ނިމިދިޔަ ރަމަޟާން މަހު ކަރަންޓު ބިލަށް ދިން ޚާއްޞަ ޑިސްކައުންޓަށް ފަހު، މި މަހު ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ، ރ. އަނގޮޅިތީމުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ، ފެނަކަ ކޯޕަރޭޝަންގެ އެ ރަށު ބްރާންޗު ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.
ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެންދިޔަ ގޮތުގައި، ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ރައްޔިތުން ވަނީ ފެނަކަ ބްރާންޗު ކުރިމަތީ ނިކުމެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މުޒާހަރާގައި ބައިވެރިވި ރައްޔިތުން ވަނީ ފެނަކަ ބްރާންޗުގެ މެނޭޖަރު ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި ކަރަންޓު ބިލު އަތްފޯރާ ފަށަށް ތިރިކޮށްދިނުމަށް ވެސް ގޮވާލިއެވެ. ބޯޑުތަކުގައި ލިޔެފައިވާ ޝުއޫރުތަކުގެ ތެރޭގައި، ރޯދަ މަހުގެ ޑިސްކައުންޓަށް ހަޖޫ ޖަހައި، “ރޯދަ މަހަށް އުއްބަތި ބަހާ” ފަދަ ބަސްތައް ހިމެނިފައިވެއެވެ. ހަމައެއާ އެކު، “ރޯދަ މަހަށް މަސްދަޅު ކޭހެއް ދިނުމަށް ފަހު ރައްޔިތުން ހަލާކޮށްލައިފި” ކަމަށާއި، “ކަރަންޓު ބިލުން ފޭރެނީ” ފަދަ ބަސްތައް ވެސް ބޯޑުތަކުގައި ލިޔެފައިވެއެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ރ. އަނގޮޅިތީމު ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރެއްވި މުޙައްމަދު ސާޖިދު “ރަސް އޮންލައިން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ދޫކުރި މަސްދަޅު ކޭސްތަކުގެ އަގު، ކަރަންޓު ބިލު މެދުވެރިކޮށް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިމަހުގެ ކަރަންޓު ބިލުތައް އާދަޔާޚިލާފަށް ބޮޑުވުމާ ގުޅިގެން، ރައްޔިތުންނަށް މަގުމައްޗަށް ނުކުމެ އިޙުތިޖާޖު ކުރަން މަޖުބޫރުވީ ކަމަށް ސާޖިދު ވިދާޅުވިއެވެ.
ރަމަޟާން މަހު ސަރުކާރުން ކަރަންޓު ބިލަށް ދިން ލުޔަށް ފަހު، ރޯދަ ވިއްލި ބިލު ބޮޑުވެ، ގިނަ ގޭބިސީތަކަށް ކުރިއަށް ވުރެ ދެ ގުނަ ނުވަތަ ތިން ގުނަ ބޮޑު ބިލެއް ލިބިފައިވާ ކަމަށް ރައްޔިތުން ބުނެއެވެ. ރައްޔިތުންގެ ނަޒަރުގައި، ރޯދަ މަހު ދިން ޑިސްކައުންޓަކީ ހަގީގީ ލުޔެއް ނޫން ކަމަށާއި، ފަހުން ބިލު ބޮޑުކޮށް ރައްޔިތުންގެ ޖީބުން ފައިސާ ނެގުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި ކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަން ނުވަތަ ކަމާ ބެހޭ ސަރުކާރު ފަރާތްތަކުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެެ.


ކިޔުންތެރިންގެ ހިޔާލު