Advertisement

ރާއްޖެ އޮތީ ބޭހަށް ވެސް ޖެހިފަ، އެވަރުންވެސް ބޭރުގަ އުޅޭމީހުންނަށް އާސަންދަ: މިއީ ޖޯކެއްތަ؟

ރާއްޖޭގެ ސިއްޙީ ނިޒާމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ!ކޮންމެ ދުވަހަކުމެ އިވެނީ ބޭސް ނުލިބޭ ވާހަކައެވެ. ޑޮކްޓަރުން ނެތް ވާހަކައެވެ. އެކަށީގެންވާ ފަރުވާ ނުލިބޭ ވާހަކައެވެ. އެތައް ބައިވަރު ބަލިމީހުން ހޮސްޕިޓަލްތަކުގެ ކޮރިޑޯތަކުގައި ގަޑިއިރުތަކަކަށް މަޑުކޮށްގެން ތިބެންޖެހޭ ހިތާމަވެރި މަންޒަރު ފެންނަމުންދެއެވެ. ޚާއްޞަ ބަލިތަކަށް ފަރުވާ ދެވޭނެ ޑޮކްޓަރުން ނެތުމުގެ ސަބަބުން، ގިނަ ބަލިމީހުން ބޭރު ޤައުމުތަކަށް ދާންޖެހި، ބޮޑެތި ޚަރަދުތައް ކުރަންޖެހެއެވެ. އެކަމަކު ސަރުކާރުން ކުރަނީ ކޮން ކަމެއްތޯއެވެ؟ ރާއްޖޭގެ ސިއްޙީ ނިޒާމު ރަނގަޅު ކުރުމުގެ ބަދަލުގައި އިތުރު ބުރައެއް އާސަންދައަށް އަޅުވަނީއެވެ!

މިދިޔަ އަހަރުގެ ފަހު ދުވަހު ސަރުކާރުން ވަނީ ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންގެ ބޭސްފަރުވާގެ ކަންކަން އާސަންދައިން ހަމަޖައްސައިދޭން ފަށައިފިކަން އިޢުލާން ކޮށްފައެވެ. މިއީ ކިހާ ބޮޑު ޖޯކެއްތޯއެވެ! ފިލިޕީންސްގައި އުޅެނީ 700 އެއްހާ ދިވެހީންނެވެ. އޭގެތެރޭގައި ކިޔަވަން ދިޔަ ދަރިވަރުންނާއި، ވިޔަފާރިވެރިންނާއި، އަދި އެހެނިހެން ބޭނުންތަކުގައި އެ ޤައުމުގައި ދިރިއުޅޭ މީހުން ހިމެނެއެވެ. އެ ގައުމަށްވުރެ ގިނައިން އެހެން ގައުމުތަކުގައި، މިސާލަކަށް ތައިލެންޑް، ސިންގަޕޫރު، އަދި ޔޫރަޕުގެ ޤައުމުތަކުގައި ދިވެހީން އުޅެނިކޮށް ކުއްލިއަކަށް ފިލިޕީންސް މި ލިސްޓަށް އައީ ކީއްވެގެންތޯއެވެ؟ މިއީ ސުވާލު އުފެދޭ ކަމެކެވެ! ސަރުކާރުގެ ސިޔާސީ މަޤްޞަދުތަކެއް މީގެ ފަހަތުގައި އޮތުން އެކަށީގެންވެއެވެ.

Advertisement

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ޚިދުމަތް ދޭން ފެށީ ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. ‘މެރަނާ’ ނަމުގައި ސްކީމެއް ތަޢާރަފުކޮށް، ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ދަށުން އެ ޤައުމުތަކުން ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ. އޭރު ވެސް މިކަމާ ގުޅިގެން ގިނަގުނަ ފާޑުކިޔުންތައް އައިސްފައިވެއެވެ. ‘މެރަނާ’ގެ ކޮންމެ ބައިވެރިއަކަށް، ޖުމުލަ ކަވަރޭޖްގެ ގޮތުގައި އަހަރަކު 150,000 ރުފިޔާ ހަމަޖައްސައިދެއެވެ. އެނދުމަތި ނުކޮށް ނަގާ ޚިދުމަތްތަކުގެ މިންވަރަކީ ޖުމުލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10,000 ރުފިޔާއެވެ. ފިލިޕީންސްގައި ނަމަ ބޭސްފަރުވާގެ 65 ޕަސެންޓެވެ. މި ޕަސެންޓޭޖް ކަނޑައަޅާފައިވާ އުސޫލުތައް ވެސް ސާފެއް ނޫނެވެ.

ސަރުކާރުން މިކަން މިގޮތަށް ހަމަޖެއްސިއިރު އެންމެ ދެކޮޅު ނުޖެހޭ ކަމަކީ ފަގީރެއް، ނިކަމެއްޗެއް، ތަނަވަސް މީހެއް، މިލިއަނަރެއް ރަނގަޅަށް ބެލުމެއް ނެތި ދައުލަތުން މި ޚަރަދު ކޮށްދިނުމެވެ! މާނައަކީ، ބޭރުގައި އަމިއްލަ ޚަރަދުގައި ކިޔަވަން ދެވޭވަރުގެ މުއްސަނދިންނާއި، މަހަކު މިލިއަން ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ހަމަ އެއް އުސޫލަކުން ދައުލަތުން ބޭސްފަރުވާގެ ޚަރަދު ކޮށްދެނީއެވެ. މި ސަރުކާރުން އަނެއްކާ މި ވަނީ މިކަން އިޞްލާޙު ކުރުމުގެ ބަދަލުގައި އެ ލިސްޓަށް ފިލިޕީންސް އިތުރު ކޮށްފައެވެ. ދައުލަތުގެ ބަޖެޓަށް އިތުރު ބުރައެއް އަންނާނެ މި ކަންތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްކުރުން މާ މުހިންމު ނޫންތޯއެވެ؟

މިއީ މިހާރުވެސް އައިސީޔޫގައި އޮތް އާސަންދައަށް އިތުރު ބޮޑު ބުރައަކަށް ނޫނީ ނުވާނެއެވެ. އާސަންދައަކީ ދިވެހި ރައްޔިތުންގެ ބޭސްފަރުވާއަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ޤާއިމްކޮށްފައިވާ މުހިންމު ނިޒާމެކެވެ. ނަމަވެސް، މި ނިޒާމުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، ބޭރުގައި ދިރިއުޅޭ ދިވެހީންނަށް މި ޚިދުމަތް ފުޅާކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ.

ހަޤީޤަތަކީ ރާއްޖެ ދޫކޮށް ބޭރު ގައުމުތަކުގައި ގިނައިން ދިރިއުޅޭ ދިވެހީންނަކީ ވަރަށް ތަނަވަސް މީހުންނެވެ. ދުނިޔޭގެ ތަރައްޤީ ވެފައިވާ ގައުމުތަކުގައި، އަގު ބޮޑު ދިރިއުޅުމެއް އޭގެ ތެރެއިން ގިނަ މީހުން އެ އުޅެނީ އެ ތަނަވަސްކަން ހުރީމައެވެ. މި ފަދަ ގައުމުތަކުގައި ދިރިއުޅެވޭވަރުގެ އާމްދަނީއެއް ލިބޭ މީހުންނަކީ އާންމުގޮތެއްގައި މެޑިކަލް އިންޝުއަރެންސް ހޯދުމުގެ ޤާބިލުކަން ހުންނަ ފަރާތްތަކެވެ.

އެ މީހުންގެ ޚަރަދުތައް އެ ގައުމުތަކުގައި ކޮށް، އެ ގައުމުތަކަށް ޓެކްސް ދައްކައިގެން އެ އުޅެނީ ގިނަ މީހުންނަށް އެހެން އުޅެވެން އޮތީމައެވެ. އަދި އެ ޤައުމުތަކުގައި ދިރިއުޅޭއިރު، އެ ޤައުމުތަކުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތަކުގެ ފައިދާ ވެސް ލިބެމުންދެއެވެ.

އަނެއްކޮޅުން ބޭރުގެ ގައުމަކުން ތަޢުލީމު ޙާޞިލު ކުރަން ދާއިރު ޔުނިވަރސިޓީތަކުން ފުރުޞަތު ދެނީ މެޑިކަލް އިންޝުއަރެންސް އޮތްކަން ޔަޤީން ކޮށްފައެވެ. ބޭރުގެ ގިނަ ޔުނިވަރސިޓީތަކުން ދަރިވަރުން އެޑްމިޝަން ހޯދުމުގެ ޝަރުޠުތަކުގެ ތެރޭގައި ޞިއްޙީ އިންޝުއަރެންސް އޮތުން ހިމެނެއެވެ. މިއީ އެ ޤައުމުތަކުގެ ޞިއްޙީ ނިޒާމަށް ބުރަނުވާނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ގެންގުޅޭ އުސޫލެކެވެ.

މި ޙަޤީޤަތް މިހެން އޮއްވައި، އެންމެނަށް ދޭ އުޞޫލުން ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދަ ދޭން ޖެހޭތޯއެވެ؟ މިއީ ދައުލަތުގެ ބަޖެޓަށާއި އާސަންދަ ނިޒާމުގެ ދެމެހެއްޓެނިވިކަމަށް ވިސްނާއިރު، ފުންކޮށް ވިސްނަންޖެހޭ ސުވާލެކެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ދައުލަތަށް ބުރަ ބޮޑުވާނެ ކަމެކެވެ. އެގޮތުން އެ ގައުމުތަކުގައި ދިރިއުޅޭ ހުރިހާ ދިވެހީންނަށް މި ޚިދުމަތް ދިނުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ޞިއްޙީ ދާއިރާގެ ޚަބީރުންނާއި އިޤްތިޞާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިފަދަ ސިޔާސަތެއް ތަންފީޒުކުރުމަކީ ދައުލަތުގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލާއިރު ދަތިކަމަކަށް ވެގެންދާނެއެވެ.

“އަނެއްކާ ބަންގްލަދޭޝް ނޫނީ އެހެން ގައުމެއްގައި އުޅޭ ބަޔަކު ޑިމާންޑް ކުރާނެ އެ ގައުމަކުން އާސަންދަ ދޭން. އެހެން ގޮސް މިހާރު ވެސް ބުރަބޮޑު މި ނިޒާމަށް އިތުރު ބުރައަކަށް ކަންކަން ވާނެ މި އުޞޫލުން ދާނަމަ,” އޭނާ ވިދާޅުވިއެވެ. ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ބުރައެއް ނޫނެވެ. މިއީ އާސަންދައިގެ ނިޒާމް ހިންގުމުގައި އިދާރީގޮތުން ވެސް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން އާސަންދައިގެ ކަންކަމުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްވީ ބޭފުޅުން ވެސް ވިދާޅުވީ މިއީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި މީގެ ސަބަބުން ދައުލަތަށް ބުރަ ވާނީ އިތުރު ކަމަށް ވިދާޅުވިއެވެ. އާސަންދައިގެ ނިޒާމް ދެމެހެއްޓުމަށްޓަކައި ދައުލަތުން މިހާރުވެސް ކޮންމެ އަހަރަކު ބިލިއަންތަކެއްގެ ފައިސާ ޚަރަދުކުރަމުންދާއިރު، ބޭރުގައި ދިރިއުޅޭ ދިވެހީންނަށް މި ޚިދުމަތް ފުޅާކުރުމަކީ ދެމެހެއްޓެނިވި ނިންމުމެއް ނޫންކަމަށް ފާހަގަކުރެވެއެވެ.

ހަމައެހެންމެ މިހާރު މެރަނާ ސްކީމް އޮތްގޮތަކީ ވެސް އެންމެންގެ މެދުގައި ހަމަހަމަ އުޞޫލެއް ނޫންކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެއްވިއެވެ. މެރަނާ ސްކީމަކީ ބޭރަށް ފަރުވާއަށް ދާ ދިވެހީންނަށް ޚާއްޞަކޮށްގެން ޤާއިމްކޮށްފައިވާ ނިޒާމެކެވެ.

“މިހާރު މި އޮންނަ ގޮތުން އިންޑިއާ އާއި ލަންކާގައި އުޅޭ ދިވެހީންނަށް ފަރުވާ ކުރެވޭނެ ކޭޝްލެސްކޮށް. މާނައަކީ އަތުން އެއްވެސް ފައިސާއެއް ނުދައްކާ.” މިއީ ވަކި ބައެއް ޤައުމުތަކަށް އިސްކަންދީގެން ތަފާތުކުރުންތަކެއް ގެންގުޅޭ ނިޒާމެއްކަން ފާހަގަކުރެވެއެވެ. ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ލިބޭ މި ޚިދުމަތް އެހެން ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ނުލިބުމަކީ ހަމަހަމަކަން ގެއްލޭ ކަމެކެވެ.

އެކަމަކު މެލޭޝިއާ ފިލިޕީންސް ފަދަ ގައުމުތަކުގައި މި ޖެހެނީ އަމިއްލައަށް ޚަރަދުކޮށްގެން ފަރުވާ ކޮށްފައި، ރީއެމްބާސް ކޮށްގެން ފައިސާ ހޯދަން. މިއީ އެއް ސްކީމަކުން ހުރި ތަފާތެއް،” މި މަސައްކަތުގައި އުޅުއްވާތާ ގިނަ ދުވަސްވީ ބޭފުޅަކު ހަވާސާ ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ވަކި ފެންވަރެއް ބެލުމެއް ނެތި އެންމެނަށް މި ސްކީމު ތަޢާރަފު ކުރުމަކީ ސިޔާސަތު ކަނޑައަޅާ ބޭފުޅުން ހެއްދެވި ބޮޑު ގޯހެކެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ފައިސާގެ ދަތިކަމަށް ރިޢާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެކެވެ. އޭގެ ބަދަލުގައި މީހާގެ ނިކަމެތި ޙާލަތާއި އޭނާ ބޭރުގައި ދިރިއުޅޭ ސަބަބު ބެލުމަށް ފަހު އޭނާއަށް ޙައްޤު ނަމަ ދައުލަތުން ބޭސް ފަރުވާ ހިލޭ ކޮށްދޭ ގޮތަށް އޮތުން މާ ރަނގަޅު ކަމަށް ވިދާޅުވިއެވެ.

“ޖުމުލަކޮށް އެންމެނަށް ދޭކަށް ރަނގަޅެއް ނޫން. މެލޭޝިއާ ފަދަ ގައުމުތަކުން ހޯދާ ފަރުވާ އަދި ވަރަށް އަގު ބޮޑު. ކޮންމެ ފަރުވާއެއް ހޯދުމަށް މީހަކު ބޭރަށް ދިއުމުން އެވްރެޖްކޮށް ފަސް ހާސް ޑޮލަރު ނުވަތަ އަށްޑިހަ ހާސް ރުފިޔާއަށް ވުރެ ގިނަ ޚަރަދުވެއެވެ. އެހެންކަމުން، މި ޚަރަދު ދައުލަތުން ދޭން ވާނީ އެ ފޯރުންތެރިކަން ނެތް މީހުންނަށް އެކަނި.” އެ ތަޖުރިބާކާރު ބޭފުޅާ ވިދާޅުވިއެވެ.

“އަދިވެސް އަދިވެސް ފުޅާ ކުރަނީ، މީތި ދަމަހައްޓާނީ ކިހިނެއް؟ ކޮންމެ އަހަރަކު އާސަންދައިގެ ބަޖެޓް އިތުރުކުރަމުން ދާއިރު، ދައުލަތުގެ އެހެން މުހިންމު ދާއިރާތަކަށް ކުރަންޖެހޭ ޚަރަދުތައް ދަނީ މަދުވަމުންނެވެ. މިއީ މިކަން ކުރެވޭނެ ގޮތެއް ނޫން!”

އާސަންދައިން  ޚަރަދު ކުރާ ވާހަކަ ދައްކާއިރު އެ ނިޒާމު އޮތް ޙާލަތާ މެދު ވެސް ވިސްނާލަށް ޖެހެއެވެ. އަހަރަކަށް ވުރެން އަހަރެއް އެ ނިޒާމު ދައުލަތަށް ވަނީ ބުރައަކަށެވެ. 202 ވަނަ އަހަރަށް އާސަންދައަށް 1.8 ބިލިއަން ރުފިޔާ ކަނޑައެޅިއިރު މިދިޔަ ޑިސެމްބަރ މަހުގެ 18ގެ ނިޔަލަށް ވަނީ 2.1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މިއީ 300 މިލިއަން ރުފިޔާގެ ބަޖެޓް އޯވަރރަންއެކެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ހަމަ ޙާލެވެ. އަހަރު ފެށި ދެތިން މަސް ނުވެ އާސަންދަ ބަޖެޓް ހުސްވެއެވެ. އެކަން ވަނީ ދަރައި ވިކިފައި އޮތް މި ގައުމަށް ބޮޑު ބުރައަކަށެވެ.

ތަޖުރިބާކާރުން ޤަބޫލު ކުރާގޮތުގައި ބޭނުން ވަރަކަށް ބޭނުން ކުރެވޭ ނިޒާމެއްގެ ގޮތުގައި އާސަންދަ ބޭއްވުމުގެ ބަދަލުގައި އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. ޚާއްޞަކޮށް ބޭރުގައުމުތަކުން ހޯދާ ފަރުވާތަކުގެ ޚަރަދުތައް ކޮންޓްރޯލްކުރުމަށް ޙާއްޞަ ސިޔާސަތުތަކެއް އެކުލަވާލަން ޖެހެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމެވެ. މާނައަކީ އާސަންދައިގެ ޚިދުމަތް ހޯދާ މީހުންގެ އަތުން ކޮންމެވެސް ވަރެއްގެ ފީއެއް ނުވަތަ “ކޯ ޕޭމަންޓެއް” ނެގުމެވެ. މިގޮތުން އާމްދަނީގެ ފެންވަރަށް ބަލައި ތަފާތު އިންސައްތައިގެ ކޯ-ޕޭމަންޓްތައް ކަނޑައެޅިދާނެއެވެ.

އަދި އާސަންދައިގެ ތެރެއިން ލިބޭ ޚިދުމަތްތަކަށް ލިމިޓްތަކެއް ލުމެވެ. މިކަމުގެ ސަބަބުން، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މި ރިޕޯޓަށް އާސަންދަގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް، ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބު ވާގޮތެއް ނުވިއެވެ. މިއީ އާސަންދައިން ޖަވާބުދާރީވުމުގެ ސަޤާފަތް ކުޑަކަމުގެ ހެއްކެކެވެ.

އާސަންދަ ނިޒާމު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އިރުޝާދާއި ލަފާ ދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންނަމަވެސް، މި ލަފާތަކަށް އަމަލުކުރުން ލަސްވަމުންދާކަން ފާހަގަކުރެވެއެވެ. އާސަންދަ އިޞްލާޙު ކުރާނެ ވާހަކަ މި ސަރުކާރުން ދެއްކި ނަމަވެސް އެކަމެއް ކުރާތަނެއް އަދިއެއް ނުފެނެއެވެ. ރަނގަޅު ނުކުރާތާ މިވަނީ ގޯސް ކުރަން ފަށައިފައެވެ. މިއީ ގޯހެކެވެ! އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ ލަސްކޮށްގެން ވާނެކަމެއް ނޫނެވެ.

އާސަންދައިން ރާއްޖޭން ބޭރަށް މި ކުރާ ބޮޑު ހޭދަ މި ގައުމުގެ ސިއްޙީ ނިޒާމު ރަނގަޅު ކުރަން ކޮށްފިނަމަ ގައިމު ވެސް ފައިދާ މާ ބޮޑުވާނެއެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ޒަމާނީ ވަސީލަތްތައް ޤާއިމުކޮށް، ތަޖުރިބާކާރު ޑޮކްޓަރުން އިތުރުކޮށް، ޓެސްޓުތައް ހެދޭނެ ގޮތްތައް ފަހިކޮށްދިނުން މުހިންމެވެ. ރާއްޖޭގައި ތިބެ ފަރުވާ ލިބޭ ނަމަ ބަލި މީހާ އާއި ޢާއިލާއަށް ވެސް ތަކުލީފު ކުޑަވާނެއެވެ. އަދި ދައުލަތަށް ޚަރަދު ވެސް ކުޑަ ވާނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްތައް ރަނގަޅުވުމުން ބޭރުން އަންނަ ފަތުރުވެރިންނަށްވެސް އިތުރު ޔަޤީންކަމެއް ލިބިގެންދާނެއެވެ.

ރާއްޖޭގައި ބޭސް ނެތްއިރު، އެކަށީގެންވާ ފަރުވާ ނުލިބޭއިރު، އަނެއްކާ ވެސް އާސަންދައަށް ބާރު ބޮޑުވާ ގޮތަށް ސަރުކާރުން މި ކުރާ ޢަމަލު ދެކޮޅެއް ނުޖެހެއެވެ. ސަރުކާރުގެ ޚަރަދުތައް އިސްކަންދޭ ތަރުތީބުން ހަމަޖެހިފައި ނެތްކަން މިއިން ދޭހަވެއެވެ. އާސަންދަ އިޞްލާޙު ކުރަން ޖެހެއެވެ. ދައުލަތުން ބޮޑު ހޭދަ ކުރަން ވާނީ އެ ޚަރަދު ނުކުރެވޭ ޙާލަތުގައި ތިބި މީހުންނަށެވެ. އެންމެނަކަށް ނޫނެވެ! މާލީ ތަނަވަސްކަން ހުރި ފަރާތްތަކުން އެފަރާތްތަކުގެ ޞިއްޙީ ޚަރަދުތައް އަމިއްލައަށް ބަލަހައްޓާ ނިޒާމެއް ޤާއިމުކުރަން ޖެހިފައިވެއެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މިހާރުން މިހާރަށް ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިންޑިއާގެ ޒުވާނުންގެ “ކޮކްރޯޗް ޖަންތާ ޕާޓީ”: މީމްއަކުން ފެށި ސިޔާސީ އިންގިލާބެއް

ނަޝީދުއާއި ފައްޔާޒުގެ ޕާޓްނާޝިޕް ހަމަ ވޯކްކޮއްފާނެބާ؟

މުވައްޒިފުންގެ ހައްގުތަކަށް އަރައިގަންނަނީ؟

ސުނާމީ އެރިތާ 21 އަހަރު: ހިތާމައާއެކު ދިވެހީންނަށް ސިހުން ގެނުވި ދުވަހެއް، މިއަދުވެސް އެ ހަނދާންތައް!