ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ހަތަރުވަނަ އެންމެ ބޮޑު އިގްތިސާދުގެ މަގާމު އިންޑިއާއިން ހޯދައިފި ކަމަށް އެ ގައުމުން ބުނެފިއެވެ. އިންޑިއާ ސަރުކާރުން މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ގައުމީ އާމްދަނީގެ އަންދާޒާތަކަށް ގެނައި ބަދަލުތަކާއި، އެތެރޭގެ އުފެއްދުންތެރިކަން ކުރިއަރަމުންދާ މިންވަރަށ ރިއާޔަތްކޮށްފައެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ގެނެވުނު އިގްތިސާދީ އިސްލާހުތަކާއި، މުދާ ގަންނަ މިންވަރު އިތުރުވުމުގެ އިތުރުން އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާވުމަކީ ދުނިޔޭގެ ޖީޑީޕީ ރޭންކިންގައި އިންޑިއާ ކުރިއަށް ޖެހިލުމަށް މަގުފަހިވި މައިގަނޑު ސަބަބުތަކެވެ.
އިންޑިއާ ސަރުކާރުން ފާހަގަކުރާ ގޮތުގައި ޖަޕާނުގެ އިގްތިސާދީ ދަރަޖަ ދަށަށް ދިއުމަށް ދިމާވި ސަބަބުތަކުގެ ތެރޭގައި، އެ ގައުމުގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމާއި، އާބާދީ ދަށަށް ދިއުމުގެ އިތުރުން ޖަޕާނު ފައިސާ ‘ޔެން’ ގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށަށް ދިއުން ހިމެނެއެވެ. މީގެ އުިތުރުން އިންޑިއާއިން ލަފާކުރަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް އެ ގައުމުގެ އިގްތިސާދު 7 އިންސައްތައަށްވުރެ މަތީ މިންވަރެއްގައި ކުރިއަރާނެ ކަމަށެވެ.
އިންޑިއާގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ޖަރުމަނުވިލާތް ފަހަތަށް ޖައްސާލައި، ދުނިޔޭގެ ތިންވަނަ އެންމެ ބޮޑު އިގްތިސާދުގެ މަގާމު ހޯދުމެވެ. މި ބަދަލާއެކު އިންޑިއާގެ ބައިނަލްއަގުވާމީ ނުފޫޒު ގަދަވެ، 2030 ގެ ކުރީކޮޅު ދުނިޔޭގެ އެންމެ ވަރުގަދަ ތިން އިގްތިސާދުގެ ތެރޭގައި ހިމެނުމަށް ކުރާ އުންމީދުތަކަށް އާ ދިރުމެއް ލިބިފައިވާ ކަމަށް ނިއުދިއްލީން ބުނެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ނުވަތަ ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަދި މި ރޭންކިން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އިންޑިއާއަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑު އިގްތިސާދުކަން ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު