ޑެންގޫ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެއްޖެ

ށ. މިލަންދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނަބްހާން ޑެންގޫ ހުން ޖެހިގެން ހާލު ސީރިއަސްވެ މިއަދު ނިޔާވެއްޖެއެވެ.

ނަބްހާން ހާލު ދެރަވެގެން މިދިޔަ ހަފުތާ ށ. މިލަންދޫއިން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައެވެ. އެއަށް ފަހު އިތުރަށް ހާލު ދެރަވެގެން އިއްޔެ މާލޭގެ އައި.ޖީ.އެމް.އެޗް.އަށް ބަދަލުކުރިއެވެ. އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ގުނަވަންތައް ފެއިލްވުމުން ކަމަށް ބެލެވެއެވެ.

މި މަހު މިހާތަނަށް އެ ރަށުން ފަސް މީހަކަށް ޑެންގޫ ޖެހިފައިވާއިރު، މިލަންދޫ ހެލްތު ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް އެ ރަށުން 30 މީހަކަށް ޑެންގޫ ޖެހިގެން ފަރުވާ ދީފައިވެއެވެ. އަދި މިދިޔަ ރޯދަ މަހު އެކަނި ވެސް އެ އަދަދު 15 އަށް އެރި ކަމަށް ކައުންސިލުން ބުނެއެވެ.

އެޗް.ޕީ.އޭ.އިން މައުލޫމާތު ދޭ ގޮތުގައި ޑެންގޫ ހުން ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާރިޗު މަހު 535 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 60 ކޭހެވެ. މިދިޔަ ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ހުރީ 76 ގައެވެ.

ހުރާގެ ގެއެއްގައި ރޯވެ، ލިބުނު ޝޮކްގައި އެކަކަށް ވާހަކަ ނުދެއްކޭ!

ކ. ހުރާގެ ގެއެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި، އެ ގޭގައި އުޅުނު އަންހެންމީހާ އަށް ލިބުނު ކުއްލި ޝޮކާ އެކު އަދިވެސް ވާހަކަ ނުދެއްކޭ ކަމަށާއި އެހެންވެ އެ މީހާ މާލެ ގެނެސް ފަރުވާދެމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ރޭ ދަންވަރު 1:30 ވާން އުޅެނިކޮށް ހިނގި މި އަލިފާނުގެ ހާދިސާގައި ހުރާ، ނޫފަރުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.

މީހުން ދިރިއުޅެމުން އައި އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ރޯވިތާ ގަޑިއެއްހާއިރު ފަހުންނެވެ. އޭރު އެ ގެ ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ހުރާ ކައުންސިލް މެމްބަރު ހަސަން ފިރާޝް “ހަވާސާ” އަށް މިއަދު ވިދާޅުވީ، އެ ގޭގައި ދިރިއުޅުނު އުމުރުން 34 އަހަރުގެ އަންހެންމީހާ އަތުގެ ކޮނޑުހުޅު ކައިރި އާއި އަތްތިލަ ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

“މާލެ ގެނައީ ފިހިގެން ފަރުވާ ދިނުމަށް ވުރެ ބޮޑަށް އަލިފާން ރޯވެފައި ހުއްޓާ ކުއްލިއަކަށް ފެނިގެން ލިބުނު ޝޮކުގައި އޭނާ އަށް އަދިވެސް ވާހަކަ ނުދައްކޭތީ. އެހެންވެ އެކަމަށް އަސްލު މާލެ ގެނައީ އިތުރު ފަރުވާ ދިނުމަށް،” ފިރާޝް ވިދާޅުވި އެވެ.

ފިރާޝް ވިދާޅުވި ގޮތުގައި އަލިފާން ރޯވީ އަންހެންމީހާ ނިދާފައި އޮތް ކޮޓަރީގެ ބާލީހެއްގަ އެވެ.

“އެ އަންހެންމީހާގެ ބޭބެ އެ ވަގުތު އުޅުނީ މީހުން ސަލާމާތް ކުރަން. އެ ގޭގެ އެންމެ އެތެރެއަށް ހުންނަ ކޮޓަރީގައި އަންހެންމީހާގެ ކުޑަ ދެ ކުދިން ނިދާފައި ތިބުމުން އެ ކުދިން ގެއިން ބޭރަށް ނެރެފައި ދެން އެތެރެއަށް ވަތްއިރު ބޮޑުބައިގައި އަލިފާން ހިފާފައި ހުރި ކަމަށް ވަނީ.”

ހުރާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ނޫފަރުގޭގެ ކޮޓަރިއެއް-- ފޮޓޯ: އެންޑީއެމްއޭ
ހުރާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ނޫފަރުގޭގެ ކޮޓަރިއެއް– ފޮޓޯ: އެންޑީއެމްއޭ

ނޫފަރުގޭގައި ކުއްޔަށް ދިނުމަށް ހަދާފައި ހުންނަ ދެ ބައިގައި ދިރިއުޅުނު މީހުންނާއި ގޭގެ ކުޑަ ދެކުދިންނާ އެކު ޖުމްލަ 15 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެމްޑީއެމްއޭއިން ބުންޏެވެ.

އަލިފާން ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަަމަށް މިހާތަނަށް ބެލެވުނަސް ހަގީގީ ސަބަބު އެނގޭނީ އަންހެންމީހާ އަށް ވާހަކަ ދެއްކޭވަރު ވުމުން ކަމަށް ފިރާޝް ވިދާޅުވި އެވެ.

ގައްދޫ ސްކޫލެއްގައި ދަރިވަރަކު ޓީޗަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން ޓީޗަރަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ މިއަދު ހެނދުނު 11:46 ހާއިރު ކަމަށެވެ. ހަމަލާގައި އަނިޔާވި ޓީޗަރަށް ފުރަތަމަ ގައްދޫ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ދަރިވަރަކު ޓީޗަރަށް ހަމަލާދިނީ ކޮމްޕިއުޓަރު ކްލާހެއްގައި އިނދެ ގޭމު ކުޅެމުން ދަނިކޮށް، އެކަން އެ ގޮތަށް ނުކުރުމަށް ޓީޗަރު އެންގުމުންނެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ހަނގުރާމައިގެ ސަބަބުން ޙައްޖަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް:މިނިސްޓާރ ޝަހީމް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޙައްޖުގެ އަޅުކަމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވަޒީރު ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ދަތުރުގެ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިވާ ކަމަށެވެ. އެގޮތުން ވިސާގެ ކަންކަން ހަމަޖެހި، އެކަމަޑޭޝަނާއި ފްލައިޓުތަކުގެ ތައްޔާރީތައް ވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

“ދިވެހިރާއްޖޭގެ ޙައްޖުވެރިންގެ އެންމެހާ ކަންތައްތަކެއްވެސް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި. ވިސާވެސް ވަނީ މިހާރު އިޝޫ ކުރެވިފައި. އަދި އެކަމަޑޭޝަނާއި، އެހެނިހެންވެސް ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާކަމެއްވެސް ވަނީ އިންތިޒާމްކުރެވިފައި.” ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ޙައްޖަށް ދިވެހި ޙައްޖުވެރިން ފުރަން ފަށާނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ޙައްޖުވެރިން އުފުލުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިނާއި މޯލްޑިވިއަން ގުޅިގެންނެވެ. ކޮންމެ އެއާލައިނަކުން ވެސް ޙައްޖުވެރިންގެ 50 އިންސައްތަ އުފުލާނެއެވެ. ޖުމްލަ ހަތަރު ފްލައިޓެއްގައި 985 މީހުން އުފުލާ ގޮތަށް ވަނީ ރޭވިފައެވެ.

ޙައްޖުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޙައްޖު މިޝަން އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކޮލަމްބޯ ބަނދަރުގައި ތާށިވި ކޮންޓެއިނަރުތައް ކްލިއާކުރުން ހަލުވިކޮށް ކުރިއަށް

ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖެއަށް ގެންނަންޖެހޭ ކޮންޓެއިނަރުތައް ކްލިއާކޮށް މުދާ ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ލަންކާ ބަނދަރުގައި 4،241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، އެމްޕީއެލް، އެސްޓީއޯ އަދި އެމްއެސްއެސް ގުޅިގެން ކުރި މަސައްކަތުން އެ އަދަދު 1،741 އަށް ދަށްކުރެވިފައިވާ ކަމަށެވެ. މިހާރު މާލޭ ބަނދަރުގައި އޮތް އުޅަނދުގައި 1،200 ކޮންޓެއިނަރުގެ މުދާ ހުރިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 2،500 ކޮންޓެއިނަރު މާލެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

މުދާ ގެނައުމުގެ ތާވަލަށް ބަލާއިރު، އެޕްރީލް 12 ގައި 500 ކޮންޓެއިނަރު، 13 ގައި 500 ކޮންޓެއިނަރު، އަދި 14 ގައި 1،000 ކޮންޓެއިނަރުގެ އިތުރުން 500 ޓީއީޔޫގެ މުދާ ރާއްޖެއަށް ގެނައުމަށް ވަނީ ރޭވިފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމްޕޯޓް 19 އިންސައްތަ އިތުރުވެފައިވާއިރު، އޭގެ މައިގަނޑު ސަބަބުތަކަކީ އިޤުތިޞާދަށް އަންނަ ހެޔޮ ބަދަލުތަކާއި ފަތުރުވެރިން އިތުރުވުމާއި ރަމަޟާން މަހާ ދިމާވުމެވެ.

“މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ އެކު މިހާރު މަސައްކަތް ކުރަމުން މިދަނީ އަސާސީ ކާބޯތަކެތީގެ މި ހިމެނޭ މުދާތައް 7 މާކެޓަކުން ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް. މިކަމުގައި ވެސް ކުރިއެރުންތަކެއް މިވަނީ ލިބިފަ. މީގެ ތެރޭގައި ޗައިނާ، އިންޑިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނޭ،” ވަޒީރު ވިދާޅުވިއެވެ.

ކަނޑުމަގުގެ އިތުރުން ވައިގެ މަގުން މުދާ އެތެރެކުރުން ވެސް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާލައިންތަކުން ފްލައިޓް އިތުރުކުރުމާ ގުޅިގެން އެއާ ފްރައިޓްކޮށް ގެންނަ މުދާ އިތުރުވެފައިވާއިރު، ކޮލަމްބޯގައި ހުރި ފްރޯޒަން މުދަލާއި އެހެނިހެން މުދާ ގެނައުމުގެ މަސައްކަތް ވެސް ހަމަޖެހިފައިވާ އުސޫލުން ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ތެލުގެ ޝިޕްމަންޓްތައް ވެސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބެމުންދާ ކަމަށާއި، ޗައިނާއާއެކު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މިފަދަ ދަނޑިވަޅުތަކުގައި މުދާ ގެނައުމަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

ސޮނޭވާ ޖާނީގެ މައި ރެސްޓޯރަންޓް އަލިފާނުގެ ހާދިސާއެއްގައި އަނދާ ހުލިވެއްޖެ

ނ. އަތޮޅުގައި ހިންގާ ސޮނޭވާ ޖާނީ ރިސޯޓްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ރިސޯޓްގެ މައި ރެސްޓޯރަންޓް އެއްކޮށް އަނދާ ހުލިވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 2:04 ހާއިރު ކަމަށެވެ. އަލިފާން ރޯވެފައިވަނީ އެ ރިސޯޓްގެ މޫދު ކޮޓަރިތަކާ ކައިރީގައިވާ ރެސްޓޯރަންޓްގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު ރެސްޓޯރަންޓް ވަނީ ވަރަށް ބޮޑަށް އަނދައި ހުލިވެފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު އަދި ރިސޯޓްގެ މުވައްޒަފުން ގުޅިގެން ވަނީ ހަރަކާތްތެރިވެފައެވެ.

މާލޭ ގެއަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް، ހަތަރު މީހުން ހައްޔަރުކޮށްފި

މާލޭގެ ގެއަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ވައްކަން ކޮށްފައިވަނީ މާލޭ، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމެންޓަކުން ކަމަށެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހާކަންހާއިރު ފުލުހުންނަށް މި މައްސަލަ ހުށަހެޅިފައިވާއިރު، މި ވައްކަމުގައި ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވޭ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބިއިރު، އެކަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަށް ކަރަންޓު ނުލިބި ތިން ގަޑިއިރަށް ވުރެ ގިނައިރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ، ވިނަރެސް އަދި ފަހި ދިރިއުޅުން ޓަވަރުތަކުން މިއަދު ހަވީރު ކަރަންޓު ގޮސް، ތިން ގަޑިއިރަށް ވުރެ ގިނައިރު ވީއިރު ވެސް ކަރަންޓު ލިބިފައި ނުވާ ކަމަށް ސަން އޮންލައިނުން ރިޕޯޓުކޮށްފިއެވެ.

ހަވާސާ އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ވިނަރެސްގެ އެއްވެސް ޓަވަރެއްގައި ކަރަންޓެއް ނެތެވެ. އެ މީހާ ބުނީ ގާތްގަނޑަކަށް މިއަދު މެންދުރުފަހު 14:35 ހާއިރު ކަރަންޓު ދިޔަ ގޮތަށް އަދިވެސް ނުލިބޭ ކަމަށެވެ. ވިނަރެސް ޓަވަރުތަކުގެ އިތުރުން ހިޔާގެ އަށް ޓަވަރަކުން ވެސް ވަނީ ކަރަންޓު ގޮސްފައެވެ.

ކަރަންޓު ނެތުމުގެ ސަބަބުން ލިފްޓު ހުއްޓި، ތިރިއަށް ނުފޭބި ގިނަ ބަޔަކު ޓަވަރުތަކުގައި ތާށިވެފައި ތިބި ކަމަށާއި، މައްޗަށް ނޭރި ޓަވަރުތަކުގެ ތިރީ ޕާކުތަކުގައި ވެސް މީހުން ތިބި ކަމަށް އެ މީހާ ފާހަގަކުރިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ ކަރަންޓު މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި، ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުވާނެ ވަކި އިރެއް ސްޓެލްކޯއިން ހާމައެއް ނުކުރެއެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދޭތެރެއަކުން ދިމާވަމުން އަންނަ ކަމަށް ސަން އޮންލައިނުން ރިޕޯޓުކޮށްފައިވެއެވެ.

އެމްޑަބްލިޔުއެސްސީގެ އެމްޑީ އިސްތިއުފާދެއްވައިފި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

މަތީން އިސްތިއުފާ ދެއްވިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މަތީން ވިދާޅުވީ، އެމްޑަބްލިޔުއެސްއީގެ އެމްޑީގެ މަޤާމުން ވަގުތުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މަތީނު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާގައި ހަވާލުވީ 2023ވަނަ އަހަރު ނޮވެމްބަރ މަހު 28ވަނަ ދުވަހުއެވެ.

މެންބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ދެ އަހަރު ކުރިން ވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރު, ސިނާންއާއެކު އަހުމަދު ވަހީދާއި މުހައްމަދު ސަލީމް، މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ އޮތް މައްސަލައެއް ބަލާފަ އެވެ.

މި ތިން މީހުންނާ ދެކޮޅަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި 2024 ވަނަ އަހަރުގެ ޖުލައި 21 ގައި އެމްއައިބީން ކުރި ދައުވާ, އެ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ. މައްސަލަ ނިމުނީ އެމްއައިބީ ކޮޅަށެވެ.

އެގޮތުން ކޯޓުން ވަނީ ނުދެއްކި ހުރި ލޯނު ދެއްކުމާއި ޖޫރިމަނާގެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި އެމްއައިބީއަށް ދެއްކުމަށް ހުކުމް ކޮށްފައެވެ.

އެ ފައިސާ ނުދައްކައި، ދަރަންޏެއް އޮތުމުން ވަކީލު ގާލިބު ސަލީމް ވަނީ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލާފައިވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގައި ހިމެނެނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް އެވެ.

އެމްއައިބީއަށް ދައްކަންޖެހޭ ފައިސާ 15 އޭޕްރީލް 2025ގައި ދައްކައި ޚަލާސްކޮށްފައިވާކަމަށް ވިދާޅުވި ނަމަވެސް، އެ ފައިސާ ދައްކާފައިވަނީ ހިތަދޫ ކޯޓުގެ ހުކުމުގައި ބުނެފައިވާގޮތަށް، ކޮންމެ މަހަކު އެމަހަކަށް ވާވަރަށް ދައްކަމުން ނޫން ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

”ސިނާންގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާ ކަމަށާ، ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަން އެނގޭ. ސިނާންއަކީ މަޖިލީހުގެ މެމްބަރެއް ކަމަށްވާތީ ހިތަދޫ ކޯޓުގެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ދައްކާފައި ނުވުމުގެ ނަތީޖާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ ގައި ސަރީހަ ބަހުން ބަޔާންކޮށްފައިވާ ގޮތުން އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވުން… އެހެންކަމުން މަޖިލީހުގެ މެންބަރު ސިނާން ވަކިވެފައިވާ ކަމަށް ކަނޑައަޅަން އަޅުގަނޑަށް ފެނޭ“ ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

ފަނޑިޔާރު ޝުޖޫންގެ މި ރައުޔަށް މައްސަލައިގައި ހިމެނޭ ބެންޗުގެ އެހެން ފަނޑިޔާރުން ވަނީ ތާއީދުކޮށްފަ އެވެ.

ގާނޫނު ބުނާ ގޮތުގައި މަޖިލީސް މެންބަރެއް އިންތިހާބުގެ ކުރިން ނުވަތަ މެންބަރުކަމަށް ވަޑައިގަތުމަށްފަހު ދަރަންޏެއް ނުދައްކާހުރިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

އިންޑިއާގެ މަޝްހޫރު އަދި ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެއެވެ.

އިންޑިއާގެ މިއުޒިކްގައި އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވިއިރު، އުމުރަކީ 92 އަހަރެވެ.

އޭނާ މަރުވެފައި ވަނީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ދަނިކޮށެވެ. މިގޮތުން ހިތުގެ މައްސަލަތަކާއި ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ދިމަވެގެން އާޝާ ހޮސްޕިޓަލްގައި އެޑްމިޓް ކުރިއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތަައް ބުނެއެވެ. އަދި ރެއިން ފެށިގެން ފަރުވާދެމުން ގޮސްފައި ވަނީ އައިސީޔޫގައި ކަަމަށްވެސް ވެއެވެ.

އާޝާ މަރުވިކަން، އޭނާގެ ދަރިފުޅު އާނަންދު ވަނީ އިންޑިއާގެ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

އިންޑިއާގެ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ އާޝާ ވަނީ އިންޑިއާގެ މިއުޒިކަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައެވެ. މިގޮތުން ތަފާތު އެކި ބަސްބަހުން ލަވަ ކިޔައި އެތައް ހާސް ބައެއްގެ ބޮޑު ސަމާލުކަމެއް އޭނާއަށް ލިބިގެން ގޮސްފައި ވެއެވެ.

ހިންދީ ފިލްމް މިއުޒިކްގައި އާޝާ އާއި އޭނާގެ ދައްތަ ލަތާ ވެގެން ގޮސްފައި ވަނީ އެންމެ ފާހަގަކޮށްލެވޭ ފަންނާނުންނަށެވެ. 1933 ވަނަ އަހަރު މަންގޭޝްކަރު އާއިލާއަށް އުފަން އާޝާ ޕްރޮފެޝަނަލްކޮށް ލަވަ ކިޔަން ފެށީ އުމުރުން ނުވަ އަހަރުގައެވެ. 1943 ވަނަ އަހަރު އޭނާ ފިލްމަކަށް ފުރަތަމަ ފަހަރަށް ލަވަ ކިޔުނުއިރު، 1950 ގެ އަހަރުތަކާ ހަމައަށް އައިއިރު އޭނާ ވަނީ ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދައިފައެވެ. އޭގެ ފަހުން 30 އަހަރު ވަންދެން އޭނާ ވެގެން ގޮސްފައި ވަނީ އެންމެ ޑިމާންޑް ބޮޑު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އެކަކަށެވެ.

އާޝާ ވަނީ އެތައް ހާސް ފިލްމަަކަށް ލަވަތަކެއް ހުށަހަޅައިދީ، އެތައް އެވޯޑްތަކެއް ހޯދައިފައި ވެއެވެ. އޭގެ ތެރޭގައި ފިލްމް “އުމްރާއޯ ޖާން” އާއި “އިޖާޒަތު” އިން އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑާއި، ގައުމީ ފިލްމް އެވޯޑްތަކާއި ލައިފްޓައިމް އެޗީވްމަންޓް އެވޯޑްވެސް ހޯދާފައި ވެއެވެ.

އިންޑިއާގެ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ އެވޯޑްތައްވެސް އާޝާއަށް ލިބިފައި ވެއެވެ. މިގޮތުން 1997 ވަނަ އަހަރު ޕަދްމާ ޝްރީ އަދި 2008 ވަނަ އަހަރު ޕަދްމާ ވިބޫޝަން އޭނާއަށް ލިބުނެވެ. މީގެ އިތުރުން 2000 ވަނަ އަހަރު އޭނާ އަށް ވަނީ ދާދާސާހެބް ފާލްކޭ އެވޯޑް ވެސް ލިބިފައެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު މަގާމުން އިސްތިއުފާ ދެއްވައިފި

މި ސަރުކާރުގައި މިފްކޯއަށް އައްޔަނުކުރެވުނު ތިންވަނަ ސީއީއޯ ފަރުހަތު ޝަހީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފަރުހަތު އިސްތިއުފާ ދެއްވާފައި މިވަނީ، ދާދިފަހުން މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެ ކުންފުނިން އަގު ބޮޑުކުރީ ސަރުކާރަށް ނޭނގި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މަސްދަޅުގެ އަގު ބޮޑުކުރި ދުވަހު މިފްކޯއިން ވަނީ އެ ނިންމުން ބަދަލުކޮށް ކުރީގެ އަގަށް އިއާދަކޮށްފައެވެ.

ފަރުހަތު މިފްކޯއާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ. އޭނާއާ މަގާމު ހަވާލުކުރެވުނީ އޭގެ ކުރިން ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ވިޓަލީ ލިއުބިމޯވް މަގާމުން ވަކިކުރުމަށް ފަހުގައެވެ.

މިފަހުން ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވަނީ މަގާމުން ވަކިކުރެވި ނުވަތަ އިސްތިއުފާ ދެއްވައިފައެވެ. އެގޮތުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އާރިފާއި މެނޭޖިންގ ޑިރެކްޓަރު ނަޖާހު ހިމެނޭހެން ހަ މީހަކު މަގާމުން ވަކިކޮށްފައިވެއެވެ. އަދި އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.