ގޯލްޑަން ފުޓްސެލް ޗެލެންޖް2026 ގެ ލާމު އަތޮޅުގެ ފޯރިގަދަ ފައިނަލް މެޗުގައި ލ. ގަން ބަލިކޮށް، އިސްދޫ އިން އަތޮޅު ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ. ފައިނަލް މެޗު އިސްދޫ އިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.
މެޗު ފެށުމާއެކު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި ހަލުވި ކުޅުމެކެވެ. ދެޓީމުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ގަން ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޖުވަދެވެ.

ދެވަނަ ހާފަށް ދެޓީމު ނުކުތްއިރު، ގަމުން މަސައްކަތް ކުރަމުންދިޔައީ ލިބިފައިވާ ލީޑު ދަމަހައްޓައި، މެޗުގެ ކުޅުން މަޑުޖައްސާލައިގެން ވަގުތު ހަމަކުރުމަށެވެ. ނަމަވެސް އިސްދޫ އިން ވަނީ ހިތްވަރު އެލުވާނުލައި، ގަމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފައެވެ. އިސްދޫގެ މި ހިތްވަރުގަދަ ކުޅުމުގެ ނަތީޖާއަކަށްވީ، އެޓީމުގެ އަލީ ހުމޭޒް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމެވެ. އިސްދޫގެ މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެ، ދެޓީމުންވެސް މެޗުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އިސްދޫ އިން ޖެހި އެއް ޕެނަލްޓީ ނާކާމިޔާބުވީއިރު، ގަން ޓީމުން ޖެހި ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މިއާއެކު އިސްދޫ އަށް މެޗުގެ މޮޅުކަން ކަށަވަރުވެ، ޖެހިޖެހިގެން ދެވަނަ އަހަރު އަތޮޅު ތަށި އުފުލާލުމުގެ ފުރުސަތު ލިބުނެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އިސްދޫ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން އަލީ ހުމޭޒްއެވެ. މުޅި މުބާރާތުގެ ލާމު އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އިސްދޫ ޓީމުގެ އަލީ މީސާގު އީސައެވެ.
އިސްދޫ އަކީ މިދިޔަ އަހަރުވެސް ގޯލްޑަން ފުޓްސެލް މުބާރާތުގެ ލާމު އަތޮޅުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. މި ކާމިޔާބީއާއެކު އިސްދޫ ވަނީ އަތޮޅުގެ ފުޓްސެލްގައި އެޓީމުގެ ރަސްކަން ދަމަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު