Advertisement

ސެމީފައިނަލުގައި ބަނގުލަދޭޝް ބަލިކޮށް ފައިނަލުގެ ޖާގަ ދިވެހި އަންހެން ވޮލީ ޓީމުން ހޯދައިފި

މިހާރު މާލޭގައި ކުރިޔަށްދާ ވިމެންސް ކާވާ ކަޕް 2025ގެ ސެމީފައިނަލުގައި ފަސޭހަކަމާއެކު ބަނގުލަދޭޝް ބަލިކޮށް، ތާރީޙުގައި ފުރަތަމަ ރަން މެޑަލް ހޯދުމަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ އަންހެން ޓީމުން މަގު ކޮށައިފިއެވެ.

މުބާރާތުގެ ފައިނަލްގައި މިރޭ ކިރްގިސްތާނާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ޓީމަށް އޮތް އެންމެ ބޮޑު ހިތްވަރަކީ، ލީގު ބުރުގެ މެޗުގައި ކިރްގިސްތާން ބަލިކުރެވިފައި ވުމެވެ. އެއީ ފާއިތުވި 6 އަހަރުގެ ތެރޭގައި ރާއްޖެއަށް އެ ޓީމު ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.

Advertisement

މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ރާއްޖެ ނިކުތީ ކިރްގިސްތާންއާ ދެކޮޅަށެވެ. އެ މެޗު 3-2 ސެޓުން ކާމިޔާބުކުރީ އެ ޓީމެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް މެޗު ރާއްޖެއިން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. އެ މެޗުގައި ރާއްޖެއިން ބަނގުލަދޭޝްގެ މައްޗަށް ކުރިހޯދީ 25-17، 25-12 އަދި 15-12 އިންނެވެ.

ސެމީ މެޗުގައި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާއިރު، ކެޕްޓަން ހައްވާ ރާޝިދާ އާއި ވައިސް ކެޕްޓަން ޖޫޒާން ޒަރީރް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ފައިނަލުގެ ކުރިން، މިއަދު ހަވީރު މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ބަނގުލަދޭޝް އާއި އަފްޤާނިސްތާނެވެ.

މި އަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރެއެވެ. އެއީ ދިވެހިރާއްޖެ، ބަނގުލަދޭޝް، އަފްޤާނިސްތާން އަދި ކިރްގިސްތާނެވެ. މި މުބާރާތުގައި ފުރަތަމަ ކުޅުނީ ލީގު ނުރެކެވެ. އަދި ސެމީގެ މެޗުތައް ކަނޑައެޅީ ލީގު ބުރުގައި ޓީމުތަކުގެ ރޭންކަނަށް ބަލައިގެންނެވެ. އެގޮތުން ފުރަތަމަ ސެމީގައި ލީގުގެ އެއްވަނަ އާއި ހަތަރު ވަނަ ޓީމު ބައްދަލުކުރިއިރު، ދެވަނަ ސެމީގައި ބައްދަލުކުރީ ދެވަނަ އާއި ތިންވަނަ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕެއިނުގެ ފުޓްބޯޅަ ތަރި ޕެޑްރީ، ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް