ހުޅުމާލެ ފަޅުތެރޭގައި ބާރު ސްޕީޑްގައި ދުއްވި ޑިންގީއެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

ފުލުހުންނަށް ކިޔަމަން ނުވެ، ހުޅުމާލެ ފަޅުތެރޭގައި ބާރު ސްޕީޑްގައި ދުއްވި ޑިންގީއެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ 2026 ޖެނުއަރީ 2 ވަނަ ދުވަހުގެ ރޭ 22:45 ހާއިރު ހުޅުމަލެ ފަޅުތެރޭގައި ބާރު ސްޕީޑް ގައި ދުއްވި ޑިްނގީއެއް، އެގޮތަށް އަމަލު ނުކުރުމަށް ނަސޭހަތްތެރި ވުމުންވެސް، ބާރު ސްޕީޑް ގައި ދުއްވާނެ ކަމަށް ބުނެ ފުލުހުންނަށް އެއްބާރު ލުން ނުދީ ފިލަން މަސައްކަތް ކުރުމާ ގުޅިގެން އެ ޑިންގީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކުރިކަމަކަށް ފުލުހުން ނުބުނެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަޙްޤީޤް ކުރަމުންނެވެ.

އިންޑިއާއިން ބްރިކްސްގެ ރިޔާސަތާ ހަވާލުވެއްޖެ

1 ޖެނުއަރީ 2026 އިން ފެށިގެން، ބްރިކްސް ޖަމާއަތުގެ ރިޔާސަތާ އިންޑިއާއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. ބްރިޒިލްގެ އަތުން އިންޑިއާ މި މަގާމާ ހަވާލުވިއިރު، މިއީ 10 ގައުމުގެ މައްޗަށް އެކުލެވޭ ގޮތަށް މި ޖަމާއަތް ފުޅާކުރި ފަހުން އިންޑިއާއިން ރިޔާސަތު ބަލަހައްޓާ ފުރަތަމަ ފަހަރެވެ.

މި ދައުރުގެ އިސްކަންދޭ އަމާޒުތައް ހާމަކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، އިންޑިއާގެ ރިޔާސަތުގައި ބްރިކްސް ބިނާކުރާނީ ”ރެސިލިއަންސް، އިނޮވޭޝަން، ކޯޕަރޭޝަން އަދި ސަސްޓެއިނަބިލިޓީ“ ވިލުންވެރިކަން، އައު އީޖާދުތައް، އެއްބާރުލުން އަދި ދެމެހެއްޓެނިވިކަންކަމުގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ތަރައްގީވަމުން އަންނަ ދެކުނުގެ ގައުމުތައް ނުވަތަ ”ގްލޯބަލް ސައުތު“ ގެ މަސްލަހަތު ހިމާޔަތްކުރުމަށް މި ޖަމާއަތަކީ މުހިންމު މިންބަރެއްގެ ގޮތުގައި މޯދީ ސިފަކުރެއްވިއެވެ.

ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވީ، އިންޑިއާއިން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ޑިޖިޓަލް އާންމު އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް މަބު ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާއި، ޑިޖިޓަލް ވިޔަފާރި ފުޅާކުރުން ހިމެނޭ ކަމަށެވެ. މިއީ މީގެ ކުރިން އިންޑިއާއިން ޖީ-20 ގެ ރިޔާސަތު ބެލެހެއްޓިއިރުވެސް ގެންގުޅުނު ފުޅާ އުސޫލުތަކެކެވެ.

އިންޑިއާއިން ރިޔާސަތާ ހަވާލުވުމާ ގުޅިގެން ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ވަނީ ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވާފައެވެ. ލުކަޝެންކޯ ވިދާޅުވީ އިންޑިއާގެ ލީޑަޝިޕްގެ ދަށުން ބްރިކްސް އިތުރަށް ވަރުގަދަވެ، ދުނިޔޭގައި އިންސާފުވެރި ނިޒާމެއް ގާއިމުވުމަށް ބާރަކަށް ވާނެ ކަމަށެވެ. ބެލަރޫސްއަކީ ދާދިފަހުން ބްރިކްސްގެ ޕާޓްނަރު ގައުމެއްގެ ދަރަޖަ ލިބިފައިވާ ގައުމެކެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި، ބްރިޒިލްގެ ރިޔާސަތުގައި ބިނާކޮށްފައިވާ ވަރުގަދަ މުއައްސަސާގެ މައްޗަށް އިންޑިއާއިން އިތުރު ކުރިއެރުންތައް ހޯދާނެއެވެ. ޚާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާގެ ތަޖުރިބާ ބްރިކްސްގެ ގައުމުތަކަށް ހިއްސާކުރުމަކީ މި ޖަމާއަތުގެ ނުފޫޒު ދުނިޔޭގައި އިތުރުވެގެންދާނެ ކަމެއް ކަމަށް ދެކެއެވެ.

ރާއްޖެ އޮތީ ބޭހަށް ވެސް ޖެހިފަ، އެވަރުންވެސް ބޭރުގަ އުޅޭމީހުންނަށް އާސަންދަ: މިއީ ޖޯކެއްތަ؟

ރާއްޖޭގެ ސިއްޙީ ނިޒާމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ!ކޮންމެ ދުވަހަކުމެ އިވެނީ ބޭސް ނުލިބޭ ވާހަކައެވެ. ޑޮކްޓަރުން ނެތް ވާހަކައެވެ. އެކަށީގެންވާ ފަރުވާ ނުލިބޭ ވާހަކައެވެ. އެތައް ބައިވަރު ބަލިމީހުން ހޮސްޕިޓަލްތަކުގެ ކޮރިޑޯތަކުގައި ގަޑިއިރުތަކަކަށް މަޑުކޮށްގެން ތިބެންޖެހޭ ހިތާމަވެރި މަންޒަރު ފެންނަމުންދެއެވެ. ޚާއްޞަ ބަލިތަކަށް ފަރުވާ ދެވޭނެ ޑޮކްޓަރުން ނެތުމުގެ ސަބަބުން، ގިނަ ބަލިމީހުން ބޭރު ޤައުމުތަކަށް ދާންޖެހި، ބޮޑެތި ޚަރަދުތައް ކުރަންޖެހެއެވެ. އެކަމަކު ސަރުކާރުން ކުރަނީ ކޮން ކަމެއްތޯއެވެ؟ ރާއްޖޭގެ ސިއްޙީ ނިޒާމު ރަނގަޅު ކުރުމުގެ ބަދަލުގައި އިތުރު ބުރައެއް އާސަންދައަށް އަޅުވަނީއެވެ!

މިދިޔަ އަހަރުގެ ފަހު ދުވަހު ސަރުކާރުން ވަނީ ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންގެ ބޭސްފަރުވާގެ ކަންކަން އާސަންދައިން ހަމަޖައްސައިދޭން ފަށައިފިކަން އިޢުލާން ކޮށްފައެވެ. މިއީ ކިހާ ބޮޑު ޖޯކެއްތޯއެވެ! ފިލިޕީންސްގައި އުޅެނީ 700 އެއްހާ ދިވެހީންނެވެ. އޭގެތެރޭގައި ކިޔަވަން ދިޔަ ދަރިވަރުންނާއި، ވިޔަފާރިވެރިންނާއި، އަދި އެހެނިހެން ބޭނުންތަކުގައި އެ ޤައުމުގައި ދިރިއުޅޭ މީހުން ހިމެނެއެވެ. އެ ގައުމަށްވުރެ ގިނައިން އެހެން ގައުމުތަކުގައި، މިސާލަކަށް ތައިލެންޑް، ސިންގަޕޫރު، އަދި ޔޫރަޕުގެ ޤައުމުތަކުގައި ދިވެހީން އުޅެނިކޮށް ކުއްލިއަކަށް ފިލިޕީންސް މި ލިސްޓަށް އައީ ކީއްވެގެންތޯއެވެ؟ މިއީ ސުވާލު އުފެދޭ ކަމެކެވެ! ސަރުކާރުގެ ސިޔާސީ މަޤްޞަދުތަކެއް މީގެ ފަހަތުގައި އޮތުން އެކަށީގެންވެއެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ޚިދުމަތް ދޭން ފެށީ ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. ‘މެރަނާ’ ނަމުގައި ސްކީމެއް ތަޢާރަފުކޮށް، ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ދަށުން އެ ޤައުމުތަކުން ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ. އޭރު ވެސް މިކަމާ ގުޅިގެން ގިނަގުނަ ފާޑުކިޔުންތައް އައިސްފައިވެއެވެ. ‘މެރަނާ’ގެ ކޮންމެ ބައިވެރިއަކަށް، ޖުމުލަ ކަވަރޭޖްގެ ގޮތުގައި އަހަރަކު 150,000 ރުފިޔާ ހަމަޖައްސައިދެއެވެ. އެނދުމަތި ނުކޮށް ނަގާ ޚިދުމަތްތަކުގެ މިންވަރަކީ ޖުމުލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10,000 ރުފިޔާއެވެ. ފިލިޕީންސްގައި ނަމަ ބޭސްފަރުވާގެ 65 ޕަސެންޓެވެ. މި ޕަސެންޓޭޖް ކަނޑައަޅާފައިވާ އުސޫލުތައް ވެސް ސާފެއް ނޫނެވެ.

ސަރުކާރުން މިކަން މިގޮތަށް ހަމަޖެއްސިއިރު އެންމެ ދެކޮޅު ނުޖެހޭ ކަމަކީ ފަގީރެއް، ނިކަމެއްޗެއް، ތަނަވަސް މީހެއް، މިލިއަނަރެއް ރަނގަޅަށް ބެލުމެއް ނެތި ދައުލަތުން މި ޚަރަދު ކޮށްދިނުމެވެ! މާނައަކީ، ބޭރުގައި އަމިއްލަ ޚަރަދުގައި ކިޔަވަން ދެވޭވަރުގެ މުއްސަނދިންނާއި، މަހަކު މިލިއަން ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ހަމަ އެއް އުސޫލަކުން ދައުލަތުން ބޭސްފަރުވާގެ ޚަރަދު ކޮށްދެނީއެވެ. މި ސަރުކާރުން އަނެއްކާ މި ވަނީ މިކަން އިޞްލާޙު ކުރުމުގެ ބަދަލުގައި އެ ލިސްޓަށް ފިލިޕީންސް އިތުރު ކޮށްފައެވެ. ދައުލަތުގެ ބަޖެޓަށް އިތުރު ބުރައެއް އަންނާނެ މި ކަންތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްކުރުން މާ މުހިންމު ނޫންތޯއެވެ؟

މިއީ މިހާރުވެސް އައިސީޔޫގައި އޮތް އާސަންދައަށް އިތުރު ބޮޑު ބުރައަކަށް ނޫނީ ނުވާނެއެވެ. އާސަންދައަކީ ދިވެހި ރައްޔިތުންގެ ބޭސްފަރުވާއަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ޤާއިމްކޮށްފައިވާ މުހިންމު ނިޒާމެކެވެ. ނަމަވެސް، މި ނިޒާމުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، ބޭރުގައި ދިރިއުޅޭ ދިވެހީންނަށް މި ޚިދުމަތް ފުޅާކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ.

ހަޤީޤަތަކީ ރާއްޖެ ދޫކޮށް ބޭރު ގައުމުތަކުގައި ގިނައިން ދިރިއުޅޭ ދިވެހީންނަކީ ވަރަށް ތަނަވަސް މީހުންނެވެ. ދުނިޔޭގެ ތަރައްޤީ ވެފައިވާ ގައުމުތަކުގައި، އަގު ބޮޑު ދިރިއުޅުމެއް އޭގެ ތެރެއިން ގިނަ މީހުން އެ އުޅެނީ އެ ތަނަވަސްކަން ހުރީމައެވެ. މި ފަދަ ގައުމުތަކުގައި ދިރިއުޅެވޭވަރުގެ އާމްދަނީއެއް ލިބޭ މީހުންނަކީ އާންމުގޮތެއްގައި މެޑިކަލް އިންޝުއަރެންސް ހޯދުމުގެ ޤާބިލުކަން ހުންނަ ފަރާތްތަކެވެ.

އެ މީހުންގެ ޚަރަދުތައް އެ ގައުމުތަކުގައި ކޮށް، އެ ގައުމުތަކަށް ޓެކްސް ދައްކައިގެން އެ އުޅެނީ ގިނަ މީހުންނަށް އެހެން އުޅެވެން އޮތީމައެވެ. އަދި އެ ޤައުމުތަކުގައި ދިރިއުޅޭއިރު، އެ ޤައުމުތަކުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތަކުގެ ފައިދާ ވެސް ލިބެމުންދެއެވެ.

އަނެއްކޮޅުން ބޭރުގެ ގައުމަކުން ތަޢުލީމު ޙާޞިލު ކުރަން ދާއިރު ޔުނިވަރސިޓީތަކުން ފުރުޞަތު ދެނީ މެޑިކަލް އިންޝުއަރެންސް އޮތްކަން ޔަޤީން ކޮށްފައެވެ. ބޭރުގެ ގިނަ ޔުނިވަރސިޓީތަކުން ދަރިވަރުން އެޑްމިޝަން ހޯދުމުގެ ޝަރުޠުތަކުގެ ތެރޭގައި ޞިއްޙީ އިންޝުއަރެންސް އޮތުން ހިމެނެއެވެ. މިއީ އެ ޤައުމުތަކުގެ ޞިއްޙީ ނިޒާމަށް ބުރަނުވާނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ގެންގުޅޭ އުސޫލެކެވެ.

މި ޙަޤީޤަތް މިހެން އޮއްވައި، އެންމެނަށް ދޭ އުޞޫލުން ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދަ ދޭން ޖެހޭތޯއެވެ؟ މިއީ ދައުލަތުގެ ބަޖެޓަށާއި އާސަންދަ ނިޒާމުގެ ދެމެހެއްޓެނިވިކަމަށް ވިސްނާއިރު، ފުންކޮށް ވިސްނަންޖެހޭ ސުވާލެކެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ދައުލަތަށް ބުރަ ބޮޑުވާނެ ކަމެކެވެ. އެގޮތުން އެ ގައުމުތަކުގައި ދިރިއުޅޭ ހުރިހާ ދިވެހީންނަށް މި ޚިދުމަތް ދިނުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ޞިއްޙީ ދާއިރާގެ ޚަބީރުންނާއި އިޤްތިޞާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިފަދަ ސިޔާސަތެއް ތަންފީޒުކުރުމަކީ ދައުލަތުގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލާއިރު ދަތިކަމަކަށް ވެގެންދާނެއެވެ.

“އަނެއްކާ ބަންގްލަދޭޝް ނޫނީ އެހެން ގައުމެއްގައި އުޅޭ ބަޔަކު ޑިމާންޑް ކުރާނެ އެ ގައުމަކުން އާސަންދަ ދޭން. އެހެން ގޮސް މިހާރު ވެސް ބުރަބޮޑު މި ނިޒާމަށް އިތުރު ބުރައަކަށް ކަންކަން ވާނެ މި އުޞޫލުން ދާނަމަ,” އޭނާ ވިދާޅުވިއެވެ. ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ބުރައެއް ނޫނެވެ. މިއީ އާސަންދައިގެ ނިޒާމް ހިންގުމުގައި އިދާރީގޮތުން ވެސް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން އާސަންދައިގެ ކަންކަމުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްވީ ބޭފުޅުން ވެސް ވިދާޅުވީ މިއީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި މީގެ ސަބަބުން ދައުލަތަށް ބުރަ ވާނީ އިތުރު ކަމަށް ވިދާޅުވިއެވެ. އާސަންދައިގެ ނިޒާމް ދެމެހެއްޓުމަށްޓަކައި ދައުލަތުން މިހާރުވެސް ކޮންމެ އަހަރަކު ބިލިއަންތަކެއްގެ ފައިސާ ޚަރަދުކުރަމުންދާއިރު، ބޭރުގައި ދިރިއުޅޭ ދިވެހީންނަށް މި ޚިދުމަތް ފުޅާކުރުމަކީ ދެމެހެއްޓެނިވި ނިންމުމެއް ނޫންކަމަށް ފާހަގަކުރެވެއެވެ.

ހަމައެހެންމެ މިހާރު މެރަނާ ސްކީމް އޮތްގޮތަކީ ވެސް އެންމެންގެ މެދުގައި ހަމަހަމަ އުޞޫލެއް ނޫންކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެއްވިއެވެ. މެރަނާ ސްކީމަކީ ބޭރަށް ފަރުވާއަށް ދާ ދިވެހީންނަށް ޚާއްޞަކޮށްގެން ޤާއިމްކޮށްފައިވާ ނިޒާމެކެވެ.

“މިހާރު މި އޮންނަ ގޮތުން އިންޑިއާ އާއި ލަންކާގައި އުޅޭ ދިވެހީންނަށް ފަރުވާ ކުރެވޭނެ ކޭޝްލެސްކޮށް. މާނައަކީ އަތުން އެއްވެސް ފައިސާއެއް ނުދައްކާ.” މިއީ ވަކި ބައެއް ޤައުމުތަކަށް އިސްކަންދީގެން ތަފާތުކުރުންތަކެއް ގެންގުޅޭ ނިޒާމެއްކަން ފާހަގަކުރެވެއެވެ. ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ލިބޭ މި ޚިދުމަތް އެހެން ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ނުލިބުމަކީ ހަމަހަމަކަން ގެއްލޭ ކަމެކެވެ.

އެކަމަކު މެލޭޝިއާ ފިލިޕީންސް ފަދަ ގައުމުތަކުގައި މި ޖެހެނީ އަމިއްލައަށް ޚަރަދުކޮށްގެން ފަރުވާ ކޮށްފައި، ރީއެމްބާސް ކޮށްގެން ފައިސާ ހޯދަން. މިއީ އެއް ސްކީމަކުން ހުރި ތަފާތެއް،” މި މަސައްކަތުގައި އުޅުއްވާތާ ގިނަ ދުވަސްވީ ބޭފުޅަކު ހަވާސާ ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ވަކި ފެންވަރެއް ބެލުމެއް ނެތި އެންމެނަށް މި ސްކީމު ތަޢާރަފު ކުރުމަކީ ސިޔާސަތު ކަނޑައަޅާ ބޭފުޅުން ހެއްދެވި ބޮޑު ގޯހެކެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ފައިސާގެ ދަތިކަމަށް ރިޢާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެކެވެ. އޭގެ ބަދަލުގައި މީހާގެ ނިކަމެތި ޙާލަތާއި އޭނާ ބޭރުގައި ދިރިއުޅޭ ސަބަބު ބެލުމަށް ފަހު އޭނާއަށް ޙައްޤު ނަމަ ދައުލަތުން ބޭސް ފަރުވާ ހިލޭ ކޮށްދޭ ގޮތަށް އޮތުން މާ ރަނގަޅު ކަމަށް ވިދާޅުވިއެވެ.

“ޖުމުލަކޮށް އެންމެނަށް ދޭކަށް ރަނގަޅެއް ނޫން. މެލޭޝިއާ ފަދަ ގައުމުތަކުން ހޯދާ ފަރުވާ އަދި ވަރަށް އަގު ބޮޑު. ކޮންމެ ފަރުވާއެއް ހޯދުމަށް މީހަކު ބޭރަށް ދިއުމުން އެވްރެޖްކޮށް ފަސް ހާސް ޑޮލަރު ނުވަތަ އަށްޑިހަ ހާސް ރުފިޔާއަށް ވުރެ ގިނަ ޚަރަދުވެއެވެ. އެހެންކަމުން، މި ޚަރަދު ދައުލަތުން ދޭން ވާނީ އެ ފޯރުންތެރިކަން ނެތް މީހުންނަށް އެކަނި.” އެ ތަޖުރިބާކާރު ބޭފުޅާ ވިދާޅުވިއެވެ.

“އަދިވެސް އަދިވެސް ފުޅާ ކުރަނީ، މީތި ދަމަހައްޓާނީ ކިހިނެއް؟ ކޮންމެ އަހަރަކު އާސަންދައިގެ ބަޖެޓް އިތުރުކުރަމުން ދާއިރު، ދައުލަތުގެ އެހެން މުހިންމު ދާއިރާތަކަށް ކުރަންޖެހޭ ޚަރަދުތައް ދަނީ މަދުވަމުންނެވެ. މިއީ މިކަން ކުރެވޭނެ ގޮތެއް ނޫން!”

އާސަންދައިން  ޚަރަދު ކުރާ ވާހަކަ ދައްކާއިރު އެ ނިޒާމު އޮތް ޙާލަތާ މެދު ވެސް ވިސްނާލަށް ޖެހެއެވެ. އަހަރަކަށް ވުރެން އަހަރެއް އެ ނިޒާމު ދައުލަތަށް ވަނީ ބުރައަކަށެވެ. 202 ވަނަ އަހަރަށް އާސަންދައަށް 1.8 ބިލިއަން ރުފިޔާ ކަނޑައެޅިއިރު މިދިޔަ ޑިސެމްބަރ މަހުގެ 18ގެ ނިޔަލަށް ވަނީ 2.1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މިއީ 300 މިލިއަން ރުފިޔާގެ ބަޖެޓް އޯވަރރަންއެކެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ހަމަ ޙާލެވެ. އަހަރު ފެށި ދެތިން މަސް ނުވެ އާސަންދަ ބަޖެޓް ހުސްވެއެވެ. އެކަން ވަނީ ދަރައި ވިކިފައި އޮތް މި ގައުމަށް ބޮޑު ބުރައަކަށެވެ.

ތަޖުރިބާކާރުން ޤަބޫލު ކުރާގޮތުގައި ބޭނުން ވަރަކަށް ބޭނުން ކުރެވޭ ނިޒާމެއްގެ ގޮތުގައި އާސަންދަ ބޭއްވުމުގެ ބަދަލުގައި އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. ޚާއްޞަކޮށް ބޭރުގައުމުތަކުން ހޯދާ ފަރުވާތަކުގެ ޚަރަދުތައް ކޮންޓްރޯލްކުރުމަށް ޙާއްޞަ ސިޔާސަތުތަކެއް އެކުލަވާލަން ޖެހެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމެވެ. މާނައަކީ އާސަންދައިގެ ޚިދުމަތް ހޯދާ މީހުންގެ އަތުން ކޮންމެވެސް ވަރެއްގެ ފީއެއް ނުވަތަ “ކޯ ޕޭމަންޓެއް” ނެގުމެވެ. މިގޮތުން އާމްދަނީގެ ފެންވަރަށް ބަލައި ތަފާތު އިންސައްތައިގެ ކޯ-ޕޭމަންޓްތައް ކަނޑައެޅިދާނެއެވެ.

އަދި އާސަންދައިގެ ތެރެއިން ލިބޭ ޚިދުމަތްތަކަށް ލިމިޓްތަކެއް ލުމެވެ. މިކަމުގެ ސަބަބުން، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މި ރިޕޯޓަށް އާސަންދަގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް، ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބު ވާގޮތެއް ނުވިއެވެ. މިއީ އާސަންދައިން ޖަވާބުދާރީވުމުގެ ސަޤާފަތް ކުޑަކަމުގެ ހެއްކެކެވެ.

އާސަންދަ ނިޒާމު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އިރުޝާދާއި ލަފާ ދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންނަމަވެސް، މި ލަފާތަކަށް އަމަލުކުރުން ލަސްވަމުންދާކަން ފާހަގަކުރެވެއެވެ. އާސަންދަ އިޞްލާޙު ކުރާނެ ވާހަކަ މި ސަރުކާރުން ދެއްކި ނަމަވެސް އެކަމެއް ކުރާތަނެއް އަދިއެއް ނުފެނެއެވެ. ރަނގަޅު ނުކުރާތާ މިވަނީ ގޯސް ކުރަން ފަށައިފައެވެ. މިއީ ގޯހެކެވެ! އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ ލަސްކޮށްގެން ވާނެކަމެއް ނޫނެވެ.

އާސަންދައިން ރާއްޖޭން ބޭރަށް މި ކުރާ ބޮޑު ހޭދަ މި ގައުމުގެ ސިއްޙީ ނިޒާމު ރަނގަޅު ކުރަން ކޮށްފިނަމަ ގައިމު ވެސް ފައިދާ މާ ބޮޑުވާނެއެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ޒަމާނީ ވަސީލަތްތައް ޤާއިމުކޮށް، ތަޖުރިބާކާރު ޑޮކްޓަރުން އިތުރުކޮށް، ޓެސްޓުތައް ހެދޭނެ ގޮތްތައް ފަހިކޮށްދިނުން މުހިންމެވެ. ރާއްޖޭގައި ތިބެ ފަރުވާ ލިބޭ ނަމަ ބަލި މީހާ އާއި ޢާއިލާއަށް ވެސް ތަކުލީފު ކުޑަވާނެއެވެ. އަދި ދައުލަތަށް ޚަރަދު ވެސް ކުޑަ ވާނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްތައް ރަނގަޅުވުމުން ބޭރުން އަންނަ ފަތުރުވެރިންނަށްވެސް އިތުރު ޔަޤީންކަމެއް ލިބިގެންދާނެއެވެ.

ރާއްޖޭގައި ބޭސް ނެތްއިރު، އެކަށީގެންވާ ފަރުވާ ނުލިބޭއިރު، އަނެއްކާ ވެސް އާސަންދައަށް ބާރު ބޮޑުވާ ގޮތަށް ސަރުކާރުން މި ކުރާ ޢަމަލު ދެކޮޅެއް ނުޖެހެއެވެ. ސަރުކާރުގެ ޚަރަދުތައް އިސްކަންދޭ ތަރުތީބުން ހަމަޖެހިފައި ނެތްކަން މިއިން ދޭހަވެއެވެ. އާސަންދަ އިޞްލާޙު ކުރަން ޖެހެއެވެ. ދައުލަތުން ބޮޑު ހޭދަ ކުރަން ވާނީ އެ ޚަރަދު ނުކުރެވޭ ޙާލަތުގައި ތިބި މީހުންނަށެވެ. އެންމެނަކަށް ނޫނެވެ! މާލީ ތަނަވަސްކަން ހުރި ފަރާތްތަކުން އެފަރާތްތަކުގެ ޞިއްޙީ ޚަރަދުތައް އަމިއްލައަށް ބަލަހައްޓާ ނިޒާމެއް ޤާއިމުކުރަން ޖެހިފައިވެއެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މިހާރުން މިހާރަށް ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ރީކޯ މޫސަ ކުރިމަތިލަނީ

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ ކުރިމަތިލައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވެފައިވަނީ، އެމްޑީޕީގެ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރުމުގައި އިހު އޮތް ރޫހު އާލާކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް ވިސްނަވާ ކަމަށެވެ.

ރީކޯ މޫސަ އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވީ އެ ޕާޓީ އެންމެ ހަރަކާތްތެރި ދުވަސްވަރުއެވެ.

ސިޔާސީ ހަޔާތް ވެސް އެމްޑީޕީން ފެއްޓެވި މޫސަ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރެއް ފުރިހަމަ ކުރައްވައިފައެވެ. މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުވެސް މޫސަ އަދާކުރެއްވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން މޫސަ ވަކިކޮށްފައިވަނީ 2014 ވަނަ އަހަރެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހުމަދު ފާއިޒް ވަކިކުރަން މަޖިލީހުގައި ވޯޓު ދެއްވި މައްސަލައިގައެވެ.

އެމްޑީޕީގެ ދަފްތަރުން ރީކޯގެ ނަން އުނިކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު ރީކޯ، އޭރުގެ ސަރުކާރު ކޯލިޝަންގެ އިސް ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންނެވީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

އެ ޕާޓީއާ ގުޅިވަޑައިގެން ރީކޯ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އެ މަނިކުފާނު ސަރުކާރު ހިންގަވާ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަދައްކަވައިފައެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ރީކޯ ވަނީ ޔާމީނަށް ކެމްޕޭން ކޮށްދެއްވުމަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމާ ގުޅިގެން ރީކޯ ވަނީ ޕީޕީއެމްގެ ހަރަކާތްތަކުން ފެޔަށް ޖެހިވަޑައިގެންފައެވެ.

އެއަށްފަހު 2022 ވަނަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ރީކޯ ގެންދެވީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ.

އެމްޑީޕގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވަން ވިސްނަވާކަން މޫސަ އިއުލާން ކުރެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްވެސް ވަނީ ޗެއާޕާސަންކަމުގެ މަގާމަށް ކުރިތިލައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ވިިދާޅުވީ، ފުވައްމުލަކު ސިޓީ އުތުރުން 4 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، “ހަވާސާ” ނަމަކަށް ކިޔާ މި ބޯޓު ދިޔަވާކަމުގެ މަޢުލޫމާތު މިއަދު 12:23 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގެ ސިފައިން ފެން ހިންދާ ޕަންޕާ އެކު އެ ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، އެ ބޯޓު ފުވައްމުލަކުގެ ބަނދަރަށް ވަނުމުން 13:10 ހާއިރު ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވާއިރު، ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ މިއަދު 14:10 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ހަމަ އެހެންމެ، މި ބޯޓަށް އެހީތެރިވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މީޑިއާތަކަށް ފައިސާ ދިނުން ލަސްވެ، އިންތިޒާރުގައި ތިއްބާ އަހަރު ނިމިއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫނުކުރެވި 2025 ވަނަ އަހަރު ނިމިއްޖެއެވެ. މިނިވަން ނޫސްވެރިކަމެއް ކުރިއެރުވުމުގެ މަގުސަދުގައި މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސްގެ މުހިންމު ރިޔާސީ ވައުދެކެވެ. ނަމަވެސް، މިއަހަރު ނިމުނުއިރުވެސް އެ ފައިސާ މީޑިއާތަކަށް ލިބިފައިނުވާތީ، މީޑިއާ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިގޮތުން 40 މީޑިއާއަކަށް ފައިސާ ދޫކުރުމަށް މީޑިއާ ކޮމިޝަނުން ނިންމި ނަމަވެސް, މި ހިނޑާ ޑިސެންބަރު މަސް ނިމުނީވެސް އެ ފައިސާ ދޫނުކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ފައިސާ ދޫނުކުރެވުނީ އިދާރީގޮތުން ނިންމަޖެހޭ ކަންކަން މީޑިއާތައް ކޮންޓްރޯލުކުރަން މުއިއްޒު އުފެއްދެވި ކޮމިޝަނުން ނުނިންމުމުންނެވެ.

މީޑިއާތަކަށް ފައިސާ ދޫކުރުމަށްޓަކައި ބަޖެޓުގައި ވަކި އަދަދެއް ހިމެނި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެކަން ވަނީ ތަންފީޒު ނުކުރެވިއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މީޑިއާތަކަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައަޅަމުންދާ ކަމަށެވެ. އެހެންނަމަވެސް، އަހަރުގެ ފަހު ދުވަސްތައް ގުނަމުންދިޔައިރުވެސް އެ އުސޫލު އެކުލަވާލައި ފައިސާ ދޫކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ދޭން ބުނި އިސްކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މި ފައިސާ ނުލިބުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ގިނަ މީޑިއާތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ބައެއް މީޑިއާތަކުން އުއްމީދުކޮށްގެން ތިބީ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގުން ހަރުދަނާ ކުރެވޭނެ ކަމަށެވެ. މީޑިއާ ވިލެޖު ގާއިމުކުރުމާއި މާލީ އެހީ ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައިވީ ނަމަވެސް، 2025 ވަނަ އަހަރު ނިމުނުއިރު މިކަން ހަގީގަތަކަށް ވެފައިނުވާތީ ނޫސްވެރިންގެ މެދުގައި ވަނީ މާޔޫސްކަން އުފެދިފައެވެ.

ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ހަތަރުވަނަައަށް އެންމެ ބޮޑު އިގްތިސާދަކަށް އިންޑިއާ

ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ހަތަރުވަނަ އެންމެ ބޮޑު އިގްތިސާދުގެ މަގާމު އިންޑިއާއިން ހޯދައިފި ކަމަށް އެ ގައުމުން ބުނެފިއެވެ. އިންޑިއާ ސަރުކާރުން މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ގައުމީ އާމްދަނީގެ އަންދާޒާތަކަށް ގެނައި ބަދަލުތަކާއި، އެތެރޭގެ އުފެއްދުންތެރިކަން ކުރިއަރަމުންދާ މިންވަރަށ ރިއާޔަތްކޮށްފައެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ގެނެވުނު އިގްތިސާދީ އިސްލާހުތަކާއި، މުދާ ގަންނަ މިންވަރު އިތުރުވުމުގެ އިތުރުން އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާވުމަކީ ދުނިޔޭގެ ޖީޑީޕީ ރޭންކިންގައި އިންޑިއާ ކުރިއަށް ޖެހިލުމަށް މަގުފަހިވި މައިގަނޑު ސަބަބުތަކެވެ.

އިންޑިއާ ސަރުކާރުން ފާހަގަކުރާ ގޮތުގައި ޖަޕާނުގެ އިގްތިސާދީ ދަރަޖަ ދަށަށް ދިއުމަށް ދިމާވި ސަބަބުތަކުގެ ތެރޭގައި، އެ ގައުމުގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމާއި، އާބާދީ ދަށަށް ދިއުމުގެ އިތުރުން ޖަޕާނު ފައިސާ ‘ޔެން’ ގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށަށް ދިއުން ހިމެނެއެވެ. މީގެ އުިތުރުން އިންޑިއާއިން ލަފާކުރަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް އެ ގައުމުގެ އިގްތިސާދު 7 އިންސައްތައަށްވުރެ މަތީ މިންވަރެއްގައި ކުރިއަރާނެ ކަމަށެވެ.

އިންޑިއާގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ޖަރުމަނުވިލާތް ފަހަތަށް ޖައްސާލައި، ދުނިޔޭގެ ތިންވަނަ އެންމެ ބޮޑު އިގްތިސާދުގެ މަގާމު ހޯދުމެވެ. މި ބަދަލާއެކު އިންޑިއާގެ ބައިނަލްއަގުވާމީ ނުފޫޒު ގަދަވެ، 2030 ގެ ކުރީކޮޅު ދުނިޔޭގެ އެންމެ ވަރުގަދަ ތިން އިގްތިސާދުގެ ތެރޭގައި ހިމެނުމަށް ކުރާ އުންމީދުތަކަށް އާ ދިރުމެއް ލިބިފައިވާ ކަމަށް ނިއުދިއްލީން ބުނެއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ނުވަތަ ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަދި މި ރޭންކިން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އިންޑިއާއަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑު އިގްތިސާދުކަން ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

ތެލަޕަތީ ވިޖޭ ފިލްމީ ދާއިރާ އާއި ދުރަށްދަނީ!

ޓެމިލް ފިލްމް އެކްޓަރު ތެލަޕަތީ ވިޖޭ ފިލްމީ ދާއިރާ ދޫކޮއްލަން ނިންމައިިފިއެެވެ.

33 އަހަރުގެ ވިޖޭ ވަނީ ފިލްމް ކުޅުން ހުއްޓާލާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ވިޖޭ ފިލްމް ކުޅެން ފަށާފައިވަނީ އުމުރުން ދިހަ އަހަރުގައި ތަމަޅަ ފިލްމް ވެތްރީއިން ނެވެ. އަދި ވިޖޭގެ އުމުރުން އަށާރަ އަހަރުގައި ނާލައިޔާ ތީރުޕޫ ފިލްމްގެ ލީޑްރޯލުވެސް ކުޅެފައެވެ.

ވިޖޭ ފިލްމް ކުޅުން ހުއްޓާލާކަން އިއުލާން ކޮށްފައިވަނީ މި ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު ނެރުނު ބަޔާނެއް ގައެވެ. ވިޖޭ މިހާރު ބޭނުންވަނީ ސިޔާސީ ދާއިރާއިން ކުރިޔަށް ދިއުމަށް ކަމަށް ވިޖޭ ވަނީ ބުނެފައެވެ. އެގޮތުން ތަމަލިގާ ވެއްޓެރި ކަޒަގަމް ޕާޓީގައި ވިޖޭ ވަނީ މިދިޔަ އަހަރު އިސްކޮށް ހަރަކާތްތެރިވެފައެެވެ.

ތަމަލްނާޑޫ އެސެމްބްލީ އިލެކްޝަން ގައި ވިޖޭ ވަނީ ބައިވެރިވުމަށް ނިންމާފައެވެ.މި އިންތިހާބް އޮންނާނީ މިފެށޭ 2026 ވަނަ އަހަރުގައެވެ. ވިޖޭގެ ފޭނުންނަށް މި ހަބަރު ވެގެންދާނީ ހިތާމަވެރި ހަބަރަކަށް ކަން ޔަގީނެވެ.

މިރްޒާ ޕޫރްގެ ހަތަރުވަނަ ސީޒަން ފެށެނީ

ބޮލީވުޑްގެ ސީރީޒް މިރްޒާ ޕޫރްގެ ހަތަރުވަނަ ސީޒަން އަންނަން ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ ރިޕޯޓްތަށް ބުނާގޮތުގައި މި ސީރީޒް އަންނާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. މި ސީރީޒް އަކީ އިންޑިއާގެ ލަކްނައުގެ ސިޔާސީ އޮއިވަރު އަދި ކުށުގެ ވެށި ދައްކުވައިދޭ ސީރީޒްއެކެވެ. މި ސީރީޒްގެ ލީޑް ތަރިންނަކީ އަލީ ފަޒަލް, ޕަންކަޖް ތިރްޕާޓީ, ބީނާ ތްރިޕާޓީ, އަދި ޝްވޭތާ ތިރްޕާޓީއެވެ.

މިރްޒާ ޕޫރްގެ ތިންވަނަ ސީޒަން ވެގެން ގޮސްފައިވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ސީޒަންއަކަށެވެ. މިރްޒާ ޕޫރްގެ ހަތަރު ވަނަ ސީޒަންގައި ސިޔާސީ ލޭއޮހޮރުވުމުގެ މަންޒަރުތައް ފެނިގެންދާނެ ކަމަށް މި ސީރީޒްގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

މިރްޒާޕޫރްގެ ސީޒަންތައް ގަވާއިދުން ބަލާ ފަރާތްތަކަށް މި ހަބަރުވެގެންދާނީ އުފާވެރި ހަބަރެއްގެ ގޮތުގައިކަން ޔަގީނެވެ.

ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025 ގެ ޗެމްޕިއަންކަން މޮޅަދޫ ޔަންގް ބްލަޑް ހޯދައިފި

ހއ. ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި 21 އަހަރުން ދަށުގެ (ޔޫ-21) “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025” ގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހއ. މޮޅަދޫ ޔަންގް ބްލަޑް ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ޔަންގް ބްލަޑް ބައްދަލުކުރީ ހޯރަފުށި 22 ސްޕޯޓްސްއާއެވެ. ވާދަވެރި ކުޅުމަކަށްފަހު ޔަންގް ބްލަޑުން މެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. މި ކާމިޔާބީއާއެކު ޔަންގް ބްލަޑް ވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މުބާރާތުގެ ތަށި އުފުލާލާފައެވެ.

މިއީ މޮޅަދޫގެ ޓީމަކުން އެ ރަށުން ބޭރުގައި ބޭއްވި މިފަދަ ބޮޑު މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޔަންގް ބްލަޑްގެ ޖޯޒީ ނަންބަރު 21، މުހައްމަދު ޒަޔާން އެވެ.

މި މުބާރާތުގެ ”ކިންގް އޮފް ދަ ޓޯނަމަންޓް” އަކަށް ހޮވިފައި ވަނީ ޔަންގް ބްލަޑްގެ ޖޯޒީ ނަންބަރު 21 މުހައްމަދު ޒަޔާން އަހްމަދު ވަހީދެވެ. މި މުބާރާތުގެ ބެސްޓް ކޯޗަކީ ވެސް އެ ޓީމުގެ މުހައްމަދު އާދަމް އެވެ.

 

އުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ހާޓް އެޓޭކެއް ޖެހި ނިޔާވެއްޖެ

އުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ހާޓް އެޓޭކެއް ޖެހި ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ މ. ސައްކެޔޮމާގެ މުޙައްމަދު އިމްތިޔާޒް (އިންތި) އެވެ. އިންތި ނިޔާވީ މިރޭ 11 ޖަހާކަންހާއިރު އެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

އިތުރު ތަފްސީލް އަންނަނީ . . .

އައު އަހަރާ ދިމާކޮށް އާރް.ޑީ.ސީ ރީބްރޭންޑްކޮށްފި

އައު އަހަރާ ދިމާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ކުންފުނި ރީބްރޭންޑްކޮށްފިއެވެ. މި ރީބްރޭންޑިންގގެ ތެރެއިން ކުންފުނީގެ އައު ލޯގޯއެއް ތަޢާރަފުކޮށްފައިވާއިރު، މި ލޯގޯ ފަރުމާކޮށްފައިވަނީ ދިވެހިންގެ ތަރިކައިގެ މުހިންމު ބައެއްކަމުގައިވާ ފަންވިޔުން އަސްލަކަށް ބަލައިގެންނެވެ.

އާރް.ޑީ.ސީގެ ސޯޝަލް މީޑިއާ އެކައުންޓުން ޙިއްޞާކޮށްފައިވާ ވީޑިއޯއަކުން ކުންފުނީގެ ލޯގޯ ބަދަލުވިކަން ޢާންމުކޮށްފައިވެއެވެ. މި ބަދަލާއެކު ކުންފުނީގެ ބްރޭންޑް އައިޑެންޓިޓީ އައު ސިފައެއްގައި ޙިއްޞާކޮށްފައިވާއިރު، ކުންފުނީގެ މިޝަންވެސް އިތުރަށް ފުރިހަމަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އާރް.ޑީ.ސީގެ އައު ލޯގޯ ފަރުމާކުރުމުގައި ދިވެހިންގެ އަތްތެރި މަސައްކަތުގެ ތެރެއިން ފަންވިޔުން އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާކަން ފާހަގަކުރެވެއެވެ. ފަންވިޔުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ޒަމާންވީ އަތްތެރި މަސައްކަތެއްގެ ގޮތުގައި ބެލެވޭ، ފަން ބޭނުންކޮށްގެން ތަފާތު ޒީނަތްތެރި ކުލަތަކުގައި ވިޔާ ތަފާތު ތަކެތި ފަރުމާކުރުމުގެ ހުނަރެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އަކީ ރާއްޖޭގެ މަގުތައް ތަރައްޤީކުރުމާއި، ސިވިލް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މަސައްކަތްކުރާ ސަރުކާރުގެ ކުންފުންޏެކެވެ. ކުންފުނި އުފެދުނީ 2001 ވަނަ އަހަރުއެވެ. އޭގެފަހުން ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަގުތަކެއް ހަދައި، ބްރިޖްތަކާއި ކޯޒްވޭތައް ބިނާކޮށް، ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.