ޖުމުލަ 308 ކެންޑިޑޭޓުން ވާދަކުރާ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ

ސަރުކާރު ހިންގާ ޕީއެންސީން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށައިފަ އެވެ. ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ޕީއެންސީން ބުނިގޮތުގައި މި ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ކައުންސިލްތަކަށް 183 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކަށް 121 ކެންޑިޑޭޓުންނެވެ. ޕީއެންސީން މިފަހަރު ނިންމާފައި ވަނީ ކޮންމެ ކެންޑިޑޭޓެއް ނިސްބަތްވާ ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ކަމަށް ޕާޓީގެ އިންތިހާބީ މެނޭޖަރު އިބްރާހިމް ފަލާހު ބުނެފައިވެ އެވެ.

ފަލާޙް ބުނެފައިވާ ގޮތުގައި މި ޕްރައިމަރީގައި ގިނަބަޔަކު ވޯޓްލާނެކަމަށް ލަފާކުރެވޭ އިރު، މި ޕްރައިމަރީއާ ގުޅިގެން ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 70,000 އިން މައްޗަށް ގޮސްފައެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 1,362 މީހުން އިންތިހާބުކުރެވޭނެ އެވެ.

މޫސުން ގޯސްވެ، އެންމެ ދެކުނަށް ހުދު ސަމާލު!

މޫސުން ގޯސްވެ، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ

މެޓުން ހުދު ސަމާލު ނެރެފައިވަނީ ފުވައްމުލަކު ސިޓީން އައްޑޫ ސިޓީއާ ހަމައަށެވެ.

މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:00ގައެވެ. މި ސަމާލުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 19:00 ގައެވެ.

ބުރާސްފަތި ދުވަހު ބޮޑުކުރި އެކަނިވެރި މައިންގެ އިނާޔަތް ހުކުރު ދުވަހު ކުޑަކޮށްފި

ދައުލަތުގެ ބަޖެޓުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ދޭ އުސޫލަށް ބަދަލު ގެނެސް 15،000ރ. އާއި ހަމައަށް އެ އިނާޔަތް ދެވޭނެހެން ގަވާއިދަށް ބުރާސްފަތި ދުވަހު އިސްލާހު ގެނައުމަށްފަހު އެ އިނާޔަތް ދެވޭ އަދަދު 12،000ރ. އަށް ކުޑަކޮށްފި އެވެ.

އެންސްޕާ އިން ހުކުރު ދުވަހު އެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހު ގެޒެޓުކޮށްފަ އެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް މިހާތަނަށް އިނާޔަތުގެ ގޮތުގައި ދެމުން އައީ މަހެއް މައްްޗަށް ކޮންމެ ކުއްޖަކަށް 1،000ރ. އެވެ. އަދި އެންމެ ގިނަވެގެން ދެމުން އައީ މަހެއްގެ މައްޗަށް 10،000ރ. އެވެ.

ކުރިން މަހެއްގެ މައްޗަށް ހަތަރު ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް ދެމުން އައި އިނާޔަތް އިއްޔެ ވަނީ 3،000ރ. އަށް ބޮޑުކޮށްފަ އެވެ. ހަތަރަކަށްވުރެ ގިނަ ކުދިން ތިބި ބެލެނިވެރިއެއްނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް ދޭނީ 1،000ރ. އެވެ.

ނަމަވެސް ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް އިތުރު ފައިސާއެއް ނުލިބޭނެ ގޮތަށް ހުކުރު ދުވަހު ވަނީ ހަމަޖައްސާފަ އެވެ. އިނާޔަތުގެ ގޮތުގައި ލިބޭނީ ހަތަރު ކުދިންނަށް، ކޮންމެ ކުއްޖަކަށް ދޭ 3،000ރ. އެކަންޏެވެ.

މަހެއްގެ މައްޗަށް ދެވޭ އެންމެ ބޮޑު އަދަދު އިއްޔެ 15،000ރ. އަށް ބޮޑުކުރިޔަސް ދެން އެވަރެއް ނުލިބޭނެއެވެ. ދެން ލިބޭނީ ގިނަވެގެން 12000ރ. އެވެ. މި ބަދަލު ގެނައި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ލިބޭ 5000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ކޯޓަށް ހާޒިރުކުރުމަށް ކޭ ޕާކް މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަދަމާ 2:00 އަށް އެ ކޯޓަށް ހާޒިރުކުރަން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ.

ކޭ ޕާކް ހަދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް މަންޑޭގެ މައްޗަށް މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގައި އޭނާގެ އެޕާޓްމެންޓާއި އޭނާގެ އަގު ބޮޑެތި ސާމާނުތަކެއް ފުލުހުން ހިފެހެއްޓިއެވެ.

ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ އަޑުއެހުން މާތްﷲއަށްޓަކައި ވެސް ފަސްކުރަން މަންޑޭގެ ފަރާތުން އެދި ސިޓީއެއް ފޮނުވި ކަމަށެވެ. އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް އެންގުމުން ވެސް ހާޒިރުނުވި ކަމަށް ގާޒީ ވިދާޅުވިއެވެ.

ސިނަމަން ވެލިފުށި ރިސޯޓްގެ ޑަސްބިން ތެރޭގައި މަރުވެފައިއޮއްވާ ފެނުނު ކުއްޖާގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ސިނަމަން ވެލިފުށި ރިސޯޓުގައި ބައިގެންދިޔަ ކުއްޖަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް އިއްޔެގެ ހެނދުނު 10 ޖެހި ފަހުން އެ އިދާރާ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައިގެ މައުލޫމާތު ލިބެމުންދާ ވަރަކުން މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބަރުދަނުގައި ދެކިލޯ ހުރި އެ ކުއްޖާ މަރުވެފައި އޮއްވައި ފެނިފައިވަނީ އެ ރިސޯޓުގެ އެކޮމެޑޭޝަން ބްލޮކުގެ ޑަސްބިނަކުންނެވެ. ކުއްޖާ ފެނުނުއިރު ވަނީ ކުނިވެފައެވެ.

ފުރަތަމަ ފަހަރަށް ހަނިމާދޫ އެއާޕޯޓަށް ކޮމާޝަލް ޖެޓެއް ޖައްސައިފި

ދާދި ފަހުން ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވި ހަނިމާދޫ އިންޓަނޭޝަނަަލް އެއާޕޯޓަށް ފުރަތަމަަ ފަހަރަށް ކޮމާޝަލް ޖެޓެއް ޖައްސައިފިއެވެ.

ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމުގައި ކަނޑައެޅި ނަމަވެސް އެއާޕޯޓުގެ ރަންވޭގެ ކުޑަކަމުގެ ސަބަބުން އެ އެއާޕޯޓަށް ޖައްސަމުން އައީ ހަމައެކަނި އޭޓީއާރް އަދި ޑޭޝް މަރުކާގެ މަތިންދާބޯޓުތަކެވެ. އަދި އެ އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރަކަށް ކުރަމުންއަައި އިންޑިޔާގެ ޓްރިވެންޑަމަށް ކުރި ދަތުރުތަކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް މިދިޔަމަހު އަލުން ހުޅުވި ފަހުން ފުރަތަމަ ކޮމާޝަލް ޖެޓެއް ޖައްސާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.މީގެ ކުރިން ބައެއް ޖެޓުތައް ތެޔޮއެޅުމަށް ހަނިމާދޫއަށް ޖެއްސިނަމަވެސް މިހާތަނަށް ފަސިންޖަރުންނާއެކު ޖެޓެއް އެ އެއާޕޯޓަކަށް ޖައްސާފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ޖެއްސި ޖެޓަކީ ހައިޑަވޭ ބީޗް އެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ގެސްޓުން ގޮވައިގެން އައި ޖެޓެކެވެ. އެ ޖެޓުގައި 8 ފަތުރުވެރިން ތިބިކަމަށް ހަނިމާދޫ އެއަޕޯޓުން މަޢުލޫމާތުދެއްވައެވެ.

މި ޖެޓު އައިސްފައިވަނީ ޕެރާގުން ފުރައިގެން ސީދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އާއަހަރާ ދިމާކޮށް އައި މި ޖެޓުގައި އެ އެއާޕޯޓުގައި ބޭއްވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ޖެޓަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ހަނިމާދޫ އެއާޕޯޓުން ދެމުން ގެންދާނެއެވެ. ހަނިމާދޫ އެއާޕޯޓު ތަރައްޤީކޮށްފައިވަނީ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ގޮތަށެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މި އޭޕްރަންގައި އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ. 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް މިއެއަރޕޯޓުގެ ވަނީ ތަރައްގީކޮށްފައެވެ.

ސުނާމީ އެރިތާ 21 އަހަރު: ހިތާމައާއެކު ދިވެހީންނަށް ސިހުން ގެނުވި ދުވަހެއް، މިއަދުވެސް އެ ހަނދާންތައް!

މީގެ 21 އަހަރު ކުރިއެވެ. އެ ދުވަހު އެރި އިރާއެކީ ދިވެހިން ނިދިން ހޭލައްވާލީ ބިން ހެލުމަކާއެކުގައެވެ. އެއަށްފަހު ދިވެހީންނަށް ކުއްލި ސިހުމެއް ގެނުވީ ރާއްޖޭގެ ރަށްތަކެއް ސުންނާފަތިކޮށްލި ސުނާމީއެވެ. އެ ހަނދާންތައް މިއަދު ވީ ކަމެއްގެ ގޮތުގައި ގިނަ ބައެއްގެ ހަނދާނުގައި އެބަހުއްޓެވެ.

ޑިސެމްބަރު 26، 2004ގައި އިންޑޮނޭޝިއާގެ ސުމާޓްރާއަށް އައި ބާރުގަދަ ބިންހެލުމާއެކު އެރި ސުނާމީގެ އަސަރު އޭޝިއާގެ ގިނަ ގައުމުތަކަށް ކުރިއެވެ. އޭގެ ތެރޭގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ކުޑަކުޑަ ދިވެހިރާއްޖެ ވެސް ހިމެނެއެވެ.

އެ ކާރިސާ ވެގެންދިޔައީ ރާއްޖޭގެ ތާރީހުގެ ވެސް އެންމެ ބޮޑު ކާރިސާއަށެވެ. އެ ކާރިސާގައި ރާއްޖޭން 26 މީހަކު ގެއްލި، 82 މީހަކު ނިޔާވިއެވެ. އެތައް ބައެއްގެ ގެދޮރު ގެއްލި، ސުނާމީގައި ބޮޑެތި ގެއްލުންތަކެއްވި ހަތަރު ރަށެއް ފަޅު ރަށްތަކަށް ވެގެންދިޔައެވެ.

ކަނދޮޅުދޫގެ އެތައް ބަޔަކު ތުއްތު ކުދީންނާއެކު ގޭގޭގެ ފުރާޅުތައް މައްޗަށް!

ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ރ.ކަނދޮޅުދޫއެވެ. އެ ރަށަކީ ބިންކުޑަ ރަށަކަށް ވުމުން އެރަށުގައި ދިރިއުޅުނު 3600 މީހުން ދިރިއުޅެމުންދިޔަ ގޯތިތައް ވެސް ވެގެންދިޔައީ ވަރަށް ކުދިކުދި ގެތަކަށެވެ. ގޯޅިތައް ވެސް އެހާމެ ހަންޏެވެ. ގޯޅިއެއް، ގެއެއް ވަކިކުރަން އުނދަގުލެވެ.

އެއީ ސްކޫލް ބަންދު ކަމަށްވުމުން، މާލޭގައި އުޅުނު އެ ރަށަށް އުފަން ގިނަ ބަޔަކު ވެސް އެ ދުވަސްކޮޅު ހޭދަކުރަމުންދިޔައީ ރަށުގައި އާއިލާއާއެކުގައެވެ. ބިންހެލުމަށްފަހު ކަނދޮޅުދުއަށް ސުނާމީ އެރީ އެ ދުވަހުގެ ހެނދުނު 9:30 ހާއިރެވެ. އެރަށު މީހުން ސިފަކުރާ ގޮތުގައި އެދުވަހު އެ ދުވަހަކީ އެ ރަށުގައި ތިބި ކުދިބޮޑު އެންމެންނަށް ނާމާން ދުވަހެކެވެ. އެ ރަށަށް ރާޅު އެރީ ހަތަރު ފަރާތުންނެވެ. ރަށު ތެރެއަށް ފެތުރިގެންދިޔަ ފެންގަނޑު، މީހުންގެ ކަރާ ހަމައިގައި ހުއްޓެވެ.

ރ. ކަނދޮޅުދުއަށް ސުނާމީ އެރުން

އެ ރަށުގެ އެތައް ބަޔަކު އެ ދުވަހު ސަލާމަތްވުމަށް ތުއްތު ކުދިންނާއެކު ފުރަތަމަ އެރީ ގޭގޭގެ ފުރާޅުތައް މައްޗަށެވެ. ބައެއް މީހުން ގޭގޭގެ ތެރޭގައި ތާށިވެފައި ވެސް ތިއްބެވެ. ނުކުމެވޭނެ ގޮތެއް ވެސް ނެތިފައެވެ. އެމީހުން ސަލާމަތްކުރުމަށް އެރަށުގެ އެހެން މީހުން އެހީތެރިވެދިނެވެ.

އެ ރަށުގެ ހަތަރު ފަރާތުން އެރި ރާޅުތައް މައިތިރިވީ އެ ރަށުގެ ހުކުރު މިސްކިތާ ހަމައިންނެވެ. އެ މިސްކިތުގެ ތެރޭގައި އިވެމުންދިޔައީ މީހުންގެ ރުއިމާއި ތަކުބީރުގެ އަޑުތަކެވެ. ކަނދޮޅުދޫ މީހުން ރަށް ދޫކޮށް ދިޔައީ ތިންވަނަ ރާޅެއް އަރަން އުޅޭ ކަމުގެ ހަބަރާއެކުއެވެ. އެމީހުން ސަލާމަތް ނުވާނެކަމުގެ ބިރާއެކުއެވެ. އެ ކާރިސާގައި އެ ރަށުން ތިން މީހަކު މަރުވިއެވެ.

މުޅި ރަށް ވީރާނާ ވެގެންދިޔަ އެ ކާރިސާއާ ގުޅިގެން ސަރުކާރުން އެ ރަށުގެ މީހުން އާބާދުކުރީ އޭރު ފަޅުރަށެއްގެ ގޮތުގައި އޮތް ރ. ދުވާފަރުގައެވެ. ކަނދޮޅުދޫގެ އާއިލާތައް މިހާރު ދުވާފަރުގައި އުޅެމުންދަނީ އުފާވެރިކަމުގައެވެ. ސަރުކާރުން އޭރު އަޅައިދިން ގެދޮރުތަކުގައެވެ. އެ ރަށުން އަސާސީ ހުރިހާ ހިދުމަތެއް ލިބެއެވެ.

ސުނާމީއާއެކު ތ.ވިލުފުށި އަލުން އިމާރާތްކުރަން ޖެހުނު، މ.އަތޮޅަށް ވެސް ގެއްލުންތަކެއް!

ސުނާމީގައި ކަނދޮޅުދުއަށްފަހު ދެން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދިޔަ އެއް ރަށަކީ ތ. ވިލުފުއްޓެވެ. އެ ކާރިސާގައި ވިލުފުށި އަލުން އިމާރާތްކުރަން ޖެހޭ ހާލަތަށް ދިޔައެވެ. ގެތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެގެންދިޔައެވެ.

ވިލުފުއްޓަށް ސުނާމީ އަރައިގެން ދިޔައީ ގަސްތަކުގެ މަތިން 12 ފޫޓުގެ އުސް ރާޅަކާއެކުއެވެ. ގަސްތައް މުލުން ލުހި، ގޭގެ ފާރުތައް ވެއްޓި، ކުނިބުނިތައް ރަށުތެރެއަށް ދެމިގަތެވެ. އެ ކާރިސާގައި ގެނބިގެން އެ ރަށުން 18 މީހަކު މަރުވިއެވެ.

މިހާރުގެ ވިލުފުއްޓަކީ އޭރު ފެންނަން އޮތް ވިލުފުއްޓެއް ނޫނެވެ. ސުނާމީއަށްފަހު އެ ރަށުގެ މީހުން ވަގުތީ ހިޔާވަހިކަމަށް ގެންގޮސް މުޅި ރަށް އިމާރާތްކުރިއެވެ. ސަރުކާރުން އޭރު ވަނީ އެރަށުގެ ބިން ވެސް ބޮޑުކޮށްފައެވެ. އަދި ސަރުކާރުން ވަނީ އެ ރަށުގެ ރައްޔިތުންނަށް ގެދޮރު އަޅައިދީ، އަސާސީ ހިދުމަތްތައް ހޯދޭނެ މަގުފަހިކޮށްދީފައެވެ. މިއަދު އެ ރަށް ފެނިގެންދަނީ ތަރައްގީ ރަށެއްގެ ގޮތުގައެވެ.

ސުނާމީގައި އެންމެ ބޮޑު ގެއްލުންތަކެއްވީ އަތޮޅުތަކުގެ ތެރޭގައި މ. އަތޮޅު ހިމެނެއެވެ. އެ ކާރިސާގައި މ.މަޑިފުއްޓާއި ކޮޅުފުއްޓާއި މުއްޔާއި ނާލާފުއްޓާއި ދިއްގަރަށް ވެސް ގެއްލުންތަކެއްވިއެވެ. އެ ކާރިސާއާއެކު މަޑިފުށި ފަޅު ރަށަކަށް ބަދަލުވެގެންދިޔައެވެ.

ސުނާމީ ކާރިސާގެ ކުރިން މަޑުފުއްޓާއި ރަތްމަންދޫއާ ދެމެދުގައި ކުރީއްސުރެ އޮންނަ 600 އަކަފޫޓުގެ ފުޅާމިން ހުންނަވަރުގެ މޫދު ވަނީ ވެލިއަޅާ ހިއްކައި، ދެ ރަށް ގުޅުވާލައިފައެވެ. އެއާއެކު އެއް ރަށުން އަނެއް ރަށަށް ދެވޭ ފަދަ ބޮޑު މަގަކުން ދެ ރަށް ވަނީ ގުޅާލެވިފައެވެ.

ސުނާމީއާއެކު ރާޅު އައި ބާރު މިނުގައި ދިޔައީ އިމާރާތްތައް ފުނޑުފުނޑުކޮށް ވައްޓައި، ގެދޮރުގައި ހުރި ތަކެއްޗާ ވެސް އެކުގައެވެ. މަޑިފުށި މީހުން އޭރު ސަލާމަތްވުމަށް ދިޔައީ އެރަށާ ގުޅާލެވިފައިވާ ރަތްމަންދޫއަށެވެ. ސުނާމީގެ ރާޅުތައް އެރިތާ ކުޑަ ވަގުތުކޮޅަކަށް ފަހު ދެ ރަށް ގުޅުވާލުމަށް ހެދި މަގު ވެސް ވަކިވެގެންދިޔައެވެ. އަލުން ކުރިން އޮތް ގޮތަށް ދެ ރަށް ވަކިވެގެންދިޔައެވެ.

ސުނާމީއަށްފަހު މަޑިފުށީ މީހުން ވަގުތީގޮތުން ދިރިއުޅެމުންދިޔައީ ރަތްމަންދޫ މީހުންގެ ހިޔާވަހިކަމުގެ ދަށުގައެވެ. އެއް މަސްދުވަހު ރަތްމަންދޫ މީހުންގެ އޯގާތެރިކަމާއެކު އެ ރަށުގައި ތިބުމަށްފަހު މަޑިފުށީ މީހުން ވަޒަންވެރިވީ އދ. މާމިގިލީގައެވެ.

ސުނާމީ ކާރިސާގައި އެންމެ ގިނަ މީހުން ނިޔާވީ މ.އަތޮޅުންނެވެ. އެ އަތޮޅުން ވަނީ 34 މީހަކު ނިޔާވެފައެވެ. ލ.އަތޮޅުން 25 މީހަކު ނިޔާވިއިރު، ތ.އަތޮޅުން 19 މީހަކު ނިޔާވިއެވެ. އަދި ދ.އަތޮޅުން 13 މީހަކު ނިޔާވިއެވެ. އެންމެ ގިނަ މީހުން ނިޔާވީ ތ.ވިލުފުށިންނެވެ. އެ ރަށުން 18 މީހަކު ނިޔާވިއިރު، މ.ކޮޅުފުށިން 16 މީހަކު ނިޔާވިއެވެ.

ނިޔާވި މީހުން ނިސްބަތްވާ ރަށްރަށް

  • ތ. ވިލުފުށިން 18 މީހުން
  • މ. ކޮޅުފުށިން 16 މީހުން
  • ދ. ގެމެންދޫއިން 8 މީހުން
  • ލ. މުންޑޫއިން 7 މީހުން
  • ލ. އިސްދޫ ކަލައިދޫއިން 6 މީހުން
  • މ. މަޑުއްވަރީއިން 6 މީހުން
  • މ. މުލީއިން 6 މީހުން
  • ކ. ގުރައިދޫއިން 4 މީހުން
  • ލ. ފޮނަދޫއިން 4 މީހުން
  • ރ. ކަނދޮޅުދޫއިން 3 މީހުން
  • ލ. މާބައިދޫއިން 3 މީހުން
  • ލ. ކަޅައިދޫއިން 3 މީހުން
  • ލ. ދަނބިދޫއިން 2 މީހުން
  • ދ. ރިނބުދޫއިން 2 މީހުން
  • މ. މަޑިފުށިން 2 މީހުން
  • ގދ. ވާދޫއިން 2 މީހުން
  • ވެލާވަރު ރިސޯޓުން 2 މީހުން
  • މ. ދިއްގަރުން އެކަކު
  • މ. ނާލާފުށިން އެކަކު
  • މ. މުލަކުން އެކަކު
  • ހދ. ނާވައިދޫއިން އެކަކު
  • ށ. ކޮމަންޑޫއިން އެކަކު
  • ކ. ގުޅިން އެކަކު
  • ތ. މަޑިފުށިން އެކަކު
  • އދ. ވައިޓް ސޭންޑުން އެކަކު
  • ވ. ތިނަދޫއިން އެކަކު
  • ހަކުރާ ކުލަބުން އެކަކު
  • ދ. ވާނީއިން އެކަކު
  • ގއ. ދާންދޫއިން އެކަކު
  • ގއ. ވިލިނގިލިން އެކަކު
  • ޏ. ފުވައްމުލަކުން އެކަކު

އެ ރަށްތަކުގެ އިތުރުން ސުނާމީގައި ބޮޑެތި ގެއްލުންތަކެއްވީ ރަށްތަކުގެ ތެރޭގައި ލ.މުންޑޫ، ލ.ކަޅައިދޫ، ލ.ދަނބިދޫ، ދ.ގެމެންދޫ، ދ.ރިނބުދޫ، ތ.މަޑިފުށި ހިމެނެއެވެ. ސުނާމީއާއެކު ރ.ކަނދޮޅުދޫ އާއި، މ.މަޑިފުއްޓާއެކު ދ.ގެމެންދޫ އަދި ލ.ކަޅައިދޫ ފަޅުރަށްތަކަށްވިއެވެ.

ސުނާމީ ކާރިސާގައި ދިވެހިންގެ ފަރާތުން ފެނުނު އެންމެ މުހިންމު އެއް ކަމަކީ އެއްބައިވަންތަކަމެވެ. އެހެންކަމުން ސަރުކާރުން ވަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 އަކީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ހަމަޖައްސައިފައެވެ. އެ ދުވަހާއެކު ހާލުގައި ޖެހިގެން ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ދިވެހީން ފޯރުކޮށްދިން އެހީތެރިކަން އެމީހުން ވެސް ނުހަނު އުފަލާއެކު ފާހަގަކުރެއެވެ.

ރަނުގެ އަގު ދުވަހަކުވެސް ނުފުލޭހާ މައްޗަށް އުފުލިއްޖެ

މިއީ 1979 ވަނަ އަހަރަށް ފަހު ރަނާއި ރިހީގެ އަގު އެންމެ ބޮޑަށް އުފުލުނު އަހަރެވެ.

އެމެރިކާގައި ރަން އައުންސެއްގެ އަގު 4,500 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައި ވާއިރު، ރިހީގެ އަގު ވަނީ ތާރީހީ އެންމެ މަތީ މިންވަރަށް އުފުލިފައެވެ.

އެމެރިކާގެ ބާޒާރުގައި އިއްޔެ ރަނުގެ އަގު 0.8 ޕަސެންޓު މައްޗަށް މައްޗަށް ދިޔައިއިރު، މިއީ ވިދިވިދިގެން އަގު އުފުލުނު ހަތަރު ވަނަ ދުވަހެވެ.

އަހަރުގެ ފެށުނުއިރު ރަން އައުންސެއް ހުރީ ގާތްގަނޑަކަށް 2,640 ޑޮލަރަށެވެ. ޖޭ.ޕީ މޯގަން ޗޭސްގެ އެނަލިސްޓުން ލަފާކުރާ ގޮތުގައި، 2026 ވަނަ އަހަރު ރަނުގެ އަގު 5,000 ޑޮލަރަށްވުރެ މައްޗަށް އަރާނެ އެވެ.

މި އަހަރުގެ ތެރޭގައި ރަނުގެ އަގު 70 އިންސައްތަ އުފުލިފައިވާއިރު، ރިހީގެ އަގު ދެގުނައަށްވުރެ ބޮޑުވި އެވެ.

ވެނެޒުއޭލާއިން ތެޔޮ އުފުލާ ޓޭންކަރުތައް އެމެރިކާއިން ހިފެހެއްޓުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން، ރައްކާތެރި އިންވެސްޓްމަންޓެއްގެ ގޮތުގައި ރަނަށް އޮތް ޑިމާންޑް ވަނީ އިތުރުވެފައެވެ.

ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

އަހަރެމެން ދިވެހިންގެ ތެރޭގައި ކޮފީ ބޯ މީހުން ގިނައެވެ. ދުވަހުގެ ފެށުމަކީ ކޮފީއަކަށް ނުވެއްޖެނަމަ މުޅި ދުވަސް “ހަރާބުވާ” މީހުން ގިނަވެއްޖެއެވެ. ވާހަކައެއް ދައްކާލަން ވިޔަސް ނުވަތަ ރައްޓެހިންނާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ވިޔަސް ގުޅާނީ ކޮފީއަކަށް ދާށެވެ. ވަޒީފާގެ މާހައުލުގައި ވެސް ކޮފީ ބްރޭކަކާއި ނުލާ ފުރިހަމަ އަށް މަސައްކަތެއް ނުކުރެވެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ކޮފީ ބުއިމަކީ ހަށިގަނޑަށް އޭގެއިން ކޮން ކަހަލަ އަސަރެއް ކުރާ ކަމެއްތޯ އެވެ. ކޮފީ ބޯ މީހުންނަށް އޮތީ އުފާވެރި ހަބަރެކެވެ. އެއީ ކޮފީ ބުއިމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. ކޮފީ ބުއިމުން ތަފާތު ބަލިތަކުން މީހާ ދުރުކޮށްދޭކަން ދިރާސާތަކުން ދައްކާފައި އެބަހުއްޓެވެ. ކޮފީ ބުއިމަކީ ހަމައެކަނި ދިވެހިންގެ ކަށީގައި ހިފާފައިވާ އާދައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އުޅޭ މީހުންގެ ދުވަހުގެ ފެށުމަކީ ކޮފީއެވެ.

އެގޮތުން ނޭޝަނަލް ކޮފީ އެސޯސިއޭޝަނުން 2023 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އެމެރިކާގެ 63 އިންސައްތަ މީހުން ކޮންމެ ދުވަހަކު ކޮފީ ބޮއެވެ. އެއީ ފެން ފިޔަވައި އެހެން ހުރިހާ ބުއިމަކަށްވުރެ އިތުރު އަދަދެކެވެ. މީގެއިތުރުން ކޮފީ ވަނީ ޔޫކޭގެ އެންމެ މަގުބޫލު ބުއިމުގެ ގޮތުގައިވެސް ފާހަގަވެފައެވެ. ބްރިޓިޝް ކޮފީ އެސޯސިއޭޝަންގެ މައުލޫމާތު ދައްކާ ގޮތުގައި ޔޫކޭގައި ދުވާލަކު ގާތްގަނޑަކަށް 98 މިލިއަން ތަށި ކޮފީ ބޮއެވެ.

ކޮފީ ބުއިމަކީ ކެންސަރު ޖެހުމާއި މީހާ ދުރުކޮށްދޭ ކަމެއް

ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް ބައެއް ކަހަލަ ކެންސަރުތައް ޖެހުމުގެ ފުރުސަތު ކުޑައެވެ. ކެންސަރަކީ ހަށިގަނޑުގެ ސެލްތައް ކޮންޓްރޯލް ކުރެވޭ މިންވަރަށްވުރެ ގިނައިން އުފެދުމުން ޖެހޭ ބައްޔެކެވެ.

މިއީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވުމަށް ދިމާވާ ބައްޔަށް ވާއިރު، ކޮފީ އަކީ ލިވާ ކެންސަރު އަދި ކޮލޮރެކްޓަކް ކެންސަރުން ދިފާއުކޮށްދޭ އެއްޗެކެވެ. ކޮފީ ބޯ މީހުންނަށް ލިވާ ކެންސަރު ޖެހުމުގެ ފުރުސަތު 40 އިނަސައްތަ ކުޑަ ކަމަށް އެމެރިކާގެ ދިރާސާއަކުން ވަނީ ހާމަވެފައެވެ.

ކޮފީ ބުއިމަކީ ކެންސަރުގެ އިތުރުން އެހެނިހެން ބަލި ތަކުންވެސް މީހާ ދުރުކޮށްދޭ އެއްޗެކެވެ. އެގޮތުން ޓައިޕް ޓޫ ޑައިބެޓިކްގެ އިތުރުން ހިތުގެ ބަލިތަކުންވެސް ކޮފީ ބުއިމުގެ ސަބަބުން މީހާ ދުރުކޮށްދެއެވެ. ހާއްސަކޮށް ސްޓްރޯކް ޖެހުމުން މީހާ ރައްކާތެރިކޮށްދެއެވެ. ޓައިފް ޓޫ ޑައިބެޓިކްސް އަކީ އިންސުލިން ރެސިސްޓެންސް ނުވަތަ އިންސުލިން އުފައްދައި ނުދެވުމުގެ ސަބަބުން ހަކުރު މައްޗަށް ގޮސް ޖެހޭ ބައްޔެކެވެ.

މީގެއިތުރުން ކޮފީ ބުއިމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް ކަމަށްވެސް ދިރާސާތަކުން ހާމަވެފައި އެބަހުއްޓެވެ. ކޮފީގައި ހުންނަ ބައެއް މުހިންމު ނިއުޓްރިއެންޓްތަކުގެ ތެރޭގައި ރައިބޯފްލޭވިން، ޕެންޓޯތެނިކް އެސިޑް، މެންގަނީސް، ޕޮޓޭސިއަމް، މެގްނީސިއަމް އަދި ނައެސިން ހިމެނެއެވެ. މި ނިއުޓްރިއެންޓުތަކަކީ ހަށިގަނޑަށް ފައިދާ ހުރި މާއްދާތަކެކެވެ.

ނަމަވެސް މި ފައިދާތައް ގުޅިފައިވަނީ ކޮފީ ބޯ މިންވަރާއެވެ. އެހެންކަމުން މި ފައިދާތައް އެންމެ އެދެވޭ ގޮތުގައި ހާސިލުކުރުމަށް ދުވާލެއްގެ މައްޗަށް ބޯން ޖެހެނީ ކިތައް ތަށި ކޮފީ ހެއްޔެވެ؟ މިއީ ކޮންމެ މީހަކުވެސް ދެނެގަތުން މުހިންމު ކަމެކެވެ.

ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ 3 ނުވަތަ 4 ތަށި ކޮފީ

ޔޫއެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސްއިން ލަފާދެނީ ދުވާލަކު 400 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ނުބުއިމަށެވެ. އެއީ ގާތްގަނޑަކަށް 3-4 ތަށި ކޮފީއެވެ.

ކެފެއިންގެ އަސަރު ފެށެނީ ކޮފީ ބުއިމަށްފަހު ގާތްގަނޑަކަށް 45 މިނެޓާއި 1 ގަޑިއިރާ ދޭތެރޭގައެވެ. އަދި އޭގެ އަސަރު ދެމިގެންދަނީ 3 ގަޑިއިރާއި 5 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ.

އެހެން މަސްމަހާ ހިލާފަށް ރޯދަ މަހަކީ ކެއުމާއި ބުއިމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އަންނަ މަހެކެވެ. ކޮފީ ބޯ ފަރާތްތަކަށް ރޯދަ މަހު ހާއްސަކޮށް މިއީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ރޯދަ މަހު ކޮފީ ބޯން އެންމެ ރަނގަޅު ވަގުތަކީ ކޮބައި ކަން ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ. ނޫންނަމަ ގޭސްޓްރިކް ފަދަ މައްސަލަތަކާއި ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޔުނައިޓެޑް ވިކްޓްރީ ކައިރިން ޓީސީއިން މޮޅުހޯދައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކައިރިން މޮޅުވެއްޖެއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޓީސީން ޔުނައިޓެޑް ވިކްޓްރީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މޮޅާއެކު ޓީސީއަށް ވަނީ ފުލުން ކުރިއަށް ޖެހިލަން ފުރުސަތު ލިބިފައެވެ. އެޓީމުން ނުވަ ވަނައިގައި އޮވެފައި ހަތް ވަނައަށް ޖެހިލީ 12 މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.

ޔުނައިޓެޑް ވިކްޓްރީން މިވަގުތު އޮތީ، އަށް ވަނައިގައެވެ. އެއީ ހަތް ޕޮއިންޓާއެކުގައެވެ.

ފޮޓޯ – އަދަދު ސްޕޯޓްސް

މިއަދު މެޗުގެ 40 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ގާނާގެ ޕްރިންސް ބޯޑޫއެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ، އަލީ އާދެލް އަތުގައި ޖެހިފައި ނުކުތުމުންވެސް ބޯޑޫ ވަނީ ދެވަނަ ފަހަރަށް އެ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ދެ ވަނަ ހާފު ފެށިގެން 15 މިިނިޓް ތެރޭ ލިބުނު ފުރުސަތެއްގައި ޕްރިންސް ވަނީ ދެ ވަނަ ގޯލެއް ޖަހައި ޓީސީގެ ލީޑުފުޅާކޮށްދީފައެވެ.

މެޗު ނިމެން 15 މިިނިޓަށް ވެފައި ވަނިކޮށް ޓީސީން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. ދެވަނަ ގޯލެކޭ އެއްގޮތަށް ތިންވަނަ ގޯލް ޖެހީވެސް ކޯނަރެއްގައެވެ. އެ ގޯލް ޖަހައިދިނީ ހުސެއިން ޝަރީފް (ހުސީ) އެވެ.

ޔުނައިޓެޑް ވިކްޓަރީން މެޗުގައި ޖެހި ހަމައެކަނި ގޯލް ކާމިޔާބުކުރީ 87 ވަނަ މިނިޓްގައެވެ.އެ ގޯލް ޖެހީ މިސްރުގެ ފޯވާޑް މުހައްމަދު ސާމިރެވެ.

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި އެތެރެކުރި 30 މިލިއަނަށް އަގުއަރާ މަސްތުވާތަކެތި އަތުލައިފި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 30 މިލިއަން ރުފިޔާއަށް އަގުއަރާ ހަޝިޝް އޮއިލް ކަސްޓަމްސްއިން މިރޭ އަތުލައިފިއެވެ.

މިރޭ ކަސްޓަމުން ހިންގި ޚާއްސަ މި އޮޕަރޭޝަނަކީ ޗޮކްލެޓް ސިރަޕް ފުޅިތަކެއް ބަލައިފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި، ފުޅިތަކުގެ ތެރޭ ހުރި ތަކެތި ޓެސްޓުކޮށް އެއީ ކޮންޗެއްތޯ ވަނީ ބަލައިފައެވެ. މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ ހަޝިޝް އޮއިލަށެވެ.

ޖުމްލަ އަތެރެކުރި ހަޝިޝް އޮއިލްގެ ބަރުދަން 40 ކިލޯއަށް އަރާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވާކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

ހަޝިޝް އޮއިލްއަކީ ކެނެބިސްގެ ބާވަތެކެވެ.

ކެެނެބިސްއަކީ، ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތުގެ މަސްތުވާއެއްޗެކެވެ. ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ލިބޭނެއެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. ނުވަތަ އެއްލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާން މިމަހުގެ ކުރީކޮޅު ލިޔުއްވާފައިވެއެވެ.

ވިމެންސް ކާވާ ކަޕްގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފި

ވިމެންސް ކާވާ ކަޕް 2025ގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފިއެވެ. މިއީ އެ ޓީމުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ކިރްގިސްތާނުން ކާމިޔާބުކުރީ 3-1 ސެޓުން ދިވެހިރާއްޖެ ބަލިކޮށްގެންނެވެ.

މި މެޗަށް ރާއްޖެއިން ނިކުތީ، ލީގު ބުރުގައި ކިރްގިސްތާން ބަލިކުރުމަށްފަހު، ސައްތައިންސައްތަ ރެކޯޑަކާއެކު ތަށި ހޯދުމުގެ ބޮޑު އުއްމީދެއްގައެވެ.

މެޗުގެ ފުރަތަމަ ސެޓު 25-20 ޕޮއިންޓުން ރާއްޖެއިން ކާމިޔާބު ކުރުމުން މި އުއްމީދު އިތުރަށް ބޮޑުވެގެން ދިޔައެވެ. އެ ސެޓުގައި ދިވެހި ޓީމަށް އެންމެ މުހިންމު ޕޮއިންޓުތައް ހޯދައިދިނީ ކެޕްޓަން ހައްވާ ރާޝިދާއެވެ.

ނަމަވެސް ވަރަށް ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ ސެޓު ގެންދިޔައީ 25-22 އިންނެވެ. މި ސެޓުގައި ކިރްގިސްތާނުން ލީޑު ނެގީ ވެސް ރާއްޖެއަށް 22 ޕޮއިންޓު ހޯދި ފަހުންނެވެ.

ތިން ވަނަ ސެޓުގައި ގިނަ ވަގުތު ކުރީގައި އޮތީ ކިރްގިސްތާނެވެ. ދިވެހި ޓީމުން މި ސެޓުގައި ކިރްގިސްތާނުގެ ލީޑު އިތުރަށް ފުޅާވިޔަ ނުދީ ގިނަ ވަގުތު ހިފެހެއްޓިނަމަވެސް ސެޓުގެ ފަހު ކޮޅު ކިރްގިސްތާނުން ލީޑު ފުޅާކޮށް ސެޓު ގެންދިޔައީ 17-25 އިންނެވެ.

މެޗު އަނބުރާލުމަށް ރާއްޖެއިން ހަތަރު ވަނަ ސެޓަށް ނިކުމެ ކުރި ހޯދައިގެން ގިނަ ވަގުތު ކުޅުނެވެ. ނަމަވެސް ރާއްޖެއިން 18 ޕޮއިންޓު ހޯދި ފަހުން، ސެޓުގައި އަލަށް ކިރްގިސްތާނުން ކުރި ހޯދުމަށްފަހު އެ ސެޓު ގެންދިޔައީ 21-25 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރގެ މަޤާމް ހޯދީ ރާއްޖެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ކިރްގިސްތާން ޓީމުގެ ޖޯޒީނަންބަރ 7 ނޫރްޒަމަލް ބޮލޮޓްބެކޮވާއެވެ. އަދި އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއާގެ މަޤާމް ރާއްޖޭގެ އައިމިނަތު ޝަހާ ޝާމިން ހޯދިއިރު، އެންމެ މޮޅު މިޑްލް ބްލޮކަރގެ މަޤާމު ހޯދީ ކިރްގިސްތާންގެ ކެޕްޓަން އަމިރާކުލޯވާ އާއި ރާއްޖެ ޓީމުގެ ނަރީމާ އިދުރީސްއެވެ. މީގެ އިތުރުން އެންމެ މޮޅު ސެޓަރުގެ މަޤާމު ހޯދީ ރާއްޖޭގެ ޖޫޒާން ޒަރީރުއެވެ. އަދި އެންމެ މޮޅު ލިބެރޯގެ މަޤާމު ކިރްގިސްތާނުގެ އަސީމާ ހޯދިއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދީ ކިރްގިސްތާންގެ ނޫރްޒަމަލް ބޮލޮޓްބެކޮވާއެވެ.