މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޙައްޖުގެ އަޅުކަމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވަޒީރު ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ދަތުރުގެ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިވާ ކަމަށެވެ. އެގޮތުން ވިސާގެ ކަންކަން ހަމަޖެހި، އެކަމަޑޭޝަނާއި ފްލައިޓުތަކުގެ ތައްޔާރީތައް ވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
“ދިވެހިރާއްޖޭގެ ޙައްޖުވެރިންގެ އެންމެހާ ކަންތައްތަކެއްވެސް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި. ވިސާވެސް ވަނީ މިހާރު އިޝޫ ކުރެވިފައި. އަދި އެކަމަޑޭޝަނާއި، އެހެނިހެންވެސް ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާކަމެއްވެސް ވަނީ އިންތިޒާމްކުރެވިފައި.” ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖަށް ދިވެހި ޙައްޖުވެރިން ފުރަން ފަށާނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ޙައްޖުވެރިން އުފުލުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިނާއި މޯލްޑިވިއަން ގުޅިގެންނެވެ. ކޮންމެ އެއާލައިނަކުން ވެސް ޙައްޖުވެރިންގެ 50 އިންސައްތަ އުފުލާނެއެވެ. ޖުމްލަ ހަތަރު ފްލައިޓެއްގައި 985 މީހުން އުފުލާ ގޮތަށް ވަނީ ރޭވިފައެވެ.
ޙައްޖުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޙައްޖު މިޝަން އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު