މަރުޙޫމް ސާޖަންޓް މަހުދީގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

ހާލު ދެރަވެ ފަރުވާދެމުން ދަނިކޮން ނިޔާވި ސިފައިންގެ ޑައިވަރު، މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ. މަހުދީ ނިޔާވީ ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިއަށްދާ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ޑީކޯވެ ފަރުވާދެމުންދަނިކޮށެވެ.

މިމަހުގެ 14 ވަނަ ދުވަހު ވ.އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަށް ޑައިވިންއަށް ދިޔަ އިޓަލީގެ ފަތުރުވެރިންތަކެއްގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ، އެދުވަހުގެ މެންދުރު 13:45 ހާއިރެވެ. މިމަޢުލޫމާތު ލިބުމާއެކު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ކަނޑުގެ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިން އެދުވަހުގެ ވަގުތެއްގައިވަނީ ފެނިފައެވެ.

އެއާއިއެކު އެމްއެންޑީއެފުން ވަނީ، އެސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި “ހައި ރިސްކު” އޮޕަރޭޝަނުގައި 8 ޑައިވަރުން ބައިވެރިވެއެވެ. މިއޮޕަރޭޝަންގައި ބައިވެރިވި ސްޓާފް ސާޖެންޓް، މުޙައްމަދު މަޙުދީ ނިޔާވެފައިވަނީ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ޑީކޯވެގެން މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށްނެވެ.

މަރްހޫމް މަޙުދީގެ މޫނު ދެއްކުމާއި، މައްޔިތާއަށް ކުރެވޭ ކަށުނަމާދު ކުރިއަށް ގެންދިޔައީ އިސްލާމީ މަރުކަޒުގައެވެ. މަރްހޫމް މުޙައްމަދު މަހުދީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުން ގިނަ ބަޔަކު ވަނީ އިސްލާމީ މަރުކަޒަށް ގޮސްފައެވެ. މީގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ކެބިނެޓުގެ ވަޒީރުންނާއި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މަރްހޫމްގެ ސަންދޯ އައު ސަހަރާއަށް ގެންގޮސްފައިވަނީ އެކަމަށް ޚާއްސަ ކޮށްފައިވާ ވެހިކަލްގައެވެ. ސަންދޯއް ސަހަރާއަށް ގެންދިއުމަށްފަހުވަނީ 7 ބަޑީގެ ސަލާމެއް އަރުވާފައެވެ.

އަދި މަރުހޫމް މަހުދީގެ ސަންދޯކުގައި އަޅާފައި އޮތް ޤައުމީ ދިދަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރްހޫމްގެ އާއިލާއާ ޙަވާލުކުރެއްވިއެވެ.

އަލްމަރްހޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީގެ ޖަނާޒާގައި އެތައްސަތޭކަ ބަޔަކުވަނީ ބައިވެރިވެފައެވެ.

ސަމާލުވޭ! ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުންވެސް އެކަށީގެންވެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

މޫސުމާބެހޭ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެ ސިޓީއަށާއި މ. މުއްޔަށެވެ. އެގޮތުން މާލެއަށް 49.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ގެއްލުނު ޑައިވަރުން ހޯދަން ކުރާ މަސައްކަތަށް އެހީވާން އިޓަލީ ސަރުކާރުން މާހިރުން ފޮނުވަނީ

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް ދިވެހި ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިޓަލީ ސަރުކާރުން ފޮނުވާ ހާއްސަ ފަންނީ މާހިރުންގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުން ފުރަތަމަ ޑައިވްކޮށްފައިވަނީ އިއްޔެ އެވެ. އަދި ދެވަނަ ޑައިވްއަށް ތައްޔާރުވެ މިއަދު ހެނދުނު 10:30 ހާއިރު އޮޕަރޭޝަން ވަނީ ފަށާފަ އެވެ.

“ހަވާސާ”އަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ އިއްޔެ ދިވެހި ސިފައިން އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ވަރަށް އޮއިބާރު ވަގުތެއްގައިކަމަށެވެ.

“އިއްޔެގެ ޑައިވުން ހޯދުނުގެ ކުރިއެރުންތަކުގެ މައްޗަށް ބަލާ މިއަދުގެ ޑައިވް ކުރިއަށް ގެންދާނީ އެބޭފުޅުން،”. އިސް ތަރުޖަމާން ވިދާޅުވި އެވެ.

މި އޮޕަރޭޝަނަށް އިޓަލީ، އޮސްޓްރޭލިޔާގެ އިތުރުން އިނގިރޭސިވިލާތުގެ ފަންނީ އެހީތެރިކަން ލިބެމުންދާކަމަށާއި އަދި ވަރަށް އަވަހަށް އިޓަލީ ސަރުކާރުން ފޮނުވާ މާހިރުންގެ ޓީމެއް އޮޕަރޭޝަނާ ގުޅެނެކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް ނިންމަން ޖެހޭ އެންމެހާ އިންތިޒާމްތައް ނިންމައި ކަންކަން މިހާރު ފައިނަލްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލާތީ އެ މީހުން ޑައިވަށް ގެންދިޔަ ސަފާރީ ‘އެމްވީ ޑޫކް އޮފް ޔޯކް’ގެ އޮޕަރޭޓިން ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދުމަށް ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި ހޮހޮޅައިގެ ތިން ޗެމްބަރުގެ ތެރެއިން ދެ ޗެމްބަރު ބެލި ނަމަވެސް އެކަކު ވެސް ފެނިފައި ނުވާ ކަމަށް އިޓަލީ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު– އެމްއާރުސީސީއަށް ލިބިފައިވަނީ ބުރާސްފަތިދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ފަށާފައިވާކަމަށާއި މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، ބުރާސްފަތި ދުވަހުގެ 18:13 ހާއިރު މޫދު އަޑިންނެވެ. މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.

މިހާރު ކުރިއަށް ދަނީ ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތެވެ.

 

 

ތިން ރައީސުން ގުޅިގެން ނެރުނު ބަޔާނާއި ދޭތެރޭ އަންނަނީ ހިނި: ޕީޖީ ލީޑަރު ފަލާހު

ފަލާހު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދެއްކެވި ނަމަވެސް، އެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ނޫސްވެރިންނަށް ސުވާލު ކުރަން ޖެހުނީ އެ ތިން ރައީސުން އެދިވަޑައިގެންނެވި ގޮތަށް ކަމަށާއި، އެ ނޫން ސުވާލެއް ކުރަން އުޅުމުން އެކަން ހުއްޓުވާފައިވާ ކަމަށެވެ.

އަދި އެބޭފުޅުން އެކުލަވާލި އެއްބަސްވުމުގައި ޝަރުޢީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި، އިގްތިސާދީ ޙާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތުމުން ހިނި އަންނަ ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ވެރިކަމުގައި ކަންކަން ހިނގާދިޔަ ގޮތަށް ފަލާހު ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ފަނޑިޔާރަކު ހައްޔަރުކޮށްގެން ޖަލަށްލުމާއި، ކޯޓުތަކުގައި ތަޅުއެޅުވުމާއި، އެމްއެންބީސީ އާއި ސާކް ސަމިޓާ ގުޅޭ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ކޯޓުތަކުގެ ޓިނު ނަގައި ގާޒީންނަށް ބިރުދެއްކުމާއި، މަޖިލިސް ހިސާރުކުރުމުގެ އިތުރުން، ނޫސްވެރިޔާ ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ ވާހަކަ ދެއްކުން މަނާކޮށް ނޫސްވެރިންގެ އަނގަމަތީގައި ޓޭޕް އެޅި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙުގެ ވެރިކަމުގައި ގައުމު 60 ބިލިއަން ރުފިޔާއިން ދަރުވާލުމާއި، ވެންޓިލޭޓަރުގެ ވައްކަމާއި، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ އިތުރުން ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ދޫކޮށްލި މައްސަލަ ވެސް ފަލާހު ފާހަގަކުރެއްވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން އެ ތިން ބޭފުޅުން ކަންކުރެއްވި ގޮތުގެ ކުޑަ މިންވަރެއް ކަމަށާއި، މިފަދަ ހާލަތެއްގައި އެބޭފުޅުންނަށް ދެން ގައުމާއި ރައްޔިތުންނަށް ހޯދައިދެވޭނެ ހަގީގީ މިނިވަންކަމެއް ނެތް ކަމަށެވެ.

އަދި މި ތިން ބޭފުޅުންގެ ވެސް އޮތީ ހުސް އަމިއްލަ އެދުން ކަމަށް ވިދާޅުވެ، އެބޭފުޅުން ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭނެ މިންވަރާ މެދު ރައްޔިތުން ފުންކޮށް ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވަމުން ފަލާހު ވަނީ ފާޑުކިއުންތައް ނިންމާލައްވާފައެވެ.

ނޫސްވެރިކަމުގެ ދިފާއުގައި ތިން ރައީސުން އެއް މޭޒަކަށް: ތާރީޚީ ބައްދަލުވުމެއް ފަށައިފި

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުން މިރޭ ފެންނަމުންދަނީ ކުރިން އުންމީދު ނުކުރާ ފަދަ ތަފާތު އަދި ތާރީޚީ މަންޒަރެކެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު ސިޔާސީ ތިން ފިކުރެއްގެ އެންމެ އިސް ތިން ލީޑަރުން ކަމަށްވާ ކުރީގެ ތިން ރައީސުން މިރޭ ވަނީ އެއް މޭޒަކުން ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މި ތިން ބޭފުޅުން މިރޭ ބައްދަލުކުރައްވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ނޫސްވެރިކަމުގެ ދިފާއުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ.

މާލޭގައި މިހާރު ކުރިއަށްދާ މި ބައްދަލުވުން މިހާރު ވަނީ ރަސްމީކޮށް ފެށިފައެވެ. ސިޔާސީ ގޮތުން ތަފާތު ޚިޔާލުތަކެއް ގެންގުޅުއްވާ މި ތިން ރައީސުން އެއް މޭޒަކުން ފެނިގެން ދިއުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް މިރޭ ލިބުނު ބޮޑު ސިއްސުމެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ތިން ބޭފުޅުންގެ މަޝްވަރާތަކަށް ފަހު، އެ ސަރަހައްދުގައި ތިބި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި އެޅުނު ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ސިޔާސީ މުހައްލިލުން ސިފަކުރެއެވެ.

އާޓިފިޝަލް ބީޗް ކައިރީގައި ޕީއެންސީ އާއި އެމްޑީޕީއާއި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށް މަސްލަހަތު ހޫނުވެއްޖެ

މާލޭގެ ބޮޑުތަކުރުފާނު މަގު އާޓިފިޝިއަލް ބީޗު ސަރަހައްދުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީއެންސީގެ ސަޕޯޓަރުންގެ ދެމެދުގައު ބަހުގެ ހަމަލާތަކެއް ހިނގައި އެސަރަހައްދު ހޫނުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ ޕީއެންސީ ހަރުގޭގައި އެ ޕާޓީގެ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބޭއްވި ބައްދަލުވުން ކުރިއަށް ދަނިކޮށެވެ. ހަމަ އެ ވަގުތު، އާޓިފިޝަލް ބީޗް ސަރަހައްދުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ “އިތުބާރު” ޖަލްސާގެ ބައިވެރިން ޕީއެންސީ ހަރުގެ ހުންނަ ސަރަހައްދަށް ދިއުމުން، ދެ ޕާޓީގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަން ފެށިއެވެ.

މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް ހޫނުވެ، މަގުމަތީގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. Continue reading “އާޓިފިޝަލް ބީޗް ކައިރީގައި ޕީއެންސީ އާއި އެމްޑީޕީއާއި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށް މަސްލަހަތު ހޫނުވެއްޖެ”

މާލެ އައި ލޯންޗަކުން ތޮށިގަނޑު މައްޗަށް ކުނިއެޅުމުން ޖޫރިމަނާ ކޮށްފި

މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނިއަޅާފައި ފުރި ލޯންޗެއް، މާލެ ސިޓީ ކައުންސިލުން ޖޫރިމަނާ ކޮށްފި އެވެ.

ކައުންސިލުން މިއަދު ބުނީ މިދިޔަ އަންގާރަ ދުވަހު އެ ލޯންޗުގައި އުޅޭ މީހުން އެ ބަދަރަށް ކައިރިކޮށް ތޮށިގަނޑު މައްޗަށް ކުނި އަޅާފައިވާ ކަމަށެވެ.

ކުނި އަޅައިގެން ޖޫރިމަނާ ކުރީ އެލްޖީއެން 101 ކިޔާ ލޯންޗެކެވެ. އެ މީހުން ލޯންޗުން ބާލާފައި ހުރީ ކަރުދާސް ހުސް ފޮއްޓާއި ލަކުޑިތަކެކެވެ.

އިއްޔެ އެ ލޯންޗު އަނބުރާ މާލެ އައުމުން، އުތުރުފަރާތު 1 ނަމްބަރު ޖެޓީގައި އޮއްވާ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުން އެ ލޯންޗު ހޯދުމަށް ފަހު، ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެފަދަ މައްސަލަތަކީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނާ ކަމަކަށް ވާތީ، ކުނި އަޅައިގެން ޖޫރިމަނާ ކުރެ އެވެ.

ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 500ރ. އިންނެވެ. ތަކުރާރުވެއްޖެ ނަމަ 500ރ. އިތުރުވާ ގޮތަށް ހަދަ އެވެ.

މާލެ މަގުތައް ސާފުކުރިޔަސް ތަކުރާރުކޮށް ކުނި އަޅާތީ މީގެ ކުރިން ވެސް ވަރަށް ގިނަ މީހުން ޖޫރިމަނާ ކޮށްފައިވެ އެވެ.

މަގުތަކާއި އާއްމު ތަންތަނަށް ކުނި ނޭޅުމަށް ކައުންސިލުން އިލްތިމާސް ކުރެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ “ހަގީގަތެއް ނެތް” ކަމަށް ބުނެ ބޭރުކޮށްލައިފި

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ.

މި މައްސަލައަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މައްސަލައެކެވެ. މައްސަލަ ބޭރުކޮށްލަން ނިންމެވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް ވިދާޅުވީ، މީކާއިލް ހުށަހެޅުއްވި މައްސަލައަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި “އަދަދު” ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އެ ނޫސްވެރިޔާ ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ރައީސް އޮފީހުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެ ނޫހުގެ ނޫސްވެރިންނަށް ސަރުކާރުގެ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭނެކަން ރަސްމީކޮށް އަންގާފައިވާ ކަމަށްވެސް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މެންބަރު މީކާއިލް ފާހަގަކުރެއްވި ގޮތުގައި، އެ ނޫހުން ޝާއިއުކުރި ބަޔާނަކާ ގުޅިގެން ނޫސްވެރިޔަކު ކުއްލި ގޮތަކަށް ހައްޔަރުކޮށް ބަންދުކުރުމަކީ މުޖުތަމަޢުގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމެކެވެ. އަދި މިއަހަރުގެ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހިމެނިފައިވާ ދަށް ދަރަޖައަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތީ ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތާ އެއްގޮތަށް ހިނގާފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް މީކާއިލް ހުށަހެޅުއްވި މައްސަލައަކީ އެފަދަ ހަގީގަތެއް އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށް ރިޔާސަތުން ނިންމެވިއެވެ.

އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ އިދިކޮޅު މެންބަރު ހުށަހެޅުއްވި މި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ގަވާއިދާ ހިލާފަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން އަތުލައިގަނެފި

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، މާލޭ ސަރަހައްދުގައި ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ގަވާއިދާ ހިލާފަށް އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އިއްޔެ ރޭ ހިންގި މި އޮޕަރޭޝަންގައި، މާލޭ ގަލޮޅު ގެއަކާއި ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓެއްގެ އިތުރުން ވޭނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. މި ފާސްކުރުންތަކުން 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ބޭނުންކުރި ވޭން ފުލުހުން ޓޯކޮށްފައިވާއިރު، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މެންބަރު މީކާއިލްގެ ނަން އިއްވައި މަޖިލީހުން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ގަވާއިދަށް ހުރަސްއަޅައި ރިޔާސަތުގެ އެންގުންތަކަށް ތަބާނުވުމުގެ ސަބަބުން ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމަށްފަހު މަޖިލީހުގައި ދެން ކުރިއަށް ގެންދިޔައީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު ހުސެއިން ނާސިޙު ހުށަހަޅުއްވާފައިވާ ސައިބާ ސެކިއުރިޓީ ބިލުގެ ބަހުސެވެ.

މި ބަހުސްގެ ތެރެއިން ވާހަކަދެއްކުމަށް ލިބުނު ފުރުސަތުގައި މީކާއިލް ވަނީ އެ ވާހަކައެއް ދެއްކުން ހުރިހާ ރައްޔިތުންގެ މައްޗަށް މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގައި (ގެގް އޯޑަރު) ބުނާ ވާހަކަތަކެއް ދައްކަވާފައެވެ.

މީކާއިލް އެ ވާހަކަތައް ދައްކަވަން ފެއްޓެވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ވާހަކަތައް ނުދައްކަވައި ބިލުގެ މައުޟޫއަށް ވާހަކަދެއްކުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް، މީކާއިލް އެކަމަށް ތަބާނުވުމުން ރިޔާސަތުން ވަނީ ދެ ފަހަރެއްގެ މަތިން އޭނާގެ މައިކްގެ އަޑު ވެސް ކަނޑާލާފައެވެ.

މައިކް ކަނޑާލުމުންވެސް މީކާއިލް މަޖިލިސް ތަޅުމުގައި އަޑުގަދަކޮށް ވާހަކަދައްކަވަން ފެއްޓެވުމުން، ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވައި ތަޅުމުން ނިކުތުމަށް އަންގާފައެވެ.

ނަން އިއްވުމާ ގުޅިގެން މީކާއިލް ވަނީ ސުލްހަވެރިކަމާއެކު މަޖިލިސް ދޫކުރައްވައި ވަޑައިގެންފައެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ނާޒިމު ވަކިކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމަންޓްރީ ގުރޫޕުން މަސައްކަތް ފަށައިފިއެވެ.

ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރަކު އެމްއެމްޓީވީއަށް މައުލޫމާތު ދެއްވި ގޮތުގައި ނާޒިމު މަޖިލީހުގެ ނައިބުރައީސްކަމުން ވަކިކުރުމުގެ މަސައްކަތް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ފެށީ މިއަދު މެންދުރު ކުރިން ބޭއްވި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ މީޓިންއެއްގައި އޭނާ މަގާމުން ވަކިކުރުމަށް ފާސްވުމުންނެވެ.

މެންބަރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި ނާޒިމުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ނާޒިމު ޕާޓީގެ ލީޑާޝިޕު ގުރޫޕުތަކުން ބޭރުކުރައްވައި، މަޖިލީހުގެ ނައިބުރައީސްކަމުން ވަކިކުރެއްވުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ފާސްކުރި ސަބަބެއް މިހާތަނަށް ހާމަނުކުރެއެވެ.

ނާޒިމަކީ 2009 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާފައިވާ މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އެއް ބޭފުޅާއެވެ.

މައްސަލައަކާ ގުޅިގެން ޑީޖޭއޭގެ ދެ ޑިރެކްޓަ ޖެނެރަލުން ސަސްޕެންޑްކޮށްފި

ބަލަމުންދާ މައްސަލައަކާ ގުޅިގެން، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދެ ޑިރެކްޓާ ޖެނެރަލުން ސަސްޕެންޑްކޮށްފި އެވެ.

މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައިވަނީ “މިހާރު” އަށް އެނގިފައިވާ ގޮތުގައި ޒަކަރިއްޔާ ހުސެއިން އަދި އަހުމަދު އަލީ އެވެ.

ޒަކަރިއްޔާއަކީ އެ އިދާރާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ އެވެ. އޭނާއަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނެންޓް ސެކެޓްރީ އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލެވެ.

އެ ދެ ބޭފުޅުން ވެސް ސަސްޕެންޑްކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އަންގާފައިވީ ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް އެނގޭ ގޮތެއް ނުވި އެވެ.

ޑީޖޭއޭގެ އިސް ދެ ބޭފުޅަކު ސަސްޕެންޑްކޮށްފައިވާއިރު، އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމު ކަމަށްވާ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އަމުޖަދު މުސްތަފާ މި ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ދެއްވައި ފޮނުއްވި ސިޓީގައި އަމްޖަދު ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު ޗީފް ޖުޑިޝަލް އެޑްމިނިސްޓާގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.