ށ. މިލަންދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނަބްހާން ޑެންގޫ ހުން ޖެހިގެން ހާލު ސީރިއަސްވެ މިއަދު ނިޔާވެއްޖެއެވެ.
ނަބްހާން ހާލު ދެރަވެގެން މިދިޔަ ހަފުތާ ށ. މިލަންދޫއިން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައެވެ. އެއަށް ފަހު އިތުރަށް ހާލު ދެރަވެގެން އިއްޔެ މާލޭގެ އައި.ޖީ.އެމް.އެޗް.އަށް ބަދަލުކުރިއެވެ. އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ގުނަވަންތައް ފެއިލްވުމުން ކަމަށް ބެލެވެއެވެ.
މި މަހު މިހާތަނަށް އެ ރަށުން ފަސް މީހަކަށް ޑެންގޫ ޖެހިފައިވާއިރު، މިލަންދޫ ހެލްތު ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް އެ ރަށުން 30 މީހަކަށް ޑެންގޫ ޖެހިގެން ފަރުވާ ދީފައިވެއެވެ. އަދި މިދިޔަ ރޯދަ މަހު އެކަނި ވެސް އެ އަދަދު 15 އަށް އެރި ކަމަށް ކައުންސިލުން ބުނެއެވެ.
އެޗް.ޕީ.އޭ.އިން މައުލޫމާތު ދޭ ގޮތުގައި ޑެންގޫ ހުން ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާރިޗު މަހު 535 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 60 ކޭހެވެ. މިދިޔަ ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ހުރީ 76 ގައެވެ.


ކިޔުންތެރިންގެ ހިޔާލު