެއްޗެއް ހަމަލޮލުން ބަލައިލުމެވެ. ހިތަށް އެރިއެވެ. މި ފަހަރު އެ މަގުސަދު ހާސިލުވާނެއެވެ.

“ސަހަރާޔާ ދިމާއަށް ދޯ އެ ދަނީ؟” އަހަރެން އެހީމެވެ.

އެކަކު ވެސް ޖަވާބު ނުދީގެން ބަލައިލި އިރު އެކަކު ވެސް ނެތެވެ. އެ މީހުން ފިލައި ރައްކާ ވެއްޖެއެވެ. އަހަރެން އަޅައެއް ނުލަމެވެ. ނުހުއްޓި ކުރިޔަށް ދުވީއެވެ. އަލިގުޅަ ހުލިވަމުން، ތިރިވީ ގަބުރުސްތާނާ ދިމާއަށެވެ. ސީދާ ގަބުރުސްތާނު ތެރެއަށް ހެނެއް ހިޔެއް ނުވެއެވެ. އަލިގުޅަ ހުލިވުމުން ސަހަރާ ތެރެ އޮތީ އަނދިރިވެފައެވެ. ވަށައިގެން ހުރި ރުއްގަސްތައް ހުރި ގޮތުން ތަނެއްދޮރެއް ވަތްކެއް ނުވެއެވެ. އަހަރެން އަތަކު ބައްތިއެއް ނެތެވެ.

“ވަސީމް!” އަހަރެން މަގަށް ނުކުމެ، ނިކަން ބާރަށް ގޮވައިލީމެވެ. “ޓޯޗު ގެނެސްބަލަ! ވަސީމް!”

އެކެއްގެ ވެސް ޚަބަރެއް ނުވިއެވެ. ތަނަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. އަހަރެން މަޑުމަޑުން ސަހަރާއަށް ވަނީމެވެ. އެހެން ގޮތެއް ނެތެވެ. އެ ވަގުތު ކެމެރާ އޮތްކަން ހަނދާންވިއެވެ. ފްލޭޝްއެއް ނެތެވެ. ހިތަށް އެރިއެވެ. އަލިގަނޑު އައި ވަގުތު ފޮޓޯއެއް ނެގުނު ނަމައެވެ. އެއީ ހަމަ އެކަނި ނަމައެކެވެ. ވަގުތު ފާއިތުވެއްޖެއެވެ. ސަހަރާ ތެެރެއަކު ބަލާނެ އެއްޗެއް ނެތެވެ. އަހަރެން ވަރަށް މަޑުމަޑުން ހިނގީމެވެ. މުރަނަ ފަތްތަކާއި ހޯލިތައް ފައިދަށުވެ މުގުރެމުން ދިޔައެވެ. ކުއްލިއަކަށް، ތުންބުންފުމެލި އަޑު ކަހަލަ އަޑެއް އިވުނުހެން ހީވިއެވެ. ހަމަ ސީދާ އަހަރެންގެ މޫނަށް އަލިވިއެވެ.

“ހިނގާ ގެއަށް ދަމާ!” ބައްތި ހިފައިގެން ހުރި ވަސީމުގެ އަޑުއިވުނެވެ.

އެ މީހުން އަލުން އައީއެވެ. އަހަރެން ހީކުރީ އަހަންނަށް އިވުނީ ވަސީމް ތުނބުންފުމެލި އަޑު ކަމަށެވެ.

“ކަލޭމެން ހާދަހާ ފިނޑިއޭ ދޯ؟ ވަދެބަލަ އެތެރެއަށް،” އަހަރެން ބުނީމެވެ. “ފަހަރެއްގަ ގިނިހިލަކޮޅެއް ކަހަލަ އެއްޗެއް ވެއްޓިފަ އޮވެދާނެއްނު.”

“ވެއްޓުނު އެއްޗެއް މޫދަކަށްނު ވެއްޓޭނީ،” ރުޝްދީ ބުނި އަޑު އިވުނެވެ. “އެއީ ގިނިހިލައެއް ނޫންތަ؟”

“ދެން ކީއްވެ ކަލޭމެން ބެޗީ؟ ވަދެބަލަ އެތެރެއަށް،” އަނެއްކާ ވެސް އަހަރެން ބުނީމެވެ. “ރަނގަޅަށް ބަލާފަ ދާން ވާނީ. ދެން ހިޔެއް ނުވޭ މި ކަހަލަ ޗާންސެއް ލިބޭނެހެނެއް. ތި ޓޯޗުގަނޑު ދީބަލަ!”

އެ ދެ މީހުން އެތެރެއަށް ވަނެވެ. ރުޝްދީ ހުންނަނީ ތަންކޮޅެއް ފަހަތުގައެވެ. ހީވާ ކަހަލައެވެ. އަންނަ ފުރޭތައެއް އަންނާނީ ކުރިމަތިންނެވެ. ފަހަތަކުން ނޫނެވެ. ބައްތިން އަލިކޮށްގެން އަހަރުމެން މުޅި ސަހަރާ ބެލީމެވެ. އާދަޔާ ހިލާފު އެއްވެސް އެއްޗެއް ނުފެނުނެވެ. އަނެއްކާ ވެސް ތުނބުންފުމެލި އަޑު ކަހަލަ އަޑެއް އަޑުއިވުނެވެ. އަހަރުމެންގެ ސަމާލުކަން އެ ދިމާއަށް އެނބުރުނެވެ.

“އެއީ ކާކު؟” ރުޝްދީ ބުންޏެވެ.

އެއީ ތުނބުންފުމެލާ އަޑާ ވަރަށް ވައްތަރު އަޑެކެވެ. ހޯދަމުން ދިޔަ އިރު ކުޑަކުޑަ ކޮވެއްޔެއް ބަނޑުޖަހާލައިގެން އޮތެވެ. މުޅި ގައިގަ އޮތީ ކިލައެވެ. ދެލޯ ހީވަނީ ރަތް އަލިފާންކޮޅެއް ހެންނެވެ. އޭތި އޮތީ ލެއްގި ގަބުރު ވަޅުލި ދިމާގައެވެ. އަހަންނަކީ ދޫންޏަށް ނިކަން ވަރު ހުންނަ މީހެކެވެ. ވަގުތުން އެ ކޮވެލި ނެގީމެވެ.

“އޭ! ތި ވެދާނެ އޭއްޗަށް!” ވަސީމް ނިކަން ބާރަށް ބުންޏެވެ. “ތީގަ އަތްނުލާ!”

“އޭއްޗަށް ވެއްޖެއްޔާ މާ ސަޅިއެއްނު!” ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ. “ހިނގާ ގެއަށް ދަމާ!”

ދޫނި ގޮވައިލިއެވެ. އެއީ ދޫނި ގޮވާ އަޑުކަން ކަށަވަރުވީ އެ ފަހަރުއެވެ.

“ތި ހިފައިގެން؟” ދެލޯ ބޮޑުކޮށްލައިފައި ވަސީމް އެހިއެވެ. “މި ގަޑީގަ، ގަބުރުސްތާނު ތެރެއިން ތި ކަހަލަ އެއްޗެއްގަ އަތްލަން ވެސް ހެޔޮނުވާނެ. ތި ނޭނގެއެއްނު ކޯޗެއްކަމެއް.”

އަހަރެން ނިކަން ރަނގަޅަށް ދޫންޏަށް ބަލައިލީމެވެ. އޭތި އަހަރެން އަތުން ފުންމައިލިއެވެ. އެކަމަކު ނުއެއް ދެއެވެ. އަހަރެން އަނެއްކާ ވެސް ދޫނި ނެގީމެވެ.

“މީ ކޮވެއްޔެކޭ!” އަހަރެން ވަރަށް އެނގިފައި ބުނީމެވެ. “ކަލޭ ތިހިރީ އަލިކޮށްގެން. ރަނގަޅަށް ބަލާބަލަ! ވެދާނެ ކޮންމެވެސް ހާއްޔަކުން ވެއްޓިފަ ކަމަށް. މީތި މަރުވާން ދޫކޮށްލާފަ ގެއަށް ދާންވީ؟ ނުވާނެ ތި ކަމެއް. އަހަރެން ބޭނުން މި ކޮވެލި މާލެ ގެންދަން. ބޮޑުވީމަ ނިކަން ސަޅިކޮށް ގޮވާނެ.”

އެ ތަނަށް ކޮވެލި ވެއްޓިދާނެ ކަހަލަ ގަހެއް އެ ދިމާއަކު ނެތެވެ. އަހަރުމެން ތިން މީހުންނަށް ވެސް އެ ކަން އެނގެއެވެ.

“އަހަންނަކަށް ހިޔެއްނުވޭ ތީ ކޮވެއްޔެއް ހެނެއް. ކޮވެއްޔަކަށް ވިޔަސް، މިހާރު އިހަށް ބާއްވާ!” ނަސޭހަތުގެ ރާގުގައި ރުޝްދީ އެދުނެވެ. “ހެނދުނު އައިސް ބަލާ އިރު އޮތިއްޔާ ގެންދާނީ.”

“ހީވޭތަ އޮންނާނެހެން؟” އަހަރެން ބުނީމެވެ. “މިހާރު ވެސް ފެންބޮވައިގަނެގެން އަނގަ ހުޅުވިފަ އެ އޮންނަނީ. ހިނގާބަލަ ގެއަށް ދަމާ! އަހަންނެއްނު މި ހިފައިގެން މިހިރީ. ކަލޭމެން ކޮން ހާހެއްވާކަށް؟”

އެ މީހުން އެއްބަހެއް ނުވިއެވެ. ތިބި ފިޔަވަޅު މަތިން ގުޑައި ވެސް ނުލިއެވެ.

“ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ،” ރުޝްދީ ވަރަށް ކަންބޮޑުވެފައި ބުންޏެވެ. “އެ އޮތީ ލެއްގި ގަބުރު. އަލިގުޅާ އައީ މި ދިމާއަށް. ބުންޏޭ ބުންޏޭ ކިޔާނެ ކަމެއް ނެތް. މި ފަހަރު އަހަރުމެން ތިން މީހުންނަށް ފެނުނު. ހެޔޮނުވާނެ ތި ބާއްވާ!”

“އަހަންނަށް އެބަ ހީވޭ ތި ގޮލާ ތަންކޮޅެއް ބޮޑުވެއްޖެހެން ވެސް.” ފަހަތަށް ޖެހިލަމުން ރުޝްދީ ބުންޏެވެ.

އަހަރެން ކޮވެއްޔަށް ބަލައިލީމެވެ. އެ ސޮރު ގޮވައިލައިފައި އަހަރެންގެ މޫނަށް ބަލައިލިއެވެ. އެއްވެސް ވަރަކަށް ބޮޑުވިހެނެއް އަހަންނަކަށް ހިޔެއް ނުވިއެވެ. އަހަރެން ހިނގައިގަތީމެވެ.

“ކަލޭމެން ތިބެންޏާ ތިބޭ!” އަހަރެން ބުނީމެވެ. “މަ މި ނައްޓާލީ!”

ބޮޑާހާކަމުން، ޝަކުވާ ކުރަމުން ދެ މީހުން ހިނގައިގަތެވެ.

“ކަލެއަށް ކަމެއް ވިޔަސް އަހަރުމެން ޒިންމާއެއް ނުވާނަން އިނގޭ!” ވަސީމް ހަނދާން ކޮށްދިނެވެ. “އަހަރެން ދުވަހަކު ވެސް ނުދެކެން ތިހެން ގޮވާ ކޮވެއްޔެއް. ކޮވެލީގެ ފައި ތިހެނެއް ނުވެސް ހުންނާނެ.”

“ކަލޭމެން ނުޖެހޭނެ ޒިންމާވާކަށް،” އަހަރެން ޖަވާބު ދިނީމެވެ. “އެކަމަކު އަހަންނަށް ފޮށިގަނޑެއް ހޯދައިދޭތި!”

އަހަރެންނާ އެއްކޮށް ގެއާ ހަމައަށް އައިސްފައި އެ މީހުން ދިޔައީ އެ މީހުންގެ ގެއަށެވެ. އަހަރެން ގެއަށް ވަނީމެވެ. ކޮޓަރީގައި ދޫނި ބޭންދީމެވެ. އޭތި ދާކަށް ނުވަތަ ގަދަހަދާކަށް ވެސް ނޫޅެއެވެ. ކާންދޭނެ މޭވައެއް ކަހަލަ އެއްޗެއް އަހަރެންގެ އަތަކު ނުޖެހުނެވެ. ވީމާ، ތަށްޓަކަށް ފެން އަޅައިފައި ދޫނި ކައިރީގައި ބެހެއްޓީމެވެ. އެ އެތި ވަގުތުން ފެންބޯން ފެށިއެވެ. ދޭތެރެއަކުން ގޮވައިލައެވެ. އެ އަޑު އެންމެ ވައްތަރީ މީހަކު ތުނބުންފުމެލާ އަޑާއެވެ. އަހަރެން ހިތަށް އެރިއެވެ. އެއީ ބައެއް ޅަކޮވެލި ގޮވާ އަޑުކަމަށް ވެދާނެއެވެ. ކޮވެލި މާލެ ނުގެންދާނެ ގޮތެއް އެއީ ނެތް ގޮތެކެވެ.

ކޮވެލި ލިބުނު ފަހުން ހަފުތާއެއް ވަންދެން ރަށުގައި މަޑުކުރީމެވެ. ބައެއް ރޭރޭ ދަންވަރު އަހަރެން ހޭލާ އިރު ކޮވެލި އިންނަނީ އެނދުމަތީގައެވެ. އަހަރެންގެ މޫނު ކައިރީގައެވެ. އެކަމަކު އޭތި އުދުހޭ ތަނެއް ދުވަހަކު ވެސް އަހަރެން ނުދެކެމެވެ. މުޅީން ވެސް އުޅެނީ ހިނގައިފައެވެ. އެނދަށް އަރަނީ ކިހިނެއްބާއޭ ހިތަށްއަރައެވެ. އެ ކަމާ، ކުޑަކޮށް ވެސް ކަންބޮޑެއް ނުވެއެވެ.

ބައެއް ދުވަސްދުވަހު، ގަސްތަކު ތެރެއަށް ދޫނި ދޫކޮށްލައިގެން ވެސް އަހަރެން އުޅެމެވެ. އެހެން އުޅޭ އިރު، ބައެއް ފަހަރު އަހަރެންގެ ލޯމަތިން ކޮވެލި ގެއްލެއެވެ. އަހަރެން ތުނބުންފުމެލަނީއެވެ. ހަމަ ފުމެލާ އިރަށް، ކޮންމެވެސް ދިމާއަކުން ބޯދިއްކޮށްލައެވެ. އަތޮޅުގޭގައި އުޅުނު މީހުން ވެސް ބުނި ގޮތުގައި، އެއީ އެ މީހުން ނުދެކޭ ވައްތަރެއްގެ ކޮވެއްޔެކެވެ.

ކޮވެލި ގޮވައިގެން އަހަރެން މާލެ ދާން ފުރީމެވެ. ކަނޑުގަދަ ދުވަހެއްގައެވެ. އެހެނަސް ސަލާމަތުން މާލެ އައީމެވެ. ގެއަށް ވެސް ދޫނި ގެންދިޔައީމެވެ. އަހަރެންގެ ގެއަކީ ކުޑަކުދިން ގިނަ ގެއެކެވެ. ހުރިހައި ކުދިން ވެސް އެ ކޮވެއްޔާ ވަރަށް ގަޔާވިއެވެ. ގެއަށް ގެނެސް ފެންވެރުވުމުން ދޫނީގެ ކުލަ ވަރަށް ބޮޑަށް އަލިވިއެވެ. ފަތްތަކުން އޮފު އެރިއެވެ. އެހެންވީ ދޫނީގެ ގައިގައި ހުރި ކިލާތައް ދޮވެވުމުންނެވެ. އަހަރެން ނިންމީ އެ ގޮތަށެވެ. އެކަމަކު މަންމަ ވަރަށް ހައިރާން ވެގެން އުޅުނެވެ. ދޫނީގެ ފަތްތަކުން، ކުރިން ނާރާ ދަޅައެއް އަރާތީއެވެ.

ކޮޓަރީގެ ކަނެއްގައި ދޫންޏަށް ޖާގައެއް ހެދީމެވެ. ބައްޕަ ލައްވައި ކޮށްޓެއް ހެދީމެވެ. ކޮށީގެ ދޮރު ބަހައްޓަނީ ހުޅުވައިފައެވެ. ދޫނި އަމިއްލައަށް ވަދެނުކުމެ ހަދައެވެ. ދޭތެރެއަކުން، މަޑުމަޑުން ގޮވައިލައެވެ. ބައެއް ފަހަރު، އަހަރެން ބުނާ އެއްޗެހި ދޫންޏަށް އެނގޭ ކަހަލައެވެ. އަންނަން ބުނުމުން އާދެއެވެ. ވަންނަން ބުނުމުން ކޮށްޓަށް ވަދެއެވެ. ހީވަނީ އެ ދޫންޏަށް އުދުހެވޭނެހެންނެވެ. އެހެނަސް ނުއުދުހެއެވެ.

އެއްދުވަހަކު ހެނދުނު އަހަރެން ހޭލި އިރު ދޫންޏެއް ނެތެވެ. އަހަރެންގެ ކޮޓަރިއަކީ ތަޅުލާ ކޮޓަރިއެއް ނޫނެވެ. އެ ކޮޓަރީގައި އެހެން ކޮއްކޮއެއް ވެސް ނިދައެވެ. އަހަރުމެން ނިދަނީ އެކީގައެވެ. އެ ދުވަހު ފުރަތަމަ ހޭލީ ކޮއްކޮއެވެ. އަހަންނަށް ހޭލެވުނީ ކޮއްކޮ ގޮވީމައެވެ. ކޮއްކޮ ބުނި ގޮތުގައި، ހެނދުނު ހޭލި އިރު ވެސް ދޫންޏެއް ނެތެވެ. ކޮށީގެ ދޮރު ހުރީ ލައްޕައިފައެވެ. އެއީ ދުވަހަކު ވެސް އަހަރުމެން ކުރި ކަމެއް ނޫނެވެ. މުޅި ގެ ހޯދީމެވެ. އެއްވެސް ތަނަކުން “ކޮވެއްޔެއް” ނުފެނުނެވެ.

އަދި އަދަށް ދާންދެން ވެސް އެ ދޫންޏަށް ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެއީ ހަމަ އަޖައިބެކެވެ. ބައެއް ދުވަސްދުވަހު، އިރުއޮއްސޭ ވަގުތު އެ ކޮވެލި ގޮވައިލާ އަޑު، ވަރަށް ކައިރިން އިވޭހެން އަހަންނަށް ހީވެއެވެ. އެހެން ހީވާނީ އަހަންނަށް އެކަންޏެވެ. އެއްވެސް މީހެއް ގާތަކު އަހަރެން އެ ވާހަކައެއް ނުބުނަމެވެ. އޮޅުކޮއްގެން ގެންގުޅެވޭނެކަމަށް އެ ދޫނި އަހަންނަށް ދަޅަ ދައްކާލީއެވެ.

މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

(ނިމުނީ)

އަދާލަތު ޕާޓީގެ ރައީސް ހޮވާ އިންތިޚާބު އިންސާފުވެރި ނޫން ކަމަށް ބުނެ ޑރ. އިކްރާމް އިންތިޚާބު ބޮއިކޮޓް ކުރައްވައިފި

އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތު ޕާޓީގެ ރައީސަކު ހޮވުމުގެ އިންތިޚާބު، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. އިކްރާމް އަބްދުއްސައްތާރު ބޮއިކޮޓް ކުރައްވައިފިއެވެ.

މިއަދު އިކްރާމްގެ ކެމްޕެއިން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި އިންތިޚާބު ބޮއިކޮޓް ކުރަން ނިންމީ އިންތިޚާބާ ގުޅުންހުރި ހުރިހާ ކަމެއް ކުރިއަށް ދަނީ ދެފުށްފެންނަ، ޢަދުލުވެރި އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ. އަދި މިއީ ޚުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް، ވަކި ނަތީޖާއެއް ނެރުމަށް ރާވައިގެން ހިންގާ ކަމެއްގެ ގޮތުގައި އިކްރާމް ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް އިކްރާމްގެ އިތުރުން ދެން ވާދަކުރައްވަނީ އެ ޕާޓީގެ ނައިބު ރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ. އިކްރާމް ވަނީ މި މަހުގެ 11 ވަނަ ދުވަހު އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދި ސިޓީއެއް ހުށަހަޅާފައެވެ. ނަމަވެސް، ޕާޓީން ބުނެފައިވަނީ އެތެރޭގެ އިންތިޚާބުތަކުގެ ގަވާއިދު އޮތްގޮތުން ވޯޓު ފޮށި ބެހެއްޓުމަށް ޖާގަ ނުދޭ ކަމަށެވެ.

އިކްރާމްގެ ބަޔާނުގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި:

  • ވޯޓުލެވޭ މެންބަރުންގެ ލިސްޓު ބަލައި ކަށަވަރު ކުރުމުގެ ފުރުސަތު ކެންޑިޑޭޓަށް ނުދިނުން.
  • ޕާޓީގެ ގޮފިތަކާއި ދާއިރާތަކަށް މީހުން އައްޔަނުކުރުމުގައި އުސޫލާ ޚިލާފަށް، އިންތިޚާބަކާ ނުލައި އިދާރާއިން ބޭނުންވާ ބަޔަކު މަގާމުތަކަށް ހަމަޖެއްސުން.
  • ޝަރުތު ހަމަނުވާ އަދި މަގާމަށް ކުރިމަތިލާން ރުހުން ނުދޭ މެންބަރުން ދާއިރާތަކުގެ ރައީސުންނަށް ހަމަޖެއްސުން.

މީގެ އިތުރުން، ވޯޓުލުމަށް ބޭނުންކުރާ މޯބައިލް އެޕްލިކޭޝަނާ މެދު ވެސް އިކްރާމް ވަނީ ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އައިސީޓީ މާހިރުންގެ ޓީމަކުން ބެލިބެލުމުން، އެ އެޕްލިކޭޝަނަކީ ޕާޓީގެ އޮފީހުގައި ތިބެގެން ބޭނުން ގޮތަކަށް ވޯޓަށް ބަދަލު ގެނެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއްކަން އެނގިފައިވެއެވެ. ނަމަވެސް އަދާލަތު ޕާޓީން ބުނަނީ ބޭނުންކުރަނީ އިތުބާރު އޮތް ‘ފަހި ވޯޓު’ ސިސްޓަމް ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަންކަން ކުރުމަށް އެ ކޮމިޝަނުން ޕާޓީއަށް އަންގާފައިވާ ކަމަށް އިކްރާމް ވިދާޅުވިއެވެ. އެކަމަކު ޕާޓީގެ އިދާރާއިން އެ އެންގުމަށް އެއްވެސް ސަމާލުކަމެއް ނުދީ، ހަރުކަށިކަން ދައްކަމުންދާތީ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން ނަން ނަންގަވައި، އިންތިޚާބު ބޮއިކޮޓް ކުރަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމާލުވޭ! ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އަދި ޑެންގީ އިތުރުވާން ފަށައިފި

އަރިދަފުސް ރޯގާއާއި، ބޭރަށް ހިންގުން އަދި ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗަށް ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެ ބަލިތަކަށް ސަމާލުވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ.

ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން، މާބަނޑު މީހުން އަދި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ދުވަސްވަރު އިތުރަށް ސަމާލުވުމަށް އައިޖީއެމްއެޗުން އެދެއެވެ. ސާފުތާހިރުކަމަށް އިސްކަންދީ، ގިނައިން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، މަދިރިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށްވެސް އައިޖީއެމްއެޗުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް ކުޑޫ އައްޔަންކޮށްފި

އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އައްޔަންކޮށްފިއެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނީ، ކެމްޕެއިން މެނޭޖަރުގެ ނައިބުންގެ ގޮތުގައި ތިން ބޭފުޅަކު ހަމަޖައްސާފައިވާ ކަމައެވެ. އެއީ ގާނޫނީ ވަކީލު އައިކު އަހްމަދު އީސާގެ އިތުރުން، ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އަދި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ.

ކެމްޕެއިންގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ތެރެއިން، އިންތިޚާބުގެ ތަރުޖަމާނަކަށް އެމްޑީޕީން ހަމަޖެއްސީ ދިއްދޫ ދާއިރާގެ ރައީސް އަބްދޫﷲ ވަހީދެވެ. އަދި ތަރުޖަމާނުގެ ނައިބަކަށް ހަމަޖައްސާފައިވަނީ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން އެވެ. މި މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައި މިވަނީ، މިދިޔަ ހުކުރު ދުވަހު އެ ޕާޓީގެ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ކާމިޔާބުކަމާއެކު ބޭއްވުމަށްފަހުގައެވެ.

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި، ޖުމްލަ 225 ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150,410 ފިރިހެނުންނާއި 144,527 އަންހެނުންނެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި މުޅި ރާއްޖޭގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އިޢުލާންކުރި ބޯހިޔާވަހިކަމަށް ޕީ.އެން.ސީ ގެ މެމްބަރު ޖަނާބު ވެސް ލާނެކަމަށް ބުނެފި

ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރުސަތުތަކާ އެކު އައިސްފައި މި އޮތީ “ގެދޮރުވެރިވުމުގެ ޢީދެއް” ކަމަށާއި އޭނާ ވެސް އެ ސްކީމުގެ ތެރެއިން ގެދޮރުވެރިކަން ހޯދަން ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު އިއްބެ) ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ 7،900 ފުލެޓަށާއި 1،250 އަކަފޫޓުގެ 15،000 ގޯއްޗަށް އެދި ކުރިމަތިލާން އިއްޔެ ހުޅުވާލާފައެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޭ ޖަނާބު ވިދާޅުވީ، ބިމުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މާލޭ ސަރަހައްދަށް ދިމާވެފައި އޮތް ބޮޑު ކާރިސާއެއް ކަމަށެވެ. އެކަމަކު، ކުރީ ސަރުކާރުތަކުން ކަން ކޮށްފައި އޮތްގޮތުގެ ވާހަކަދައްކަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި މި ސަރުކާރުން މިހާރު ހުޅުވާލާފައި އޮތް ގެދޮރުވެރިކަމުގެ ފުރުސަތުތަކަށް ކުރިމަތިލާން އޭނާ ވަނީ ވާދަވެރިންގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ.

“މި އޮތީ ގެދޮރުވެރިވުމުގެ އަނެއްހެން ބުނަންޏާ ޢީދެއް އައިސްފައި،” އޭނާ ވިދާޅުވިއެވެ.

“ވާދަ ކިޔުމުގެ ބަދަލުގައި ކޮންމެ މީހަކު ވެސް ހިނގާށޭ، އެ މީހަކަށް ލިބެން އޮތް އެއްޗެއް ހޯދައިގަތުމަށްޓަކައި އަވަހަށް ޕޯޓަލްއަށް ލޮގިންވާން. ތިމާގެ މައުލޫމާތު ފުރަން،”

ޖަނާބު އިއްބެ ވިދާޅުވީ، މި ސަރުކާރުން ރަސްމާލެ ވެސް މިހާރު ގާތްގަނޑަކަށް ހިއްކާ ނިމެމުން އަންނަ ކަމަށެވެ. އަދި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ތަންތަނުގައި މީހުން އާބާދުވާން އެހާ ގިނަ ދުވަސް ނުނަގާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އެހެންވެ، މި ސަރުކާރުން ހުޅުވާލާފައި އޮތް 15،000 ގޯއްޗަށް ކުރިމަތިލާން އޭނާ އެންމެންގެ ކިބައިން އެދިވަޑައިގަތެވެ.

“އެހެންވީމާ އެ 15،000 ރައްޔިތުންގެ ތެރެއިން ވުމަށްޓަކައި އަޅުގަނޑު ވެސް ބޭނުން. މިހާތަނަށް ރާއްޖޭގެ ގޯތި އަދި ފުލެޓުގެ އެއްވެސް ސްކީމަކަށް އަޅުގަނޑު ހުށަހަޅާފައެއް ނޯންނާނެ. އަޅުގަނޑު ވެސް ހުށަހަޅާނަން،”

އޭނާ ވެސް ގޯތި ހޯދަން ހުށަހަޅާނެކަން ހާމަކުރައްވަމުން ޖަނާބު ވިދާޅުވިއެވެ.

 

އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފި

އިޒްރޭލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއްދީ، ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ޒަހަމްކޮށްލައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ގަތުލްއާއްމު މެދުކަނޑާލުމުގެ އެއްބަސްވުމާ އިޒްރޭލުން ކޮންމެ ދުވަހަކުވެސް ދަނީ ހިލާފުވަމުންނެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ‘ވަފާ’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދިއްތަ ދުވަހު ގާޒާ ސިޓީގެ ދެކުނުގައި އޮންނަ ޒައިތޫން އަވަށަށް އިޒްރޭލުގެ ޑްރޯންތަކުން ދިން ހަމަލާތަކެއްގައި އާންމުންގެ ބައެއް މީހުން ވަނީ ޒަހަމްވެފައެވެ.

މީގެ އިތުރުން، ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް-މަވާސީ ސަރަހައްދަށް އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާ ސިޓީގެ އިރުމަތީގައި ހުންނަ އަލް-އަހްލީ އަރަބް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، ނެޓްޒާރިމް ސަރަހައްދުގައި ތިބި ބަޔަކަށް އަމާޒުކޮށް އިޒްރޭލުގެ ޑްރޯންތަކުން ދިން ހަމަލާތަކެއްގައި ތިން މީހަކު ވަނީ ޒަހަމްވެފައެވެ. އަދި ގާޒާގެ މެދުތެރޭގެ ދެއިރް އަލް-ބަލާހްގައި އިޒްރޭލު ސިފައިން ފަލަސްތީނު މީހެއްގެ ބޮލަށް ބަޑިޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށް އަލް-އަގްސާ މާޓިއާސް ހޮސްޕިޓަލުން ކަށަވަރުކޮށްދެއެވެ.

މީގެ އިތުރުން ދެކުނުގެ ރަފަހްގެ އިމާރާތްތަކަށް ވައިގެ ހަމަލާތައް ދީފައިވާއިރު، އުތުރުގެ ޖަބަލިއާ އަދި ގާޒާ ސިޓީގެ ތުއްފާ އަވަށަށްވެސް ވަނީ ހަމަލާތައް ދީފައެވެ. އަދި ބުރައިޖް ރެފިއުޖީ ކޭމްޕް ކައިރިއަށް ހެލިކޮޕްޓަރުން ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށާއި، ކަނޑުގެ ސިފައިން ޚާން ޔޫނިސްގެ އައްސޭރިފަށަށް ހަމަލާދީފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.

ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އޮކްޓޯބަރު 10 ވަނަ ދުވަހު ސުލްހައިގެ އެއްބަސްވުން ގާއިމުކުރި ފަހުން، އިޒްރޭލުން އެ އެއްބަސްވުމާ ހިލާފަށް ދިން ހަމަލާތަކުގައި 460 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 1,200 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މީގެ އިތުރުން، ގާޒާއަށް ކާބޯތަކެއްޗާއި ބޭހާއި ހިޔާވަހިކަމަށް ބޭނުންވާ ތަކެތި އެތެރެކުރުން އިޒްރޭލުން ދަނީ ހިފަހައްޓަމުންނެވެ. ފިނި މޫސުން ފެށިފައިވާއިރު، ގިނަ ބަޔަކު ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ހާލަތެއްގައެވެ.

2023 އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 71,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 171,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި ގާޒާގެ އާންމު އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ.

ޕެނަލްޓީ ޖަހައިގެން މާވަށް ބަލިކޮށް، ލާމު އަތޮޅު ފައިނަލަށް ގަން ދަތުރުކޮށްފި

ގޯލްޑަން ފުޓްސެލް މުބާރާތް 2026 ގެ ލާމު އަތޮޅު ސެމީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ލ. މާވަށް ބަލިކޮށް، ލ. ގަން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗު ގަމުން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ލިބުނު ކޯނަރެއްގެ ބޭނުން ހިފައި ގަމަށް ކުރި ހޯދައިދިނީ އެޓީމުގެ އަހްމަދު ހަލީމެވެ. ނަމަވެސް، ގަމުން ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް، މާވަށު ޓީމުން އުފެއްދި ނުރައްކާތެރި ހަމަލާއެއްގައި އެޓީމުގެ އަހްމަދު މުހައްމަދު ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުންވެސް ލަނޑެއް ޖަހައި މެޗުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗުގެ ވަގުތު ހަމަވިއިރު އިތުރު ގޯލެއް ފެނިފައެއް ނުވެއެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ގަމުގެ ކީޕަރު މުހައްމަދު ރަޝީދު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މާވަށު ޓީމުން ފޮނުވާލި ހުރިހާ ޕެނަލްޓީތަކެއް އޭނާ ދިފާއުކުރިއިރު، ގަމު ޓީމުން ވަނީ އެޓީމުން ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ، ޕެނަލްޓީތައް ދިފާއުކޮށް ގަން ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެޓީމުގެ ގޯލްކީޕަރު މުހައްމަދު ރަޝީދެވެ. މި ކާމިޔާބީއާއެކު ގަން މިވަނީ މުބާރާތުގެ ލާމު އަތޮޅުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

ލާމު އަތޮޅުގެ ފައިނަލްގައި ބައްދަލުކުރާނީ އެ އަތޮޅުގެ ފުޓްސެލްގެ އެންމެ ބޮޑު ދެ ބާރު ކަމަށްވާ ލ. އިސްދޫ އާއި ލ. ގަމެވެ.

މުންޑޫ ބަލިކޮށް، އިސްދޫ ފައިނަލަށް ދަތުރުކޮށްފި

ގޯލްޑަން ފުޓްސެލް ޗެލެންޖް 2026 ގެ ލާމު އަތޮޅު ބުރުގެ ފޯރިގަދަ ސެމީ ފައިނަލްގައި 6 – 0 ކުން ލ. މުންޑޫ ބަލިކޮށް، ލ. އިސްދޫ މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

މި ފޯރިގަދަ މެޗު ފެށިގެން ދިޔައީ ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމަކާއެކުގައެވެ. ސެމީ ފައިނަލަށް ދެ ޓީމުންވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން މެޗުގެ ކުރީކޮޅު ފެނިގެންދިޔައިރު، ދެ ޓީމުންވެސް ދިޔައީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އިސްދޫ ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެދުދަނޑާ ހިސާބުން ފޮނުވާލި ހޫނު ހަމަލާއަކުން ލޫތު އަހުމަދު ފަތުހީއެވެ. މި ލަނޑަށްފަހު އިސްދޫގެ ކުޅުން އިތުރަށް ވަރުގަދަކޮށް، މާގިނަ އިރުތަކެއް ނުވެ އެޓީމުގެ އަލީ ހުމޭޒު ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންވެސް އިތުރު ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް 2-0 ގެ ނަތީޖާއަކުން އިސްދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ، އިސްދޫއަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފާ އަލީ މީސާގު އީސާ ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން މެދުދަނޑު ކައިރިން ލިބުނު ހިލޭ ޖެހުމަކުން ލޫތު އަހުމަދު ފަތުހީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، އިސްދޫގެ ލީޑު ހަތަރު ލަނޑަށް ބަދަލުކޮށްލާފައެވެ.

އިސްދޫގެ ފަސްވަނަ ލަނޑު، ލިބުނު ހުސް ފުރުސަތެއްގެ ބޭނުން ހިފާ ހޫދު އަހުމަދު ފަތުހީ ކާމިޔާބުކޮށްދިންއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމުގެ ހަވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ޝިރުފާން ރަޝީދެވެ. މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިސްދޫ ޓީމުގެ ލޫތު އަހުމަދު ފަތުހީ ވަނީ މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދާފައެވެ.

ލާމު އަތޮޅުގެ ފައިނަލްގައި ބައްދަލުކުރާނީ އެ އަތޮޅުގެ ފުޓްސެލްގެ އެންމެ ބޮޑު ދެ ބާރު ކަމަށްވާ ލ. އިސްދޫ އާއި ލ. ގަމެވެ. މިއީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސެލް ޗެލެންޖުގެ ލާމު އަތޮޅު ފައިނަލްގައިވެސް ބައްދަލުކުރި ދެ ޓީމެވެ. މި މެޗު ވެގެންދާނީ ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ވަރަށް ފޯރިގަދަ ކުރިމަތިލުމަކަށެވެ.

“ބޯހިޔާވަހިކަން އެންމެނަށް” ސްކީމުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

“ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި ސްކީމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަޝްރޫޢެކެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މި ސްކީމާ ގުޅޭ އުސޫލުތަކާއި، ޝަރުތުތައް އަދި މާކްސް ދޭނެ ގޮތުގެ ތަފްސީލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

 

މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިޢުލާނުކުރި މި ސްކީމުގެ ދަށުން، ގްރޭޓަރ މާލެ ސަރަހައްދާއި އަލަށް ހިއްކާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ:

  • މާލޭގެ ރަށްވެހިންނަށް: 10,000 ގޯތި
  • މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 3,000 ގޯތި
  • މައިމުޅަވެފައިވާ މީހުންނަށް: 500 ގޯތި
  • މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް: 1,500 ގޯތި

މީގެ އިތުރުން، މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 4,000 ފްލެޓް މާލޭގެ ރަށްވެހިންނަށް ޚާއްޞަކުރެވިފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ކަނޑައަޅާފައިވެއެވެ.

މިފަހަރުގެ ސްކީމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީތަކެއް ހިމަނާފައިވުމެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ދަރިން ތިބި މިންވަރަށް ބަލައި 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ޝަރުތުތަކަށް ބަލާއިރު، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް މި ސްކީމަށް ކުރިމަތިލެވޭނެއެވެ. މި މުއްދަތު ބަލާނީ 14 ޖެނުއަރީ 2026 ގެ ނިޔަލަށެވެ. ސަރުކާރުން ބުނެފައިވަނީ މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އެމީހެއްގެ އާމްދަނީއަށާއި ދިރިއުޅުމުގެ ޙާލަތަށް ކަމަށެވެ.

ފޯމު ހުށަހެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އޮންލައިންކޮށެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވަނީ ކޮންމެ ފަރާތަކުންވެސް އެމީހެއްގެ ޙާލަތާ އެންމެ ގުޅޭ ކެޓަގަރީއަކުން ފޯމު ހުށަހެޅުމަށެވެ.

މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، ދެ މީހުން ގެއްލިއްޖެ

ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިން ބަންޑުން ޖަހާލައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާގައި ބަންޑުން ޖަހާލާފައިވަނީ “ބަލްމާ-6” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

ބޯޓު ބަންޑުން ޖަހާލި އިރު އޭގައި ހަތަރު މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގައި، މިހާރު ވަނީ ސަލާމަތްކޮށްފައެވެ. އަދި ބާކީ ތިބި ދެމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ. ކޯސްޓްގާޑުން ދަނީ ބޯޓު އޮތް ސަރަހައްދުގައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބޯޓުން ކަނޑަށް އުކިފައިވާ މުދަލާއި އެހެނިހެން ތަކެތީގެ ސަބަބުން ދަތުރުފަތުރަށް ހުރަސް އެޅުނަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ.